“ދުވަސް އަތުވެއްޖެ. ވާހަކަދައްކާލަމާ ހިނގާ.” މިއީ ދިވެހި ފިލްމު އުފެއްދުމުގެ އެންމެ އުހުގައި މިއަދު ފިޔަޖަހަމުން އަންނަ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކާމިޔާބު ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) 27 މާރިޗް 2024 ވަނަ ރޭ ބުނެފައިވާ ބަސްކޮޅެކެވެ. މި ބަސްކޮޅު ރައްދުކުރީ ހުނަރުވެރި ފިލްމީ ތަރި އަޙްމަދު ސަޢީދަށެވެ.

⏪ ކުޑަކޮށް ރީވައިންޑްކޮށްލާނަމެވެ.

މީގެ ހަތަރު އަހަރު ކުރިއާ ހަމައަށެވެ. މަޝްހޫރު އެކްޓަރ އަޙްމަދު ސަޢީދުގެ ފިރިހެން ދަރިފުޅު ޢަލީ ރަޔާން ސަޢީދު ފިލްމީ ދާއިރާއަށް ލޯންޗްކުރަން ބޭނުންވާކަމަށް މޮގާ ބުނީ މީގެ ހަތަރު އަހަރުކުރިންނެވެ. 27 މާރިޗް 2020 ގައެވެ. މޮގާ މިކަން ހާމަކުރީ ސަޢީދުގެ ދަރިފުޅު ރަޔާންގެ 14ވަނަ އުފަންދުވަހުގެ ތަހްނިޔާ ކިޔުމަށް ސަޢީދު ކޮށްފައިވާ ޕޯސްޓަކަށް ކޮމެންޓްކުރަމުންނެވެ. ނަމަވެސް ސަައީދު އާއްމުކުރި ފޮޓޯއިން ފެންނަ ޒުވާނާގެ މެޗުއަރޑް ލުކްގެ ސަބަބުން އެއީ އެންމެ 14 އަހަރުގެ ކުއްޖެއްކަން މޮގާއަށް ވިސްނައިލެވިފައި ނެތީކަމަށްވެސް ވެދާނެއެވެ.

ދެކުނު އިންޑިއާގެ އެކްޓަރަކާ ބޮޑަށް ވައްތަރު ރަޔާންގެ މި ލުކުންވެސް ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން މޮގާއަށް ރަޔާން ފާހަގަކުރެވުނުކަން ގައިމެވެ.

[މޮގާގެ ކޮމެންޓްގައި ރަޔާނަށް އުފަންދުވަހުގެ ތަހްނިޔާ ކިޔަމުން ބުނީ ސަޢީދުގެ ދަރިފުޅު ފިލްމީ ދާއިރާއަށް ވަންނަން ޕްލޭންކުރާނަމަ، އޭނާ ލޯންޗްކޮށްދޭނެ ކަމަށެވެ.]

ސަޢީދުގެ ދަރިފުޅު ރަޔާން އުމުރުން 14 އަހަރުގައި – ފޮޓޯ: ސައީދު

🔂 އަނެއްކާވެސް މޮގާގެ އެ ހުށައެޅުން މިވަނީ ތަކުރާރުވެފައެވެ. ރަޔާންގެ 18 ވަނަ އުފަންދުވަހަށް ވިޝްކުރުމަށް ސައީދުގެ ފޭސްބްކްގައި އާއްމުކުރި ޕޯސްޓަށް މޮގާ އިޖާބަދެމުން ރަޔާންއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔީ ކުރީގެ ހުށައެޅުމުގެ ހަނދާންކޮށްދެމުންނެވެ.

“ހެޕީ ބާރތުޑޭ ޖޫނިއަރ. ދުވަސް އަތުވެއްޖެ، މިހާރު ވާހަކަދައްކާލަމާ ހިނގާ.”

* ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ)

ރޭ ދަންވަރު ސައީދު އާއްމުކުރި ޕޯސްޓަށް މޮގާ ލިޔެލި ސަޕްރައިޒިން ބަސްކޮޅަށް ސައީދުވެސް ވަގުތުން ވަގުތަށް ރައްދުދިނެވެ.

“ހެހެ. އަދިވެސް އެކަން ހަނދާން އެބަހުރި ދޯ.”

