ޑާކް ރެއިން އެންޓެޓެއިންމެންޓްގެ މިއަހަރުގެ ފުރަތަމަ ފިލްމު “ބީވީމާ” ބެލުންތެރިންނާއި ހަމައަށް އަތުވެއްޖެއެވެ. ގިނަބަޔަކު ފިލްމް ބަލައިފިއެވެ. އަދި އިތުރު ޝޯތައް އަންނަނީ ފުލްވަމުންނެވެ. މިފިލްމު އޮލިމްޕަހުގެ ބޮޑު ސްކްރީނުން ބީވުމުގެ ކުރިން އަހަރެން ބަލައިފީމެވެ.

“ބީވީމާ” އަކީ ރާއްޖޭގެ މިވަގުތު އޮތް އެންމެ މަގުބޫލު އެއް ސްޓޫޑިއޯގެ ބުރަ މަސައްކަތެކެވެ. މިފަހަރު މިހާ މަގުބޫލުވީ ކިހިނެއް، ކީއްވެ ހެއްޔެވެ؟ މިއީ ޑާކްރެއިން އެންޓަޓެއިންމަންޓުން މީގެކުރިން މަސައްކަތްކުރި ފިލްމްތަކާއި އަޅާބަލާއިރު ޗެލެންޖިންގ ބޮޑު އަދި ބުރަ މަސައްކަތެއް ކަން އެނގިފައި އޮތެވެ. ކޮވިޑްގެ ދަތި އުނދަގޫ ދުވަސްވަރު ފެށުނު މަސައްކަތެއްކަން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ފާހަގަކޮށްފައިވެއެވެ. ފިލްމު ބަލާ ނިމުނުއިރުވެސް ކޮވިޑުގެ ދުވަސްވަރެއްކަން އަދި މާސްކެއް އަޅައިގެން ހުރި މީހަކުވެސް ފެނިފައި ނެތެވެ. ޕީސީއާރު ޓެސްޓްތަކާއި އެޗްޕީއޭގެ ގައިޑްލައިންތަކުގެ މިންގަނޑުގައި ފިލްމްގެ މަންޒަރުތައް ނިންމާލާފައި އޮތް ގޮތް އެނގުނީ ކިތައް މީހުންނަށް ބާއޭ ހިތަށްއެރިއެވެ. މި މޮޅު މަސައްކަތުގެ މަންޒަރުތައް ކުރަހާލި ޑައިރެކްޓަރުވެސް ކިހާ ކުޅަދާނަ ހެއްޔެވެ؟ ރާއްޖޭގެ މަޝްހޫރު ސްކްރީން ރައިޓަރު އަޙްމަދު ޒަރީރުގެ ހުނަރު ޓެސްޓުކޮށްލަން ދިން ޕްރޮޖެކްޓުން ފާސްވެއްޖެކަން މި ފިލްމުން ހާމަކޮށްދީފިއެވެ.

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ފިލްމީ ތަރިއެއްގެ ގޮތުގައި ފެނިލުމުން އެ ހުނަރު ބަލާހިތްވެފައި ތިބި އެތައް ބަޔަކު އާޝޯޚްކޮށްލައިފި އެވެ. ޝަރަފްވެރި ޤައުމީ އެވޯޑާއި ސާކު ފިލްމު ފެސްޓިވަލުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލްކޮށްފައިވާ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ފިލްމު ބަލަން އޮލިމްޕަހަށް ވަދެތިބި އެތައް ބަޔަކު ރޮއްވާލީ އަލަކަށް ނޫނެވެ. ލިބިފައިވާ ކާމިޔާބީތައް އެކަން ހެކިދޭނެހާ މޮޅު އެކްޓިންއެއް މިފިލްމުގައިވެސް ދައްކައިފިއެވެ. ފިލްމުގައި ކޮޕީ އިއްސެގެ ސްކޫލް ދައުރުގެ ހަނދާންތަކާއި ލޯބީގެ ސަފުހާތައް އުކާލުމުގައި އާދަމް ޒިދާނު (ނާނަ) މަޑުމައިތިރިކަމާއެކު ޖެހިލުންވެ ހުރެވެސް ލޯތްބަށް ފެންބޮވައިގެންފައިވާ ކުއްޖެއްގެ ރޯލު ކުޅެލާފައިވާގޮތް މިފިލްމު ބަލާލި އެއްވެސް ފަރާތަކުން އެއީ ދިވެހި ސިނަމާއަށް އަލަށް ނުކުތް ފަރާތެކޭ ނުވެސް ބުނާނެއެވެ. އެހާވެސް މޮޅު އެކްޓިންއެއް ދައްކުވައިދީފިއެވެ. ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު “ގޮށްރާޅު”ން ފިލްމީ ދާއިރާއަށް ނުކުތް އައިމިނަތު ރަޝްފާ (އާޝާ) އެއީ މިހާރު ގިނަ ފިލްމު ޕްރޮޑިއުސަރުންގެ ފިލްމުތަކަށް ދޮންވެ ފައްކާވެފައިވާ ހުނަރުވެރި ފަރާތެއްކަން “ބީވީމާ” ބަލާލި ކޮންމެ ފަރާތަކުންވެސް ބުނާނެއެވެ. “ބީވީމާ” ވާނެގޮތް އާޝާ މި ފިލްމުގައި ހުނަރުވެރިކަމާއިއެކު ގެނެސްދީފައި ވެއެވެ. ބާކީބައި އިންސާފުކޮށްލަން ދޫކޮށްލާނީ މިފިލްމު ނުބަލާތިބި ފަރާތްތަކަށެވެ.

