ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހުއްރިއްޔާ ކޮޅަށް 5 ލަނޑު ޖަހައި ހުޅުމާލެ ވެޓަރަންސް ފެންވަރު ދައްކާލައިފި
ފޮޓޯ: ހުއްރިއްޔާ ސްޕޯޓްސް ކްލަބް

މިހާރު ކުރިޔަށްދާ އެފްއޭއެމް ވެޓަރަންސްކަޕް 2026 ގައި ހުއްރިއްޔާ ކޮޅަށް 5 ލަނޑު ޖަހައި ހުޅުމާލޭ ވެޓަރަންސްއިން އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ. އިއްޔެ ހަވީރު ހުރާ ޖަމިއްޔަތުލް ހުއްރިއްޔާ އާއި ހުޅުމާލޭ ވެޓަރަންސް ބައްދަލުކުރި މެޗް ހުޅުމާލޭ ވެޓަރަންސް ކާމިޔާބުކުރީ 5-1 އިންނެވެ.

މެޗު ފެށީއްސުރެ ރަނގަޅަށް ކުޅެ ހަމަލާތައް އުފައްދަމުންދިޔަ ހުޅުމާލޭ ވެޓަރަންސްގެ ހަމަލާތައް ހުއްޓުވުމުގައި ހުއްރިއްޔާއަށް ކާމިޔާބު ހޯދުނީ 27 ވަނަ މިނިޓާއި ހަމައަށެވެ.

ފުރަތަމަ ހާފުގައި ފެނުނު ހަމައެކަނި ގޯލް ހުޅުމާލޭ ވެޓަރަންސްއިން ޖެހީ 27 ވަނަ މިނިޓްގައެވެ. މި ގޯލަކީ، ގޯލާއި ދިމާއަށް ސާއިރު ފޮނުވާލި ބޯޅަ ދިފާއުކުރަން، ހުރާ ކުޅުންތެރިޔާ މަސައްކަތްކުރި ވަގުތު ޒިޔާދުގެ ގައިގަ ޖެހިފަ ގޯލްގެ ތެރެއަށް ބޯޅަ ވަދެގެން ވަތް ލަނޑެކެވެ.

މިމެޗްގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުޖެހެއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުމާއިއެކު ހުޅުމާލޭ ވެޓަރަންސްއިން ހަމަލާތައް ވަރުގަދަކުރިއެވެ. 32 ވަނަ މިނިޓްގައި ހުއްރިއްޔާ އޭރިޔާ ތެރެއިން ހުޅުމާލޭ ވެޓަރަންސްގެ ކުޅުންތެރިން ފޮނުވާލި ބާރު ބޯޅައެއް އަރިމަތީ ދަނޑީގައި ޖެހިފަ ކުޅުމުގެ ތެރެއަށް އައެވެ. ދެވަނަ ފަހަރަށް ވެސް އެބޯޅަ ލިބުނީ ހުޅުމާލޭ ވެޓަރަންސްގެ ކުޅުންތެރިއަކަށެވެ. މިފަހަރު ގޯލަށް ނުރައްކާ ކުރުމުގެ ކުރިން ހުއްރިއްޔާ ކުޅުންތެރިން ވަނީ އެ ބޯޅަ ސާފުކޮށްލާފައެވެ.

ހުޅުމާލޭ ވެޓަރަންސްއިން މިމެޗްގައި ޖެހި ދެވަނަ ލަނޑު 35 ވަނަ މިނިޓްގައި ޖަހައި ދިނީ ޒޮރީފްއެވެ. މިލަނޑަކީ މުޅިން ހުސްކޮށް ޒޮރީފް އޭރިޔާ ތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލްގެތެރެއަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.

39 ވަނަ މިނިޓްގައި ހުޅުމާލޭ ވެޓަރަންސްއިން އެޓީމުގެ 3 ވަނަ ލަނޑު ޖެހިއިރު، މިލަނޑު ޖަހައިދިނީ ވިސާލް އެވެ. ހުއްރިއްޔާ ހާފުގެ މެދުކާއި ހިސާބުން ލިބުނު ބޯޅަ ހިފައިގެން ވިސާލްގެ އޭރިޔާތެރެއަށް ވަތްއިރު އޭނާއަށް ހުރަސްއަޅަން ކީޕަރު ފިޔަވައި އެހެން އެހެން އެއްވެސް ކުޅުންތެރިއަކުނެތެވެ.

މިހާފުގައި ހުއްރިއްޔާއިން ފޮނުވާލީ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ އަބްދުއްރަހީމްއެވެ. އޭރިޔާ ބޭރުން އަބްދުއްރަހީމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. ދެވަނަ ފަހަރަށް ހުއްރިއްޔާ ކުޅުންތެރިއަކަށް ލިބުމުގެ ކުރިން ހުޅުމާލޭ ވެޓަރަންސްގެ ކުޅުންތެރިން ވަނީ އެބޯޅަ ދިފާއުކޮށްފައެވެ.

ހުޅުމާލޭ ވެޓަރަންސްއިން އެޓީމުގެ 4 ވަނަ ލަނޑުޖެހީ 46 ވަނަ މިނިޓްގައެވެ. މިލަނޑުގައި އޭރިޔާ ބޭރުން ތިރިތިރިން ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ. މުއާޒް ފޮނުވާލި އެބޯޅަ ދިފާއުކުރުމަށް ހުއްރިއްޔާ ކީޕަރ ޑައިވްކުރި ނަމަވެސް އަތުގައި ޖެހޭ ވަރެއް ނުވިއެވެ.

މިމެޗްގައި ހުއްރިއްޔާއިން ޖެހި ހަމައެކަނި ލަނޑުޖެހީ 48 ވަނަ މިނިޓްގައި ނައުސާދު އެވެ. މިލަނޑަކީ ހުޅުމާލޭ އޭރިޔާ ރޮނގު ކައިރިން ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ހުޅުމާލޭ ވެޓަރަންސްގެ ކުޅުންތެރިޔާއަތުން ބޯޅަ ހޯދުމަށްފަހު ކީޕަރު ނުކުތުމުން ކީޕަރުގެ އެއްކައިރިން ގޯލްގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މިނަތީޖާއާއެކު މެޗް ނިމިދާނެކަމަށް ހީވި ނަމަވެސް އިތުރުވަގުތުގެ ފަހު މިނިޓްގައި ހުޅުމާލޭ ވެޓަރަންސްއިން ވަނީ އެޓީމުގެ 5 ވަނަ ލަނޑު ޖަހައިފައެވެ. މިލަނޑަކީ ހުޅުމާލޭ ވެޓަރަންސްއަށް ލިބުނު ފްރީކިކް ގޯލްކުރިމައްޗަށް ހުރަސްކޮށްލި ވަގުތު ހުއްރިއްޔާ ކީޕަރު ދިފާއުކުރުމުން، ނާފިއުއަށް ލިބުނު ބޯޅަ ގޯލްގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. ނާފިއު އެބޯޅަ ގޯލްގެތެރެއަށް ފޮނުވާލީ ކީޕަރުގެ ބޯމަތިންނެވެ.

މިމުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. މިމެޗްގައި ބައްދަލުކުރާނީ ދަ ގުރާންޑޭ އާއި ދިވެހި ސިފައިންގެ ކުލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top