މިއީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ މުނިއަވަސް ޓިކްޓޮކް އަށް ”ކްރާފްޓެޑް އިން ލާމު“ އެކައުންޓުން މެސެޖެއް ލިބުނެވެ.

”ހެލޯ އަހްމަދު. މި ޕޭޖާ ބެހޭ ގޮތުން ނިއުސްއެއް ނުވަތަ އާޓިކަލްއެއް ލިޔެވިދާނެތަ. އައި އޭމް ފްރޮމް ލާމު އެޓޯލް

ކްފާރްޓެޑް އިން ލާމު ޓިކްޓޮކް އެކައުންޓު

ހަމަ ގައިމުވެސް މެސެޖް ކުރީ އަހަރެން ދަންނަ މީހެއްކަން ޔަޤީންވީ މުނިއަވަސް އެކައުންޓަށް މެސެޖުކުރި އިރު އަހަރެންގެ ނަން ބޭނުންކުރީތީއެވެ. ވަގުތުން އެ އެކައުންޓުގައި ހުރި ވީޑިއޯތައް ބަލައިލީމެވެ. ކަންފަތުލާ މުންޖާ، އުއްބައްތި އަދި ތަޅުދަނޑި ފޫ ފަދަ ތަކެތި ތައްޔާރުކޮށްފައި ހުރީ ރީޔޫސް އަދި ރީސައިކަލްކޮށްގެންނެވެ. އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުރި ކަންފަތުލާ މުދި (އިއަރ ރިންގްސް)ތައް ވަރަށް ހިތްގައިމެވެ. ކޮށްފައި ހުރި މަސައްކަތްތައް ނިސްބަތުން މަދު ނަމަވެސް، އެ މަސައްކަތާމެދު ހިތު ތެރޭގައި ތަޢުރީފުކޮށްލެވުނީ ބޭނުންކޮށްފައިވާ ނަމާއި، މޮޓޯގެވެސް ސަޅިކަމުންނެވެ.

@recyclelaamu ✨ Together, we’re turning trash into beautiful wearable art. ♻️ #creatorsearchinsights #recyclelaamu ♬ original sound – Crafted_in_laamu

ކްފާރްޓެޑް އިން ލާމުގެ ފަހަތުގައި ތިބީ ކޮންބައެއްތޯ ނުވަތަ ހުރީ ކާކުތޯ ބަލައިލާހިތްވީ އެ މަސައްކަތްތަކުގެ ހިތްގައިމުކަމާއި އެ ކޮންސެޕްޓްގެ ސަޅިކަމުންނެވެ. ކޮންސެޕްޓަކީ ނުވަތަ މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ އުކާލެވޭ ތަކެތި އަލުން ބޭނުންކުރުމާއި ބޭނުންތެރި އައު އެއްޗެއް އުފެއްދުމެވެ. އެއީ ލ. އަތޮޅުގެ ގޮނޑުދޮށްތަކުން ހޮވާ ޕްލާސްޓިކްގެ ކުނިބުނި ބޭނުންކޮށްގެންނެވެ.

”ލާމު އަތޮޅުގެ ބީޗާ، މިތާ އޯޝަންއާ އެންވަޔަރަމަންޓަށް ވިސްނާފަ ލާމު އަތޮޅުގަ މިގޮތަށް ކުރާ ފުރަތަމަ މަސައްކަތްތަކަމަށް އަހަންނަށް ހީވަނީ.

އަސްލު ބޭނުންވަނީ ލ. އަތޮޅުގެ ރީތި ބީޗްތަކަށް ޕްލާސްޓިކް ކުނިބުނި އެޅުން މަދުކުރުމާމެދު ހޭލުންތެރިކުރުވުމާއެކު ކުނިބުނިން ބޭނުންތެރި އެއްޗެއް އުފެއްދުން.“

– – ކްފާރްޓެޑް އިން ލާމު ހިންގާ ޒުވާނާ

ކްރާފްޓެޑް އިން ލާމު ހިންގަމުން އަންނަ އާދަން އޭނާގެ މި މަސައްކަތުގެ ތަޢާރަފު ދެމުން ފާހަގަކުރިއެވެ. އާދަން ބޭނުންވަނީ މި މަސައްކަތުގެ ތެރެއިންވެސް ލ. އަތޮޅާއި އަތޮޅުގެ ގުދުރަތީ ރީތިކަން އިޝްތިހާރުކުރާށެވެ.

”އެފަދަ ޕްލާސްޓިކުން އިއަރިންގްސް، ކީ ޗެއިންއާ ބޭގްގަ އަޅުވާ އެއްޗެއްސާ…. މިސާލަކަށް ފަށުފުލާ އެފަދަ ތަކެތި މި ހަދަނީ.

މިހާރު ދެން ފުދޭވަރަކަށް މެސެޖްކުރޭ ގަންނަން، މިހާރު ފުދޭ ވަރަކަށް ތަކެތި ވިކިއްޖެވެސްމެ.“

ކްފާރްޓެޑް އިން ލާމު ހިންގާ ޒުވާނާ

ރިޒޯޓްގައި ވަޒީފާ އަދާކުރަމުން ޑިއުޓީ ނިމިގެން ލިބޭ ހުސްވަގުތުގައި އާދަން ކުރަމުން އަންނަ މި މަސައްކަތުން މިހާރު ކޮންމެވެސް ވަރެއްގެ ނަފާއެއްވެސް މިވަނީ ހޯދަން ފަށާފައެވެ.

ކްރާފްޓެޑް އިން ލާމުގެ ޓިކްޓޮކް އެކައުންޓެއްގެ އިތުރުން އިންސްޓަގްރާމް ޕޭޖެއްގައިވެސް އާދަންގެ މަސައްކަތްތައް ޕްރޮމޯޓްކުރެއެވެ. މި މަސައްކަތުގެ ރަސްމީ މީސް މީޑިއާގެ މަންސައަކީވެސް އިންސްޓަގްރާމް ޕޭޖްކަމަށް އާދަން ބުންޏެވެ.

ކްރާފްޓެޑް އިން ލާމުގެ މަސައްކަތްތައް އަދި ކުރަމުން އަންނަނީ އާދަން އެކަންޏެވެ. މި މަސައްކަތް ކުރަން ފެށިތާ އަދި ވާނީ ގާތްގަނޑަކަށް މަހެއްހައި ދުވަސްކަން ވެސް ފާހަގަކުރިއެވެ.

”ތަކެތި މި ވިއްކަނީ އޮންލައިންކޮށް. އެއް ފަހަރު މިހާރު މާލެއަށްވެސް ޑެލިވަރީކޮށްދީފިން. މި ތަކެތި ގިނައިން ގަނެފަ ހުރީ ތިމާވެއްޓަށް ސަޕޯޓްކުރާ މީހުންނާ ޑައިވް ސެންޓަރު ފަދަ ތަންތަނުގަ އުޅޭ މީހުން. މީހުންގެ ސަޕޯޓް އަސްލު ވަރަށް ލިބޭ.“

ކްފާރްޓެޑް އިން ލާމު ހިންގާ ޒުވާނާ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.