ޒަމާނީ އެތައް ބަދަލުތަކާއިއެކު އޮލިމްޕަސް ތިއޭޓަރ ތަރައްޤީކޮށް ރަސްމީކޮށް ހުޅުވުމަށްފަހު ގެނެވިފައިވާ ފުރިހަމަ މަސައްކަތް ވަޒަންކޮށްލެވުނީ ކުރެވިފައިވާ މަސައްކަތްތައް މީޑިއާއާއި ޙިއްސާކުރުމަށް މީޑިއާތަކަށް ތިއޭޓަރގެ ޓުއަރއެއް އިންތިޒާމްކޮށް މައުލޫމާތު ހިއްސާކުރުމުންނެވެ. ހަމަ ހަޤީގަތުގައިވެސް ވަރަށްވެސް ފުރިހަމައެވެ.

67 އަހަރަށްވުރެ ގިނަދުވަސްވެފައިވާ އޮލިމްޕަސް ތިއޭޓަރގެ މަރާމާތުގެ ތަފްސީލް ދެއްވަމުން އޮލިމްޕަހުގެ މިވަގުތު ހުރިހާ އޮޕަރޭޝަންތައް ބެލެހެއްޓުމާ ހަވާލުވެހުންނެވި އިވެންޓް މެނޭޖަރ އަހުމަދު ރަމީޒް (އަންދު) ހާމަކުރިގޮތުގައި އެހާގިނަދުވަސްވެފައިވާ އިމާރަތަކަށްވެ އަދި އިމާރާތް ކުރެވިފައިވާ ގޮތުން ހާއްސަކޮށް ކޮންކްރީޓް ކުރުމަށް ހިރިގަލާއި އުވަ ބޭނުންކޮށްގެން ހަދާފައިވާ އިމާރާތަށްވާތީވެ، ތިއޭޓަރުގެ ފާރުތަކުން ފެނުގެއަސަރުކޮށް ޝީޓްތައް ފަޅައިގެންގޮސް ގިނައަދަދަކަށް ރެނދު ހެދި ތިއޭޓަރގެ އެތެރެއަށް ފެން ލީކްވެ އިމާރާތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގޯތިތެރޭގައި ހުރިބޮޑެތި ގަސްތަކުގެ މުލުގެ ސަބަބުންވެސް އިމާރާތަށް ގެއްލުންވެ، ގަސްތަކުގެ އޮފިތަކުގެ ސަބަބުން ފުރާޅުވެސް ހަލާކުވެ ގެއްލުންތަކެއް ވެފައިވާކަން ހާމަކުރެއްވިއެވެ.

“އެތައް ޒަމާނެއް ވަންދެން މަރާމާތުގެ މަސައްކަތް ނުކުރެވި ހުރުމުގެ ސަބަބުން މަސައްކަތް ދެގުނަ ކުރަންޖެހުނު އެގޮތުން ގަސްތައް ނަގާ، ފެންލީކް ރަނގަޅުކުރުމަށް ކޮންކްރީޓް ޝީޓްތަކުގެ މަތިން ކެމިކަލް ތަޅުމެއް ލެވި އޭގެމަތިން މުށިޖަހާ އެހެންގޮތަކަށް ބުނާނަމަ ޝީޓްތަކުގައި ކަވަރެއްލެވި މިހާރު އެހެރީ ރައްކާތެރިކުރެވިފައި.” އަންދު ވިދާޅުވިއެވެ.

ތިއޭޓަރ ހޯލްތެރޭގައި ދެންކުރެވުނު އެންމެ ބޮޑު މަސައްކަތަކީ މުޅި ހޯލް އެއްކޮށް އެކޯސްޓިކް ކުރެވުމުގެ މަސައްކަތެވެ. ހޯލްއަކީ ބޮޑުތަނަކަށް ވެފައި މިއުޒިކް ޝޯ ކަހަލަ އިވެންޓްތައް ބާއްވާއިރު ވަރަށްބޮޑަށް ހޯލްތެރޭގައި އެކޯވެފައި ހުރުމުގެ މައްސަލަ ހައްލުކުރުމަށް މިހާރުވަނީ ހޯލްގެ ފާރުތަކާއި މުޅި ރޫފްއާއި އެކު އެކޯސްޓިކް ޕެނެލްތަކެއް ހަރުކުރެވިފައެވެ. އެއަރކޯން ޑަކްޓްތައް ވެސް އެކޯސްޓިކް ސްޕޮންޖެއް ބޭނުންކޮށް މަރާމާތު ކުރެވިފައެވެ. މީގެ އިތުރުން މުޅި ފްލޯގައިވަނީ ކާޕެޓްވެސް އެޅިފައެވެ.

