ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަންގެ އެންމެ ފަހުގެ އުފެއްދުން “ޕަރީ: ޗެޕްޓަރ 1” އޮލިމްޕަސް ސިނަމާގައި ރިލީޒްކޮށް، ދިވެހި ބިރުވެރި ފިލްމުތަކުގެ ފެންވަރު މުޅިން އާ އުސްމިނަކަށް އުފުލާލައިފިއެވެ.
މި ފިލްމު ރަސްމީކޮށް ރިލީޒްކޮށްފައިވަނީ މި މަހު 07ވަނަ ދުވަހުގެ ރޭގައެވެ. ފިލްމު ޕްރިމިއާ ކުރި ރޭ، އޮލިމްޕަސް ސިނަމާ ފުރި ބާރުވެފައި އޮތްއިރު، ބެލުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އާދަޔާހިލާފު ރިއެކްޝަންތަކެކެވެ. ފިލްމު ފެށުނީއްސުރެ ނިމެންދެން އޮލިމްޕަސް ތެރެއިން އިވެމުންދިޔައީ ބެލުންތެރިންގެ ހަޅޭކުގެ އަޑާއި، ކުއްލި ސިހުންތަކުގެ އަޑެވެ. ބައެއް މަންޒަރުތަކުން އޯޑިއެންސްގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއެކު މުޅި ސިނަމާ ގުގުމާލިއެވެ.
ފިލްމުގެ ބިރުވެރި މަންޒަރުތަކުން ބައެއް ބެލުންތެރިން ހަޅޭއްލަވައިގަތްއިރު، ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި ދިވެހި ސިނަމާއަށް އައި އެންމެ ބިރުވެރި އަދި ފެންވަރުގެ ގޮތުން ރަނގަޅު އެއް ފިލްމެވެ.
“ޕަރީ” އަކީ އަލީ ސީޒަން ވަރަށް ބޮޑު އިސްކަމެއް ދީގެން، ދިވެހި ފިލްމުތަކުން ކުރިން ނުފެންނަ ފަދަ މަންޒަރުތަކާއި އިފެކްޓްސްތައް ހިމަނައިގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ސީޒަން އާއެކު ރާއްޖޭގެ ފުންނާބު އުސް ތަރިން ކަމަށްވާ އައިޝަތު ރިޝްމީ، ޖުމައްޔިލް ނިމާލު، އަދި ޝީލާ ނަޖީބު ހިމެނެއެވެ. ހާއްސަ ގޮތެއްގައި ފިލްމުގެ ޓައިޓަލް ރޯލުން، ވަރަށް މުހިއްމު ކެރެކްޓާއެއްގައި ލަމްޝާ ކިޔާ ކުޑަ އަންހެން ކުއްޖެއް ފެނިގެންދާނެއެވެ.
ފިލްމު ނިމިގެން ދިޔައީ ފިލްމުގެ ދެވަނަ ޕާޓް، “ޕަރީ: ޗެޕްޓަރ 2” ގެ ކުރު ޓްރެއިލާއާއެކުގައެވެ.
މި ފިލްމަކީ ދިވެހި ބިރުވެރި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ހަދިޔާއެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. ފިލްމުގެ ޝޯތައް މިހާރުވެސް އޮލިމްޕަސް ސިނަމާގައި ކާމިޔާބުކަމާއެކު ދަނީ ދައްކަމުންނެވެ.
އޮލިމްޕަހުގެ ޓިކެޓް ކައުންޓަރ ނަންބަރު 9331242 އިން ޓިކެޓް ލިބެން ހުންނަ ދުވަސްތަކުގެ ފަހުގެ މައުލޫމާތު ލިބޭނެ ކަމަށާއި، މިފިލްމު އަތޮޅު ތެރޭގެ ރަށްރަށުގައި ސްކްރީން ކުރަން ބޭނުންވާ ފަރާތްތަކުން 9331243 އަށް ގުޅުއްވުމަށް ޕަރީގެ ޓީމުން ވަނީ އެދިފަ އެވެ
