ފިލްމު ”އަލިފާން“ އިހަށް އެ އޮތް ތަނުގައި ބާއްވާލާފައި، 1941 ވަނަ ރިލީޒްކުރި ފިލްމެއް ކަމަށްވާ ”ސިޓިޒަން ކޭން“ އަށް ޖެހިލާނަމެވެ. އެ ފިލްމަކީ ފިލްމީ ކަންކަމަށް ލޯ ހުޅުވިފައިވާ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެ ފަދައިން ’މާސްޓާޕީސް’އެކެވެ. ޔޫޓިއުބް ޗެނަލެއް ކަމަށްވާ ’ނައު ޔޫ ސީ އިޓް’ގައި ބުނެފައިވާ ގޮތުން ފިލްމެއް، މަޤުބޫލު ފިލްމަކަށް ވަނީ އެ ފިލްމެއް އުފެއްދުމުގައި ބޭނުންކޮށްފައިވާ ތަފާތު ގޮތްތަކުގެ ސަބަބުން ’ސިނަމާގެ އަސަރު‘ އެ ފިލްމެއްގައި އެކުލެވިފައިވާނަމައެވެ.

މާސްޓަޕީސް ފިލްމަކީ ހުރިހާ ކަމެއް ރަނގަޅަށް ހުންނަ ފިލްމެވެ. ނުވަތަ އެވަރެޖްކޮށް ގިނަ ކަންކަން ރަނގަޅަށް ހުންނަ ފިލްމެވެ. ވާހަކަ، މަންޒަރުތައް، ކެރެކްޓާތައް، ހުށައަޅައިދެވިފައިވާލެއް ފުރިހަމަވެ، ހުރިހައި ކަމެއް ރަނގަޅަށް ހުރުމެވެ. ބިރުވެރި މަންޒަރުތަކުން ހަގީގަތުގައި ބިރުގަންނަ ގޮތް ވުމެވެ. ޖަޒުބާތީ މަންޒަރުތަކާއި އަޑުތައް ތިމާގެ ސިކުނޑީގައި ހަރުލައި ހުންނަގޮތް ވުމެވެ. އަދި ފިލްމު ބެލިތާ އެތަކެއް ދުވަސްތަކެއް ފަހުން ވެސް އެ ފިލްމުގެ މިއުޒިކް ތިމާގެ މޭގައި ހަރުލައި ހުންނަގޮތް ވާނަމަ އެއީ ’މާސްޓަޕީސް’އެކެވެ.

2025 އޮކްޓޫބަރު 06 އޮލިމްޕަސް ސިނަމާގައި ރިލީޒްކޮށް، މިހާރު ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ ފިލްމު ”އަލިފާން“ އެއީ މާސްޓަޕީސްއެއް ކަމަށް ފިލްމު ބެލި މީހުން އަންނަނީ މީސްމީޑިއާއާއި އާއްމު މީޑިއާތަކުގައިވެސް ބުނަމުންނެވެ. ފިލްމެެއްގެ މޮޅު ދެރަކަމާއި އެ ފިލްމުގެ ސަޅިކަން، ކަޑަކަން، އަދި ވައިކަންވެސް ކަނޑައަޅާނީ ފިލްމު ބެލުންތެރިންނެވެ. އެއީކީ ފިލްމު ބަލައިލަންދާ ނޫސްވެރިންނަށް ނުވަތަ ވާދަވެރި ފިލްމު އުފެއްދުންތެރިންނަށް ކަނޑައެޅޭނެ ކަންކަމެއް ނޫނެވެ.

ހިންދީ ފިލްމުތަކުން ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ މާސްޓަޕީސް ފިލްމަކީ ”ޝޯލޭ“ އެވެ. 1975 ވަނަ އަހަރު ނެރުނު ފިލްމު ”ޝޯލޭ“ މާސްޓަޕީސްއަކަށް ވީ ފިލްމު އުފައްދާފައިވާ މައިގަނޑު ތީމް، ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ކެރެކްޓާތަކެއް ހިމަނާފައިވުމާއި ހަނދާނުން ފިލުވައިލަން ދަތިވާނެ ފަދަ ވަރުގަދަ ޑައިލޮގުތަކެއް އެ ފިލްމުގައި ހިމަނާފައި ވާތީއެވެ.

ފިލްމު ”އަލިފާން“ މިއީ މާސްޓަޕީސްއެއް ކަމަށް ބުނާ ބެލުންތެރިންވެސް ފާހަގަކުރަނީ މި ފިލްމުގައި ގެނެސްދީފައިވާ ވާހަކަ ތަފާތު ވުމާއި، ފިލްމުން ފެންނަ ވަރުގަދަ ބައެއް ކެރެކްޓާތަކާއި ފިލްމުގައި ބޭނުންކޮށްފައިވާ ވަރުގަދަ ބަހުރުވައެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވާލެއް ސަޅިކަމާއި، ފިލްމު ވަރުގަދަކުރުމަށް ކޮށްފައިވާ ބުރަ މަސައްކަތްތައްވެސް މި ފިލްމު ބެލި މީހުންނަށް ފާހަގަކުރެވެއެވެ.

މީހެއްގެ ގާތުގައި އޭނާއަށް އެންމެ ކަމުދާ ފިލްމަކީ ކޮބައިތޯ އަހައިލުމުން، އެ ފިލްމަކަށް ލިބުނީ ކިތައް އެވޯޑްކަމާ، ފިލްމު އުފައްދަން ހޭދަކުރީ ކިހައި ފައިސާއެއްކަން ފަދަ ކަންކަމަށް ރިޔާޔަތެއް ނުކުރާނެއެވެ. އެމީހަކު ބުނެދޭނީ އޭނާއަށް އެ ފިލްމުން ކުރުވި އިހުސާސްގެ ވާހަކައެވެ. އެހެންކަމުން މާސްޓަޕީސްއެއް ކަނޑައެޅުމަށް ބަލަންޖެހޭ ހަމައެކަނި އުސޫލަކީ އެއީ ކަމަށްވެސް ބެލިދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.