މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް އަދި ފަރިގޮމަ ބޮޑުބެރު ގްރޫޕާއެކު ވަރަށް ޚާއްޞަ ކަރޯކޭ ނައިޓެއް މިރޭ (02 ފެބްރުއަރީ 2024، ހުކުރުދުވަހުގެ ރޭ) ބާއްވަން ހަމަޖެހިފައިވާކަމަށް ކައްދޫ މެނޭޖްމެންޓުން ބުނެފިއެވެ.

ކައްދޫ މެނޭޖްމެންޓުން މިއަދު އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިރޭ 20:00 ން 22:00 އަށް ކަރޯކޭ އަދި ބޮޑުބެރާއެކު ލައިވް މިއުޒިކް އަދި ލައިވް ކުކިން އޮންނާނެ ކަމަށެވެ.

ލ. ގަމު ތުނޑީ އަވަށަށް ނިސްބަތްވާ ‘ފަރިގޮމަ ބޮޑުބެރު’ ގްރޫޕުގެ ލައިވް މިއުޒިކް އޮންނާނީ މިރޭ 20:00 ން 21:00 އަށެވެ. ޝަލަބީގެ ކަރޯކޭ ލައިވް އޮންނާނީ 21:00 ން 22:00 އަށެވެ.

މިރޭ ކުރިއަށްދާ މި ޚާއްޞަ އިވެންޓްގައި ކައްދޫ ރެސްޓޯރެންޓުން ސުފުރާކުރާ ކެއުންތަކުގެ ކޮންމެ ބިލަކުން 10 އިންސައްތައިގެ ޑިސްކައުންޓެއް އޮންނާނެ އެވެ.

ކުރިން ސިންފަނިކް ގްރޫޕުން ސިންފަނީ ރެސްޓޯރެންޓްގައި ނަމުގައި ހިންގަމުން ދިޔަ ވިޔަފާރި، އެ ގްރޫޕުން ދޫކޮށްލުމުން ކައްދޫ އެއާޕޯޓް ކޮމްޕެނީން ‘ކައްދޫ ރެސްޓޯރެންޓް’ގެ ނަމުގައި ރެސްޓޯރެންޓެއް ހިންގަމުން އަންނަނީ ފެންވަރު ރަނގަޅު ޚިދުމަތްތަކާއެކުގައެވެ.

މިވަގުތު ލާމުގައި ޝަލަބީ ހުރީ ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށްގެންދާ މަދަހަ ކިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.