އަނދިރިގަނޑުގެ ތެރެއިން ކުރިން އިވުނު އަންހެން ކުއްޖާގެ މަޑު ގިސްލުމުގެ އަޑު އަނެއްކާވެސް އިވެން ފެށިއެވެ. މިފަހަރު އެ އަޑު އަންނަނީ އޭނާގެ ކަންފަތް ދޮށުންނެވެ. ފިނި ނޭވާއެއް އޭނާގެ ކަރުގައި ބީހިލިހެން ހީވިއެވެ. މުޙައްމަދުގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާ އަވަސްއަވަހަށް ފޯނު ނަގައި ފޯނުގެ ފްލޭޝްލައިޓް ދިއްލާލިއެވެ.
ފޯނުގެ އަލި އެޅުމާއެކު އޭނާއަށް ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ކޮޓަރީގެ ފާރުތަކުގައި ކުރިން ހުރި ކުރެހުންތައް ބަދަލުވެ، އެތަނުގައި ލެއިން ލިޔެފައިވާ އަކުރުތަކެއް ފެންނަން ހުއްޓެވެ. “މިތަނުން ސަލާމަތެއް ނެތް” – މި ޖުމްލަ މުޅި ފާރުގައި ތަކުރާރުކޮށް ލިޔެފައިވެއެވެ.
ކުއްލިއަކަށް ކޮޓަރީގެ އެނދުމަތީގައި އޮތް ބާލީހެއް އަމިއްލައަށް ހަރަކާތްތެރިވާން ފެށިއެވެ. އަދި އެނދުގެ ދަށުން ކަޅުކުލައިގެ ދިގު އިނގިލިތަކެއް ބޭރަށް ނިކުމެ، އެނދުގެ އަރިމަތީގައި ހިފަހައްޓާލިއެވެ. މުޙައްމަދު ފަހަތަށް ޖެހެމުން ގޮސް ފާރުގައި ލެނގިލިއެވެ. އޭނާގެ ހިތް ހުއްޓިދާނެހެން ހީވިއެވެ.
—-
ބިރުން ހުރެމެ، މުޙައްމަދު ހިތްވަރުކޮށްފައި ކޮޓަރީގެ އަނެއް ފަރާތުގައި ހުރި ކުޑަ ދޮރަކާ ދިމާލަށް ދިޔައެވެ. އެއީ ފޮރުވާފައި ހުރި ސިއްރު ދޮރެއްކަން އޭނާއަށް ފާހަގަކުރެވުނެވެ. އޭނާ އެ ދޮރު ކޮއްޕާލުމާއެކު، ހަނި ސިޑިއެއް ތިރިއަށް ފެންނަން އޮތެވެ.
“މިއީ ކޮން ތަނެއްބާ؟” އޭނާ މަޑުމަޑުން ބުނެލިއެވެ.
ސިޑިން ތިރިއަށް ފޭބިއިރު، އެތަނުން ދުވަނީ މީގެ އެތައް އަހަރެއް ކުރީގެ ފޮތްތަކާއި ކަރުދާސްތަކުގެ ވަހެވެ. އެއީ މި ގަނޑުވަރުގެ ވެރިޔާގެ އަމިއްލަ ކުތުބުޚާނާ ނުވަތަ މަސައްކަތްކުރާ ކޮޓަރި ކަމަށް ބެލެވެއެވެ. މޭޒުމަތީގައި ބާވެފައިވާ ފޮތެއް އޮތެވެ. މުޙައްމަދު އެ ފޮތް ހުޅުވާލިއެވެ. އެއީ ޑައިރީއެކެވެ.
ޑައިރީގެ ސަފުހާތައް އުކަމުން ދަނިކޮށް، އޭނާގެ ލޮލުގައި އަޅައިގަތީ 1920 ވަނަ އަހަރުގެ ތާރީޚެކެވެ. “މިއަދު އަހަރެންގެ ދަރިފުޅު މަރިޔަމް ގެއްލިއްޖެ. ރަށު މީހުން ބުނަނީ އެއީ ކަނޑު އަޑިން އައި ‘ހިޔަނި’ ތަކެއްގެ މަސައްކަތް ކަމަށް. އެކަމަކު އަހަރެން ދަންނަން… އެއީ މި ގޭގެ ތެރޭގައި އުޅޭ އެއްޗެއްކަން.”
މުޙައްމަދު ކިޔަމުން ދިޔަ ވަރަކަށް އޭނާއަށް ހަގީގަތް އެނގެމުން ދިޔައެވެ. މި ގަނޑުވަރު ބިނާކޮށްފައިވަނީ ކުރީގެ ގަބުރުސްތާނެއްގެ މަތީގައެވެ. އަދި އެ އާއިލާގެ މީހުން ގެއްލުނީ އެމީހުން ހެދި ކޮންމެވެސް ނުބައި ސިހުރެއްގެ ސަބަބުންނެވެ.
