ޚުލާސާ:
💉 ގިނައިން ފެން ބުއިމަކީ ކުޑަކަމުދާ ނިޒާމުގައި ހުންނަ ބެކްޓީރިއާތައް ބޭރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ.
💉 ކްރޭންބެރީ ސަޕްލިމެންޓް ބޭނުންކުރުމަކީ ބެކްޓީރިއާތައް ކުޑަކަމުދާ ނިޒާމުގެ ސެލްތަކުގައި ތަތްވިޔަނުދީ، އިންފެކްޝަނުން ރައްކާތެރިވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
💉 އާންމުކޮށް ފިހާރަތަކުން ލިބޭ ތަދުކަނޑުވާ ބޭސް ބޭނުންކުރުމުން، އިންފެކްޝަންގެ ސަބަބުން ކުޑަކަމުދާއިރު ދިލަނަގާ ގޮތްވުމާއި، އަވަސްއަވަހަށް ކުޑަކަމުދާން ޖެހުން ފަދަ އުނދަގޫތަކަށް ލުޔެއް ލިބެއެވެ.
💉 އާންމުގޮތެއްގައި ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން ރަނގަޅުކުރުމަށް އެންޓިބަޔޮޓިކް ބޭނުންކުރެވެއެވެ. ގޭގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ބަނޑުގައި ހޫނު އެއްޗެއް އެޅުމާއި، ގިނައިން ދިޔާ ތަކެތި ބުއިމާއި، ކްރޭންބެރީ ސަޕްލިމެންޓް ބޭނުންކުރުން ހިމެނެއެވެ.
ކުޑަކަމުދާ ނިޒާމަށް ޖެހޭ އިންފެކްޝަން (ޔޫޓީއައި) އަކީ ކުޑަކަމުދާ ނިޒާމުގެ ކޮންމެ ބަޔަކަށް ވެސް ޖެހިދާނެ އިންފެކްޝަނެކެވެ. ކުޑަކަމުދާ ނިޒާމުގައި ހިމެނެނީ ގުރުދާ (ކިޑްނީ)، ގުރުދާއިން މަސާނާއަށް ކުޑަކަމުދާ ތަކެތި ގެންގޮސްދޭ ހޮޅި (ޔުރެޓަރސް)، މަސާނާ އަދި ކުޑަކަމުދާ ހޮޅި (ޔުރެތުރާ) އެވެ. ގިނަ ފަހަރަށް މި އިންފެކްޝަން ޖެހެނީ މި ނިޒާމުގެ ތިރީ ބަޔަށެވެ. އެއީ މަސާނާ އާއި ކުޑަކަމުދާ ހޮޅިއަށެވެ.
ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މަސާނާއަށް ޖެހޭ އިންފެކްޝަނަކީ އޭގެ ސަބަބުން ތަދު އިހުސާސްވާ އަދި އުނދަގޫތަކެއް ކުރިމަތިވާ ކަމެކެވެ. ނަމަވެސް، މި އިންފެކްޝަން ގުރުދާއަށް ފެތުރިއްޖެނަމަ، މިއީ ސީރިއަސް ސިއްހީ މައްސަލައަކަށް ވެދާނެއެވެ.
ސިއްހީ މާހިރުން އާންމުކޮށް މި ބައްޔަށް ފަރުވާ ދެނީ އެންޓިބަޔޮޓިކްސް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށާއި، ބަލި ޖެހި ފަރުވާ ހޯދުމަށްފަހު އަލުން ބަލި ޖެހުނަ ނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިދާނެއެވެ.
1- ހޫނު އެއްޗަކުން ފަރުވާކުރުން
ބަނޑުގައި ނުވަތަ ބުރަކަށީގައި ހޫނު ފެން ފުޅިއެއް ނުވަތަ ‘ހީޓިންގް ޕެޑް’ އެއް ބޭއްވުމަކީ ބޮޑެތި މީހުންނާއި ކުޑަކުދިންނަށް އިންފެކްޝަންގެ ސަބަބުން ލިބޭ ތަދަށް ލުޔެއް ހޯދައިދޭނެ ފައިދާހުރި ގޮތެކެވެ.
