ދީނީ ސުވާލެއް އޮތީތަ؟
މަޢުލޫމާތު
ކޮންމެ ދުވަހަކު ބިސް ކެއުމުން ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލަށް ކުރާ އަސަރުތައް
އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް / މުނިއަވަސް

ކުރުގޮތަކަށް:

🥚 ބިހަކީ ކޮލެސްޓްރޯލް ގިނަ، ނަމަވެސް “ސެޗުރޭޓަޑް ފެޓް” (ނުރައްކާތެރި ސަރުބީ) މަދު ކާނާއެކެވެ.

🥚 ގިނަ މީހުންނަށް، ބިސް ކެއުމުގެ ސަބަބުން ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު މާބޮޑަށް މަތިނުވި ނަމަވެސް، ބައެއް މީހުން މިކަމަށް ސަމާލުވާންޖެހެއެވެ.

🥚 ބިސް ކެއުމާއި ލޭގެ ޕްރެޝަރާ ހުރި ގުޅުމާ ބެހޭގޮތުން ތަފާތު ހޯދުންތައް ފެންނަން ހުރި ނަމަވެސް، ހިތުގެ ދުޅަހެޔޮކަމަށް އިރުޝާދުދޭ ކާނާގެ ތެރޭގައި ބިސް ހިމެނެއެވެ.

ބޮޑު ބިހެއްގައި ގާތްގަނޑަކަށް 185 މިލިގްރާމްގެ ކޮލެސްޓްރޯލް އެކުލެވިގެންވެއެވެ. މީގެ ސަބަބުން ބިސް ކެއުމަކީ ހިތުގެ ދުޅަހެޔޮކަމަށް ގެއްލުންހުރި ކަމެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި، މިއީ އެކި މީހުންނަށް ތަފާތު ނަތީޖާ ދައްކާ ކަމެކެވެ. ގިނަ މީހުންނަށް، މެދުމިންވަރަކަށް ބިސް ކެއުމަކީ ލޭގެ ކޮލެސްޓްރޯލް މަތިވާ ނުވަތަ ހިތުގެ ބަލިތަކުގެ ނުރައްކާ އިތުރުވާ ކަމެއް ނޫނެވެ. އެހެންނަމަވެސް، ސިއްހީ ބައެއް ހާލަތްތައް ހުންނަ ފަރާތްތަކުން މިކަމަށް ބަލައިގެން އުޅުން މުހިންމެވެ.

1- ލޭގެ ޕްރެޝަރަށް ކުރާ އަސަރު
ބިސް ކެއުމާއި ލޭގެ ޕްރެޝަރު މަތިވުމާ ހުރި ގުޅުމަކީ އަދިވެސް އިތުރަށް ދިރާސާކުރެވެމުންދާ ކަމެކެވެ:

🥚 ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އިރުޝާދުދޭ “ޑޭޝް” (ޑައިޓްރީ އެޕްރޯޗް ޓު ސްޓޮޕް ހައިޕަރޓެންޝަން) ޑައިޓްގައި ބިސް ހިމެނެއެވެ. 2025 ވަނަ އަހަރު ހެދި ކުޑަ ދިރާސާއަކުން ދެއްކި ގޮތުގައި، މި ޑައިޓާ އެއްގޮތަށް ކޮންމެ ދުވަހަކު ބިސް ކެއުމަކީ ލޭގެ ޕްރެޝަރު ހިމެނޭހެން ހިތުގެ ދުޅަހެޔޮކަމަށް އެއްވެސް ނޭދެވޭ އަސަރެއް ކުރި ކަމެއް ނޫނެވެ.

🥚 2018 ވަނަ އަހަރުގެ ދިރާސާއަކުން ދެއްކި ގޮތުގައި، މަހުގެ ރަތްބަޔާއި ކުކުޅު މަސް ކެއުމާ އަޅާބަލާއިރު، ބިސް ކެއުމުން ލޭގެ ޕްރެޝަރު މަތިވުމުގެ ފުރުސަތު ކުޑައެވެ.

🥚 ނަމަވެސް، ފަރަންސޭސިވިލާތުގެ އަންހެނުންތަކެއްގެ މެދުގައި ކުރެވުނު ދިރާސާއަކުން، ކޮންމެ ދުވަހަކު ބިސް ކެއުމުން ލޭގެ ޕްރެޝަރު މަތިވުމުގެ ނުރައްކާ އޮތްކަން ފާހަގަވިއެވެ.

