ޑާކް ރެއިން އެންޓަޓެއިންމެންޓުން 2024ވަނަ އަހަރު ރިލީޒްކުރި ވަރުގަދަ ފިލްމު “ފުރޭތަ” އުފެއްދި ޓީމުން ގެނެސްދޭ ފިލްމު “އަލިފާން”ގެ ރަސްމީ ޕޯސްޓަރު އާއްމުކޮށްފި އެވެ. އާއްމުކޮށްފައިވާ ޓީޒާގެ މަންޒަރުތަކާއި އަޑުތަކުން މި ފިލްމަކީވެސް ދިލަގަދަ، ވަރުގަދަ ފިލްމަކަށް ވެގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.
ފިލްމުގައި ހަރަކާތްތެރިވާ މުހިންމު ހުރިހައި ތަރިން ކަހަލަ ގޮތަކަށް ފެނިގެންދާ ޕޯސްޓަރުން މި ފިލްމުގެ ވަރުގަދަކަން ފެނިގެންދެއެވެ. މިއީ ޑާކްރެއިންގެ 37 ވަނަ ޕްރޮޖެކްޓެވެ.
މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ މުހައްމަދު އަލީ (މޮގާ)އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު ޑައިރެކްޓުކުރި މި ފިލްމުގެ ސްކްރީން ޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ.
ޕްރޮޖެކްޓް 37ގެ ގިިނަ މަސައްކަތްތަކެއްގައި ހަރަކާތްތެރިވެފައިވަނީ ޑާކްރެއިނުން މިދިޔަ އަހަރު ނެރުނު ހިޓް ފިލްމު “ފުރޭތަ”ގެ މަސައްކަތް ވެސް ކޮށްފައިވާ ފަންނާނުންނެވެ.
އުމުރުން 18 އަހަރުން މަތީ އުމުރުފުރާއަށް ކްލެސިފައިކޮށްފައިވާ މި ފިލްމުގެ ޓްރެއިލާއިން ގޭންގް ވަޔަލެންސާއި އެމީހުންގެ ބަހުރުވަ ދައްކައިދެއެވެ. ފައިޓް ސީންތަކެއް ފެނިގެންދެއެވެ. ފައިސަލްގެ ތަފާތު ލުކާއި، އަބްްދުﷲ ނިޔާޒު (ޖޭމު އައްލޯ)ގެ ފައިޓް ސީންގެ އިތުރުން ޝީލާ ނަޖީބް ކުޅެފައިވާ ތަފާތު ރޯލުގެ މިންވަރެއް ފެނިގެންދެއެވެ. މީގެ އިތުރުން ޝަރަފް، އަލީފްގެ އިތުރުންވެސް އިތުރު މޫނުތަކެއް ފެނިގެންދެއެވެ.
ފިލްމު “އަލިފާން”ގެ ޝޫޓިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ނިންމާލާފައިވާއިރު މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކަމަށް ޑާކްރެއިން އިން ބުނެ އެވެ.
މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ 06 އޮކްޓޯބަރު 2025ގަ އެވެ.