2- ކްރޭންބެރީ ސަޕްލިމެންޓް ބޭނުންކުރުން
ކްރޭންބެރީ ސަޕްލިމެންޓަކީ އިންފެކްޝަނަށް ދެވޭ ސީދާ ފަރުވާއެއް ނޫން ނަމަވެސް، މިއީ އިންފެކްޝަނުން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކްރޭންބެރީގައި ހިމެނޭ ‘ޕްރޯއެންތޯސިއަނިޑިންސް’ ކެމިކަލްގެ ސަބަބުން، ބެކްޓީރިއާތައް ކުޑަކަމުދާ ނިޒާމުގެ ފާރުގައި ތަތްވުން ހުއްޓުވައިދެއެވެ. ނަމަވެސް، ‘ވޯފަރިން’ (ލޭ ތުނިކުރާ ބޭސް) ބޭނުންކުރާ މީހުން ކްރޭންބެރީ ޖޫސް ބުއިމުން ލޭ ހިލުމުގެ ފުރުސަތު ބޮޑުވެދާނެއެވެ. އަދި މަސާނާގެ ބަލިތައް ހުންނަ މީހުންނަށް މީގެ އެސިޑްގެ ސަބަބުން އުނދަގޫތައް އިތުރުވެދާނެއެވެ.
3- ފެން ބުއިން
ގިނައިން ފެން ބުއިމަކީ މިހާރު ޖެހިފައިވާ އިންފެކްޝަން ރަނގަޅުކުރުމަށާއި ކުރިމަގުގައި އިންފެކްޝަން ޖެހުމުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެކެވެ. ދިޔާ ތަކެތީގެ ސަބަބުން ބެކްޓީރިއާތައް ބޭރުވުމަށް މަގުފަހިވާނެއެވެ. އަދި ފެން ބުއިމުން ކުޑަކަމުދާ ތަކެތީގެ އެސިޑްކަން ކުޑަވެ، ކުޑަކަމުދާއިރު ވާ ތަދަށް ލުޔެއް ލިބެއެވެ.
4- ތަދުކަނޑުވާ ބޭސް ބޭނުންކުރުން
ޑޮކްޓަރެއްގެ ސިޓީއާ ނުލައި ފިހާރަތަކުން ލިބޭ ‘ފެނަޒޯޕައިރިޑިން’ އެކުލެވޭ ބޭސްތަކަކީ ކުޑަކަމުދާން ޖެހޭ މިންވަރު މަދުކޮށް، ދިލަނަގާގޮތްވުމާއި ތަދުވުމަށް އަވަސް ލުޔެއް ހޯދައިދޭ ބޭސްތަކެކެވެ.
5- ވިޓަމިން ސީ
ބައެއް މީހުން އިންފެކްޝަނުން ރައްކާތެރިވުމަށް ވިޓަމިން ސީ ބޭނުންކުރެއެވެ. މީގެ ބޭނުމަކީ ކުޑަކަމުދާ ތަކެތީގެ އެސިޑްކަން އިތުރުކޮށް، ބެކްޓީރިއާ އުފެދުން ހުއްޓުވުމެވެ. ނަމަވެސް މިއީ ސައިންޓިފިކް ގޮތުން ކަށަވަރުކޮށް ސާބިތުވެފައިވާ ކަމެއް ނޫނެވެ.
6- ޑީ-މެނޯސް
މިއީ ބައެއް ވައްތަރުގެ ހަކުރުގައި ހިމެނޭ މާއްދާއެކެވެ. މިއީ ‘އީ-ކޯލައި’ ބެކްޓީރިއާގައި ތަތްވެ، އެ ބެކްޓީރިއާތައް މަސާނާގައި ހަރުލިޔަނުދީ ހިފަހައްޓައިދޭ އެއްޗެކެވެ. މިއީ ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ނުވަތަ ފާމަސިސްޓެއްގެ ލަފާ ހޯދުން މުހިންމެވެ.
7- އަވަސްއަވަހަށް ކުޑަކަމުދިއުން
ކުޑަކަމުދާން ނުޖެހުނު ކަމުގައިވިޔަސް، ކޮންމެ ހަތަރު ގަޑިއިރަކުން އެއްފަހަރު ކުޑަކަމުދިއުމަކީ އިންފެކްޝަން އުފައްދާ ބެކްޓީރިއާތައް ބޭރުކުރުމަށް އެހީތެރިވާ ކަމެކެވެ. ކުޑަކަމުދާ ތަކެތި ހިފަހައްޓައިގެން ހުރުމަކީ ބެކްޓީރިއާތައް އިތުރުވުމަށް ލިބޭ ފުރުސަތެކެވެ.
