“އެތާ މެދު ހަރުގެ އެންމެ އެކޮޅުގަ އެ ހުރި ފުޅިތައް ކައިރީގަ ހުންނާނެ އޭތި!”
ފިހާރައިގެ ސޭޓް، ހަމަ އެ އިންގޮތަށް ކައުންޓަރުގައި އިނދެފައި، ރަނގަޅަށް އިސްއުފުލާ ބަލައިވެސް ނުލާ އެ ފިހާރައަށް މުޅިން އަލަށް ވަން ކަސްޓަމަރެއްގާތު ބުންޏެވެ. އެމީހާ ދެ ހަރު ދޭތެރެއިން ވަދެގެން ގޮސް އެބުނާ އެކޮޅެއްގަ ހުރި އެބުނާ ފުޅިތަކެއް ކައިރިން އޭނާ ގަންނަން ދިޔަ އެތި ފެނޭތޯ ބަލަން ފެށިއެވެ. ހޯދާހޯދާ އެތަކެއް އިރެއް ވީއިރުވެސް ނުފެނުމުން އެމީހާ ކުޑަކޮށް ނުރުހިފައި ވާހަކަދައްކަން ފެށިއެވެ.
“މިތަނަކުން ނުފެނުނު އެއެއް!”
ފިހާރައިގެ ސޭޓް އަޅައިގެން އިން އައިނު ތިރިކޮށްލަމުން ކަސްޓަމަރާ ދިމާއަށް ފުރަތަމަ ފަހަރަށް ބަލައިލިއެވެ.
“ތިތާ ހަމަ ހާމައަށް ފެންނަން އެހުރީ. ތަންކޮޅެއް ރަނގަޅަށް ބަލައިލީމާ ފެންނާނޭ!”
ސޭޓްގެ މި ޖަވާބަށް ކަސްޓަމަރު ގާތަށް މިފަހަރު ހަމަ ރަނގަޅަށްވެސް ރުޅިއަތުވެއްޖެއެވެ.
“ދެން އެހެންވީއިރު ސޭޓް މިކޮޅަށް އައިސް ތަންކޮޅެއް ރަނގަޅަށް ބަލަންވީނު! މަވެސް ދެލޯ އެބަހުއްޓޭ ސަލާމަތުން!
ސޭޓާ ބުނަން ރަނގަޅު ވާހަކައެއް! އަހަރެން މިތަނަށް އައީކީ މިތަނުން އެއްޗެއް ހިލޭ ގެންދާކަށް ނޫން. މިތަނަށް މި ވަނީ ވިޔަފާރިކުރަން. ވިޔަފާރިކުރަން ވަންނަ މީހުންނަށް ޚިދުމަތްކޮށްދޭން ތިބޭ ބައެއް ފިހާރަ ސޭޓާ، ދެން ތިބޭ މީހުންނަކީވެސް. މަ ހިތަށް އަރާ ދިވެހި ވިޔަފާރިވެރިން ކަސްޓަމަރ ކެއަރއޭ ކިޔާ އެއްޗެއް އެއީ ދަންނަ އެއްޗެއްބާއޭވެސް ހުވާ މިބުނީ!”
މަތީގައި މި ބަޔާންކޮށްލީ ޚިޔާލީ ސިނާރިއޯއެއް ނަމަވެސް މިއީ ފިހާރަތަކުގައި މަދުން ނަމަވެސް ހިނގާ ކަމެކެވެ. ރާއްޖޭގެ ފިހާރަތަކުން މި ކަމާ ކުރިމަތިލާން ނުޖެހޭ މީހެއް މަދުވާނޭ ބުނުންވެސް ގޯހަކަށް ނުވާނެއެވެ.

ވިޔަފާރިއަކީ ހަމައެކަނި މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކައިގެން ފައިސާ ހޯދުމެއް ނޫނެވެ. އެއީ އިންސާނީ ގުޅުމެކެވެ. ކޮންމެ ވިޔަފާރިއެއްގެވެސް އެންމެ ބޮޑު ރައުސްމާލަކީ އެތަނަކުން ޚިދުމަތް ހޯދާ ކަސްޓަމަރުންނެވެ. ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް ބަލާއިރު، ގިނަ ވިޔަފާރިވެރިންނާއި މުވައްޒަފުން “ކަސްޓަމަރ ކެއަރ” ނުވަތަ ކަސްޓަމަރުންނަށް އަޅާލުމުގެ ހުނަރު ދަސްކޮށް، އެކަން އަމަލީ ގޮތުން ދެއްކުން މިއަދު މިވަނީ ނުހަނު ބޭނުންތެރި ކަމަކަށް ވެފައެވެ.
