ވޭތުވެ ދިއަ ދެމަހެއްހާ ދުވަހު ރާއްޖޭގެ ގިނަ ބަޔަކު އެންމެ ގިނައިން ކިޔާފައިވާ އެއް ލަފުޒަކީ ”ސޮރީ“އެވެ. މިއީ މާފަށް އެދުމުގެ ގޮތުން ކިޔާފައިވާ ސޮރީއެއް ނޫނެވެ. ދިވެހި ފިލްމް ”ސޮރީ“ގެ ވާހަކައެވެ. ޖޫން 17ގައި އޮލިމްޕަހުގައި ނަހުލާގެ ”ސޮރީ“ އެޅުވުމަށް ފަހު މިއަދާ ޖެހެން ދެންވެސް ފަނޑުވުމެއްނެތި އިވެމުން ދަނީ ”ސޮރީ“ގެ ނަމެވެ.

އޮލިމްޕަސް ސްކްރީންގައި 50 ޝޯ ދެއްކުމަށް ފަހު އިތުރު ދުވަހެއް ލިބެން ނެތުމުން ދެން ”ސޮރީ“ މި ބަދަލުވީ ހުޅުމާލޭގެ ޝްވެކް ސިނަމާއަށެވެ. އަދިވެސް ޝްވެކްސިނަމާގެ ކޮންމެ ރެއެއް ހައުސް ފުލްކޮށް ”ސޮރީ“ ދައްކަމުން ދާ ކަމީ ހައިރާން ވާފަދަ ހަގީގަތެއް ކަމުގައިގަބޫލު ކުރަން ޖެހެއެވެ. މިހާތަނަށް 150 އަށް ވުރެ ގިނަ ރަށްރަށުގައި ދައްކާފައިވާއިރު އަދިވެސް ”ސޮރީ“ ދަނީ ކުރިއަށެވެ. ނަހުލާވެސް ގަބޫލު ކުރާ ގޮތުގައި މީ އޭނާވެސް އުއްމީދު ކުރިވަރަށް ވުރެ ބޮޑު ކާމިޔާބީއެކެވެ. އަޅުގަނޑަކީ ”ސޮރީ“ގެ ޕްރިމިއާގައި ބައިވެރިވެ ފިލްމް ބެލުމުގެ ނަސީބު ލިބުނު މީހެކެވެ.

ފިލްމީ ދާއިރާއަށް ލޯބިކުރާ ފިލްމީ ޚަބަރުތައް ގެނެސްދޭ މީހެއްގެ ހައިސިއްޔަތުން މި ފިލްމާ ބެހޭ ގޮތުން ރިވިއުއެއް ލިއެލާ ހިތް ވީނަމަވެސް ފިލްމްގެ ކުރި މަރާލެވިދާނެތީ ހައްޕު ކިޔައިގެން ހުންނަން ޖެހުނެވެ. އެހެން ނަމަވެސް ރާއްޖޭގެ ފިލްމް ބަލާ އޯޑިއަންސްގެ މަދުވެގެން 80 އިންސައްތަ މީހުން މިހާރު ބަލައިފި ކަމަށް އަޅުގަނޑު ގަބޫލު ކުރާތީ ފިލްމާ ބެހޭ ގޮތުން އެއްޗެއް ލިއެލުން އެންމެ ރަނގަޅު ކަމުގައި ގަބޫލު ކުރަމެވެ. މި ބަލައިލަނީ ފިލްމުން އަޅުގަނޑަށް ފާހަގަވި ބައެއް ކަންކަމާ މަންޒަރު ތަކަށެވެ.

