އައިފިލްމްސްގެ ތިންވަނަ ފީޗާ ފިލްމު “ކަންބަޅި” އަކީ ‘ބެންޗްމާކް’ މަސައްކަތެކޭ އަހަރުމެން (މުނިއަވަސް އިން) މި ތިބީ ނުބުނާށެެވެ. މުނިއަވަސްއިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން މުނިއަވަސްއަށް ފާޑުކިޔުން އަމާޒުވާތީއެވެ. އަހަރުމެން ވެފައި މިވަނީ ފިލްމަށް ފާޑުނުކިޔާ، ފިލްމު ޕްރޮމޯޓްކުރުމަށް ފިލްމުގެ މޮޅު ވާހަކައާއި ސަޅި ވާހަކަ ދައްކާ ބައެއްގެ ގޮތުގައެވެ. އެހެންވެ މިފަހަރު އަހަރުމެން އިހަށް މަޑުކޮށްލީ އެވެ.

އަހަރުމެން މަޑުކޮށްލިޔަސް، ކަން އޮތްގޮތަށް އެހެން އޮންލައިންތަކާއި މީޑިއާތަކުންވެސް ޚަބަރު ގެނެސްދޭނެތާއެވެ. އެކަން މިހާރުވެސް މިއޮތީ ފެންނާށެވެ. މިހާރުވެސް އޭ މިބުނީ މިހާ އަވަހަށް “ކަންބަޅި” ފިލްމުގެ މޮޅު ވާހަކަ ދައްކަން ފަށައިފިއެވެ. ވާނީވެސް އެހެންތާއެވެ. މޮޅު މަސައްކަތަކަށް ފާޑެއް ކިޔަންވެސް ބުނެވޭނީ މޮޅު ވާހަކަ ނޫން އެހެން ކޮން ވާހަކައެއް ދޯއެވެ.

އެހެން މީޑިއާތަކުން އާއްމުކޮށް ނުކުރާ ކަމެއް ނަމަވެސް، އަހަރުމެން މި ހިއްސާކޮށްލީ ރާއްޖޭގެ ދެ އޮންލައިން ނޫހަކުން ގެނެސްދީފައިވާ ދެ ޚަބަރުގެ ސުރުޚީއެެވެ. ޚަބަރުގެ ތަފުޞީލަށް ދާކަށް ނެތީމެވެ. އަހަރުމެންގެ މަޢުޟޫއަށް އެއްޗެއް ބުނެލާން އަވަސްވެގަތުމަށެވެ.

“ކަންބަޅި” ފިލްމާއެކު އައިފިލްމްސް އިން ބެންޗްމާކް ހެދުމުގެ ހެޓްރިކެއް ހަދައިފިި ކަމަށް ބުނަން އެއްވެސް ޖެހިލުންވުމެއް ނެތެވެ.

bench·mark
  1. a standard or point of reference against which things may be compared:
    މިންގަނޑަކަށް ނުވަތަ ޕޮއިންޓް އޮފް ރެފަރެންސެއްގެ ގޮތުގައި، އެ މިންގަނޑަކާ އަޅާކިޔާލެވިދާނެ މިންގަނޑެއް

‘ބެންޗްމާކް’ މި ލަފުޒުގެ މާނަ މި ހިމަނައިލީ އަހަރުމެންގެ މަޢުޟޫގައި މި ދައްކަން އުޅޭ ވާހަކަ އިތުރަށް ސާފުކޮށްދިނުމުގެ ބޭނުމުގައެވެ. އާނއެކެވެ. އައިފިލްމްސް ޕްރޮޑަކްޝަން ހައުސްގެ ފަރާތުން މިހައިތަނަށް ގެނެސްދިނީ ތިން ފީޗާ ފިލްމެވެ. މި ތިން ފިލްމުންވެސް މިވަނީ ތަފާތުތަކެއް ދައްކައިދީފައެވެ. ކުރިމަގުގައި ނެރެން ހުރި ފިލްމީ މަސައްކަތްތައް އަޅާކިޔާލަން އޮތް މިންގަނޑަކަށް މި ތިން ފިލްމުވެސް ފުދެއެވެ.

