ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ، އަދި ޓެކްނޮލޮޖީގެ ދުނިޔޭގައި އިންގިލާބީ ބަދަލުތަކެއް ގެންނަމުންދާ އީލޮން މަސްކަކީ އަބަދުވެސް އާދަޔާ ހިލާފު ވާހަކަތަކެއް ދައްކާ މީހެކެވެ. އޭނާގެ “ސްޕޭސް އެކްސް” އާއި “ޓެސްލާ” ފަދަ ކުންފުނިތަކުން ދުނިޔެއަށް ދައްކަމުންދާ ކުރިއެރުންތަކަށް ގިނަ ބައެއްގެ ތައުރީފު ލިބުނު ނަމަވެސް، ފަހަކަށް އައިސް އޭނާ ދައްކަމުންދާ ބައެއް ވާހަކަތަކަކީ އިންސާނީ ބުއްދި ގަބޫލުކުރަން ދަތި ވާހަކަތަކެކެވެ. މީގެ ތެރެއިން އެންމެ ބޮޑު ބަހުސަކަށް ވެފައިވަނީ “މަރުވުމަކީ ހައްލު ހޯދިދާނެ ކަމެއް” ކަމަށް ބުނެ އޭނާ ދައްކާ ވާހަކައެވެ.
ޕީޓަރ ޑިއަމަންޑިސްގެ “މޫންޝޮޓްސް” ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން އީލޮން މަސްކް ވަނީ، އިންސާނުން މަރުވުމަކީ ތަބީޢީ ގޮތުން އެއްވެސް ބަދަލެއް ނުގެނެވޭނެ ގާނޫނަކަށްވުރެ ބޮޑަށް، ބަޔޮލޮޖިކަލް ގޮތުން ރޭވިފައިވާ (ޕްރޮގްރާމް ކުރެވިފައިވާ) ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މަސްކް ބުނާ ގޮތުގައި، އިންސާނާގެ ހަށިގަނޑު ފަރުމާކުރެވިފައިވަނީ ވަކި ހިސާބަކުން މަރުވާ ގޮތަށް “ޕްރޮގްރާމް” ކުރެވިގެންނެވެ. އެހެންކަމުން، އެ ޕްރޮގްރާމަށް ބަދަލެއް ގެނެވިއްޖެނަމަ، އިންސާނާ ދިރިހުންނަ މުއްދަތު އިތުރުކުރެވިދާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.
އިންސާނާގެ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއް އެއް ނިސްބަތަކުން މުސްކުޅިވަމުންދާ ދިއުމަކީ، މުޅި އެ ނިޒާމު ކޮންޓްރޯލްކުރާ އަސާސީ އުސޫލެއް ނުވަތަ “މެކޭނިޒަމް” އެއް ވާކަމުގެ ހެއްކެއް ކަމަށް މަސްކް ފާހަގަކުރެއްވިއެވެ. އޭނާ ދެކޭގޮތުގައި، އެ ނިޒާމު ދެނެގަނެވިއްޖެނަމަ އިންސާނާގެ އުމުރު ވަރަށް ބޮޑަށް ދިގުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. އަދި އެކަށީގެންވާ ވަސީލަތްތަކުގެ އެހީގައި މިކަން ދިރާސާކުރަން ފަށައިފިނަމަ، މިއީ ގިނަ ބަޔަކު ހީކުރާހާ އުނދަގޫ ކަމަކަށް ނުވެދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއެވެ.
ސުވާލަކީ، މިއީ ހަމަބުއްދި ހުރި މީހަކު ދައްކާނެ ވާހަކައެއް ހެއްޔެވެ؟ ނުވަތަ އޭނާ މޮޔަވީ ހެއްޔެވެ؟
އިސްލާމް ދީނާއި، ދުނިޔޭގެ ގުދުރަތީ ގާނޫނުތަކަށް ބަލާއިރު، މަރުވުމަކީ ކޮންމެ ދިރޭ އެއްޗަކަށްމެ ކަނޑައެޅިފައިވާ ނިމުމެކެވެ. ކީރިތި ގުރުއާނުގައި މާތްﷲ ވަނީ “ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނެ އެއްޗެއް” ކަމަށް ވަހީކުރައްވާފައެވެ. އެހެންކަމުން، މަރުވުމަކީ “ބައްޔެއް” ކަމަށް ދެކި، އެއަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ ހަމައެކަނި މޮޔަ ކަމެއް ނޫނެވެ. އެއީ ހެއްދެވި ފަރާތުގެ ގާނޫނާ ދެކޮޅަށް ތެދުވުމެވެ.
އީލޮން މަސްކް ފަދަ ސައިންސްވެރިންނާއި އީޖާދުވެރިންނަށް ގިނަ ފަހަރަށް ކުރިމަތިވާ ކަމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ހުރިހާ ކަމެއްގެ މައްޗަށް އިންސާނާ ބާރުފޯރުވިދާނެ ކަމަށް ހީވުމެވެ. އިންސާނާގެ ސިކުނޑިއަކީ ހަމައެކަނި ކޮމްޕިއުޓަރު ޗިޕަކުން ކޮޕީކޮށްލެވޭނެ އެއްޗެއް ނޫނެވެ. އިންސާނާގެ ރޫހާއި، އިހުސާސްތަކާއި، އީމާންތެރިކަމަކީ ޓެކްނޮލޮޖީއަށް ދުވަހަކުވެސް ފަހުމްނުވާނެ ކަންކަމެވެ.
އީލޮން މަސްކަކީ ޓެކްނޮލޮޖީގެ ރޮނގުން މޮޅު މީހަކަށް ވެދާނެއެވެ. ނަމަވެސް، އިންސާނީ ފިތުރަތާއި ކާއިނާތުގެ ހަގީގަތްތަކާ ދެކޮޅަށް އޭނާ ކުރާ މިފަދަ ދައުވާތަކަކީ އޭނާގެ ބުއްދިވެރިކަމާމެދު ސުވާލު އުފެދޭ ކަންކަމެވެ. މަރުވުމަކީ ހައްލު ހޯދިދާނެ ކަމެއް ކަމަށް ބުނުމަކީ އިލްމީ ވާހަކައެއް ނޫނެވެ. އެއީ ދުނިޔެވީ ހަގީގަތްތަކުން ބޭރުވެ، މޮޔަ ހީތަކެއްގެ ތެރޭގައި އުޅުމެވެ. އިންސާނާ ކިތަންމެ މޮޅުވިޔަސް، މަރުގެ ކުރިމަތީގައި އޭނާވާނީ ނިކަމެތި އެއްޗަކަށެވެ.
މިއަދުވެސް، އަދި މާދަމާވެސް، ނުވަތަ މިވަގުތުވެސް އީލޮން މަސްކްގެ ގާތަށް މަރުގެ މަލާއިކަތާ ކައިރިވުމަށްފަހު ދެން ކުރެވޭނެ ހަމައެއްވެސް ކަމެއް ނޯންނާނެކަން ހަމަ ބުއްދިހުރި ކޮންމެ އިންސާނަކުވެސް ގަބޫލުކުރާނެއެވެ.
