ޚުލާސާ:
⚡️ ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކަށް ހޭލުމަށް އާދަކުރުމާއި، ހެނދުނުގެ ވަގުތުތަކުގައި އިރުގެ އަލި ހޯދުމަކީ ހަށިގަނޑުގެ ބަޔޮލޮޖިކަލް ގަޑި ސާރކޭޑިއަން ރިދަމް ތަރުތީބުކޮށްދީ، ނިދީގެ ފެންވަރު ރަނގަޅުކޮށް، އާންމު ސިއްހަތު ދުޅަހެޔޮކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
⚡️ ހެނދުނު ހޭލައިގެން ފެން ބުއިމާއި، ހަށިގަނޑު ހަރަކާތްތެރިކުރުވުމުގެ އިތުރުން، ސިއްހަތަށް ފައިދާހުރި މިންހެޔޮ ނާސްތާއެއް ކުރުމަކީ ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދީ، ކަންކަމަށް ސަމާލުކަންދޭ މިންވަރު މަތިކޮށް، ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބާރުއަޅާ ކަމެކެވެ.
⚡️ ދުވަސް ފެށުމުގެ ކުރިން އެ ދުވަހަކު ހާސިލުކުރަން ބޭނުންވާ ކަންކަމުގެ އަޒުމް ކަނޑައެޅުމާއި، އެލާމް ނިއްވާލުމަށްފަހު އަލުން ނިދުން ނުވަތަ ހޭލާ ގޮތަށް ފޯނު ބޭނުންކުރުން ފަދަ އާދަތަކާ ދުރުހެލިވުމަކީ، މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކޮށް، ހެނދުނު ވަގުތު އިހުސާސްވާ ވަރުބަލިކަން ކުޑަކޮށްދޭނެ ކަންކަމެވެ.
ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ގިނަ ދުވަސްތަކުގައިވެސް، ހެނދުނުގެ ވަގުތު ރަނގަޅަށް ރޭވުމަކީ މުޅި ދުވަހުގެ ކާމިޔާބީއާ ގުޅިފައިވާ ކަމެކެވެ. ތިރީގައި މިވަނީ މުޅި ދުވަހު ހަކަތަ ހިފެހެއްޓުމަށްޓަކައި ސައިންސުގެ އަލީގައި ސާބިތުވެފައިވާ، ފައިދާހުރި ހަ ކަމެކެވެ.
1- ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކަށް ހޭލުން
ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކަށް ހޭލުމަކީ ސިއްހަތަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ.
މީގެ ފައިދާ:
ނިދުމުގެ އާދަތަކާ ބެހޭގޮތުން ހަދާފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި، ކޮންމެ ރެއަކުވެސް އެއް ގަޑިއަކަށް ނިދަން އޮށޯތުމާއި ހެނދުނު އަވަހަށް ތެދުވުމަކީ، ދަންވަރު ނިދަން އޮށޯވެފައި އެކި ދުވަހު އެކި ގަޑީގައި ހޭލުމަށްވުރެ ސިއްހަތަށް ފައިދާހުރި ގޮތެކެވެ. ގަވާއިދުން އެއް ގަޑިއަކަށް ނިދާ ހޭލުމަކީ ހިތުގެ ބަލިތަކާއި ދިގު މުއްދަތުގެ އެހެނިހެން ބަލިތަކުން ރައްކާތެރިކޮށްދީ، ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭ ކަމެކެވެ.
މިކަން އާދައަކަށް ހަދާނީ ކިހިނެއް؟
ކޮންމެ ދުވަހަކު އެއް ގަޑިއަކަށް ހޭލުމަށްޓަކައި، ކޮންމެ ރެއަކުވެސް އެއް ގަޑިއަކަށް ނިދަން އޮށޯތުމަށް އާދަކުރާށެވެ. އަދި ފަތިހު ނުވަތަ ހެނދުނު ހޭލަން ފަސޭހަކުރުމަށްޓަކައި އެލާމްގެ އަޑު ދޭތެރެދޭތެރެއިން ބަދަލުކޮށްލުމަކީ ނުވަތަ ހިތްހަމަޖެހޭ ފަދަ އަޑެއް ސެޓްކުރުމަކީ ހޭލާއިރު އުފާވެރިކަން ގެނުވައިދޭނެ ކަމެކެވެ.