ނާޝް، އެވްލީ އަދި ލާލި

ފިލްމު ފެށުން ހަނދާން ކޮށްދިނީ އަދިއަދަށް ދާންދެންވެސް އެންމެ ފޭވަރިޓް ލިސްޓްގައި ހިމެނޭ އެއް ފިލްމް ކަމުގައިވާ ”ޒުލޭޚާ“އެވެ. އިވުނީ ނާޝްގެ އަޑެވެ. އަނެއް ކޮޅުން ޓީވީން ފިލްމު ”ޒުލޭޚާ“ ބަލަން އިންދާ ފެނިގެން ދިއައީ ވީޑިއޯއިން އެފެންނަ ނާޝްގެ އުމުރާ ގާތްގަޑަކަށް އެއްއުމުރެއްގެ ކުއްޖެކެވެ. މިއީ މި ފިލްމުން އަލަށް ތައާރަފްވި ނާޝް އަށްވުރެ 20އަހަރު ހަގު ނާޝްގެ ކޮއްކޮ ލަޔާލީ އެވެ. މިހާ ހިސާބުން ފިލްމަށް އޮތް ޝައުގު ވެރިކަން އިތުރުވެގެން ދިއައެވެ. ދެން ވައްޓާލީ ހާސްކަމެއްގެ ތެރެއަށެވެ. ބަތަލާ އައްޒަ އޮތީ ކޯމާއެއްގައެވެ. އެހާ ހިސާބުން މާޒީގެތެރެއަށް ވަދެގެން ދެއެވެ. ނަހުލާ ފިލްމު ތަކުގައި އިހު ހުރި ރޮމޭންޓިކްކަން އިހުނަށް ވުރެވެސް ފުރިހަމައަށް ގެނެސް ދޭން މި ހަވާލުވީ ހަމަ ޔޫއްޕެއެވެ. ޔޫއްޕެ ފެނިގެން ދިއަ ތާޒާ ކަމާ ރޮމޭންޓިކު ކަމުން އަދިވެސް މިބަޔަށް ހަމަ މިވަރެއް ނެތޭ ހިތަށް އެރިއެވެ. ދެން އައީ ދިރިއުޅުމުގެ ހައިޖާނު ގަނޑެކެވެ. ޔޫއްޕެއާ އައްޒަ ވަކިވާން ޖެހުނު އިރު އައްޒަ އިނީ ބަލިވެއެވެ. ކޯމާއިން އެނބުރި އަންނަ އިރު ދަރިފުޅު ވަނީ ނިޔާވެފައެވެ. މިއީ އައްޒައަށް އެނގިފައިވާ ގޮތެވެ. އައްޒަ އެހެން ދިރިއުޅުމެއް ފަށާ ކުޑަ ދުވަސް ކޮޅެއްގެތެރޭ އެ ދިރިއުޅުން ވެސް ނިމުމަކަށް އާދެއެވެ. އަދި އީސަ އައްޒައާ ވަކިވެގެން ދާއިރު އޭނާ އިންނަނީ ބަލިވެއެވެ. އެކައިވެންޏަށް ލިބެނީ އެވްލީއެވެ. މިއީ މި ފިލްމް ފެށިއިރު ޓީވީއިން ފެނުނު ފިލްމް ޒުލޭހާގެ ބަތަލާ ނާޝްގެ ދަރިފުޅެވެ. އެހާ ހިސާބުން ލަޔާލީއާ އެވްލީ މިފިލްމައިގެން މިއައީ ޒުލޭހާއަށް ޗެލެންޖް ކޮށްލަން ކަމުގައި ގަބޫލު ކުރެވުނެވެ.

ލާލި، ނަހޫ އަދި އެވްލީ

އަޅުގަނޑަށް ފިލްމްގެ އަސްލު ވާހަކަ ފެށެނީ މިހާ ހިސާބުންނެވެ. މަހުޖަނެއް ކަމުގައިވާ ޖާބިރުގެ ކާފަ ދަރިފުޅު އެވްލީ އަކީ ޖާބިރާ ޒާރާގެ ފުރާނައެވެ. އެވްލީ ފެންނަނީ ވަރަށް މަޖާ މިޒާޖެއްގެ ކުއްޖެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އޭނާއަކީ އޭނާގެ ހިތުގެ ތެރޭގައި އެތައް ޝަކުވާއަކާއި އެތައް ވޭނެއް ފޮރުވައިގެން ދިރިއުޅެމުން އަންނަ ލޭ އަޅާ ކުއްޖެކެވެ. ލޭ އަޅާ ކުއްޖަކަށް ކުރިމަތިވާ ގިނަ ކަންތައްތަކެއް މިފިލްމުގައި ކުރުކޮށް ބަޔާން ކޮށްދީފައި ވީނަމަވެސް ލޭ އަޅާ ކުއްޖެއްގެ އިހުސާސްތައް ބަޔާން ކޮށްދީފައި ވަނީ އެއަސަރު ބެލުން ތެރީންގެ ހިތުން ފިލުވައިލަން ދަތިވާ ފަދަ ގޮތަކަށެވެ. އެކުވެރީންގެ ތެރޭގައި ވަރަށް އެކަހެރިކޮށް އުޅެމުން އަންނަނިކޮށް އެވްލީއާ ލާލީ ބައްދަލުވެ ގާތް ކަމެއް އުފެދެއެވެ.

