“ބަލަ މަމީ މުޅި ހިންނަވަރަށް މަޝްހޫރު-!”

އިވިގެންދަނީ މި ޑައިލޮގުކޮޅެވެ. ފެނިގެންދަނީ ފުންނާބު އުސް ފައިވާނެއްގައި ހުންނަ އަންހެނެއްގެ ފައިތިލައެއް ނިކަން ބާރަށް ބިންމަތީގައި އަޅާތަނެވެ. ދެން ފެންނަނީ އަނދިރި ކޮޓަރިއެއްގައި އެލުވާލާފައި އޮންނަ ބޮތްކެކެވެ. ބޮކީގެ ފަނޑުއަލީގެ ތެރެއިން އެ ކޮޓަރިން އެއްވެސް އެއްޗެއް ނުވަތަ ތަނެއް ނުފެނެޔޭވެސް ބުނެވިދާނެއެވެ.

އާއްމުކޮށްފައިވާ ފަސްޓްލުކް ފެށެނީ ހިންދުސްތާނު މިއުޒިކުގައި ބޭނުންކުރާ ސިތާރެއްގެ ނަރަށް ކޮށްޓައިލާ ކުޅެލާފައިވާ، އަޅައިގަންނަ ގޮތެއް ހުރި މޫސީގީ އަޑަކާއި އެކުގައެވެ. ދެން ފެނިގެންދަނީ އިނގިރޭސިބަހުން ލިޔެލާފައިވާ “ކްރިއޭޓިވް މީޑިއާއިން ގެނެސްދެނީ” މި ބަސްކޮޅެވެ. އެއާއެކު ކުރިން ފާހަގަކުރި ޑައިލޮގުކޮޅާއެކު ބާރު ފިޔަޅަވަޅު އަޅާތަން ފެނިގެންދަނީ ވަރުގަދަ އަޑަކާއެކުގައެވެ.

@muniavas A glimpse into something unforgettable. The story begins… this year. 🎬 #FirstLook #ComingSoon #foryoupage #fyp #onthisday #viral #tiktokmaldives #raajjetiktok #dhivehitiktok #dhivehifilm ♬ original sound – MUNIAVAS

މިއީ “ކްރިއޭޓިވް މީޑިއާ”ގެ ނަމުގައި އުފައްދާފައިވާ ފިލްމު ޕްރޮޑަކްޝަން ހައުސްއަކުން ގެނެސްދޭން ތައްޔާރުވަމުން އަންނަ ފުރަތަމަ ފިލްމެވެ. ފިލްމުގެ ނަމެއް، ތަރިންގެ ނަމެއް، އަދި ޕްރޮޑަކްޝަންގައި ހަރަކާތްތެރިވާ މީހުންގެ މަޢުލޫމާތެއްވެސް ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް މުނިއަވަސް ޓީމަށް އެނގިފައިވާގޮތުން މި ފިލްމު އުފެއްދުމުގެ ފަހަތުގައި ތިބީ ޒުވާން، އުފެއްދުންތެރި ޓީމެކެވެ. ލިޔެ ޑައިރެކްޓްކުރަނީ ފެންވަރު ރަނގަޅު، އަދި ތަފާތު އުފެއްދުންތަކެއް ގެނެސްދެމުން އަންނަ އަޒްހާން އިބްރާހީމެވެ.

މި އަހަރު ސިނަމާއަށް ގެންނަ މި ފިލްމުގެ ކާސްޓް ހާމަކޮށްފައި ނުވިޔަސް، ފަސްޓްލުކް ވީޑިއޯއިން އިވިގެން އެދަނީ ކުރިއަރަމުން އަންނަ ހުނަރުވެރި އެކްޓަރު ޢާއިޝަތު ޢަލީގެ އަޑުކަން ޔަޤީންކުރެވެއެވެ. އެ ފައިތިލައަކީ ކާކުގެ ފައިތިލައެއްކަން އަޙްމަދު ޝާރިފަށް ނޫނަސް ޔަޤީންކޮށް ބުނަން އަހަންނަށްވެސް އެނގެއެވެ. ޢާއިޝަތު ޢަލީގެ އިތުރުން ދެން މި ފިލްމުގެ މެއިން ކާސްޓުގައި ހިމެނޭ އިތުރު ތަރިންނަކީ ކޮން ބައެއްކަން ޕްރޮޑަކްޝަން ޓީމުން ހިންޓެއްވެސް ދީފައި ނުވާތީ ޔަޤީންކުރެވިފައެއް ނުވެއެވެ.

ކޮންމެއަކަސް “ކްރިއޭޓިވް މީޑިއާ”ގެ އަލަތު ފިލްމު ފެނިގެންދާނީ މިއަހަރު ކަން ފަސްޓްލުކް ވީޑިއޯއިން ބުނެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.