ކުއްލިއަކަށް، ޑައިރީގެ ސަފުހާތައް އަމިއްލައަށް އުކެން ފެށިއެވެ. އަދި އެންމެ ފަހު ސަފުހާގައި ތާޒާ ލެއިން ލިޔެވިފައިވާ ލިޔުމެއް ފެނުނެވެ: “ދެން އޮތީ ކަލޭގެ ފުރުސަތު.”
—-
މުޙައްމަދު ފަސް އެނބުރި ބަލާލިއިރު، ސިއްރު ދޮރު ކައިރީގައި ކަޅު ހިޔަންޏެއް ހުއްޓެވެ. އެއީ އިންސާނެއްގެ ސިފައެއް ނޫނެވެ. އޭގެ ދިގު އަތްތަކާއި، އަލިވަމުންދާ ރަތް ދެލޯ މުޙައްމަދަށް އަމާޒުވެފައި ހުއްޓެވެ.
“ނޫން… މިއީ ހަގީގަތެއް ނޫން!” މުޙައްމަދު ބާރަށް ހަޅޭއްލަވައިގަތް ނަމަވެސް، އޭނާގެ އަޑު އޭނާގެ ކަރުތެރޭގައި ތާށިވި ކަހަލައެވެ.
އެ ހިޔަނި މަޑުމަޑުން މުޙައްމަދާ ދިމާލަށް އަންނަން ފެށިއެވެ. މުޙައްމަދު ވަށައިގެން ހޯދާލިއެވެ. ކޮޓަރީގައި ހުރި ބާ ކުޑަދޮރެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ ދުވެފައި ގޮސް އެ ކުޑަދޮރުގައި ކޮނޑުން ޖެހިގަތެވެ. ބިއްލޫރިތައް ތަޅައިގެން ގޮސް، އޭނާ ބޭރަށް ވެއްޓުނެވެ.
ބޭރުގައި އޮތް ޗަކަގަނޑުގެ ތެރެއަށް ވެއްޓުމުން މުޙައްމަދަށް ތަދުވި ނަމަވެސް، އޭނާ ވަގުތުން ތެދުވެގެން ދުވަން ފެށިއެވެ. ވަލުތެރެއިން އޭނާ ދުވަމުން ދިޔައިރު، ފަހަތުން ކޮންމެވެސް އެއްޗެއް އަންނަ އަޑު އިވެއެވެ. ގަސްތަކުގެ ގޮފިތަކުގައި ޖެހި އޭނާގެ ހަންގަނޑުން ލޭކޮށިގެން ދިޔަ ނަމަވެސް އޭނާ ހުއްޓައެއް ނުލައެވެ.
—-
މުޙައްމަދު ދުވެފައި ގޮސް ރަށުގެ މީހުން އުޅޭ ހިސާބަށް ފޯރިއިރު، މުޅި ރަށް އޮތީ ފުން ނިންޖެއްގައެވެ. އޭނާ ކުރިން ދިޔަ ހޮޓަލުގެ ދޮރުގައި ތަޅަން ފެށިއެވެ.
“ހުޅުވާ! އަހަރެން ސަލާމަތްކުރޭ!” އޭނާ ގޮވަމުން ދިޔައެވެ.
ދޮރު ހުޅުވީ އެ އުމުރުން ދުވަސްވީ މީހާއެވެ. އޭނާ މުޙައްމަދު ފެނުމާއެކު، އަވަސްއަވަހަށް އެތެރެއަށް ވައްދައި ދޮރު ތަޅުލިއެވެ.
“އަހަރެން ބުނީމެއްނު ނުދާށޭ،” އެ މީހާ މަޑުމަޑުން ބުންޏެވެ. “ކަލޭގެ ފަހަތުން އެއައީ ‘އެމީހުން’. ދެން ކަލެއަކަށް މި ރަށަކުން ނުފޭބޭނެ.”
މުޙައްމަދު މާނޭވާލަމުން ގޮނޑިއެއްގައި އިށީނދެލިއެވެ. “ކޮން ބައެއްތޯ؟ އެއީ ކޮން އެއްޗެއް؟”
“އެއީ މި ރަށުގެ ކާބަފައިން ކުރި ގޯސް ކަންތައްތަކުގެ ނަތީޖާ،” މުސްކުޅި މީހާ ކިޔައިދޭން ފެށިއެވެ. “އެ ގަނޑުވަރަކީ ހަމައެކަނި ގެއެއް ނޫން. އެއީ ދޮރެއް. އެހެން ދުނިޔެއަކަށް ހުޅުވިފައި ހުރި ދޮރެއް. ކަލޭ އެތަނަށް ވަނުމުން، އެމީހުންނަށް ކަލޭގެ ވަސް ޖެހިއްޖެ. މިހާރު ކަލޭ ކޮންމެ ތަނަކަށް ދިޔަސް އެމީހުން ކަލޭ ހޯދާނެ.”