ފިލްމު ”ސޮރީ“ގެ ފަންސާސް ޝޯ ފާހަގަކުރުމުގެ ހަފުލާގެ ތެރެއިން

އެވްލީގެ ގެއިން ލާލީއަށް ލާލީގެ އަސްލު މަންމައާ ބައްދަލު ވެއެވެ. އެހެންނަމަވެސް އެކަމެއް އޭރަކު ދެމީހުން ކުރެ އެކަކަށްވެސް ނޭގެއެވެ. ފިލްމުގައި އެންމެ ފުރަތަމަ ކަރުނަ ހިލުވާލަނީ އެހިސާބުންނެވެ. ”މަންމަ އެއް ލިބުމަށް ހާދަހާ ބޭނުމޭ“ މި ލަވައިގައި ލަޔާލީގެ އެކްޓިންނަށް ހަމަ ސާބަހޭ ބުނެލެވުނެވެ. އޭނާ ބަހެއް ނުބުނެ އިނދެ ދެލޮލުން ހުރިހާ ވާހަކަ އެއް ދައްކާލީ ބެލުންތެރީންގެ ދެލޯ ކަރުނުން ބަރު ކޮށްލަމުންނެވެ. ހިފަހައްޓާލައިގެން ހުރި ކަރުނަތައް ބަންޑުން ވެގެން ދިއައީ އެވްލީ އާ ލާލީ ކޮޓަރީގައި ތިބެ ރޮމުން އެދެއްކި އަސަރުގަދަ ވާހަކަ އިންނެވެ. އުފާވެރި ހިނިތުން ވުމެއްގެ ނިވަލުގައި ފޮރުވިފައި ހުރި އެވްލީގެ ހިތުގެ ރިހުންތައް ބަންޑުން ޖަހާލި ހިނދުއެވެ. އެއީ ބައްޕައެއްގެ ލޯތްބަށްޓަކައި ތެޅި ފޮޅެމުން އައި ދަރިއެއްގެ ރިހުމެވެ. ދިރިއުޅުމުގެ އުއްމީދު ކުޑަވެފައިވާ ލޭ އަޅާ ކުއްޖެއްގެ ރިހުމެވެ. އެފަދަ ކުއްޖަކު ތަހަންމަލުކުރަމުންދާ އެތައް ކަމެއް ވޭނާ ރިހުމާ ކަރުނަޔާއެކު އޭނާ ބަޔާންކޮށްދިނީ އަހަރުމެންނަށް އެފަދަ ކުދީންނާ ދޭތެރޭ ކުރީން ވިސްނާ ނުލެވި ހުރި މިންވަރު އަހަރުމެންނަށް އިހުސާސް ކޮށްދެމުންނެވެ. ދެން ވާނީ ކިހިނެއްބާއޭ ހިތަށް އަރައަރާ ތިއްބާ އިންޓަވަލްވެ ލައިޓްތައް ދިއްލުނީ ލޯ ފޮހެލާނެ ފުރުސަތުވެސް ނުދީއެވެ.