* އެކްޓަރު އަޙްމަދު ސަޢީދު

ހަތަރު އަހަރު ފަހުން މޮގާގެ ފަރާތުން މި ހުށައެޅުން ލިބުމުން ސައީދު ހުރީ ހަމަ ރަނގަޅަށްވެސް ސަޕްރައިޒްވެފައިކަން އޭނާގެ ވާހަކައިން އެނގުނެވެ. ސައީދު އަހައިލި ސުވާލަށް މޮގާ ދިން ޖަވާބުން ލިބިގެން ދިޔައީ އިތުރު ޔަޤީންކަމެކެވެ. ޑާކް ރެއިންގެ ދެވަނަ ޕްރޮޑިއުސަރ ޢާއިޝަތު ފުއާދު ތަޢުފީޤް (ލޯކީ) ނުވަތަ މޮގާގެ އަނބިގޮއްޔެވެސް ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ސައީދުގެ ދަރިފުޅަށް ކަޅިއަޅަމުން އަންނަކަން އިތުރަށް ސާފުވިއެވެ.

ޢަލީ ރަޔާން ސައީދު

“ޔަޤީންތާ، ރޭގަވެސް ލޯކީ އަހަރެން ގާތު އެދެމުން ދިޔައީ ރަޔާން އާއި އެހެން އަންހެން ކުއްޖަކާއެކު ފިލްމެއް ހަދަން.”

* ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ)

ސީނިއާ ސްޓާރުންްގެ ދަރިން ފިލްމާ ދާއިރާއަށް ވަންނަމުން އަންނަކަމީ ރާއްޖޭގައިވެސް ހިނގަމުން އަންނަ ކަމެކެވެ. ބައެއް ފަހަރަށް ތަރިން އަމިއްލައަށް ނުކުމެއެވެ. އަނެއްބައި ފަހަރު ބަފައިން ނުވަތަ މައިން އެމީހުންގެ ދަރިން މި ދާއިރާއަށް ނެރެއެވެ. ނުވަތަ ނެރެވޭތޯ އެތަކެއް މަސައްކަތެއް ކުރަމުން އަންނަތަން ވެސް ފެނެއެވެ. މިފަހަރު ސައީދަށް މި ދިމާވީ މީގެ އެންމެ ނަސީބުވެރި ގޮތަށެވެ. ފިލްމީ ދާއިރާގެ އެންމެ އުހުގައި ފައިތިލަ ސާބިތުކޮށް މޮޅު އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ޕްރޮޑަކްޝަން ހައުސްއެއްގެ ޕްރޮޑިއުސަރުން ތިބީ ސައީދުގެ ދަރިފުޅު ރަޔާން މި ދާއިރާއަށް ނެރެން ކެތްމަދުވެފައިކަން ވަރަށްވެސް ސާފެވެ.

ފިލްމީ ދާއިރާއަށް ރަޔާން ނެރުމުގެ ޝައުޤުވެރިކަން ޑާކް ރެއިން އިން އަނެއްކާވެސް ފާޅުކޮށްފައިވާކަން މިއަދުގެ ވަގުތެއްގައި ރަޔާން ގާތުގައި ބުނާނެ ކަމަށް ސައީދު ބުންޏެވެ. ސްކްރީނުން ރަޔާން ފެންނާނެ ކަމުގެ އުއްމީދު އަނެއްކާވެސް މިވަނީ އާވެފައެވެ. ނަމަވެސް ގޮތް ނިންމާނީ ރަޔާން ތާދޯއެވެ.

މިވަގުތު އޮލިމްޕަހުގައި ދައްކަމުން އަންނަ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމު “ފުރޭތަ”އިގެ އެންމެ ފަހު ޝޯ އޮތީ މިމަހު 29 ވަނަ ދުވަހުގެ ރޭގައެވެ. މި ފިލްމުންވެސް ސައީދުގެ މުހިންމު ރޯލެއް ފެނިގެންދެއެވެ. ފިލްމުގެ ދެވަނަ ބައެއް “މަރަށް މަރު”ގެ ނަމުގައި އުފައްދާނެކަން ފިލްމުގެ ނިމޭ ހިސާބުން އިއުލާނުކޮށްފައިވާކަން ވެސް ފާހަގަކޮށްލެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.