“ތިއޭޓަރ ހޯލް ޒަމާނީ ކުރުމުގެ މަސައްކަތުގެ ތެރޭގައި މިހާރު ސްޓޭޖް ފަރުމާކުރެވިފައިވާނީ ސްޓޭޖްޝޯ ބާއްވާ ފަރާތްތަކަށް އެންމެފަހުގެ ލައިޓް އަދި ސައުންޑާއި އެކުގައެވެ. މިހާރު ސްޓޭޖްޝޯއެއް ބާއްވަން އަންނަ ބަޔަކު ނުޖެހޭނެ އިތުރު އަގެއްދީގެން ބަޔަކު ގެނެސް ސައުންޑް އަދި ލައިޓިންގ ސެޓަޕެއް ހަދާކަށް، ހުރިހާ ކަމެއް އެހެރީ އެންމެ ޒަމާނީ ފެންވަރުގައި ސެޓަޕް ހަދާފައި” އަންދު ވިދާޅުވިއެވެ.

މީގެ ކުރިން ސްޓޭޖްޝޯ ބޭއްވުމަށް ލައިޓިންގ އަދި ސައުންޑް ހެދުމަށް ހޯލްތެރޭގައި ޖުންގު ބަހައްޓާ ސީޓިންގ ކެޕޭސިޓީ ދަށްކޮށްގެން ވަރަށްބޮޑެތި މަސައްކަތްކޮށްފައި ވެއެވެ. އެހެންނަމަވެސް މިގެނެވުނު ބަދަލުގެ ސަބަބުން ވަރަށް ގިނަވަގުތު ސަލާމަތްވެ އަދި އެކަންކުރާ ބަޔަކަށް ވަރަށް ފަސޭހަގެގެންދާނެއެވެ.

އިތުރަށް ކުރެވުނު ބޮޑު މަސައްކަތަކީ ކުރީގެ ފާރުގައި ހަރުކުރެވިފައިވާ ސްކްރީން ބަދަލުކޮށް ޒަމާނީ ޓެކްނޮލޮޖީ ސްލައިޑިން ސްކްރީނެއް ހަރުކުރުމެވެ. އެހެންކަމުން ސްޓޭޖް ޝޯއަކަށް ސްޓޭޖްގައި ސެޓަޕްހަދާފައި އެޝޯގެ މެދުތެރޭއިން ފިލްމެއް ދައްކަން ބޭނުންވިއަސް ސްކްރީން ބޭނުންކުރުމަށް އެއްވެސް ހުރަހެއް މިހާރު ނޯންނާނެއެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އޮލިމްޕަސް – ފޮޓޯ: މުނިއަވަސް / އަޙްމަދު ރަޝީދު (އަންނާރޭ)

މީގެކުރިން ހޮލީވުޑް އަދި ބޮލީވުޑްގެ ބައެއް ފިލްމްތައް ސިނަމާގައި ނުދެއްކިފައި އެބަހުއްޓެވެ. ސަބަަބަކީ އޭރު ތަނުގައި ހުރި ސައުންޑްގެ ކޮލިޓީ ދަށްވެގެން، އެހެން ނަމަވެސް މިހާރު މިގެނެވުނު ތަރްޤީއާއި އެކު މިހާރު އޮލިމްޕަސް މިވަނީ އެންމެ ޒަމާނީ 7.1 ޑޮލްބީ ސަރައުންޑް ސިސްޓަމްއެއް ގާއިމްކުރެވި މިހާރު ތައްޔާރު ކުރެވޭ އެންމެ ކޮލިޓީ ފިލްމްތައް ދެއްކޭވަރުގެ ޒަމާނީ ސްޓެންޑަރޑް ސިނަމާއަކަށް ބަދަލުވެފައެވެ.

ޒަމާނީ ޓެކްނޮލޮޖީއަށް އޮލިމްޕަސް ތަރައްޤީވެ ހުޅުވިފައިވާއިރު ޕްރޮޑިއުސަރުން އަދި ފިލްމް އުފައްދާ ފަރާތްތަކަށް އޮތް އެންމެ އުފާވެރި ޚަބަރަކަށް ވެފައިވަނީ އޮލިމްޕަސް ސިނަމާގެ ޕޮރޮޖެކްޓަރުގެ ކޮލިޓީއާ މެދު އެވެ. ބެލްޖިއަމްގެ ބާކޯ ބްރޭންޑްގެ ސްޓީރިއޯސްކޯޕިކް ހައިކޮލިޓީ ޕްރޮޖެކްޓަރެއް އިންސްޓޯލްކޮށް އޭގެ ބޭނުން ކުރެވޭއިރު މިޕްރޮޖެކްޓަރަކީ ދުނިޔޭގެ އެންމެ ފަހުގެ ޒަމާނީ ސިނަމާތަކުގައިވެސް ބޭނުންކުރާ އެންމެ ފަހުގެ ފިލްމްތައް ދެއްކޭ، އަދި ޕްރޮޑިއުސަރުންގެ އިތުބާރުވެސް ލިބޭނެ ޕްރޮޖެކްޓަރެކެވެ.