ފިލްމު ”ސޮރީ“ގެ ފަންސާސް ޝޯ ފާހަގަކުރުމުގެ ހަފުލާގެ ތެރެއިން

އިންޓަވަލު ފަހުން ފެށުނީ ހަނގުރާމައެއް ފަދަ ވަގުތު ތަކެކެވެ. އެއް ކަމަކަށް ފަހު އަނެއް ކަމެއް ވަމުން ދިއައީ ނޭވާލާނެ ވަގުތުވެސް ނުދީއެވެ. ހިތުގައި އެތައް ސުޥާލު ތަކެއް އުފައްދަމުންނެވެ. އެހެން ނުވި ނަމައޭ ހިތަށް އަރާ އެތައް ހާލަތްތަކެއް ކުރިމަތިކުރުވަމުންނެވެ. ޖުމްލަކޮށް އެންމެންގެ އެކްޓިންގްވެސް އެހާ ފުރިހަމައެވެ. ޝަމީލްގެ އާދަޔާޚިލާފް މޮޅު އެކްޓެއް ފެނިގެން ދިއައިރު މިއީ ބަތަލާ އައްޒަވެސް މިހާތަނަށް ދައްކާފައި ނުވާ ވަރުގެ ހުނަރުވެރި އެކްޓިންއެއް ދައްކާފައިވާ ފިލްމެކެވެ. މިއީ ވާޝިޔާގެ އެހެން ފިލްމްތަކާ ޚިލާފަށް އޭނަގެ ހުނަރުވެރިކަން ދައްކާލަން ލިބުނު ފުރުސަތެއް ކަމުގައި ބެލެވުނެވެ. އީސަގެ ސަބަބުން އޯޑިއަންސަށް ލިބުނު ޝޮކާ އެކު ހިތުގައި ޝަކުވާތަކެއް އުފެދިގެން ދިއައެވެ. ހަގީގަތް ދަރިފުޅަށް ނޭނގި ވަކިވެގެން ދާން ޖެހުނީތީ އީސައާ ދޭތެރޭ ހަމްދަރްދީ ވެފައި އިނދެވުނެވެ. ވެދާނެ ގޮތެއް ނޭގި ދެން ވާނެ ގޮތަކަށް ޝައުގުވެރިކަން އެންމެ ބޮޑަށް އުފެދުނު އެއް ފިލްމަށް މިފިލްވެގެން ދިއައެވެ. އެހެން ނުވި ނަމައޭ…. މިހެން ނުވާނެ ނަމައޭ ހިތަށް އެރި އެތައް ފަހަރެއް ދިއައެވެ.

ހިތުގައި ހަރުލި އެއް ޖުމުލަ ބުނަލާނަމޭވެ. އެއީ އެވްލީއާ ލާލީ ވަކިވެގެން ދިއަ އަސަރު ގަދަ ވަގުތެވެ. ވަކި ވުމުގެ ކުރީން އެވްލީ ބުނެލީ ”އަދި އަހަރުމެން ޖަންނަތުން ބައްދަލުވާނެ“ އެވެ. ފިލްމު ނިމިގެން ދިއައީ ހަގީގަތުގަވެސް ހިތް ހަލާކުކޮށްލާފައެވެ.

އެހެން ފިލްމް ތަކާ ޚިލާފަށް މި ފިލްމުގައި އޯޑިއަންސްގެ ފަރާތުން ފެނުނީ ވަރަށް ތަފާތު މަންޒަރެކެވެ. ފިލްމް ނިމެންދެން ވެސް މުޅި ހޯލު އޮތީ ހިމޭން ވެފައެވެ. ނިމިގެން ޓައިޓްލްސްތައް އަރަމުންގޮސް ވަކި ހިސާބަކަށް ދަންދެން ގޮނޑިތަކުން މީހުން ނުތެދުވާކަން ފާހަގަ ކުރެވުނެވެ.

ފިލްމު ގެނެސް ދީފައިވާ ގޮތުން ދެވަނަ ފަހަރަށް ބަލާލުމުގެ ޝައުގު ވެރިކަން އިތުރުވެގެން ދިއައެވެ. މި ފިލްމު މިހާ ވަރަށް ހިނގުމުގެ ސަބަބަކީ ވެސް މިއީ ކަމަށް ވެދާނެއެވެ. ތަކުރާރުކޮށް ބަލާ މީހުން އިތުރުވުމެވެ. ކޮންމެއަކަސް ”ސޮރީ“އަށް ބުނެލަން އޮތީ ހަމަ ސާބަހެވެ. ”ސޮރީ“އަކީ މުޖްތަމައުއަށް އަގުހުރި ފިލާވަޅެކެވެ. މިއީ ލޯތްބާ އަޅާލުމާ ހިތާމައާ ހިތްދަތިކަމާ ވޭން ދައްކުވައިދިން ދަރުސެކެވެ. އެތައް ބައެއްގެ ނިންމުން ތަކަށް ބަދަލުތަކެއް އަންނާނެ ވަރުގެ އިބްރަތެކެވެ. ޒަމާން ތަކަކަށް ދެމިގެން ދާނެ ހަނދާނެކެވެ. ”ސޮރީ“ އަކީ ތާރީޚް ބަދަލު ކޮށްލި ވަރުގަދަ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.