އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.

─━━━━━━━━━━━━─

އެއީ މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. ލަބީބް އާއި އަހަރެން ބައްދަލުވީ މަތީތައުލީމު ހާސިލުކުރުމަށް އަހަރެން މާލެ ގޮސް އުޅުނު އުޅުމުގެ ތެރޭގައެވެ.

ލަބީބަކީ މާނިސްގެ އެންމެގާތް އެކުވެރިޔާއެވެ. ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވި ދެއެކުވެރިންނެވެ. ވަޒީފާ އަދާކުރުމަށްޓަކައި ލަބީބް މާލޭގައި ދިރިއުޅެމުންދާއިރު މާނިސް އުޅުނީ ރިޒޯޓް ވަޒީފަގައެވެ.

މާނިސްއަކީ އެމީހަކަށްޓަކައި އަހަރެންގެހިތް އެދުނު ހަމައެކަނި ލޯބިވެރިޔާއެވެ. އެމީހަކާއިނުލައި ދިރިއުޅެން އުނދަގޫވާވަރަށް އަހަރެން ލޯބިވި ލޯބިވެރިޔާއެވެ.

މާނިސްއަކީ އަހަރެންގެ ކޮންމެކަމެއް އޭނާގެ އަމިއްލަކަމެއް ފަދައިން ދެކެގެން ނުހަނު ފަރުވާތެރިކަމާއި ސަމާލުކަމާއިއެކު ކުރަމުންއައި މީހެކެވެ. ނަމަވެސް ދެމީހުން ދެތަނެއްގައި ދިރިއުޅެން ޖެހުނު ހިސާބުން ފެށިގެން އެގޮތަށް އެކަންކަން ކުރަން މާނިސްއަށް އުނދަގޫވިއެވެ. އެކަން އަހަރެން ގަބޫލުކުރީމެވެ.

ލަބީބް އާއި އަހަރެންގެމެދުގައި ގުޅުން ބަދަހިވީ އަހަރެންނަށް ބައެއް ކަންކަން ކޮށްލަދޭން ލަބީބް އަންނަންފެށި ހިސާބުންނެވެ. ބައެއްފަހަރު އަހަރެން ކުލާހަށް ގެންދަން އަދި ބައެއްފަހަރު ކުލާހުން ގެއަށް ގެންނަން ލަބީބް އަންނަންފެށީ އެންމެގާތް އެކުވެރިޔާގެ ލޯބިވެރިޔާއަށް އެހީތެރިވުމުގެ ގޮތުންނެވެ. އަހަރެން އެދުނު އެދުމަށް އިޖާބަ ދިނުމުގެގޮތުން ވެސް މެއެވެ.

އަހަރެންނާއި މާނިސްގެ މެދުގައިވާ ލޯބީގެގުޅުން އޭގެ އެންމެފުރިހަމަގޮތުގައި ކުރިޔަށްދިޔައެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޭސްބުކާއި ވައިބަރ އަދި ވީޑިއޯ ކޯލް ފަދަ ފަސޭހަގޮތްތައް މެދުވެރިކޮށް ކޮންމެރެއަކު އެތައް ދަމެއް ވާންދެން އަހަރެމެން ލޯބީގެ އަހުދުތަކާއި ވައުދުތައް ވުމުގައި ހޭދަކުރަމެވެ.

ދުވަސްތައް މާޒީއާއިއެކުވަމުން ދިޔައިރު އަހަރެންނާއި ލަބީބްގެ މެދުގައިވާ ގުޅުން ވެސް ދުވަހަކަށްވުރެ ދުވަހެއް ގާތްވަމުން ބަދަހިވަމުންދިޔަ އެވެ. ކޮންމެތާކަށް ދާންޖެހުނަސް ލަބީބަށް ގުޅަންފެށީ ގުޅާލާއިރަށް އޭނާ އަންނާތީ އެވެ. ކުލާހަށް އައިސް ގޮސްވުމުގެ އިތުރުން ބައެއްފަހަރު ފިހާރަތަކަށްދާށާއި ރައްޓެހިންގެ ކައިރިއަށް ގޮސް އައިސްވުމަށް ވެސް ލަބީބަށް ގުޅަން ފެށީމެވެ. އެފަދަ ކޮންމެފަހަރަކު ލަބީބްގެ ފަރާތުން އަހަރެންނަށް ފެންނަނީ އަހަރެންނަށާއި އަހަރެންގެ ކަންކަމަށް ލަބީބް ދޭ ސަމާލުކަމެވެ. ބަހައްޓާ ފަރުވާތެރިކަމެވެ.

