ވޭތުވެ ދިޔަ 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދެގޮތެއް ނުވެ ދިވެހި ފިލްމީ އޯޑިއަންސްގެ އެންމެ ގިނަބައެއްގެ އިތުބާރާ ތާއީދު ލިބިފައިވާ ފަރާތަކީ ފާތުމަތު ނަހުލާއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ދިގު ބްރޭކަކަށް ފަހު މިދިއަ ޖޫން މަހު 17 ގައި އޮލިމްޕަހުގައި ރިލީސްކުރި ސޮރީ މި ފިލްމަށް އަދިވެސް ލިބެމުން ދާ ތަރުހީބުން ”ނަހުލާ“ މި ބްރޭންޑަށް އާންމުން ކުރަމުންދާ އިތުބާރު އަދިވެސް ފަނޑުވުމެއް ނެތް ކަން ފާހަގަ ވެއެވެ.

އޮލިމްޕަހުގައި 50 ޝޯ ދެއްކުމަށް ފަހު އިތުރަށް އޮލިމްޕަސް ލިބެން ނެތިގެން ހުޅުމާލޭ ޝްވެކް ސިނަމާއަށް ސޮރީ ބަދަލުކޮށްލުމަށް ފަހު ވެސް މިހާތަނަށް ދެއްކި ކޮންމެ ޝޯއެއް ދައްކާފައިވަނީ ހައުސް ފުލް ކޮށެވެ. މިކަމުގެ ސިއްރަކީ ކޮބައިތޯ ސުޥާލު ކުރުމުން ނަހުލާ ބުނީ:

އަސްލުގަ އެވަރުގެ ޕްރޮމޯޝަނެއްވެސް ނުޖައްސަން…. އަޅުގަނޑަށް ހީވަނީ ފިލްމު ރަނގަޅު ވީހެން…. އެއްބަޔަކު އެތައް ފަހަރަކު ބަލާލަން ބޭނުންވާ ކަހަލަ ފިލްމަކަށް ވީ ކަންނޭގެ…. ރިޕީޓް ވަރަށް ގިނަ. އޮލިމްޕަހުން ބަލާފަވެސް ޝްވެކް އިން އެބަބަލާ ހަމަ!

— ފާޠިމަތު ނަހުލާ

ނަހުލާ ބުނީ އޭނާ ބޮޑަށް ބަލަނީ ފިލްމު ރަނގަޅު ކުރުމަށް ކަމަށާއި ފިލްމު ރަނގަޅު ވެއްޖެ ނަމަ އޮޓޯއިން ފިލްމު ހިނގާނެ ކަމަށް ގަބޫލު ކުރާކަމަށެވެ.

ފިލްމު މީހުނަށް ކަމުދާ އެއްޗަކަށް ހެދުމަށްޓަކާ އަޅުގަނޑަށް ކުރެވުނު ހުރިހާ ކަމެއް އަބަދުވެސް ކުރަން… އަދި އޭރުގެ ފިލްމުތައް ވެސް އެވަރަށް ހިނގާފަ ހުރީމަ އެއަށް ވުރެ ރަނގަޅަށް ހެދޭތޯ ބެލީ… އިރާދުކުރެއްވީތީ ވަރަށް ކާމިޔާބު.

— ފާޠިމަތު ނަހުލާ

ފިލްމަކީ ގިނަ ބައެއްގެ ދިރިއުޅުމާ ގުޅޭ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. ނަހުލާގެ ކޮންމެ ފިލްމަކީ ވެސް އަސަރުން ފުރިގެންވާ ފިލްމު ތަކަކަށް ވެފައިވާއިރު ނަހުލާގެ ފިލްމެއް ބަލާލަން ދާ މީހުންގެ ތެރޭގައި ސިނަމާގައި އިނދެގެން ރޯލަން ބޭނުންވާ މީހުންވެސް މަދެއް ނޫނެވެ. އެންމެ ހައިރާންވާން ޖެހޭ ކަމަކީ މި ފިލްމު ”ސޮރީ“ އެކަކު 3 ފަހަރަށް ބަލާފައިވެސް ރޮވޭވާހަކަ ބުނާތީއެވެ. މިހާރުވެސް މިފިލްމުގެ ޓިކެޓް ދަނީ ވިކެމުންނެވެ. ޝޯތައްދަނީ ފުރެމުންނެވެ.

މިވަގުތު ވިއްކަމުން ދަނީ މިމަހު 19 ވަނަ ދުވަހުގެ ރޭގެ ޝޯގެ ޓިކެޓެވެ. ފިލްމުގެ ޓިކެޓް ހޯދަން އެދޭ ފަރާތްތަކަށް 7844422 އަށް ގުޅާލުމުން އޮންލައިން ކޮށް ޓިކެޓް ލިބޭނެއެވެ.

