ސައިފަތުގައި ކެޓެޗިންސް އަދި ޕޮލިފެނޯލްސް ފަދަ އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާއިރު، މިއީ އޮކްސިޑޭޓިވް ސްޓްރެސް އިން ހަށިގަނޑު ރައްކާތެރިކުރުމަށް އެހީތެރިވެދޭ އަދި ދިގުދެމިގެންދާ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެކެވެ. އެތަކެއް ބަލިތަކަކުން ރައްކާތެރިކޮށްދޭ މުހިންމު މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ.

ނަމަވެސް ބައެއް ސަޔަކީ، އެ ސައި ތައްޔާރުކުރެވޭ ގޮތުގެ ސަބަބުން ސިއްޙަތަށް ނުރައްކާތެރި އަސަރުތަކެއް ކުރުވާ އެއްޗެކެވެ.

އެންމެ އާއްމުކޮށް ސައި ތައްޔާރުކުރަނީ ސައިފަތް ޕެކެޓް ހޫނު ފެނުގައި ބަހައްޓައިގެން ނުވަތަ ސައިފަތް ކައްކައިގެންނެވެ. ސައިފަތް ކައްކައިގެން ސައި ތައްޔާރުކުރުމަކީ މިހާރު އެހާ އާއްމު ގޮތެއް ނޫންނަމަވެސް، މިއީ ސައި ތައްޔާރުކުރުމަށް އެންމެ ރައްކާތެރި ގޮތެވެ. ސައިފަތް ޕެކެޓް ހޫނުފެނުގައި ބަހައްޓައިގެން ސައި ތައްޔާރުކުރުމަކީ ކިތަންމެ ފަސޭހަ ގޮތެއް ނަމަވެސް، މިއީ އާއްމުކޮށް އަހަރުމެންނަށް ވިސްނައި ނުލެވި ހުރި ބައެއް ނުރައްކާތައް އެކުލެވޭ ގޮތެކެވެ.

ސައިފަތް ޕެކެޓް ތައްޔާރުކުރުމަށް ބޭނުންކޮށްފައި ހުންނަނީ ބްލީޗްކޮށްފައި ހުންނަ ކަރުދާސް ނުވަތަ ފުޑް-ގްރޭޑް ޕްލާސްޓިކް ކޮތަޅެވެ. މިފަދަ ޕެކެޓަކީ ސައިފަތް ގިނަދުވަހަށް ރައްކާތެރިކަމާއެކު ބަހައްޓާއިދޭ އެއްޗެއް ނަމަވެސް، ސައިފަތުގައި ހުންނަ ތާޒާކަން ދަށްކޮށްދެއެވެ. މީގެ އިތުރުން، ސައިފަތް ޕެކެޓެއް ޖޯޑެއްގެ ތެރެއަށް ލައިގެން އެއަށް ހޫނުފެން އަޅާފައި ހުންނައިރު، ޕެކެޓް ތެރޭގައި ހުންނަ ސައިފަތްތައް ފޯވެ، އެކްސްޕޭންޑް ވުމަށް ބޭނުންވާނެ ޖާގައިގެ ދަތިކަން ހުރުމުން، ސައިފަތުން ނުކުންނަން ޖެހޭ އަސްލު ރަހައާއި އޭގައި ހުންނަ މާމިންއޮއްޓަރު (ނިއުޓްރިއެންޓްސް)ގެ މިންވަރު މަދުވެއެވެ.

ސައިތައްޔާރުކުރާ ގޮތާއިމެދު ސަމާލުވާންވީ ކީއްވެ؟

ސައިފަތް ޕެކެޓް ބޭނުންކޮށްގެން އަދި ސައިފަތް ކައްކައިގެން ސައި ތައްޔާރުކުރުމުގައި ހުރި އެންމެ ބޮޑު ތަފާތަކީ ހަމައެކަނި އޭގެ ރަހައިގައި ހުންނަ ތަފާތުކަމެއް ނޫނެވެ. އެންމެ ބޮޑު ތަފާތަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ސައިފަތް ޕެކެޓް ބޭނުންކޮށްގެން ސައިތަށްޓެއް ތައްޔާރުކޮށްލާއިރު، ސައިތަށީގެ ތެރެއަށް ބައެއް ވިހަ މާއްދާތަކާއި މައިކްރޯޕްލާސްޓިކް ނީރިގެން (ލީކްވެގެން) ދެއެވެ.

ދިރާސާއަކުން ދައްކާގޮތުން ސައިތަށްޓެއްގެ ތެރޭގައި ވިހަ މާއްދާތައް އެކުލެވޭއިރު އޭގެ ތެރޭގައި ތިމަރަ (ލެޑް) އަދި އެލްމެނިއަމު ހިމެނެއެވެ. މި ދިރާސާ ދައްކާގޮތުން މިފަދަ ބަރު މައުދަންތަކުގެ ސަބަބުން ސިއްޙީ އެތަކެއް މައްސަލަތަކެއް ކުރިމަތިވެއެވެ.