އައިފިލްމްސް އިން ފިލްމީ ދާއިރާއަށް ފުރަތަމަ ފިޔަވަޅު އެޅީ “ބަވަތި”ގެ ނަމުގައި ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާއަކުންނެވެ. މި ފިލްމުން ރާއްޖޭގެ އެހެން އެއްވެސް ފިލްމެއްގައި ގެނެސްދީފައި ނުވާ ފަދަ ތަފާތު ގޮތަކަށް، ޖިންސީގޯނާގެ ޝިކާރައަކަށް ވެފައިވާ މީހަކަށް (ނުޒުހަތު ޝުޢައިބް އަށް) ކުރިމަތިވާ ނަފުސާނީ މައްސަލަތަކެއް ދައްކުވައިދެއެވެ. މީގެ ކުރިން ދިވެހި ފިލްމީ އުފެއްދުމަކުން ފެނިފައިނުވާ ފަދަ ތަފާތު ސްޕެޝަލް އިފެކްޓައް، ޑައިރެކްޝަންގެ ތަފާތު އުކުޅުތަކާއި ކެމެރާކުރުމުގެ ތަފާތު އުކުޅުތައް ހިމަނާފައިވެއެވެ. ކުރުކޮށް ބުނާނަމަ ފިލްމު “ބަވަތި” އަކީ ބެންޗްމާކް މަސައްކަތެކެވެ. އައިފިލްމްސްގެ މި ފުރިހަމަ މަސައްކަތުގެ ވާހަކަތައް ދައްކައިލާއިރު ސިނަމޮޓޮގްރާފަރ ކަނޑި އަދި މި ފިލްމުގެ ޕޯސްޓްޕްރޮޑަކްޝަން މަސައްކަތްކުރި އޯކޭޒް އިންކްގެ ނަން ކޮންމެހެންވެސް ފާހަގަކޮށްލުން ލާޒިމެވެ.

ދެވަނަ ފީޗާ ފިލްމަކަށް ނެރުނީ އެކްޝަން ތުރިލާ “ނީނާ” އެވެ. މުޖުތަމަޢުގައި ހިނގަމުން އަންނަ މުހިންމު މައްސަލަތަކެއް ދައްކުވައިދިން މި ފިލްމަކީ ރާއްޖޭގައި އުފެއްދި ފުރަތަމަ މާރޝަލް އާޓްސް ފައިޓްތައް ހިމެނޭ ފިލްމެވެ. އަނެއްކާވެސް ނުޒުހަތު ޝުޢައިބްގެ ހުނަރުވެރި އެކްޓިންއާއެކު ގެނެސްދިން ތަފާތު މޮޅު މަސައްކަތެކެވެ. މި ފިލްމުގައި ނުޒޫއަކީ އަހަރުމެން ކުޑައިރު ރޭޑިއޯއިން އަޑުއެހި ރޭޑިއޯ ޑްރާމާއެއްގައި އުޅޭ ސީމާއަށް ދޫނުކުރާނެ މި ޒަމާނުގެ އަންހެން ކުއްޖެކެވެ. މާރޝަލް އާޓްސް ތަޅަން ދަސްކޮށްދޭ ކޯޗެއްގެ ގޮތުގައި މި ފިލްމުން ނުޒޫ ދައްކައިދީފައިވާއިރު، ނުޒޫގެ ހަޔާތަށް ދިމާވާ ކަންތައްތަކެއްގެ ބަދަލުހިފުމަށް އޭނާގެ ދުޝްމަނުންނާ ހަމަލާދީ ބަދަލުހިފަން ކުރާ މަސައްކަތުގެ ތެރެއިން އަސްލަށް ނަގާފައިވާ މާޝަލް އާޓްސް ޝޮޓްތަކުން ފިލްމުގެ ކޮލިޓީ ދެގުނަކޮށްދިނެވެ. މި ފިލްމުގެ ވާހަކަދައްކާއިރު، ވިސާން ކަނޑި އަދި އޯކޭޒްގެ އިތުރުން މާޝަލް އާޓްސް އިންސްޓްރަކްޓަރ ސުހައިލްގެ ނަން ފާހަގަކޮށްލަން ޖެހެއެވެ. ފިލްމު “ނީނާ”އަކީ ވެސް ބެންޗްމާކް މަސައްކަތެއްކަމަށް ފިލްމު ބެލި ގިނަ ބަޔަކު އިއްތިފާގުވާއިރު ރާއްޖޭގެ މީޑިއާތަކުންނާއި މީސްމީޑިއާ މެދުވެރިކޮށް ދީފައިވާ ފީޑްބެކްތަކުން މާ ރަނގަޅަށްވެސް އެކަން ސާބިތުކޮށްދެއެވެ.