އެހެނިހެން ބައެއް ނަސޭހަތްތައް
💉 އަންހެނުންގެ ސާފުތާހިރުކަމަށް ބޭނުންކުރާ ހުވަނދުލީ ތަކެތި ބޭނުން ނުކުރާށެވެ. މީގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ ގުދުރަތީ ދިފާއު ބަލިކަށިވެދާނެއެވެ.
💉 ޖިންސީ ގުޅުން ހިންގުމުގެ ކުރިންނާއި ފަހުން ސާފުތާހިރުވުމަށް ސަމާލުކަން ދޭށެވެ.
💉 ދޫ ހެދުން ބޭނުންކުރާށެވެ. ބާރު ހެދުމުގެ ސަބަބުން އުނދަގޫތައް އިތުރުވެދާނެއެވެ.
💉 ފާޚާނާ ކުރުމަށްފަހު، ކުރިމަތިން ފަހަތަށް ސާފުކުރުމަށް އާދަކުރާށެވެ. މިއީ ބޮޑުކަމުދާ ނިޒާމުގެ ބެކްޓީރިއާތައް ކުޑަކަމުދާ ނިޒާމަށް ދިޔުން ހުއްޓުވައިދޭނެ ކަމެކެވެ.
ޑޮކްޓަރަށް ދައްކަންޖެހޭނީ ކޮން އިރަކު؟
އިންފެކްޝަންގެ އަލާމާތެއް ފެނުމާއެކު ޑޮކްޓަރަށް ދެއްކުން މުހިންމެވެ. އާންމުކޮށް މިކަމަށް އެންޓިބަޔޮޓިކް ދެވެއެވެ. ތިރީގައިވާ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދާށެވެ:
💉 ހުން އައުމާއި ހީކެރުވުން
💉 ބުރަކަށީގައި ނުވަތަ އަރިކަށީގައި ރިއްސުން
💉 ހޮޑުލެވުން
އެންޓިބަޔޮޓިކް ބޭނުންކުރުމުގައި ސަމާލުވާންވީ ކަންތައްތައް
ޑޮކްޓަރު ބޭސް ދީފައިވާ މުއްދަތަށް ފުރިހަމައަށް ބޭސް ބޭނުންކުރާށެވެ. ބަލީގެ އަލާމާތްތައް އަވަހަށް ކެނޑުނު ކަމުގައިވިޔަސް، ބޭސް ހުސްކުރަންވާނެއެވެ. އެހެންނޫންނަމަ ބަލި އަލުން އެނބުރި އައުމުގެ ފުރުސަތު ބޮޑުވާނެއެވެ.
އާންމުކޮށް ކުރެވޭ ސުވާލުތައް:
1- އިންފެކްޝަން އަވަހަށް ފިލުވާލާނީ ކިހިނެއް؟
ދުވާލަކު 2 އާއި 4 ލިޓަރާ ދެމެދުގެ މިންވަރަކަށް ފެން ބޯށެވެ. ކެފެއިން އަދި ބަނގުރާ ފަދަ ތަކެތިން ދުރުހެލިވާށެވެ.
2- އެންމެ އަވަހަށް ބަލި ރަނގަޅުވާނީ ކިހިނެއް؟
އެންޓިބަޔޮޓިކް ބޭނުންކުރުމުން އަންހެނުންނަށް ގާތްގަނޑަކަށް 3 ދުވަސް ތެރޭގައި، އަދި ފިރިހެނުންނަށް 7 އާއި 14 ދުވަހާ ދެމެދު ބަލި ރަނގަޅުވެއެވެ. ބޭސް ބޭނުންކުރަން ފަށާތާ 24-48 ގަޑިއިރު ތެރޭގައި ލުއި ލިބެން ފަށާނެއެވެ.
3- ފަރުވާ ނުދީ ހުރެއްޖެނަމަ ވާނީ ކިހިނެއް؟
ފަރުވާ ނުދީ ހުރެއްޖެނަމަ، އިންފެކްޝަން ގުރުދާ (ކިޑްނީ) އަށް ފެތުރި، މުޅި ނިޒާމަށް ބޮޑެތި ގެއްލުންތައް ލިބުމުގެ ފުރުސަތު އޮވެއެވެ.