2- ހޭލާތާ 30 ނުވަތަ 60 މިނެޓު ތެރޭގައި އަވީގެ އަލި ހޯދުން
ދިރާސާތަކުން ދައްކާގޮތުގައި ހޭލާ ގޮތަށް ބޭރުގެ ގުދުރަތީ އަލި ހަށިގަނޑަށް ލިބުމަކީ ނިދުމުގެ ފެންވަރު ރަނގަޅުކޮށްދޭ ކަމެކެވެ.
މީގެ ފައިދާ:
ހެނދުނު އިރުގެ އަލި ލިބުމަކީ ހަށިގަނޑުގެ އެތެރޭގެ ބަޔޮލޮޖިކަލް ގަޑި ހަމަޖައްސައިދޭ ކަމެކެވެ. މީގެ ސަބަބުން އަވަހަށް ނިދި އައުމަށާއި، އަރާމު ނިދި ލިބުމަށް އެހީތެރިވެދެއެވެ.
މިކަން އާދައަކަށް ހަދާނީ ކިހިނެއް؟
ހެނދުނު ބޭރަށް ނިކުމެ ކުޑަކޮށް ހިނގާލެވިދާނެއެވެ. ނުވަތަ ބެލްކަނީގައި ނުވަތަ ގޯތިތެރޭގައި އަވީގައި މަޑުކޮށްލެވިދާނެއެވެ.
3- ހޭލާ ގޮތަށް ފެން ބުއިން
ހެނދުނު ހޭލާ ގޮތަށް ކޮފީއެއް ބޯލުމަކީ ގިނަ ބަޔަކު ކުރާ ކަމަކަށް ވިޔަސް، ސިއްހީ ގޮތުން އެންމެ ރަނގަޅީ ފެން ބުއިމެވެ.
މީގެ ފައިދާ:
ކެފެއިން އެކުލެވޭ ބުއިންތަކަށްވުރެ ފެނުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ފަސޭހަވެއެވެ. މިއީ މުޅި ދުވަހު ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ފެން ގިނައިން ބުއިމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުކޮށްދީ ކެލަރީ އަންދާ މިންވަރު އިތުރުކޮށްދޭ ކަމެކެވެ.
މިކަން އާދައަކަށް ހަދާނީ ކިހިނެއް؟
ކޮފީ ނުވަތަ ސައި ބުއިމުގެ ކުރިން ފެން ތަށްޓެއް ބޯލުމަށް އާދަކުރާށެވެ. މިކަން ފަސޭހަކުރުމަށްޓަކައި ނިދާ އެނދު ކައިރީގައި ފެން ފުޅިއެއް ބަހައްޓާށެވެ.
4- ހަށިގަނޑު ހަރަކާތްތެރިކުރުވުން
ހެނދުނު ކުޑަކޮށް ހަށިގަނޑު ދަމާލުން (ސްޓްރެޗްކޮށްލުން) ނުވަތަ ކަސްރަތެއް ކޮށްލުމަކީ ހަށިގަނޑު ހޭލައްވާލުމަށް އޮތް އެންމެ ފަސޭހަ މަގެވެ.
މީގެ ފައިދާ:
ގަވާއިދުން ހެނދުނު ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ބަޔޮލޮޖިކަލް ގަޑި ހަމަޖައްސައިދީ، ހާސްކަން އިތުރުކުރާ ހޯމޯންއެއް ކަމަށްވާ ‘ކޯޓިޒޯލް’ މަދުކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ނިދުމުގެ ފެންވަރު ރަނގަޅުވެގެންދެއެވެ.
މިކަން އާދައަކަށް ހަދާނީ ކިހިނެއް؟
ކަސްރަތު ކުރުމަށް ފަސޭހަކުރުމަށްޓަކައި، ކަސްރަތު ކުރާއިރު ލާނެ ހެދުން ރޭގަނޑު ތައްޔާރުކޮށްފައި ބަހައްޓާށެވެ. މިއީ ސިކުނޑިއަށް ލިބޭ ހިތްވަރަކަށް ވެ، އެކަން ކުރުމަށް ފަސޭހަވާނެއެވެ.
