ދިވެހި ފިލްމީ ދާއިރާގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ފަންނާނު އަލީ ސީޒަންގެ “ސީޒަން އަލީ ޕްރޮޑަކްޝަން” އިން އުފައްދާ ބިރުވެރި ފިލްމު “ޕަރީ – ޗެޕްޓަރ 2″ގެ ރަސްމީ ޕޯސްޓަރު މިއަދު ކުޅުދުއްފުށި ސިޓީގައި ލޯންޗްކޮށްފިއެވެ.
މިއަދު ހަވީރު 16:30ގައި ކުޅުދުއްފުށި ސިޓީގެ ރަންމަތިން ފަންނު ސަރަހައްދުގެ ބްރީޒް ބަރ ކުރިމަތީގައި ބޭއްވި މި ޚާއްޞަ ހަރަކާތް ޝަރަފްވެރިކޮށްދެއްވީ އެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު އަބްދުالله (ރޯޒޭ) އެވެ. މި ރަސްމިއްޔާތުގައި ފިލްމުގެ ޑައިރެކްޓަރު އަދި ބަތަލު އަލީ ސީޒަން ވެސް ވަނީ ބައިވެރިވެފައެވެ.

މި ފިލްމުގެ ޕޯސްޓަރު ލޯންޗްކުރުމުގެ ރަސްމިއްޔާތު ކުޅުދުއްފުށި ސިޓީގައި ބޭއްވުމާ ގުޅޭގޮތުން “ރާއްޖެ އެމްވީ” އަށް މަޢުލޫމާތު ދެމުން އަލީ ސީޒަން ބުނީ، މާލެ ފިޔަވައި ރާއްޖޭގައި ފިލްމު ބެލުމަށް އެންމެ ބޮޑު ތަރުހީބެއް އޮންނަ އެއް ރަށަކީ ކުޅުދުއްފުށި ސިޓީ ކަމަށެވެ. އެހެންކަމުން، އެ ސިޓީގެ ރައްޔިތުން ފިލްމީ ދާއިރާއަށް ބަހައްޓާ ގާތްކަމާއި ދޭ ސަމާލުކަން ފާހަގަކޮށް، އެކަމުގެ އުފަލުގައި މި ޚާއްޞަ ފުރުޞަތު އެ ސިޓީއަށް ދިނުމަށް ނިންމީ ކަމަށް ސީޒަން ބުންޏެވެ.
މި ސިލްސިލާގެ ފުރަތަމަ ފިލްމު “ޕަރީ – ޗެޕްޓަރ 1” އަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދި ފިލްމެކެވެ. އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކުރި އެ ފިލްމުގެ 99 އިންސައްތަ މަންޒަރުތައް ޝޫޓްކޮށްފައިވަނީ އަވަށްޓެރި ސްރީލަންކާގައެވެ.
“ޕަރީ”ގެ ފުރަތަމަ ބައިގައި ދިވެހި ސިނަމާގެ ފުންނާބު އުސް ތަރިން ކަމަށްވާ އަލީ ސީޒަން، ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް، އަދި މުހައްމަދު ނައުޝާދު އަލީ ފަދަ ދިވެހި ސިނަމާގެ ތަރިން ހިމެނެއެވެ.
މީގެ އިތުރުން ލަންކާގެ ބައެއް މަޝްހޫރު ފިލްމީ ތަރިންވެސް އެ ފިލްމުން ފެނިގެން ގޮސްފައިވާއިރު، ކޮންމެ އެކްޓަރަކުވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ ތަފާތު މޮޅު ހުނަރެއް ދައްކުވައިދީފައެވެ.
“ޕަރީ” ގެ ފުރަތަމަ ބަޔަށް ލިބުނު ބޮޑު ތަރުހީބާއެކު، މިއަދު މި ލޯންޗްކުރެވުނު ދެވަނަ ބައިގެ ޕޯސްޓަރާއެކު ފިލްމީ ދާއިރާގައި އަނެއްކާވެސް ބޮޑު ހަލަބޮލިކަމެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދަނީ މި ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހަކަށެވެ. އަދި މިއަދުގެ މި ހަރަކާތަކީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.
