ގެއަށް ވަންނަން އައި ދަނީން މިސްރާބު ބަދަލުކޮށްލިއެވެ. ކޮންމެވެސް ވަރަކަށް ބިރުގަތުމާއި ޖެހިލުންވުން އޭނާގެ ކިބައިން ފެންނަން ހުއްޓެވެ. ދަނީނާއި ދިމާއަށް ބަލަހައްޓައިގެން ހުރި ތަކުރުގެ ކިބައިން ފެނުނީ ހިތްހަމަ ޖެހުމެވެ.

ދަނީނަށް ގެއާއި ހަމައަށް ދެވުނުއިރު މަޣުރިބުނަމާދަށް ބަންގި ގޮވައި ނިމިއްޖެއެވެ. މަޑުމަޑުން ގޯތިތެރެއަށް ބޯ ދިއްކޮށްލަމުން ވަށައިގެން ހޯދާލިއެވެ. މީހެއްގެ ހިލަމެއް ނެތެވެ. ރަށުތެރެއަށް ވެރިވަމުންދިޔަ އަނދިރިކަމުގެ އަސަރު އެހިސާބަށް ވެސް ފޯރައިފިއެވެ. އަވަސް އަވަހަށް ގޯތިތެރެއަށް ދެމިގަތް ދަނީން ހިނގައިގަތީ ގެއާއި ދިމާއަށެވެ. ތަކުރު ބުނިފަދައިން ކަންތައް ކުރުމަށް އޭނާ އިސްކަން ދިނެވެ.

ގެއާއި ގޯތިތެރެ އަލިކޮށްލުމަށްފަހު، ދަނީން ހިނގައިގަތީ ބޭރަށް ނުކުންނާށެވެ. ތަކުރު ޔަގީންކަންދިން ނަމަވެސް މިފަދަ ވަގުތެއްގައި އެކަނި މާއެކަނި އެތަނުގައި ހުންނާކަށް އޭނާއަކަށް ނުކެރޭނެއެވެ. އެބިރުވެރިކަމާއި ނާމާންކަން އޭނާގެ ތަބީއަތާއި ކުޅެން ފެށިއެވެ.

ގޯތިތެރެއިން ނުކުންނަން އައި ދަނީން ސިއްސައިގެން ދިޔައީ ގޯތިތެރެއަށް ވަދެގެން އައި އަދުލީ ފެނުމުންނެވެ. ހުއްޓިލަމުން ވަށައިގެން ހޯދާލިއިރު އެހެން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މިފަދަ ވަގުތެއްގައި އެފަދަ ގޮތަކަށް އަދުލީ އާއި ބައްދަލުވުމުން ހިތަށް ހަމަޖެހުން ލިބުނެވެ. ހިނިތުން ވެލެވުނީ އެއްވެސް އިހުތިޔާރަކާއި ނުލައެވެ.

ހިނިތުންވެލަމުން ދަނީނާއި ދިމާއަށް އައި އަދުލީ ހިފީ ދަނީންގެ އަތުގައެވެ. މަޑުމަޑުން ކައިރިއަށް ދަމާލަމުން ބައްދާލިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު ގައިގާ ފިރުމާލިއެވެ. މަޑުމަޑުން މޫނުގައި ހިފަހައްޓާލަމުން ތުންފަތުގައި ބޮސްދިނެވެ.

ދަނީންގެ ކެތްތެރިކަން ކޮޅުން ލިއެވެ. އެއުފަލާއި ހިތްހަމަ ޖެހުމަށް އެދެވުނެވެ. އަދުލީގެ ގައިގާ ބައްދާލަމުން ކުރިޔަށްވުރެ ބޮޑަށް އަދުލީއާ ގާތްވާން މަސައްކަތްކުރެވުނެވެ.

އަދުލީ ބޭނުންވި ފުރުސަތު ލިބުނެވެ. ދަނީން ހުރީ އޭނާއަށް މަރުހަބާ ކިޔައިގެންނެވެ.

ދަނީނާއި އަދުލީ ގޮސް ގޭތެރެއަށް ވަތްއިރު ދެމީހުންގެ ކިބައިން ވެސް ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމެވެ.