ސައިފަތް ޕެކެޓާއި ބެހޭގޮތުން އެންމެ މަދުން ކުރެވިފައިވާ ދިރާސާއަކީ މައިކްރޯޕްލާސްޓިކްގެ މައްސައަލައަށް އަލިއަޅުވާލައި ކޮށްފައިވާ ދިރާސާތަކެެވެ. އާއްމުގޮތެއްގައި ސައިފަތް ޕެކެޓް އުފައްދާފައި ހުންނަނީ ޕްލާސްޓިކްގެ ބާވަތަކުންނެވެ. އެއީ ނައިލޯނު ނުވަތަ ޕޮލިތައިލީން ޓެރެފްތަލޭޓް (ޕީއީޓީ)ން ނެވެ. ‘މެގިލް ޔުނިވާސިޓީން އާއްމުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނާގޮތުން، އެންމެ ސައިފަތް ޕެކެޓަކުން 11.6 ބިލިޔަން މައިކްރޯޕްލާސްޓިކް ސައިޖޯޑުގެ ތެރެއަށް ނީރެ (ލީކްވެ)އެވެ.

ޕްލާސްޓިކްގެ މި ކުދިކުދި އެތިކޮޅުތަކަކީ ބޮޑެތި މައްސަލަތަކެއްގެ އަސްލެކެވެ. މައިގަނޑު ސަބަބަކީ މިފަދަ މައިކްރޯޕްލާސްޓިކަކީ މާހައުލުގެ ހުރިހައި ތަނެއްގައިވެސް ހުންނަ އެއްޗަކަށް ވެފައި، އެ އެއްޗެހި ނައްތައިލުން ވެފައި މިވަނީ ދަތި މައްސަލައަކަށެވެ. ބިޔަބޮޑު މައްސަލައަކަށެވެ.

“އެ އެއްޗެހީގެ ސަބަބުން (މައިކްރޯޕްލާސްޓިކްގެ ސަބަބުން) އިންސާނުންނާއި ޖަނަވާރުންނަށް ނޭދެވޭ ސިއްޙީ އަސަރުތަކެއް ކުރާނެކަން ސީދާ ބުނެދޭކަށް ނޭނގޭ. ނަމަވެސް އަހަރުމެންނަށް ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް މައިކްރޯޕްލާސްޓިކް ހުންނަކަން.”

* ކްރިސްޓޮފަރ ޒޭންގްމައިސްޓަރ – ކެމިސްޓް

ސައިފަތް ޕެކެޓް ހެދުމަށް ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކަކީ އަލުންއަނބުރާ އިއާދަކުރެވޭނެ ނުވަތަ އެއްކޮށް ނައްތައިލެވޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން މި ކުދިކުދި ކޮތަޅުތައް ކުނިއުކާލާ ތަންތަނަށް ޖަމާވެއެވެ. ކުނި ވަޅުލާއިރު ބިމުއަޑީގައި ވަޅުލެވެއެވެ. މޫދަށް އުކައިލިޔަސް މޫދުތެރޭގައި އެތަކެތި ހަލާކުނުވެ ހުރެއެވެ. މިއީ ވިސްނައިލަން ޖެހޭ މުހިންމު ކަމެކެވެ.

ސައިބުއިމުގެ އާދަ ވަރަށް ބޮޑަށް އަށަގެންފައިވާ އިނގިރޭސިވިލާތުގައި އަހަރެއްގެ މައްޗަށް 60 ބިލިޔަން ސައިތަށި ތައްޔާރުކުރެވޭއިރު، ގިނަ އަދަދެއްގެ ސައިފަތް ޕެކެޓް އުކައިލަން ޖެހޭނެކަން މިއީ ހަޤީޤަތެކެވެ.

ސައިތަށްޓެއް ތައްޔާރުކުރުމަށް އެންމެ ރަނގަޅީ ކޮން ގޮތެއް؟

އެއްވެސް ޝައްކެއްނެތެވެ. ހިއްކާފައި ހުންނަ ސައިފަތް ހޫނުފެނަށް އަޅައިގެން ނުވަތަ ފެނުގައި ކައްކައިގެން ތައްޔާރުކޮށްލެވޭ ސައި ތަށްޓަކީ އަނގަޔަށް އެންމެ މީރު، ހަށިގަނޑަށް އެންމެ ފައިދާހުރި މާމިންއޮއްޓަރު (ނިއުޓްރިއެންޓްސް)ގެ މިންވަރު އެންމެ ގިނަ ސައިތަށްޓެވެ. ސައިފަތަކީ އޭގެ ޒާތުގައި ފީވެ ހަލާކުވެ ނެތިގެންދާނެ އެއްޗެކެވެ. ބިމުގައި ހުރެ ސައިފަތް ފީވެ ހަލާކުވާނެ އެވެ. ފީވެ ހަލާކުވެދާ ސައިފަތުން ގުދުރަތީގޮތުން ބިމުގެ ވެލިގަނޑުތެރޭގައި މާމިންއޮއްޓަރު އުފައްދައެވެ. މާމިންއޮއްޓަރު މުއްސަނދި ވެއްޔެއް އުފެދެއެވެ.

ސުވާލުގެ ޖަވާބު މިއޮތީ ލިބިފައެވެ. ސައި ތައްޔާރުކުރުމަށް ހުރިހައި ގޮތަކުންވެސް އެންމެ ރަނގަޅީ ހިއްކާފައި ހުންނަ ސައިފަތް ފެނަށް އަޅައިގެން ކައްކާ ސައެވެ. 90ގެ އަހަރުތަކަށް އެޅުއިރު ރާއްޖޭގައި އާއްމުކޮށް ސައި ކައްކާއުޅުނު ގެވެހި ގޮތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.