ދެން މިއޮތީ “ކަންބަޅި” ފިލްމުގެ ވާހަކައެވެ. ސިހުރު ހާހޫރައިގެ ސަބަބުން އާއިލާއަކަށް ކުރިމަތިލާން ޖެހުނު ބިރުވެރި، ނުރައްކާތެރި ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމަކީ ބިރުވެރި ފިލްމެކެވެ. ބިރުވެރި ފިލްމުތަކަށް ބެންޗްމާކް މަސައްކަތެއް ކަމަށް މީޑިއާތަކުން ބުނަން ފަށާފައިވާއިރު، މީސްމީޑިއާއަށް ބެލުންތެރިން ދޫކޮށްލާ ފީޑްބެކްތަކުންވެސް އެކަން އެނގިގެންދެއެވެ. މި ފިލްމުގެ ވެސް ލީޑްގައި ނުޒޫ ހިމަނާފައިވެއެވެ. ނުޒޫގެ އިތުރުން ދެން ތިބި ތަރިންތައް ދައްކައިދީފައިވާ އެކްޓިންއަށް، އޯކޭޒް އިންކްގެ ޕޯސްޓްޕްރޮޑަކްޝަންއަށް އަދި ޝަހީދު ލިގެސީގެ ބެކްސްކޯއަށް ތަޢުރީފުގެ ބަސްތައް އޮހެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

އައިފިލްމްސްގެ މި ހުރިހާ މަސައްކަތެއްގެ އިސްމުގުލުގައި ހުރީ އިލްޔާސް ވަހީދު (އިއްލެ)އެވެ. އިއްލެގެ ޑައިރެކްޝަން މި ތިން ފިލްމުގައި ހިމެނެއެވެ. މީގެ އިތުރުން ފިލްމު “ނީނާ”ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އިފްނާޒް މަސައްކަތްކުރިއެވެ. މީގެ  އިތުރުން “ކަންބަޅި” ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި އިއްލެއާއެކު އިފްނާޒް މަސައްކަތްކުރިއެވެ. މި ތިން ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައި އިއްލެގެ އިތުރުން އާސިމް ޢަލީ ހިމެނެއެވެ.

އައިފިލްމްސް އިން އުފެއްދި ތިން ފީޗާ ފިލްމުވެސް މިވަނީ ބެންޗްމާކް އައުޓްޕުޓެއް ނެރެ ހެޓްރިކެއް ހަދާފައެވެ. އައިފިލްމްސްގެ މި ހެޓްރިކްހެދުމުގައި އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މުނިއަވަސް އިން މަސައްކަތްކޮށް އަހަރުމެންނަށްވެސް މިވަނީ ހެޓްރިކެއް ހެދިފައެވެ.

ޝުކުރުގެ ބަހެއް

އަލަށް ފިލްމެއް ހަދަން ނުކުމެ، އަހަރުމެން (މުނިއަވަސް)އަކީ ކޮން ބައެއްކަން އެހާ ބޮޑަށް ބެލުމެއްނެތި، ނޫސްވެރިޔާ އަޙްމަދު ޙަމީދު އާދަމް ބުނި ބުނުމަކަށް މުނިއަވަސްއަށް އިތުބާރުކޮށް، އައިފިލްމްސްގެ ތިން ފީޗާ ފިލްމާއި އައިފިލްމްސްގެ ހިއްސާއޮވެގެން ކަޒްމިކް އިންޓަނޭޝަނަލްއިން އުފެއްދި ފުރަތަ ފީޗާ ފިލްމާއި އައިފިލްމްސްގެ ތިން ފިލްމުގެ އޮންލައިން މީޑިއާ ޕާޓުނަރުކަން މުނިއަވަސްއަށް ދިންކަމީ އަހަރުމެންނަށް ލިބުނު ނުހަނު ބޮޑު ޝަރަފަކާއި އުފަލެކެވެ. ނުހަނު ބޮޑު ކުރިއެރުމެކެވެ. އިއްލެ، އާސިމް، އިފްނާޒް އަދި އޯކޭޒް އިންކް ހިމެނޭހެން އައިފިލްމްސް އާއި އައިފިލްމްސްގެ އުފެއްދުންތަކުގައި ޝާމިލުވެފައިވާ ހުރިހައި ފަރާތްތަކަށް މުނިއަވަސް ޓީމުގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.