ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމަކަށް ދިން ލޯނުގެ އިންޓަރެސްޓް ނަގަން ޝާހްރުކް ޚާން ދެކޮޅު ހަދައިފި: “އެއީ ހަރާމް ކަމެއް”

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން، އޭނާގެ ގާތް އެކުވެރިއަކަށް ދިން ލޯނަކުން އިންޓަރެސްޓް ނަގަން ދެކޮޅު ހަދައި، އެއީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް ބުނެފައިވާ ވާހަކަ އަނެއްކާވެސް މީޑިއާގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ 2000 ވަނަ އަހަރު ރިލީޒްކުރި ފިލްމު “ޖޯޝް”ގެ މަސައްކަތް ހިނގަމުން ދިޔަ ދުވަސްވަރުއެވެ. އެ ފިލްމުގެ މަސައްކަތަށް ބޭނުންވި ފައިސާ ހޯދުމުގައި ޕްރޮޑިއުސަރު އަދި ޝާހްރުކްގެ ގާތް އެކުވެރިޔާ ވިވެކް ވަސްވާނީއަށް ދަތިތަކަކާ ކުރިމަތިވުމުން، ޝާހްރުކް ވަނީ އޭނާއަށް ބޮޑު އަދަދެއްގެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ވިވެކް ވަސްވާނީ ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ހާމަކުރި ގޮތުގައި، ފިލްމުގެ މަސައްކަތް ނިމި ޝާހްރުކްގެ އަތުން ނެގި ފައިސާ އަނބުރާ ދައްކަން އުޅުމުން، އޭގެ އިންޓަރެސްޓް ނުވަތަ “ރިބާ” ނަގަން ޝާހްރުކް ވަނީ ސާފުބަހުން ދެކޮޅު ހަދާފައެވެ. ޝާހްރުކް ބުނެފައިވަނީ އިންޓަރެސްޓް ނެގުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކަމެއް ކަމަށާއި، އޭނާ ދުވަހަކުވެސް އެފަދަ ފައިސާއެއްގައި ނުޖެހޭނެ ކަމަށެވެ.

މި ވާހަކަ ހިއްސާކުރަމުން ވިވެކް ބުނީ، ޝާހްރުކް އަކީ އޭނާގެ އުސޫލުތަކުގައި ހިފަހައްޓާ، ދީނީ ކަންކަމަށް އިހުތިރާމްކުރާ މީހެއް ކަމަށެވެ. ޝާހްރުކް ބޮލީވުޑަށް ތައާރަފްވުމުގައި ވިވެކް ވަސްވާނީއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރި ފަރާތެކެވެ. ޝާހްރުކް މުމްބާއީއަށް ފުރަތަމަ އައި ދުވަސްވަރު ދިރިއުޅުނީވެސް ވިވެކްގެ ގޭގައެވެ.

މި ހާދިސާއިން ދައްކުވައިދެނީ ދުނިޔޭގެ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރިއެއް ނަމަވެސް، ޝާހްރުކް ޚާން އޭނާގެ ދީނީ އަގުތަކާއި އުސޫލުތަކަށް ދޭ އަހައްމިއްޔަތެވެ. މީގެ ކުރިންވެސް ޝާހްރުކް ވަނީ އޭނާގެ ދިރިއުޅުމުގައި އިސްލާމީ އުސޫލުތައް ގެންގުޅޭ މިންވަރާ ބެހޭގޮތުން އެކި ފަހަރުމަތިން ވާހަކަދައްކާފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top