@crystalentertainmentmv Now selling Tickets for 19th Sep 7844422. @Fathimath Nahula @Naash Sinan @Shiela Najeeb @AxzxA @Washiya @Ibrahim Zaid Ali ♬ original sound – Crystal Entertainment

މި ފިލްމުގެ ވާހަކަ ތަފާތު އެކި ހިސާބުން އެކި ކަންކަމަށް ފޯކަސް ކުރަމުން ދިއައިރުވެސް ފިލްމުގެ ކޮންމެ ހިސާބެއްގައިވެސް ދައްކަން ޖެހޭ އަސަރުތައް ވަރަށް ފުރިހަމައަށް ގެނެސް ދީފައިވާކަން ފާހަގަ ކުރެވެއެވެ. ފޫހި ދިގު އެއްވެސް މަންޒަރެއް ނެތްކަމާ ނޭވާ ހިފަހައްޓާލައިގެން އިނދެ ބަލާ ނިންމާ ލެވުނު 3 ގަޑިއިރުކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. ފިލްމުގައި ކެރެކްޓަރ ގެންގުޅެފަވާ ގޮތާ ކެރެކްޓަރ ހިފަހައްޓާފައިވާ ގޮތާ ހުރިހާ ތަރީންގެ ބައިވެސް އަދާކޮށްފައިވާ ފުރިހަމަކަން ފާހަގަ ކުރެވެއެވެ. ލޯބީގެ އަސަރުތަކާ ޖަޒްބާތުން ފުރިފައިވާ އަސަރުތައް… ނަފްރަތާ ހިތާމަވެސް ދައްކުވައިދީފައިވަނީ އެހާ ފުރިހަމައަށެވެ.

މިފިލްމުގެ ތަރީންގެ ހުނަރުވެސް އެހާ ފުރިހަމައެވެ. އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނީ ފިލްމުން ފެނިގެން ދިޔަ ކުޑަ ދެކުދީންނެވެ. މިއީ މިވަރުގެ ބޮޑު ރޯލެއް ކުޑަ ދެކުދީން ކުޅެފައިވާ ފުރަތަމަ ފިލްމޭވެސް ބުނެވިދާނެއެވެ. ނަހުލާގެ ދަރިފުޅާއި ނާޝްގެ ދަރިފުޅު ދައްކާދީފައިވާ ހައިރާންވާ ފަދަ ހުނަރަށް އާންމުންގެ ތަރުހީބު އަދިވެސް ދަނީ އޮހެމުންނެވެ.

ނަހުލާގެ ފިލްމުތަކުން އަބަދުވެސް އެންމެ ފާހަގަ ކޮށްލެވެނީ ލަވަތަކެވެ. ކޮންމެ ފިލްމެއްގައިވެސް ލަވައިގެ މެލޮޑީއާ މިއުޒިކް އަދި ޅެންވެރިކަން ފިލްމާ ގުޅިލާމެހިފައިވުމާއެކު ފިލްމުން ބޭރުނުވެ ލަވަތައް ބަލާލެވޭ ކަމީ ފިލްމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަމެކެވެ. މި ފިލްމުގައިވެސް އެފަދަ ލަވަތަކެއް ހިމެނިފައިވެއެވެ. ޓިކްޓޮކް ފަދަ ޕްލެޓްފޯމް ތަކުގައި މި ލަވަތައް އަދިވެސް ފޯރިއާއެކު ހިނގަމުން ދާކަމީ މިފިލްމްގެ ލަވަތައް އާންމުންނަށް، ހާއްސަކޮށް ޒުވާނުންނަށް ކަމުދިޔަކަން ސާބިތުވާ ހެއްކެކެވެ.

ނަހުލާ އަކީ ފެށުނީއްސުރެ ކޮންމެވެސް އިޖްތިމާޢީ މައްސަލައަކަށް ފިލްމް ހަދަމުން އަންނަ މީހަކަށް ވެފައި އާންމުންގެ އިހުސާސްތަކާ ކުޅެލަން ދަންނަ ލިއުންތެރިއަކަށް ވެފައި ވުމަކީ ނަހުލާގެ ފިލްމު ހިނގުމަށް ލިބިފައިވާ ޕްލަސް ޕޮއިންޓެކެވެ. ކޮންމެއަކަސް ނަހުލާގެ ”ސޮރީ“އަކީ ގިނަ ދިވެހީންގެ ހިތްތަކާ ކުޅެލި ފިލްމެކެވެ. ބަލާ ފޫހި ނުވި ފިލްމެކެވެ. އަދިވެސް ”ސޮރީ“ގެ ޝޯތައް ދަނީ ކުރިއަށެވެ. ހަމަ ހައުސްފުލްކޮށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.