އަދުލީގެ ފަރާތުން ލިބެމުންދިޔަ އުފަލާއި ހިތްހަމަ ޖެހުމުގެ ސަބަބުން، އެހެން ހުރިހާ ކަމެއް ދަނީން ހަނދާން ނެތުނެވެ. އަދުލީގެ ފަރާތުން ލިބެމުންދިޔަ އުފަލާއި ހިތްހަމަ ޖެހުން އޭނާގެ ފަރާތުން އަދުލީއަށް ވެސް ލިބެން ޖެހޭނެކަމުގައި ދަނީން ދެކެއެވެ. އެތައް ދުވަހަކަށްފަހު ލިބުނު ހިތްހަމަ ޖެހުމާއި އަރާމް ދަނީންގެ ހިތުގެ އެންމެ ފުންމިނާއި ހަމައަށް ފޯރިއެވެ. އަދުލީއަށް އެންމެ ތަންކޮޅެއް ވެސް ދުލެއް ނުކުރިއެވެ. އެކަމުގައި އޭނާގެ ކެރުމާއި ފޯރި ހުރިވަރު ދައްކާލިއެވެ.

ދަނީން މާމަގެއަށް ދިޔައިރު ރައިހާނާ ހުރީ މަގުމަތީގައެވެ. ދަނީން އައުން ލަސްވެ ކަންބޮޑުވެފައެވެ. އޭރު އިސާނަމާދު ބަންގިގޮވަން ގާތްވެއްޖެއެވެ.

އަދުލީގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި ހިތްހަމަޖެހުން ދަނީން ހިތުން ޖާގަ ހޯދިއެވެ. ޝަމާއިލްގެ ނަން އެހިތުން ފޮހެވިގެން ދިޔައެވެ. އަދުލީ ނޫން އެހެން މީހަކު މިހާރު އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވި ލޯތްބާއި ހިތްހަމަޖެހުން، އުފަލާއި އަރާމް ހޯދައި ދިނުމުގައި އަދުލީ މާބޮޑަށް ވެސް ކުޅަދާނައެވެ.

މަދަރުސާތަކުގެ ޗުއްޓީ ދުވަސްވަރު ފެށުމާއިއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ. ރަށުން ބޭރުގައި ތަޢުލީމު ހާސިލު ކުރަމުންދިޔަ ކިޔަވާ ކުދިންގެ ޢާއިލާތައް ރަށަށް އަންނަން ފެށިއެވެ. ރަށުގައި ކިޔަވަމުންދިޔަ ކުދިންނަށް ކުރިޔަށްވުރެ ބޮޑު މިނިވަންކަމެއް ލިބުނެވެ. އެތައް ކުދިންނެއް ކިޔެވުން ނިމިއްޖެއެވެ.

ރަށުތެރެއަށް ވެރިވި ހަލަބޮލިކަމުގެ ސަބަބުން ދަނީނާއި އަދުލީއަށް ބައްދަލުކުރަން އުނދަގޫވިއެވެ. ރަށަށް މީހުން ގިނަވިއިރު ދަނީންމެން ގެ ކައިރީ ވެސް އަބަދުހެން ކޮންމެވެސް ބަޔަކު އުޅެއެވެ.

ހުކުރު ދުވަހުގެ ހަވީރެވެ. އާންމުދުވަސްތަކާއި ހިލާފަށް މިއަދު އަތިރިމައްޗަށް ވެރިވެފައިވާ ހަލަބޮލިކަން ބޮޑެވެ. ޒުވާނުންތަކެއް އިސްނަގައިގެން ކުޅިވަރުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދާތީ ހުރިހާ ކުޑަކުދިން ޖަމާވެފައިވަނީ އެތަނަށެވެ.
ޒުވާނުންގެ ތެރެއިން ގިނަބަޔަކު އެކަމުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

ރާޝިދާ އާއި އަދުލީ ބައްދަލުވީ ރާޝިދާމެން ގެ ކައިރިންނެވެ. ރާޝިދާއާ ދިމާވުމުން އަދުލީ ވާހަކަދެއްކިއެވެ.

” ތިހެން ބުނެގެން ކިހިނެތް ޖަވާބެއް ދޭން އެނގޭނީ. ބޭނުންވާ ކަމެއް ބުނީމައެއްނު ކޮށްދެވޭތޯ ބެލޭނީ ވެސް. ” އަދުލީ ދެއްކި ވާހަކަ ރާޝިދާއަކަށް ނަގައެއް ނުގަނެވުނެވެ.