އަހަރެންގެ ކަންކަމަށް ލަބީބް ފަރުވާތެރިވެ ސަމާލުކަންދޭވަރަށް، ލަބީބްގެ ހުށަހެޅުންތަކަށް އަހަރެން ވެސް ސަމާލުކަންދޭން ޖެހޭނެކަމަށް އަހަރެންގެ ހިތް ބުނަންފެށިއެވެ. އެކުވެރިކަމާއި އެހީތެރިކަމަކީ އެއީއެވެ.

އަހަރެންނާއި ލަބީބް އެންމެފުރަތަމަ ކޮފީއަކަށް ދިޔައީ ފިހާރަކޮށްލަން ނުކުމެ އުޅުނު ރެއަކުއެވެ. އަތުގައި ފައިސާ މަދުވުމުން އަހަރެން ނުގަނެ ދޫކޮށްލި އަގުބޮޑު ސެންޓްފުޅި ވެސް ލަބީބް ގަނެދިނީ އެރެއެވެ.

ލަބީބްގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަމާއި އެއްބާރުލުމުގެ ވާހަކައެއް މާނިސް ގާތު އަހަރެން ނުދައްކަމެވެ. އަހަރެންނަށް ގަބޫލު ކުރެވުނުގޮތުގައި އެއީ އެހާ މުހިންމުކަމެއް ނޫނެވެ. އަހަރެމެން ދައްކާނީ އަހަރެމެން ދެމީހުންގެ ވާހަކައެވެ. އަހަރެމެން ދެމީހުންނާއި ގުޅޭ ވާހަކައެވެ.

އަހަރެން ތަޢުލީމު ހާސިލްކުރަމުން ދިޔައީ މާނިސްގެ ވަރަށްބޮޑު އެހީތެރިކަމާއި އެއްބާރުލުމާއި އެކުގައެވެ. އަހަރެންނަކީ ރަނގަޅަށް ކިޔަވައިގެން ހުރި މޮޅުމީހަކަށް ވުމަކީ މާނިސްގެ ވަރަށްބޮޑު އެދުމެކެވެ. އޭނާގެ ހުވަފެނެކެވެ. އެހުވަފެން ޙަޤީޤަތަކަށް ހެދުމަށް ކުރެވޭންހުރި ހުރިހާ މަސައްކަތެއް އަހަރެން ކުރަމުންދިޔައީމެވެ. އެކަމުގެ ސަބަބުން އަހަރެމެންގެ ކުރިމަގު އުޖާލާކުރަން ފަސޭހަވާނެކަން ދެމީހުނަށް ވެސް އެނގެއެވެ.

ކުއްލިއަކަށް މާނިސް ގެއްލިއްޖެއެވެ. މާބޮޑަށް ބިޒީވީއެވެ. ފޯނަށް ޖަވާބުނުދޭތާންގައި އެތައް ފަހަރަކު ގުޅިޔަސް ގުޅާ ވެސް ނުލަނީއެވެ. އަހަރެން ހާސްވެ ކަންބޮޑުވިއެވެ.

ވެގެންއުޅޭގޮތް ސާފުކުރުން އަހަރެން ސުވާލުކުރީ ލަބީބްއާއެވެ. ލަބީބަކީ މާނިސްގެ ޙަޤީޤަތް އެންމެރަނގަޅަށް އެނގޭނެ މީހާއެވެ. އޭނާ ދޮގެއް ނުހަދާނެއެވެ.

ލިބުނު ޚަބަރުން އަހަރެންގެ ހިތް ކުދިކުދިވި ކަހަލައެވެ. އެވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. ގަބޫލުކުރާކަށް ބޭނުމެއް ވެސް ނުވިއެވެ. އަޑުއަހާކަށް ބޭނުމެއްނޫނޭ ބުނެ ހަޅޭލަވައި ވެސް ގަނެވުނެވެ.

