ޕާކިސްތާނުގެ މަގުބޫލު ޑްރާމާ ސިލްސިލާ “ތޭރޭ ބިން” ގެ ދެވަނަ ސީޒަންގެ އިންތިޒާރުގައި ތިބި ފޭނުންނަށް އުފާވެރި ޚަބަރެއް ލިބިއްޖެއެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ޚަބަރުތަކަށް ބަލާއިރު، މި ޑްރާމާގެ ދެވަނަ ބައިގެ ޝޫޓިން މިހާރު ވަނީ ފެށިފައެވެ.
މި ޑްރާމާގެ މައިގަނޑު ދެ ތަރިން ކަމަށްވާ ވަހާޖް އަލީ (މުރުތަސިމް) އާއި ޔުމްނާ ޒައިދީ (މީރަބް) އެކުގައި ފެންނަ ފޮޓޯތަކެއް އާންމުވުމާ ގުޅިގެން، ގިނަ ބަޔަކު ގަބޫލުކުރަނީ މިއީ “ތޭރޭ ބިން 2” ގެ މަސައްކަތް ކަމަށެވެ. މި ދެ ތަރިންގެ މެދުގައި އޮންނަ ވަރުގަދަ ކެމިސްޓްރީއަކީ ފުރަތަމަ ސީޒަން ކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބެވެ.
މިދިޔަ އަހަރު މި ޑްރާމާގެ ދެވަނަ ސީޒަނެއް އަންނާނެކަން ޕްރޮޑިއުސަރު އަބްދުﷲ ކަދުވާނީ ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. ނަމަވެސް، މިހާތަނަށް ޝޫޓިން ފެށިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މިހާރު ކުރިއަށްދަނީ ޑްރާމާގެ ކުރީކޮޅުގެ މަންޒަރުތައް ނެގުމުގެ މަސައްކަތެވެ.
“ތޭރޭ ބިން” މަޝްހޫރުވެފަވަނީ ހަމައެކަނި ޕާކިސްތާނުގައެއް ނޫނެވެ. އިންޑިއާ، ބަންގްލަދޭޝް އަދި ދިވެހިރާއްޖޭގައި ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ޑްރާމާއެކެވެ. ޔޫޓިއުބްގައި މި ޑްރާމާގެ އެޕިސޯޑުތަކަށް އެތައް ބިލިއަން ވިއުސްއެއް ލިބިފައިވާއިރު، ދެވަނަ ސީޒަންގެ ވާހަކަ ބިނާވާނީ ކޮން ގޮތަކަށްތޯ ބެލުމަށް ފޭނުން ތިބީ ކެތްމަދުވެފައެވެ.
މި ޚަބަރުތަކާ ގުޅިގެން ޑްރާމާގެ ޕްރޮޑަކްޝަން ޓީމުން ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، ވަހާޖް އާއި ޔުމްނާ އަލުން އެކުގައި ސްކްރީނުން ފެންނާނެ ކަމުގެ އުންމީދުގައި ސަޕޯޓަރުން ދަނީ އުފާ ފާޅުކުރަމުންނެވެ.