” ދަނީންއާ ބައްދަލު ނުކުރެވިގެން މިއުޅެނީ. ފޯނު ވެސް އޮންނަނީ ނިވާލާފަ. ގޮތެއް ވޭތޯ ބަލާލަދީބަލަ. ” އަދުލީގެ ކިބައިން ފެނުނީ މާޔޫސްކަމެވެ.

” ތީ އެއްވެސް ކަމެއް ނޫނެއްނު. ވާހަކަ ދައްކާލާފަ ހަބަރެއް ކޮށްލާނަން. ” ރާޝިދާގެ ޖަވާބުން އަދުލީގެ ހިތަށް ހަމަޖެހުން ލިބުނެވެ. އަވަސް އަވަހަށް ޝުކުރު އަދާކުރިއެވެ.

ރާޝިދާއަށް ދަނީން ފެނުނީ އަތިރިމަތިންނެވެ. ކުޑަކުދިންތަކެއް ގޮވައިގެން ކުޅިވަރެއް ކުޅެން ހުއްޓައެވެ. ރާޝިދާ ގޮވާލުމުން ދަނީން ދިޔައެވެ.

ވާހަކަ ދައްކަމުން ދައްކަމުން ދަނީނާއި ރާޝިދާ ދުރަށް ޖެހެލިއެވެ. ދަނީން ހުރީ އެވާހަކަތައް އަޑުއަހަން ބޭނުންވެފައެވެ. އެ ފުރުސަތަށް އެދިއެދިއެވެ. ބޭނުންވާ ކަހަލަ ވަގުތެއް ނުލިބިފައެވެ. ރާޝިދާގެ ވާހަކައިގަ ބައިވެރިވަމުންދިޔަ ދަނީންގެ ކިބައިން ފެންނަމުންދިޔަ އުފަލާއި ހިތްހަމަޖެހުން ރާޝިދާއަށް ފާހަގަވިއެވެ.

ބައްދަލުކުރަން ދަނީން އެއްބަސްވި ވާހަކަ އަދުލީގާތު ރާޝިދާ ބުނީ ފޯނުންނެވެ. ދާންވީތަނާއި ގަޑި އަދި އެކަމާއި ގުޅުންހުރި އެހެންވެސް ބައެއް ވާހަކަ ދެމީހުން ދެއްކިއެވެ.

އޮއްސުނު އިރާއިއެކު ރަށުތެރެއަށް އަނދިރިކަން ވެރިވާން ފެށިއެވެ. އިރުއޮއްސުމުގެ ކުރިން ކުޑަކުދިންތައް ގެއަށް ވައްދައި ދޮރުތައް ޖެހުމަށް އިސްކަންދިން ބެލެނިވެރިން އެކަން ކޮށް ނިންމައިފިއެވެ. މަގުތަކާއި އާންމު މައިދާންތަކަށް ވެރިވަމުން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ.

ބަނދަރު ސަރަހައްދުން ހިނގަމުންދިޔަ އަދުލީގެ މިސްރާބަކީ ހުޅަނގުކޮޅު ތުނޑިއެވެ. ރާޝިދާ ދިން މަޢުލޫމާތަށް ބަލާއިރު ދަނީން ވެސް މިހާރު އެދިމާއަށް ދާނެއެވެ. ވަގުތާއި ހާލަތަށް ބަލާއިރު އެންމެ ރައްކާތެރި ގޮތަކީ އެއީއެވެ. އެ ގުޅުން އެހެން ބަޔަކަށް އެނގޭކަށް ދެމީހުންކުރެ އެކަކު ވެސް ބޭނުމެއް ނުވެއެވެ.

މީހަކަށް ސައްކެއް ވެސް ނުވާނެހެން، ބަލައި ހޯދައި ވިސްނަމުން އަދުލީ ގޮސް ތުނޑިއަށް ނުކުތެވެ. ވަށައިގެން ހޯދާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދަނީން އަންނާނެހެން ހީވާ ދެމަގު ބަލާލިއިރު އެއިން މަގަކުން ފެންނާކަށް ނެތެވެ. އެކަނި ވީމާ އަންނަން ނުކެރިގެން ހުރެދާނެކަމަށް ހީކޮށް ފޯނުކުރިއިރު ފޯނުއޮތީ ނިވާލާފައެވެ.