ލަބީބް އެވާހަކަތައް ހުއްޓައެއް ނުލިއެވެ. ފެށުނީއްސުރެ ނިމެންދެން އަލިފުން ޔާއަށް ކިޔައިދޭން އުޅޭ ކަހަލައެވެ.

މާނިސްގެ ސަބަބުން އަހަރެންނަށް ލިބުނު ހިތާމަ އާއި ހިތްދަތިކަން ފިލުވާލުމަށް އަހަރެންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކަށްވީ ލަބީބްއާ ގުޅުމެވެ. ލަބީބް ހުރީ އަހަރެންގެ އިޝާރާތަކަށް ފެންބޮވައިގެންފައެވެ. އިންތިޒާރުކުރާތާ އެތައް ދުވަހެއް ވެފައިވާ ކަހަލައެވެ.

ލަބީބްއާ ގުޅުނު ހިސާބުން އަހަރެންނަށް ފެނުނީ ލޯބީގެ މުޅިންއައު ދުނިޔެއެކެވެ. ލަބީބް ކުށްޔަށް ނަގައިގެންއުޅޭ ކޮޓަރިއަކީ އަހަރެމެންގެ ލޯބީގެ މައިދާނެވެ. ލޯބީގެ ޙަޤީޤީ ފޮނިމީރުކަން އަހަރެންނަށް ފެންނަންފެށީ އެހިސާބުންނެވެ. އެ އަމާންއޮމާން މިނިވަން މައިދާނުންނެވެ. ބޭނުންވި ފަދައިން އަހަރެންނާއި ލޯބީގެގޮތުން ގުޅެވުމުން ލަބީބް ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.

މާނިސްގެ ޚަބަރެއްވީ މަހެއްހާ ދުވަސް ފަހުންނެވެ. މާނިސް ހުރީ ޗުއްޓީ ނަގައިގެން މާލެ އައިހެވެ. ފޯނަށް މައްސަލައެއް ދިމާވެ ވާނުވާ ނޭނގޭތީ އާފޯނެއްގަތީ ކަމަށް ބުންޏެވެ. ފޯނެއް ނުގަނެ ލަސްވީ ފޯނެއް ގަނެފައި ފޮނުވަން ލަބީބަށް ވަގުތުނުވެގެން ކަމަށް ވެސް ބުންޏެވެ.

މާނިސްގެ ޚަބަރެއް ވުމާއިއެކު އަހަރެން އަވަސްވެގަތީ ލަބީބަށް އެޚަބަރު ދޭށެވެ. ބައްދަލުކުރަން އެދުނު ކަމަށް ވެސް ބުނީމެވެ.

ހީކުރިވަރަށްވުރެ ލަބީބް ކޫލް އެވެ. ވިސްނުން ތޫނެވެ. ކުޑަވަގުތުކޮޅަކަށް ނަމަވެސް މާނިސްއާ ބައްދަލުކުރުމަށް ބުންޏެވެ. އަހަރެންނާއި މާނިސްގެ މެދުގައިވާ ލޯބީގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާއްނަކަން އޭނާއަށް އަންގައިދިނުމަށް ބުންޏެވެ. ކިޔެވުން ނިމުނުހާ އަވަހަކަށް ކައިވެނިކުރުމަށްޓަކައި ވާންޖެހޭ ތައްޔާރުތައް ވުމަށް ބުނަން ވެސް ބުންޏެވެ. ލަބީބް ވެސް ކަންތައް ކުރާނީ އެހެންނެވެ.