—-
އެރޭގެ ބާކީ އޮތް ބައި މުޙައްމަދު ހޭދަކުރީ ހޮޓަލުގެ ކުޑަ ކޮޓަރިއެއްގައެވެ. އޭނާއަށް ނިދޭ ގޮތެއް ނުވިއެވެ. ކޮންމެ ފަހަރަކު ލޯ މަރާލުމުން، އެ ރަތް ދެލޯ އޭނާއަށް ފެންނަ ކަހަލައެވެ.
ހެނދުނު އިރު އެރުމާއެކު މުޙައްމަދު ނިންމީ ވަގުތުން ރަށުން ފޭބުމަށެވެ. އޭނާ ބަނދަރަށް ދިޔައީ ފުރަން އޮތް ފުރަތަމަ ލޯންޗަށް އެރުމަށެވެ. ލޯންޗަށް އަރައި، ރަށާ ދުރަށް ދާން ފެށުމުން އޭނާއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.
” الحمد لله ޝުކުރު، އަހަރެން ސަލާމަތްވެއްޖެ،” އޭނާ އަމިއްލަ ނަފްސަށް ބުނެލިއެވެ.
އޭނާ އަތުގައި އޮތް ކެމެރާ ނަގައި، ރޭގައި ނެގި ފޮޓޯތައް ބަލަން ފެށިއެވެ. ފުރަތަމަ ފޮޓޯތަކުގައި ހުރީ ގަނޑުވަރުގެ ބޭރު ފަރާތެވެ. ދެން ހުރީ އެތެރޭގެ ބައެއް މަންޒަރުތަކެވެ. ނަމަވެސް އެންމެ ފަހު ފޮޓޯ ފެނުމާއެކު މުޙައްމަދުގެ އަތުން ކެމެރާ ދޫވެގެން ބިމަށް ވެއްޓުނެވެ.
އެ ފޮޓޯގައި ހުރީ މުޙައްމަދު ލޯންޗަށް އަރަން ދިޔަ މަންޒަރެވެ. އެ ފޮޓޯ ނަގާފައިވަނީ އޭނާގެ ފަހަތުންނެވެ. އަދި އޭނާގެ ކޮނޑުމަތީގައި، ބިރުވެރި ކަޅު އަތެއް ބާއްވާލައިގެން ހުރި ހިޔަންޏެއް ފެންނަން ހުއްޓެވެ.
މުޙައްމަދު މަޑުމަޑުން އޭނާގެ ކޮނޑާ ދިމާލަށް ބަލާލިއެވެ. އެތަނުގައި ފިނި އިހުސާސެއް ހުއްޓެވެ. ކުއްލިއަކަށް ލޯންޗުގެ ބިއްލޫރިގަނޑުން އޭނާގެ ސޫރަ ފެނުނުއިރު، އޭނާގެ ފަހަތުގައި އެ ބިރުވެރި ސޫރަ ހުއްޓެވެ.
“ކަލޭ ދުވަހަކުވެސް ސަލާމަތެއް ނުވާނެ،” އެ ސޫރަ މުޙައްމަދުގެ ކަންފަތް ދޮށުގައި ބުނެލި އަޑު އިވުނެވެ.
މުޅި ލޯންޗު ތެރޭގައި މުޙައްމަދުގެ ބިރުވެރި ހަޅޭކުގެ އަޑު ގުގުމައިގެން ދިޔައެވެ. ނަމަވެސް ލޯންޗުގެ ކެޕްޓަނަށް ނުވަތަ އެހެން ފަސިންޖަރަކަށް އެއްވެސް އަޑެއް ނީވެއެވެ. އެމީހުންނަށް ފެންނަނީ މުޙައްމަދު އެކަނި އިނދެގެން ބިރުން ތެޅޭ މަންޒަރެވެ.
ދުނބުރިދޫގެ ސިއްރުތައް އަދިވެސް ވަނީ ވަޅުލެވިފައެވެ. މުޙައްމަދު ހޯދަން އުޅުނު ހަގީގަތަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ބިރުވެރި ހުވަފެނަކަށް ވެގެން ދިޔައެވެ.
—-
މުޙައްމަދު ހުރީ ބިރުން ގަނޑުވެފައެވެ. ލޯންޗުގެ ބިއްލޫރިގަނޑުން ފެންނަ އޭނާގެ އަމިއްލަ ސޫރައިގެ ފަހަތުގައި ހުރި އެ ބިރުވެރި ހިޔަނި، މަޑުމަޑުން އޭނާގެ ކަރުގައި އަތް ބާއްވާލިހެން ހީވިއެވެ. ނަމަވެސް ލޯންޗުގެ އެހެން ފަސިންޖަރުންނަށް މި މަންޒަރެއް ނުފެނެއެވެ. އެމީހުން ތިބީ އާދައިގެ މަތިން ފޯނާ ކުޅޭށާއި، މަޑުމަޑުން ވާހަކަދައްކާށެވެ.
(ނުނިމޭ)