🥚 ލޭގެ ޕްރެޝަރު މަތި މީހުން، އެމީހުންގެ ކާނާގައި ބިސް ހިމަނާނެ މިންވަރާ ބެހޭގޮތުން ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރިއެވެ.

2- އާންމުކޮށް ބިސް ކެއުމުން ގިނަ މީހުންގެ ކޮލެސްޓްރޯލް މަތިނުވުން

ބިސް ފަދަ ކޮލެސްޓްރޯލް ގިނަ ކާނާ ކެއުމުން، ހަށިގަނޑުގެ ފުރަމޭ (ލިވަރ) އިން އަމިއްލައަށް ކޮލެސްޓްރޯލް އުފައްދާ މިންވަރު މަދުކޮށްލައެވެ. މީގެ ސަބަބުން ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރަށް މާބޮޑު ބަދަލެއް ނާދެއެވެ.

ދިރާސާއަކުން ދައްކާގޮތުގައި، “ސެޗުރޭޓަޑް ފެޓް” މަދު ކާނާއަކާއެކު ދުވާލަކު ދެ ބިސް ކެއުމުން، ހަށިގަނޑަށް ގެއްލުންދޭ “އެލް.ޑީ.އެލް” ކޮލެސްޓްރޯލް މަތިނުވެއެވެ. މިކަމުގައި ބޮޑަށް ބަލަންޖެހެނީ ކާނާގައި ހުންނަ ނުރައްކާތެރި ސަރުބީގެ މިންވަރަށެވެ.

ބައެއް ދިރާސާތަކުން ދައްކާގޮތުގައި ބިސް ކެއުމުން ބައެއް މީހުންގެ “އެލް.ޑީ.އެލް” ކޮލެސްޓްރޯލް ކުޑަކޮށް މަތިވި ނަމަވެސް، ހަމައެއާއެކު ހަށިގަނޑަށް ފައިދާހުރި “އެޗް.ޑީ.އެލް” ކޮލެސްޓްރޯލް ވެސް މަތިވެއެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ބޭނުންވާ ބެލެންސް ހިފެހެއްޓިފައި ހުރެއެވެ.

3- ބިސް ކެއުމުގައި ސަމާލުވާންޖެހޭ މީހުން

ބިހަކީ ގިނަ މީހުންނަށް ރައްކާތެރި ކާނާއެއް ނަމަވެސް، ބައެއް މީހުންނަށް މީގެ އަސަރު ތަފާތުވެއެވެ. ހަކުރު ބަލި ހުންނަ މީހުން، ހިތުގެ ބަލި ތަހައްމަލުކުރާ މީހުން، ނުވަތަ އާއިލީ ގޮތުން ކޮލެސްޓްރޯލް މަތިވުމުގެ މައްސަލަ ހުންނަ މީހުން، އެމީހުންގެ ކާނާގައި ބިސް ހިމަނާނެ ގޮތަކާ ބެހޭގޮތުން ސިއްހީ މާހިރެއްގެ އިރުޝާދު ހޯދަންޖެހެއެވެ.

ކޮލެސްޓްރޯލް ހުންނަ ކާނާގެ އެހެން ބާވަތްތަކާއި ބިސް ތަފާތުވަނީ ކީއްވެ؟

ކޮލެސްޓްރޯލް ހުންނަ ކޮންމެ ކާނާއަކީ ހަށިގަނޑަށް އެއްގޮތަކަށް އަސަރުކުރާ އެއްޗެއް ނޫނެވެ. ބޭކަން، ސޮސެޖް ނުވަތަ ބަޓަރު ފަދަ ތަކެއްޗާ އަޅާބަލާއިރު ބިހުގައި ނުރައްކާތެރި ސަރުބީ ނުވަތަ “ސެޗުރޭޓަޑް ފެޓް” ހުންނަ މިންވަރު މަދެވެ. ލޭގެ ކޮލެސްޓްރޯލް މަތިވުމަށް އެންމެ ބޮޑު ދައުރެއް އަދާކުރަނީ މި ދެންނެވި ސަރުބީގެ ބާވަތް ކަމަށްވާތީ، ބިސް ކެއުމުން ކުރާ އަސަރު ގިނަ މީހުން ހީކުރާވަރަށްވުރެ ކުޑައެވެ.

އަދި ބިހަކީ ގިނަގުނަ ފައިދާތަކެއް އެކުލެވޭ ކާނާއެކެވެ. މީގައި މަތީ ފެންވަރުގެ ޕްރޮޓީން، ވިޓަމިން ބީ12، ކޯލިން، ސެލީނިއަމް އަދި ވިޓަމިން ޑީ ހިމެނެއެވެ. ޚާއްސަކޮށް މީގައި ހިމެނޭ “ކޯލިން” އަކީ ސިކުނޑީގެ ދުޅަހެޔޮކަމަށާއި ފުރަމޭގެ މަސައްކަތަށް ވަރަށް މުހިންމު މާއްދާއެކެވެ.

ހިތަށް ފައިދާހުރި ގޮތަކަށް ބިސް ކާނީ ކިހިނެއް؟

ބިސް ކެއުމުން ލިބޭ ފައިދާ ހޯދައި، ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރަށް ކުރާ އަސަރު ކުޑަކުރުމަށް އަންނަނިވި ކަންކަމަށް ސަމާލުކަން ދެވިދާނެއެވެ:

🥚 ބިހުގެ ރީނދޫބަޔާއި ހުދުބައި ބޭނުންކުރުމުގައި ބެލެންސް ހިފެހެއްޓުން: އެއް ބިހުގެ ރީނދޫބަޔާއި އިތުރު ބިސްތަކެއްގެ ހުދުބައި ބޭނުންކުރުމުން ކޮލެސްޓްރޯލް މަދުކުރެވި، ޕްރޮޓީން އިތުރުކުރެވޭނެއެވެ.

🥚 ބިހާއެކު ކާ ތަކެއްޗަށް ސަމާލުވުން: ސޮސެޖާއި ބޭކަންގެ ބަދަލުގައި ތަރުކާރީ، ބީންސް، ނުވަތަ ހޯލް ގްރެއިން (ގޮދަން ފަދަ ތަކެތި) ބޭނުންކުރުން ހިތަށް މާ ފައިދާހުއްޓެވެ.

🥚 ސިއްހަތަށް ފައިދާހުރި ގޮތަކަށް ބިސް ތައްޔާރުކުރުން: ބިސް ފެނުކައްކައިގެން ނުވަތަ މަދު ތެޔޮކޮޅެއްގައި ތައްޔާރުކުރުމުން ސަރުބީ އިތުރުވުން ކުޑަކޮށްދެއެވެ.

🥚 ލޮނު ބޭނުންކުރާ މިންވަރު މަދުކުރުން.

🥚 މުޅި ޑައިޓަށް ސަމާލުކަން ދިނުން: އެންމެ ކާނާއަކަށްވުރެ ބޮޑަށް، މުޅި ދުވަހު ކާ ކާނާގައި ފައިބަރާއި، މޭވާއާއި ތަރުކާރީ ހިމެނުމަކީ މާ މުހިންމު ކަމެކެވެ.

ޚުލާސާކޮށް:

ބިހުގައި ކޮލެސްޓްރޯލް ގިނަ ނަމަވެސް، މިއީ އޭގެ ޒާތުގައި ކޮލެސްޓްރޯލް މަތިކުރާ އެއްޗެއް ނޫނެވެ. ލޭގެ ޕްރެޝަރު ހުންނަ މީހުންނަށް ވެސް ހިތަށް ފައިދާހުރި ގޮތަކަށް ބިސް ބޭނުންކުރެވިދާނެއެވެ. ކޮލެސްޓްރޯލްގެ މިންވަރު ބިނާވަނީ ހަމައެކަނި ބިސް ކެއުމުގެ މައްޗަކަށް ނޫނެވެ. އެއީ މީހާގެ ސިއްހީ ހާލަތާއި، ޖެނެޓިކްސް އަދި އާންމުކޮށް ކައިބޮއި އުޅޭ ގޮތުގެ މައްޗަށް ބިނާވާ ކަމެކެވެ.

ކޮލެސްޓްރޯލް، ލޭގެ ޕްރެޝަރު، ހަކުރު ބަލި ނުވަތަ ހިތުގެ ބަލި ހުންނަ ފަރާތްތަކުން ބިސް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. އެހެން މީހުންނަށް ބިހަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިބިދޭ، އަގުހެޔޮ އަދި ފައިދާހުރި ކާނާއެކެވެ.

ނޯޓް
މިއީ ހެލްތު ކޮމް އިން ނަގާފައިވާ ލިޔުމެއްގެ ތަރުޖަމާއެއް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top