އެތައް ދުވަހަކަށްފަހު މާނިސްއާ ބައްދަލުވުމުން ހިތަށް ކެތްނުވީ އަހަރެންގެއެވެ. އެމީހަކަށްޓަކައި އަބަދުވެސް އަހަރެންގެ ހިތް އެދިއެދިހުރި މާނިސް ފެނުމާއިއެކު ރޭވުމުގެމަތިން އަހަރެން ހަނދާން ނެތުނެވެ. ދަގަތްފާނަށް ދަގަނޑު ދަމާހެން މާނިސްއާ ދިމާއަށް އަހަރެންނަށް ދެވުނެވެ. މާނިސްގެ މޭގައި ބޯއަޅާލަމުން ބައްދާލެވުނެވެ. ދުވަހަކު ވެސް ވަކިވާން ބޭނުންނުވާ ފަދައަކުންނެވެ. އަހަރެންގެ ބައެއް ޢަމަލުތަކުގެ ސަބަބުން މާނިސްއަށް ބޮޑުހައިރާންކަމެއް ލިބުނުކަން އަހަރެންނަށް އެނގުނު ނަމަވެސް އަޅައެއްނުލަމެވެ. ބޭނުންވީ އަހަރެންނާނުލައި އޭނާއަށް ނޫޅެވޭވަރު ހެދުމެވެ.

އަހަރެންނާއި ކައިވެނިކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މާނިސް ފެށިއެވެ. އަހަރެންގެ ފަރާތުން ޚިޔާލާއި މަޝްވަރާހޯދައި ކަންތައްތައް ވަމުންދާގޮތް އަންގައިދެމުންދިޔައެވެ.

މާނިސްއާ ކައިވެނިކުރަން ބޭނުންނުވާ ވާހަކަ އަހަރެން ބުނީ ފޯނުކޮށްފައެވެ. މާނިސްއަކީ މަކަރުވެރިއެއްކަމާއި ކެހިވެރިއެއްކަން ފަޅާއަރާފައިވާ ކަމަށް ބުނީމެވެ. އަވަހަށް އެމަންޖެއާ ކައިވެނިކޮށް އަހަރެންމަތިން ހަނދާން ނައްތާލުމަށް ބުނީމެވެ. ލަބީބްގެ ފަރާތުން އަހަރެންނަށް ލިބިފައިވާ ހުރިހާ މަޢުލޫމާތެއް ކިޔާލީމެވެ. މާނިސް ދައްކަމުންދިޔަ ވާހަކަތައް އަޑުއަހާކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. ބަދަލު ހިފާލެވުމުން އަހަރެން ހުރީ ފުދިފައެވެ. ދުވަހަކު ވެސް އަހަރެންނަށް ފޯނުކޮށްގެން ނުވާނެކަމަށް ބުނެ، ފޯނު ބޭއްވުމުގެކުރިން ބަދަލު ހިފާލީކަމަށް ވެސް ބުނީމެވެ.

އަހަރެމެން ދިރިއުޅޭނީ މާލޭގައެވެ. މާނިސް ކަހަލަ ތަންދޮރު ނުދައްނަ ފަސްކުޅަނދުމަދު މީހުން ރާއްޖެތެރޭގައި އުޅޭށެވެ.

ކޮޅިގަނޑުގެ ބާރުވައި ލައްވާލީ އެކަމަށް ސަމާލުކަންދީގެން ހުއްޓައެއް ނޫނެވެ. ސަމާލުވާކަށް ވަގުތެއް ވެސް ނުލިބުނެވެ.

ލަނޑު ލިބުނީ އަހަރެންނަށެވެ. އެކަނިވެރިވެ ބިކަވީ އަހަރެންނެވެ.

މަލުން ފޮނިކޮޅު ބޯލެވުމުން މާބުރެއްފަދައިން ލަބީބް ގޮސް ގެއްލުނީ އެވެ. އަބަދުގެ އަބަދަށް އަހަރެންނަކީ ނުވެސް ދަންނަ މީހަކަށް ހެދީއެވެ. އޭނާގެ މަކުރުވެރިކަމާއި ކެހިވެރިކަން އެނގުނުއިރު ވަގުތުވަނީ ފާއިތުވެފައެވެ.

މިއީ އަހަރެންގެ ކުށެވެ. ދުނިޔޭގެ ދަޅައަށް ހެއްލުމުން ލިބުނުލަނޑެވެ. އިތުބާރުކުރަންވީ ކާކަށްތޯ ނިންމުގައި އެހެން މީހެއްގެ ބަހަށް ހެއްލުމުން ލިބުނު ފިލާވަޅެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް