ހުޅުމާލޭގައި ކުރިއަށްދާ ”ބޮޑުބެރު މުބާރާތް 2025“ގައި ލ. އަތޮޅަށް ނިސްބަތްވާ “ރިދަމް ބޮޑުބެރު” ގުރޫޕްގެ ދެވަނަ ހުށައެޅުމަށްވެސް، ފަނޑިޔާރުންގެ ފަރާތުން ކޮމެންޓްކުރަމުން މަޝްހޫރު މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ)ގެ ތަޢުރީފު، ހައްދެއް ނެތް މިންވަރަށް އޮއްސާލައިފިއެވެ. މިމަހު 25 ވަނަ ދުވަހުގެ ރޭ “ރިދަމް ބޮޑުބެރު” ގްރޫޕުން ހުށައެޅި އެމީހުންގެ އަމިއްލަ އުފެއްދުން ‘މާކުންބޭ’ ލަވައަށް ޖަޖުންނާއި ބެލުންތެރިންގެ ބޮޑު ތަރުހީބަކާއި ތަޢުރީފެއް ލިބިގެން ދިޔައެވެ.
“ޅެމަށް ބެއްޔަސް (ބެލިޔަސް)، ކިޔުމަށް ބެއްޔަސް، ރާގަށް ބެއްޔަސް، މިއީ ހައްދުންމަތީގެ ހުށައެޅުމެއް!
ހައްދު-ފަހަނައަޅައި މާބޮޑަށްވެސް މިއޮތީ މީގެ އިމޯޝަންސް މުޅިތަނަށް ފެތުރިފަ. މުޅި އެޓޮމޮސްފެއަރއަށް…
އަހަންނަށް ބުނަން ކެރިދާނެ މިއީ މިހާތަނަށް މި މުބާރާތުގަ ފެނި، އިވިގެންދިޔަ އެންމެ އެންމެ އެންމެ ރަނގަޅު އެއް ހުށައެޅުމޭ!”
* މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ)
މި މުބާރާތުގައި “ރިދަމް ބޮޑުބެރު” ގްރޫޕުން ފުރަތަމަ ރޭ ހުށައެޅި ހުށައެޅުމަށްވެސް ތޭރަގެ ތަޢުރީފުގެ ކޮމެންޓްތައް ބަންޑުންކޮށްލާފައިވެއެވެ. ތޭރަގެ އިތުރުން ދެން ތިބި ޖަޖުންގެ ތަޢުރީފުތައްވެސް ބަންޑުންކޮށްލާފައިވެއެވެ. ފުރަތަމަ ރޭވެސް އެ ބޭންޑުން ގެނެސްދިނީ އަމިއްލަ އުފެއްދުމެކެވެ.
“ރިދަމް ބޮޑުބެރު” ގްރޫޕުން ރޭ ގެނެސްދިން ހުށައެޅުމަށް އެއްވަނަ ލިބިފައިވާއިރު، ފުރަތަމަ ރޭގެ ހުށައެޅުމަށް ލިބުނީ ތިންވަނަ އެވެ.
@muniavas Rhythm Boduberu @Rhythm Boduberu #laamu #hadhdhummathi #laamuatoll #boduberuchallenge2025 #maldivesexpo2025 ♬ original sound – MUNIAVAS
ރޭގެ ހުށައެޅުމަށް ކޮމެންޓްކުރަމުން ‘ރިދަމް ބޮޑުބެރު” ގްރޫޕުގެ ލީޑް ވޯކަލިސްޓް މުހައްމަދު އަފްސަރު (ދަތްޕި)ގެ ހުނަރަށް ވަރަށް ބޮޑަށް މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ) ތަޢުރީފުކޮށްފައިވެއެވެ.
“އަފްސަރުގެ ކޮންމެ ބަހެއް، ވަރަށް ފީލްގަ ވަރަށް އިމޯޝަނަލީ ޑެލިވާކޮށްދެމުން ތި ދިޔައީ.
މުޅި ޅެމުގެ ސްޓޯރީ އެހާ ރީތި، ރާގުގެ މުއްސަނދިކަން އެހާ ތަނަވަސް، އަނެއްހެން ބުންނަޏާމުން މިއީ ދިވެހި ގަދީމީ ރަހަތަކެއް ކިޔުމުގަވެސް، ރާގުގަވެސް، ޅެމުގަވެސް ހިމެނިގެން ދިޔަ ވަރަށް ފުރިހަމަ ހުށައެޅުމެއް! ސާބަސް!”
* މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ)
ލާމަސީލުލާމުގެ “ރިދަމް ބޮޑުބެރު” ގްރޫޕުގެ އަމާޒަކީ މިއަހަރުގެ މުބާރާތުގެ ފައިނަލާ ހަމަޔަށް ދަތުރުކޮށް، ރަނގަޅުވަނައަކާއެކު ލާމުގެ ލާމަސީލުކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމެވެ.
މި މުބާރާތުގެ ފައިނަލްގައި ތިން ޓީމު ވާދަކުރާނެއެވެ. އޭގެ ތެރެއިން ދެ ޓީމު ފައިނަލަށް ދަތުރުކުރާނީ ފަނޑިޔާރުންގެ މާކުހުންނެވެ. އަދި ފައިނަލްގައި ވާދަކުރާ ތިންވަނަ ޓީމުގެ ޖާގަ ލިބޭނީ، ބެލުންތެރިންގެ މެދުގައި އެސްއެމްއެސް ކޮށްގެން، އެންމެ ގިނަ ވޯޓު ލިބޭ ގުރޫޕަކަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
