މުޅިދުނިޔެއިން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ، ޕޮޕް މިއުޒިކްގެ ރަސްގެފާނު، މައިކަލް ޖެކްސަންގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބަޔޯޕިކް ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. “މައިކަލް”ގެ ނަމުގައި އުފައްދާ ބަޔޯޕިކްގައި މައިކަލް ޖެކްސަންގެ ރޯލު ކުޅުމަށް ހަމަޖެހިފައިވަނީ މައިކަލް ޖެކްސަނަށް ބޮޑުބޭބެ ކިޔާ ޖާފަރް ޖެކްސަން އެވެ.

އުމުރުން 27 އަހަރުގެ ޖާފަރް ޖެކްސަން މިދިޔަ ހުކުރުދުވަހު އިންސްޓަގްރާމްގައި އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަންނަ ހޯމަ ދުވަހު #މައިކަލްމޫވީގެ ދަތުރު ފެށޭނެ ކަމަށެވެ. އޭނާ އާއްމުކުރި ކަޅާއިހުދުގެ ފޯޓޯއިން ފެނިގެންދަނީ މައިކަލް ޖެކްސަން ނެށުމުގައި ބޭނުންކުރާ އައިކަނިކް ސްޓައިލްގައި ދެފައިގެ އިނގިލިތަކުގެ މައްޗަށް ކޮޅަށް ހުންނަ ތަނެވެ.

 

View this post on Instagram

 

A post shared by Jaafar Jackson (@jaafarjackson)

“މައިކަލް” ފިލްމުގެ ޑައިރެކްޓަރ އޮންޓޯން ފުގްއާގެ އިންސްޓަގްރާމަށް މި ފޮޓޯ ލާފައިވާއިރު، މި ފިލްމު ޑިސްޓްރިބިއުޓްކުރުމަށް ހަމަޖެހިފައިވާ ލަޔަންގޭޓްގެ އިތުރުން ފިލްމު ޕްރޮޑިއުސްކުރާ ‘ޖީކޭ ފިލްމްސް’އިން ވެސް މި ޕޯސްޓް އަލުން ޕޯސްޓްކޮށްފައިވެއެވެ.

ޖާފަރު ޖެކްސަން އަކީ މައިކަލް ޖެކްސަންގެ އެއްބަނޑު އެއްބަފާ ބޭބެ ޖާމެއިން ޖެކްސަންގެ ފިރިހެން ދަރިފުޅެވެ. ޖާފަރު މި ރޯލުކުޅެން ހަމަޖެހުމުން މައިކަލް ޖެކްސަންގެ މަންމަ ބުނެފައިވަނީ މައިކަލް ޖެކްސަން އާ އެންމެ ވައްތަރު މާމަ ދަރިފުޅަކީ ޖާފަރް ކަމަށެވެ.

“މައިކަލް” ފިލްމުގައި މައިކަލް ޖެކްސަންގެ ހަޔާތުގައި ހިނގާފައިވާ މުހިއްމު ކަންތައްތަކުގެ ތެރެއިން މައިކަލްގެ މައްޗަށް ކުޑަކުދިންތަކަކަށް ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުތައް، ކޯޓު މަރުހަލާތަކާއި މައްސަލަ ސާބިތުނުވި ކަމުގެ ވާހަކަތައް ވެސް ފެނިގެންދާނެއެވެ.

ޕެއިންކިލާ އޯވަޑޯޒްއަކުން ހިތްހުއްޓިގެން 2009 ވަނަ އަހަރު ޖެކްސަން މަރުވީ އޭނާގެ އުމުރުން 50 އަހަރުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.