“ޕްރޮޖެކްޓަރަކީ ސަރވަރ އަކަށް ލިންކް ވެފައިވާ ޕްރޮޖެކްޓަރެއް އަދި ފިލްމް ޕްރޮޑިއުސަރ މިސާލަކަށް ބޭނުންވަނީ 5 ޝޯދައްކަން އެއާއެކު އަޅުގަނޑުމެން ދޭ ކީއެއް ޖަހާލިމަ 5 ޝޯއަށް ފީޑްވެފަ އިންނާނީ، އިތުރަކަށް ނުވެސް ދެއްކޭނެ އަދި ކޮޕީއެއް ހަދަންވިޔަސް އެ ފުރުސަތެއް އެހެން ބަޔަކަށް ނުވެސް ލިބޭނެ” އަންދު ވިދާޅުވިއެވެ.

އިތުރަށް އަންދު ފާހަގަކުރި ގޮތުގައި މި ޕްރޮޖެކްޓަރަކީ މި ރީޖަންގައި ބޭނުންކުރާ އަދި މެއިންޓެއިންކޮށް ބަލަހަންޓަން ވިޔަސް ފަސޭހަ އަދި އިންޑިއާ، ސްރީލަންކާގައިވެސް ބޭނުންކުރާ ބްރޭންޑަކަށް ވެފައި އެ ދެ ގައުމުގައި މިކަމުގެ ފަންނީ މީހުން ފަސޭހައިން ލިބޭތީކަމަށެވެ.

“މިސާލަކަށް އެންމެފަހުން ނިކުންނަ ހިންދީ ފިލްމެއް އޮލިމްޕަހުގައި ދައްކަން ބޭނުންވާނަމަ އިންޑިއާގައި ޕްރޮޑިއުސަރުން ތިބެގެން އެބޭފުޅުންގެ ސަރވާގެ ތެރެއިން ލިންކް އަޅުގަނޑުމެންނަށް ފޮނުވައިގެން ކަނޑައެޅިފައިވާ ގަޑިއަށް މިސާލަކަށް 9 ޖަހާއިރަށް ވަގުތުން ފިލްމް ފަށާނެ. މީހަކު މިކަމަށް މިތާ އޮޕަރޭޓްކުރަން ހުންނާކަށްވެސް ނުޖެހޭނެ.” އަންދު ވިދާޅުވިއެވެ.

މި ބަދަލަކީ ފިލްމު އުފައްދާ އަދި މިދާއިރާގެ އެންމެހައި ފަރާތްތަކަށް ހަމަގައިމުވެސް އުފާވެރި ޚަބަރަކަށް ވާނެއެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އޮލިމްޕަސް – ފޮޓޯ: މުނިއަވަސް / އަޙްމަދު ރަޝީދު (އަންނާރޭ)

ޒަމާނީ ފެންވަރަށް އޮލިމްޕަސް ތަރައްޤީކޮށް ހުޅުވިފައިވާއިރު ފާހަގަވި އެއްކަމަކީ އޮލިމްޕަހަށް ވަދެވޭ މަގަށް ބޮޑު ބަދަލެއް ގެނެވި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ގޮނޑީގައި އެއްވެސް އުނދަގުލެއް ނެތި ވަދެވޭ ގޮތަށް ރޭންޕް ހަދާ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާ އަދި ކެންޓީން ވެސް ބޭނުންކުރެވޭ ގޮތަށް ބޮޑު ބަދަލެއް ގެނެވިފައިވާކަމެވެ.