ފަނަރަވަރަކަށް މިނިޓް ވީއިރު ވެސް ދަނީންގެ ހަބަރެއް ނުވިއެވެ. މަގުތައް ބަލައިލިއިރު މަގަކުން ފެންނާކަށް ވެސް ނެތެވެ.

އަދުލީއާ ބައްދަލު ކުރަން ދާން ދަނީން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ ހީކުރިވަރަށްވުރެ ލަހުންނެވެ. ގެއިން ނުކުތްއިރު މަޣުރިބު ނަމާދުން މީހުން ފައިބައިފިއެވެ. އަވަސް އަވަހަށް މަގަށް ނުކުމެ ވަށައިގެން ހޯދާލިއިރު މަގުމަތިއޮތީ ހުސްކޮށެވެ. އެއްވެސް ހިސާބަކުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ހުޅަނގުކޮޅު ތުނޑިއާ ދިމާއަށް ހިނގައިގަތް ވަގުތު ތަންކޮޅެއް ދުރުން އަދުލީ ފެނުނެވެ. ވަށައިގެން ހޯދާލަމުން އަދުލީ ކޮށްލި އިޝާރާތުގެ މާނަ ދަނީން ދެނެގަތެވެ. އެމަންޒަރު ފެންނަ ހިސާބުގައި އެހެން މީހަކު ނެތްކަން އެއީ ދެމީހުންގެ ވެސް ނަސީބެވެ.

އަދުލީ ކޮށްލި އިޝާރާތާއިއެކު ދަނީންގެ މިސްރާބު ބަދަލުކޮށްލިއެވެ. އެހެން އެއްވެސް މީހަކަށް ސައްކުވެސް ނުވާނެހެން އޭނާ ހިނގައިގަތީ ކުރިން އުޅުނު ގެއާއި ދިމާއަށެވެ. އޭނާ އާއި އަދުލީގެ ލޯބީގެ މަންޒިލަކީ އެއީއެވެ. އެއަށްވުރެ އަމާން އެއަށްވުރެ ހިތްގައި ތަނެއް ލޯބިވެރިންގެ ބައްދަލުވުމަކަށް ނުލިބޭނެކަން ދަނީނަށް ޔަގީނެވެ. އަދުލީގެ ވާހަކަތަކާއި އަމަލުތަކުން ވެސް އެކަން އެނގެއެވެ.

ގެއާއި ހަމައަށް ދަނީނަށް ދެވުނުއިރު އެހިސާބުގައި އެއްވެސް މީހަކު ނެތެވެ. ލެއްވި ނަސީބަށް އުފާކުރަމުން އަވަސް އަވަހަށް ދަނީން ގޯތިތެރެއަށް ދެމިގަތެވެ. އެދިޔަ ބާރުމިނުގައި ގޮސް ގެއާއި ގޯތިތެރެ ދިއްލާ އަލިކޮށްލިއެވެ. ތަކުރު އޭނާގާތު ދެއްކި ވާހަކަތައް ދަނީން އަބަދުވެސް ހަނދާން ބަހައްޓައެވެ.

އަދުލީ ފެނުނީ ކުއްލިއަކަށެވެ. ލިބުނު ސިހުމާއިއެކު ދަނީން ދިޔައީ ސިއްސައިގެންނެވެ. ހަޅޭލަވައި ނުގަނެވުނީ އަދުލީ އައިސް އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. ހިނިތުންވެލަމުން ދަނީންގެ ގައިގާ ބައްދާލި އަދުލީ މަސައްކަތްކުރީ ދަނީން ހިއްލާލާށެވެ. އަތްދަނޑި މައްޗަށް ލައިގެން ގެއަށް ވައްދާށެވެ.

އަދުލީ ބޭނުންވި ފުރުސަތު ދަނީން ދިނެވެ. އަދުލީގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމުގެ ސަބަބުން ދަނީންގެ ހިތް ވަނީ އުފަލުން ފުރިފައެވެ. ކޮޓަރީގެ އެނދާއި ހަމައަށް ދަނީން ދިޔައީ އަދުލީގެ އަތްދަނޑިމަތީގައެވެ. ދެމީހުންގެ ކިބައިން ވެސް ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް