އައި ފިލްމްސްގެ ދެވަނަ ފީޗާ ފިލްމު “ނީނާ” ލޯންޗްކޮށް ފިލްމު ރިލީޒްކުރާނެ ތާރީޚް ހާމަކޮށްފި އެވެ. ފިލްމު “ނީނާ” ރިލީޒްކުރުމަށް ނިންމާފައިވަނީ 06 އޯގަސްޓް 2023ގަ އެވެ. ފިލްމުގެ 30 ޝޯވ ދެއްކުމަށް ހަމަޖެހިފާކަންވެސް މި އިވެންޓްގައި ހާމަކޮށްފައިވެއެވެ.

މީޑިއާތަކާއެކު މިމަހު 30 ވަނަ ދުވަހުގެ ރޭ ސޮލައިޓްގެ ނުވަނަ ފަންގިފިލާގައި ބޭއްވި ޚާއްޞަ އިވެންޓެއްގައި ފިލްމު “ނީނާ“ގެ ރަސްމީ ޕޯސްޓަރު، ޓީޒާ ޓްރެއިލާ، ކެރެކްޓަރ ޕޯސްޓަރު، ޕްރޮމޯޝަނަލް ލަވަ އަދި މެއިން ޓްރެއިލާ ވެސް މީޑިއާތަކަށް ދައްކާލާފައިވެއެވެ.

ހިތްވަރުގަދަ އަންހެނެއްގެ ވާހަކަތައް ދައްކައިދޭނެ ފިލްމު “ނީނާ” ލޯންޗިން އިވެންޓްގައި މީޑިއާތަކަށް ދައްކައިލި ޓީޒާ، ޓްރެއިލާ އަދި ޕްރޮމޯޝަނަލް ލަވައިންވެސް ފިލްމަށް އިންތިޒާރުކުރެވޭ ކުރެވުން އިތުރުވެގެން ދިޔަކަން ފާހަގަކޮށްލެވެ އެވެ. ވަކީން ޚާއްޞަކޮށް ޕްރޮމޯޝަނަލް ލަވައިގެ ހިތްގައިމުކަން ފާހަގަކޮށްލެވެއެވެ.

ލޯންޗިންގައި އާއްމުކުރި ތަކެތީގެ އިތުރުން ފިލްމުގެ ތަރިން، ޑައިރެކްޓަރުން އަދި ކްރޫ އާ މީޑިއާތަކުން ސުވާލުކުރުމުގެ ފުރުޞަތު ހުޅުވައިލިއެވެ. އެގޮތުން މި ފިލްމާ މެދު ތަރިން ދެކޭ ގޮތާއި ކުރާ އުއްމީދުތަކާބެހޭ ސުވާލުތައް މީޑިއާތަކުން ކޮށްފައިވެއެވެ.

ނީނާ“ގެ މުހިންމު ބައިތައް ކުޅެފައިވާ ތަރިންގެ ތެރޭގައި އައިފިލްމްސްގެ ފުރަތަމަ ފިލްމު “ބަވަތި“ގެ ލީޑުން ހުނަރުވެރި އެކްޓިންއެއް ދެއްކި ނުޒުހަތު ޝުޢައިބް ހިމެނޭއިރު، ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ޝަރަފް ޢަބްދުﷲ، ހުނަރުވެރި ތަރި ޖުމައްޔިލް ނިމާލްގެ އިތުރުން ވެޓަރަންސް އެކްޓްރެސް މަރިޔަމް ރަޝީދާއާއި މަރިޔަމް ޝަކީލާ ހިމެނެއެވެ.

މީގެ އިތުރުން އާދަމް ރިޒްވީ (ރެކްސް)، ނަތާޝާ ޖަލީލް، ޢަލީ އިނާޒް، ފީޗާ ފިލްމަކަށް އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި އައިޝާ އަލީ ހިމެނެއެވެ.

ފިލްމު “ނީނާ”ގެ ކްރޫ ފިލްމު ލޯންޗިންގައި – ފޮޓޯ: އައިފިލްމްސް

ނީނާ” ލިޔެ ޑައިރެކްޓްކުރީ އިލްޔާސް ވަހީދު (އިއްލެ) އެވެ. ފިލްމުގެ މިއުޒިކް ހެދީ ޝަހީދު ލިގެސީ އެވެ. މޭކަޕް ހަދައިދިނީ ”ބަވަތި“ގައި ފެނިގެންދިޔަ ފުރިހަމަ މޭކަޕްތައް ހެދި އާޓިސްޓް ރުޠުބާ އަޙްމަދު އެވެ. ލަވަތަކުގެ މިއުޒިކް ހުސައިން ތަޢުފީޤް އެވެ. ޕްރޮމޯ ލަވައިގެ މިއުޒިކް ހެދީ މިސްޓީ އެވެ.

މި ފިލްމުވެސް ކެމެރާކުރީ ”ބަވަތި“ ކެމެރާކުރި ހުނަރުވެރި ކެމެރާމަން ވިޝާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަން ހެދީ ”ބަވަތި“ ގައި ވެސް އެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ކޮށްފައިވާ ’އޯކޭޒް އިންކް‘ އިނެވެ. ވިޝުއަލް ހެދީ އޯކޭޒް އިންކް ގެ ސާމީ އެވެ.

ނީނާ”ގެ ބޮޑު ބައި ޝޫޓްކޮށްފައިވަނީ ލ. ގަން، މާންދޫ އަދި ކަައްދޫގައެވެ.

ފިލްމު ”ނީނާ”ގެވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ ފިލްމު ”ބަވަތި“ގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރުކަންކުރި މުނިއަވަސް އެވެ.

ފިލްމު “ނީނާ”ގެ ފުރަތަމަ ޕޯސްޓަރ – ފޮޓޯ: އައިފިލްމްސް


ލިޔެ ޝާއިޢުކުރީ: އަޙްމަދު ރަޝީދު  | ރިވިއުކުރީ: އަޙްމަދު ރަޝީދު | އިވެންޓް ކަވަރކުރީ: އަޙްމަދު ރަޝީދު (އަންނާރޭ)


ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.