ހޯލްވޭތެރޭގައި މަޑުކޮށްލެވޭ ގޮތަށް ހިތްގައިމު މާހައުލެއް ތަރައްޤީކުރެވިފައި ވާކަންވެސް ފާހަގަކޮށްލެވުނެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އޮލިމްޕަސް – ފޮޓޯ: މުނިއަވަސް / އަޙްމަދު ރަޝީދު (އަންނާރޭ)

ފުރަތަމަ ފަހަރަށް މުޅި އޮލިމްޕަސް ސީސީޓީވީ ކެމެރާ ހަރުކުރެވި އޮލިމްޕަސް ހުރިހާ ސަރަހައްދެއް އަދި ބައުންޑަރީ ވަށައިގެން މޮނީޓަރކުރެވޭ އިންތިޒާމްވެސް ހުރީ އެންމެ ފަހުގެ ސިސްޓަމެއްގެ އެހީގައި ގާއިމްކުރެވިފައެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އޮލިމްޕަސް – ފޮޓޯ: މުނިއަވަސް / އަޙްމަދު ރަޝީދު (އަންނާރޭ)

މިއުޒިކް ފަންނާނުންނަށް ހާއްސަކޮށް ކުދި ބޭންޑްތަކާއި އިވެންޓްތަކަށް ހާއްސަކޮށްގެން އޮލިމްޕަސް ބެކްޔާޑްގައި ކުޑަ ސްޓޭޖްއެއް އެންމެ ފަހުގެ ސައުންޑް އަދި ލައިޓް ސިސްޓަމެއް ގާއިމްކޮށް ތައްޔާރު ކުރެވިފައި ވެއެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އޮލިމްޕަސް – ފޮޓޯ: މުނިއަވަސް / އަޙްމަދު ރަޝީދު (އަންނާރޭ)

“މިތަނަކީ އެއްވެސް އަގަކާނުލައި މިހާރު އަރަމުން އަންނަ ކުދި ބޭންޑްތަކާއި މިއުޒިކް ފަންނާނުންނަށް ހާއްސަކުރެވިފައިވާ ތަނެއް. އެބޭފުޅުން މިތަނަށް އައިސް އެބޭފުޅުންގެ ކްރައުޑަކާއި އެކު ކުޅެލާފަ ދާންވީ. އަދި ޓިކެޓް ވިއްކާގޮތަށް އިންތިޒާމް ކުރިއަސް އެއީ އެބޭފުޅުންނަށް އޮތް ޗޮއިސް އެއް” އަންދު ވިދާޅުވިއެވެ.

މިއުޒިކް ފަންނާނުންނަށް ކުޑައަގަކާއި އެކު މިއުޒިކް ފަރިތަކޮށްލުމަށް މިއުޒިކް ރޫމެއް ތައްޔާރުކުރެވިފައި ވެއެވެ. މިތަނުގައި ޑްރަމްސެޓަކާއި ކީބޯޑަކާއި އެކު މޮނީޓަރ ސިސްޓަމެއް ގާއިމްކޮށްދެވި އަދި ސައުންޑްޕްރޫފް ކުރެވިފައިވާކަންވެސް ފާހަގަވިއެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އޮލިމްޕަސް – ފޮޓޯ: މުނިއަވަސް / އަޙްމަދު ރަޝީދު (އަންނާރޭ)

ނެށުމަށް ހާއްސަކުރެވިފައިވާ އެންމެ ޒަމާނީ ސައުންޑަކާއެކު ތައްޔާރުކުރެވިފައިވާ ޑާންސްރޫމެއްވެސް ތައްޔާރުކުރެވިފައިވެއެވެ. މިތަނަކީވެސް ކުޑައަކަށް ނެށުން ފަރިތަކުރުމަށް ދޫކުރާ ތަނެއްކަން ފާހަގަކޮށްލަމެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އޮލިމްޕަސް – ފޮޓޯ: މުނިއަވަސް / އަޙްމަދު ރަޝީދު (އަންނާރޭ)

މަރާމާތުކުރުމަށް އޮލިމްޕަސް ބަންދުކުރީ 2019 ވަނަ އަހަރު އެވެ. އިންޑިއާ ސަރުކާރުގެ އެހީގައި އެތަން ތަރައްގީކުރީ 80 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ. މި މަސައްކަތް ދިގުލައިގެން ދިޔައީ ކޯވިޑް-19 އާއި ގުޅިގެން މަސައްކަތް މެދުކަނޑާލަން ޖެހުމުންނާއި ބޭރުން ތަކެތި ގެނައުމުގައި ކުރިމަތިވި ބައެއް ކަންތައްތަކުގެ ސަބުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު (އަންނާރޭ)
އަޙްމަދު ރަޝީދު (އަންނާރޭ)
އަޙްމަދު ރަޝީދު (އަންނާރޭ) އަކީ މުނިއަވަސް އޮންލައިންގެ ސީއީއޯ އެވެ. މީގެ އިތުރުން އޭނާއަކީ މުނިއަވަސް ކްލަބްހައުސްގެ ޕްރެޒެންޓަރެކެވެ. އިވެންޓްތައް ކަވަރކުރުމުގައިވެސް އަންނާރޭ ހަރަކާތްތެރިވާނެ އެވެ.