ލޯތްބާއި ޖަޒުބާތު، ހިތާމައާއި ކެކުޅުން އުފާވެރިކަމާއި ހިތްހަމަޖެހުން މިހުރިހާ އިހްސާސެއް ކުރަހާލީ ހަމައެކަނި ކޮށްލި މޮޅު އެކްޓަކުންނެއް ނޫނެވެ. ސިނަމޮޓޮގްރާފަރ އިބްރާހިމް ވިސާން (ކަނޑި) ކުރި ބުރަ މަސައްކަތް ވެސް އެހާމެ ފުރިހަމައެވެ. ފިލްމު މޮޅު ފިލްމަކަށް ވަނީ ކޮލިޓީ ބެކްމިއުޒިކެއް ވެސް ލިބިގެންނެވެ. ބެކް މިއުޒިކް ތައްޔާރުކޮށްދިނީ މުނާޒް ޒުބައިރް ކުރި މިންނެތް ބުރަ މަސައްކަތަށް ވެސް އައްސަރިބަހާއި ސާބަހެވެ. ފިލްމުގައި ފެނިފައިވާ ކޮލިޓީ ތަސްވީރުތަކުގެ އަސްލު ކުލަ ޖައްސުވާލަދިން މޭކަޕް އާޓިސްޓް ހުސައިން ޝަދިޔާން (ސޭންޑީ)ގެ ނަންވެސް ފާހަގަކޮށްލާނަމެވެ.

ފިލްމުގެ ހިތްގައިމު ލަވަތަކުގެ ވާހަކަތައް ދައްކާލަންވެސް އުނދަގުލެވެ. ލަވަތަކުގެ ކޮލިޓީކަން ހޭޔަންބޯ ޗާޓުގެ އެއްވަނަ، ދެވަނަ އަދި ތިންވަނައިގައި ހިމެނިފައިވުމަކީ އޭގެ އެންމެ ވަރުގަދަ ހެއްކެކެެވެ. އެހެންކަމުން ލަވަތަކުގެ ވާހަކަ މިވަރުން ކުރުކޮށްލާނަމެވެ.

ޑާކް ރެއިން އެންޓެޓެއިންމަންޓު މިއަދު މިދެކޭ ކާމިޔާބުގެ އައްސޭރިއަށް ގެނައުމުގައި ތިބި ޓީމަކީ ކާމިޔާބު އެތައް ފިލްމުތަކެއް ސިނަމާގެ ސްކްރީނާ ހަމައަށް ގެނެސްދިން ކުޅަދާނަ މާލިމީންތަކެކެވެ. “ބީވީމާ” މިފިލްމުގެ ޕްރޮޑިއުސަރުން ޢާއިޝަތު ފުއާދު ތަޢުފީޤް އާއި މުހައްމަދު ޢަލީ (މޮގާ) އަދި ޕޯސްޓްޕްރޮޑަކްޝަން ހެދި ކުޅަދާނަ ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ)ގެ ނަމަކީ ފިލްމީ ދާއިރާ މިއަދު ފަޚުރުވެރިވާ އަދި މިދާއިރާއަށް ލޯބިކުރާ އެތައް ބަޔަކު އިތުބާރު ހޯދާފައިވާ ޓީމެކެވެ. އެތައް ދުވަހެއް ވަންދެން ބޮޑު ސްކްރީނުގައި ދިވެހި ފިލްމެއް ބަލާލުމުގެ އިންތިޒާރުގައި ތިބި އެތައް ބަޔަކަށް މިއޮތީ މިކުޅަދާނަ ޓީމުގެ މޮޅު މަސައްކަތެއް ލިބިފައެވެ. ފުލުފުލުގައި ޝޯތައް އެދަނީ ފުލްވަމުންނެވެ. އޮލިމްޕަހުގެ ސްކްރީނުން ބީވުމުގެ ކުރިން އަހަރެން “ބީވީމާ” ބަލއިފީމެވެ. ވަރަށްވެސް ފުރިހަމައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު (އަންނާރޭ)
އަޙްމަދު ރަޝީދު (އަންނާރޭ)
އަޙްމަދު ރަޝީދު (އަންނާރޭ) އަކީ މުނިއަވަސް އޮންލައިންގެ ސީއީއޯ އެވެ. މީގެ އިތުރުން އޭނާއަކީ މުނިއަވަސް ކްލަބްހައުސްގެ ޕްރެޒެންޓަރެކެވެ. އިވެންޓްތައް ކަވަރކުރުމުގައިވެސް އަންނާރޭ ހަރަކާތްތެރިވާނެ އެވެ.