ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
2026 : ހިންދީ ސިނަމާގެ އެންމެ އަގުބޮޑު އަހަރަށް ވެދާނެތަ؟

ހިންދީ ސިނަމާ ނުވަތަ ބޮލީވުޑަކީ ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ ފިލްމެއް ސިނަމާތަކަށް ގެންނަ ފިލްމީ ސިނާއަތެކެވެ. ތަފާތު ބާވަތްތަކުގެ ގިނަ ފިލްމުތަކެއް ގެނެސްދޭއިރު ބޮޑު ބަޖެޓަކުން އުފައްދާ ފިލްމުތަކާއި ވަރަށް ކުޑަ ބަޖެޓަކުން އުފައްދާ ފިލްމުތައްވެސް ހިމެނެއެވެ. ބޮޑެތި ތަރިންގެ ބޮޑު ބަޖެޓު ފިލްމުތަކެއް މިފަހުން އައިސްފައިވާއިރު މި ފެށުނު އަހަރަކީ ނިސްބަތުން ބަލާއިރު ބޮޑު ބަޖެޓު ފިލްމުތައް ގިނަ އަހަރެއްކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުމުގައި މި ބަލައިލަނީ މިއަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ބޮޑެތި ބައެއް ފިލްމުތަކަށެވެ.

1 – ލަވް އެންޑް ވޯރ

ރަންބީރް ކަޕޫރް، އާލިއާ ބަޓް އަދި ވިކީ ކޯޝާލް ލީޑް ރޯލުތައް ކުޅޭ “ލަވް އެންޑް ވޯރ” އަކީ ލޯބީގެ އަސަރުގަދަ ފިލްމުތައް އުފެއްދުމަށް މަޝްހޫރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމެކެވެ. އަބަދުވެސް ވަރަށް ކުލަގަދަކޮށް ބޮޑުކޮށް ފިލްމުތައް ގެނެސްދޭ ބަންސާލީގެ މި ފިލްމަކީވެސް ބޮޑު ބަޖެޓަކުން ތައްޔާރުކުރާ ފިލްމަކަށް ވާއިރު، ފިލްމުގެ ޝޫޓިން އެކިފަހަރު މަތިން ލަސްވަމުން ދިގުދެމެމުން ދިއުމުގެ ސަބަބުން މި ފިލްމުގެ ބަޖެޓު ވަނީ ކުރިއަށްވުރެވެސް ބޮޑުވެފައެވެ. ޚަބަރުތައް ބުނާގޮތުން މި ފިލްމުގެ ބަޖެޓަކީ ގާތްގަނޑަކަށް 300 ކްރޯޑް ރުޕީސްއެވެ.

2 – އެންޓީއާރް ޖޫނިއާ އަދި ނީލްގެ ފިލްމު

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު އެންޓީއާރް ޖޫނިއާ އަދި ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ އަދި ނަން ހާމަނުކުރާ ފިލްމަކީވެސް ބޮޑު ބަޖެޓަކުން އުފައްދާ ފިލްމެކެވެ. މިއަހަރު 25 ޖޫންގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމުގެ ބަޖެޓަކީ ގާތްގަނޑަކަށް 360 ކްރޯޑް ރުޕީސް ކަމަށް ޚަބަރުތައް ބުނެއެވެ.

3 – ރަމަޔާނާ

ޚުރާފީ ވާހަކައެއްގެ މައްޗަށް ދެބަޔަކަށް ބަހާލައިގެން އުފައްދާ “ރަމަޔާނާ” އަކީ މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމުކަމަށް ޚަބަރުތައް ބުނެއެވެ. ޖުމްލަ 4000 ކްރޯޑްގެ ބަޖެޓަކުން އުފައްދާ މި ފިލްމުގައި ރަންބީރް ކަޕޫރް، ޔަޝް، ސާއީ ޕައްލަވީ، ސަނީ ޑިއޯލް، ކާޖަލް އަގަރްވާލް އަދި ރަވީ ޑޫބޭ ފަދަ ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. ފިލްމު ޑައިރެކްޓްކުރަނީ ނިތޭޝް ތިވާރީއެވެ.

4 – ފައުޒީ

މިތުން ޗަކްރަބަތީ، ޖާޔާ ޕްރަދާ އަދި އަނުޕަމް ކޭރް ފަދަ ސީނިއާ ތަރިންނާއެކު ޕްރަބާސް ލީޑުން ފެނިގެންދާ ޕީރިއަށް ޑްރާމާ ފިލްމު “ފައުޒީ” އަކީވެސް މިއަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ބޮޑު ބަޖެޓު ފިލްމެކެވެ. ހަނޫ ރާގަވަޕޫޅީ ޑައިރެކްޓްކުރާ މި ފިލްމުގެ ބަޖެޓު އުޅެނީ 400 ކްރޯޑާއި 700 ކްރޯޑާއި ދެމެދުގައި ކަމަށް ޚަބަރުތައް ބުނެއެވެ.

5 – ކިންގް

ބޮލީވުޑްގެ ކިންގް ޚާންގެ ނަމުން މަޝްހޫރު ޝާހް ރުކް ޚާންގެ “ކިންގް” އަކީވެސް ބޮޑު ބަޖެޓަކުން ތައްޔާރުކުރާ ފިލްމެކެވެ. ޝާހްއާއެކު ދީޕިކާ ޕަޑުކޯން، އަބީޝެކް ބައްޗަން އަދި ޝާހްގެ އަންހެން ދަރިފުޅު ސުހާނާ ޚާންވެސް މައިގަނޑު ރޯލުތަކުން ފެނިގެންދާ “ކިންގް” ޑައިރެކްޓްކުރަނީ ސިދާތު އަނަންދުއެވެ. މިއީ 2023 ވަނަ އަހަރުގެ “ޕަޓާން” އާއި “ޖަވާން” ގެ ކާމިޔާބީއަށްފަހު ޝާހް ކުޅޭ ފުރަތަމަ ފިލްމެވެ. މިފިލްމުގެ ބަޖެޓަކީ 350 ކްރޯޑް ރުޕީސްއެވެ.

6 – ކަލްކީ 2

ނާގް އަޝްވިން ޑައިރެކްޓްކުރާ “ކަލްކީ 2” އަކީ ޕްރަބާސް ލީޑުން ފެނިގެންދާ ފިލްމެކެވެ. ސައިންސް ފިކްޝަން ޚުރާފީ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރާ މި ފިލްމަކީ 2024 ގައި ގެނެސްދިން “ކަލްކީ 2898 އޭޑީ” ގެ ސީކުއެލް އެކެވެ. މި ފިލްމުގެ ބަޖެޓަކީ 700 ކްރޯޑް ރުޕީސް ކަމަށް ޚަބަރުތައް ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top