އިސްލާމީ ރިވެތި އުސޫލުތަކަށް ބަލާއިރު، ވިޔަފާރީގެ މުއާމަލާތްތަކުގައި ތެދުވެރިކަމާއި، އޯގާތެރިކަމާއި، އަދި ހިނިތުންވުމާއެކު މުއާމަލާތް ކުރުމަކީ ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ ކަންކަމެވެ. ކަސްޓަމަރަކު ފިހާރައަކަށް ނުވަތަ އޮފީހަކަށް ވަދެގެން އަންނަ ހިނދު، އެމީހަކަށް ހިނިތުންވުމަކާއެކު މަރުހަބާ ކިޔުމަކީ ހަމައެކަނި ވިޔަފާރި އުސޫލެއް ނޫނެވެ. އެއީ ދީނީ ގޮތުންވެސް ދަރުމަ ލިބޭނެ މަތިވެރި އަޚުލާގީ ސިފައެކެވެ. ނަމަވެސް، ހިތާމަޔާއެކު ފާހަގަކުރަންޖެހެނީ، ރާއްޖޭގެ ބައެއް ވިޔަފާރިތަކުން ކަސްޓަމަރުންނާ މުއާމަލާތްކުރުމުގައި ހުންނަންޖެހޭ ގާތްކަމާއި އިހުތިރާމް ފެންނަނީ ވަރަށް މަދުން ކަމެވެ.
ކަސްޓަމަރ ކެއަރ ދަސްކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކަސްޓަމަރުންގެ އިތުބާރު ހޯދުމެވެ. މުދަލުގެ ފެންވަރު ރަނގަޅުވިޔަސް، އެ މުދާ ވިއްކާ މީހާގެ ބަސްމަގާއި އަމަލުތައް ހަރުކަށި ނަމަ، ކަސްޓަމަރު ދެވަނަ ފަހަރަކު އެތަނަކަށް ދާކަށް ބޭނުމެއް ނުވާނެއެވެ. “ކަސްޓަމަރަކީ ރަސްކަލެއް” ކަމަށް ބުނާ ބުނުމުގެ މާނައަކީ، އެމީހުންގެ ބޭނުންތަކަށް އިސްކަންދީ، އެމީހުންގެ ޝަކުވާތަކަށް ކެތްތެރިކަމާއެކު އަޑުއަހައި، ހައްލު ހޯދައިދިނުމެވެ. މިގޮތަށް އަމަލުކުރުމުން ކަސްޓަމަރުން އެ ވިޔަފާރިއަކަށް ވަފާތެރިވެ، އެހެން މީހުންނަށްވެސް އެތަނެއްގެ ވާހަކަ ރަނގަޅު ގޮތުގައި ކިޔައިދޭނެއެވެ.
މީގެ އިތުރުން، ޒަމާނީ ވިޔަފާރީގެ ވާދަވެރިކަން ބޮޑުވަމުންދާ މި ދުވަސްވަރު، އެއް މުދަލެއް ގިނަ ތަންތަނުން ލިބެން ހުރެއެވެ. އެހެންކަމުން، އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކަށްވުރެ ކުރިއަރައިދާނީ އެތަނަކުން ދޭ ޚިދުމަތުގެ ފެންވަރުންނެވެ. ކަސްޓަމަރުންގެ ސުވާލުތަކަށް އަވަސް ޖަވާބު ދިނުމާއި، މުދަލާ ގުޅޭ ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ ކަސްޓަމަރ ކެއަރގެ މުހިންމު ބައިތަކެވެ. މިއީ ވިޔަފާރިވެރިން ޚާއްސަ ސަމާލުކަމެއް ދީގެން ދަސްކުރަންޖެހޭ ހުނަރެކެވެ.
ދިވެހި ވިޔަފާރިވެރިން ކަސްޓަމަރ ކެއަރ ދަސްކުރުމަކީ ހަމައެކަނި ފައިދާ އިތުރުކުރަން ކުރާ ކަމަކަށް ނުހަދާށެވެ. އެއީ ދިވެހި މުޖުތަމައުގައި އޮންނަ އޯގާތެރިކަމާއި އިހުތިރާމްގެ ރިވެތި އާދަ ވިޔަފާރީގެ ތެރެއިން ދިރުވުމަށް ކުރެވޭ މަސައްކަތަކަށް ހަދަންޖެހެއެވެ. ވިޔަފާރިވެރިންނާއި މުވައްޒަފުންނަށް މި ދާއިރާއިން ތަމްރީނު ދިނުމަކީ ވިޔަފާރީގެ ކުރިމަގަށް ކުރެވޭ އެންމެ ފައިދާހުރި އިންވެސްޓްމަންޓެވެ. ރިވެތި ބަަސްމަގާއި ހިނިތުންވުމަކީ ވިޔަފާރީގެ ކާމިޔާބީގެ ތަޅުދަނޑިއެވެ.