5- ފައިދާހުރި ނާސްތާއެއް ބޭނުންކުރުން
ހެނދުނުގެ ނާސްތާގައި ކާބޯހައިޑްރޭޓްސް، ހެލްތީ ފެޓްސް އަދި ޕްރޮޓީން ހިމެނުމަކީ ހަށިގަނޑާއި ސިކުނޑިއަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް މުހިންމު ކަމެކެވެ.
މީގެ ފައިދާ:
ރަނގަޅު ނާސްތާއެއް ބޭނުންކުރުމަކީ ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށްދީ، ސަމާލުކަން ދިނުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަމެކެވެ. އަދި ދުވަހަށް ބޭނުންވާ މުހިންމު ވިޓަމިންތަކާއި މިނަރަލްސް ހަށިގަނޑަށް ލިބިދޭ ކަމެކެވެ.
މިކަން އާދައަކަށް ހަދާނީ ކިހިނެއް؟
ނާސްތާ ތައްޔާރުކުރަން ވަގުތު ނުވާނަމަ، ރޭގަނޑު ބައެއް ތަކެތި ތައްޔާރުކޮށްފައި ބެހެއްޓިދާނެއެވެ. މިސާލަކަށް އޯޓްސް އާއި މޭވާ ފަދަ ތަކެތި ރޭގަނޑު ތައްޔާރުކޮށްފައި ބެހެއްޓުމުން ހެނދުނު ވަގުތު ސަލާމަތްވާނެއެވެ.
6- ދުވަހުގެ މަގްސަދެއް ކަނޑައެޅުން
ހޭލާ ގޮތަށް، އެދުވަހު ހާސިލުކުރަން ބޭނުންވާ މުހިންމު ކަމެއް ނުވަތަ އިސްކަންދޭނެ ކަމެއް ސިކުނޑީގައި ކަނޑައަޅާށެވެ.
މީގެ ފައިދާ:
ސައިންސުން ސާބިތުވާ ގޮތުގައި ކަމެއް ކުރުމުގެ ކުރިން އެކަމަކަށް ނިޔަތްގަތުމަކީ ނުވަތަ މަގްސަދެއް ކަނޑައެޅުމަކީ އެކަމެއް ކާމިޔާބުވުމަށް އޮތް އެންމެ ބޮޑު ބާރެވެ.
މިކަން އާދައަކަށް ހަދާނީ ކިހިނެއް؟
އެނދު ކައިރީގައި ނޯޓްފޮތަކާއި ގަލަމެއް ބާއްވައިގެން، ހެނދުނު ހޭލާ ގޮތަށް ދުވަހުގެ ލަނޑުދަނޑިތައް ލިޔުމަށް އާދަކުރާށެވެ.
ހަކަތަ ދަށްކޮށްލާ ބައެއް އާދަތައް
ހެނދުނުގެ ރަނގަޅު އާދަތައް އަށަގަންނުވާއިރު، ތިރީގައިވާ ކަންކަމުން ދުރުހެލިވާންޖެހެއެވެ:
⚡️ އެލާމް ‘ސްނޫޒް’ ކުރުން: މީގެ ސަބަބުން ނިދުމުގެ ސައިކަލް މެދުކެނޑި، މުޅި ދުވަހު ވަރުބަލިކަން އިހުސާސްވާނެއެވެ.
⚡️ މުޅިން އަނދިރި ކޮޓަރިއެއްގައި ނިދުން: ނިދާއިރު އަނދިރިކޮށް ބޭއްވުމަކީ މުހިންމު ކަމަކަށް ވިޔަސް، ހެނދުނު އިރުގެ އަލި ކޮޓަރިއަށް ވަންނާނެ ގޮތެއް ހުރުމަކީ ހޭލަން ފަސޭހަވާނެ ކަމެކެވެ.
⚡️ ހޭލާ ގޮތަށް ފޯނު ބެލުން: ހޭލާ ގޮތަށް މެސެޖުތަކާއި ސޯޝަލް މީޑިއާ ބެލުމަކީ ހެނދުނުގެ ރޫޓިންއަށް ހުރަސްއެޅި، ސިކުނޑި ބުރަވާނެ ކަމެކެވެ. އެހެންކަމުން ހެނދުނުގެ އާދަތައް ފުރިހަމަކުރުމަށްފަހު މެނުވީ ފޯނު ބޭނުންނުކުރުމަށް އާދަކުރާށެވެ.
