މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިލުމަށް އަޅަމުން އަންނަ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާއިރު، ބްރިޖުން އަޑިގަނޑުތަކެއް ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައާއި ބައެއް މީޑިއާތަކުގައި އާއްމުކޮށް ގިނަ ފާޑުކިޔުންތަކެއް ކިޔަމުން އަންނަތަން ފެނެއެވެ. މިގޮތުން މީސްމީޑިއާގައި ފަޑުކިޔުމުގެ ބައެއް ޕޯސްޓްތައް ކުރަމުން އަންނަ ‘ޒަމްޒަމް ފާރިޝް’ ނަމަކަށް ކިޔާ ބޭފުޅަކު ކޮށްފައި އޮތް ކޮމެންޓަކަށް ނަޒަރު ހުއްޓުނެވެ.
“މީގެ މަހެއްހާ ދުވަސް ކުރިން މާލެ ހުޅަނގު ފަރާތަށް ގޮސް ވިލިމާލެ ބުރިޖުގެ ފޮޓޯކޮޅެއް ނެގީމެވެ. ފޮޓޯތައް ބަލަމުން ދަނިކޮށް ފާހަގަވި އެއް ކަމަކީ ބުރިޖުގެ އެއް ދިމާލުން އަޑިގަނޑެއް ހެން ފެންނަން އިން (ތީރުން ދައްކާފައި އެވާ) ތަނެވެ.
އެވާހަކަ އަޅުގަނޑުގެ ރައްޓެހި އެމްޑީޕީ މީހަކާއި، އެކުގައި މަސައްކަތް ކުރަން އުޅޭ ވިލިމާލެ ރައްޓެއްސަކަށް ކިޔައިދީ އެ ފޮޓޯ ދެއްކީމާ އެ ދެ މީހުން ބުނީ އެއީ ފޮޓޯ ނަގާފައި ހުރި އޭންގަލްގެ ސަބަބުން ހީވާ ގޮތެއް ކަމުގައެވެ. އެހެންވެ އެކަމާ އެހާ އަޅައެއް ނުލަމެވެ. ނަމަވެސް، އިހަކަށް ދުވަހު އެއްކަލަ، ވިލިމާލެ ރައްޓެހި މީހާ ދިމާވެގެން ބުނެފިއެވެ:“ތިމަންނާއަށް އެ ފޮޓޯ ފެނުނު ދުވަހުން ފެށިގެން ކޮންމެ ދުވަހަކު މާލެ އައިސް ގޮސް ހަދާއިރު ބުރިޖުގެ އެ ދިމާލަށް އެބަ ބަލަމެވެ. އަދި ކުރިއާ ޚިލާފަށް އެ ބުރިޖުގެ އެބައި އަނޑިގަނޑެއް ހެން އިންކަން ފާހަގަވެއެވެ. ކުރިން އެވަރަކަށް އެކަން ފާހަގައެއް ނުވެއެވެ. ނަމަވެސް މިހާރު އެކަން ވަރަށް ބޮޑަށް އެބަ ފާހަގަވެއެވެ”.ކޮންމެއަކަސް، މިއަދު (24 އޭޕްރީލް 2026) އެފްބީ ތެރެއިން ބުރިޖުގެ އައު، ތަންކޮޅެއް ކައިރީ ފޮޓޯތަކެއް ފެނިގެން ބަލާލިއިރު ބުރިޖުގެ ހަމަ އެދިމާލުން އެ އަޑިގަނޑު ފާހަގަވެއްޖެއެވެ.މިފޮޓޯތަކަކީ އެހެން އޭންގަލްތަކަކުން، އަދި މާ ކައިރިން ނަގާފައިވާ ފޮޓޯތަކެއް ކަމުގައި ވިޔަސް ހަމަ އެ އަނޑިގަނޑު ފާހަގަވާން ހުރީތީ އެއީ ކިހިނެއް ކިހިނެއްވާ ކަމެއްތޯ ސުވާލު ކޮށްލަން ހިތަށް އަރައެވެ. މިއީ އަނެއްކާ އައިބު ބުރިޖެއްތޯ ހިތަށް އަރައެވެ.މީގެ ޙަޤީޤަތަކީ ކޮބައިބާ؟!”

ޒަމްޒަމް ފާރިޝް އާއްމުކޮށްފައިވާ ފޮޓޯއެއް
ޒަމްޒަމް ފާރިޝްގެ މި ޕޯސްޓަށް ވަރަށް ގިނަ ބަޔަކު ކޮމެންޓްކޮށްފައި ހުއްޓާ ފެނުނެވެ. އޭގެ ތެރެއިން ފާހަގަވި އެއް ކޮމެންޓެއްގައި ހުރި ޓެކްނިކަލް ވާހަކަތަކެއް ކިޔައިލުމުންނާއި ލިބިފައި ހުރި ބައެއް މަޢުލޫމާއި އާކިޓެކްގެ ދާއިރާގެ ފަންނާނެއް ގާތުގައި އަހައިލުމުން އެ ކޮމެންޓްގައި ހުރީ ރަނގަޅު ވާހަކަތަކެއް ކަމަށް ގަބޫލުކުރެވުނެވެ.
ތިރީގައި އެވަނީ ޒަމްޒަމް ފާރިޝްގެ ޕޯސްޓަށް ‘ޖޭ.އާރް ހުސްނު ނުހާދު’ގެ ނަމުގައި ޖެމިނައި އިން ޖެނޭޓްކޮށްފައިވާ ކޮމެންޓެއްގެ ދިވެހި ތަރުޖަމާއެކެވެ.
“ތިޔައީ ވަރަށް މުހިންމު ސުވާލެކެވެ. ތިލަމާލެ ބްރިޖް (ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް)ގެ ފޮޓޯތަކުން ބްރިޖްގެ ބައްޓަމަށް އައިސްފައިވާ ބަދަލުތަކެއްހެން ފެންނަ ފެނުމަކީ ޒަމާނީ ބްރިޖް އިންޖިނިއަރިންގްގައި އާންމުކޮށް ފެންނަ، ފަންނީ ގޮތުން ހަމަޖެހިފައިވާ އުސޫލުތަކެކެވެ.
ބައެއް ފޮޓޯތަކުން ބްރިޖްގެ ބައެއް ދިމާދިމާލުން “ލެބިފައި” ނުވަތަ ސީދާ ނޫންހެން ހީވި ނަމަވެސް، އޭގެ ފަހަތުގައިވާ މައިގަނޑު ސަބަބުތަކަކީ:
1. “ޕްރީ-ކެމްބަރ” ފަރުމާ
އިންޖިނިއަރުން ދިގު ބްރިޖްތައް ފަރުމާކުރާއިރު، ފަރުމާކުރަނީ އެއީ މުޅިން ފަތިކޮށް ހުންނަ އެއްޗެއްގެ ގޮތުގައެއް ނޫނެވެ. ކޮންކްރީޓަކީ އޭގެ ޒާތުގައި ވަރަށް ބަރު އެއްޗަކަށް ވުމުން، މަސައްކަތް ނިމި، ވަގުތީ ތަނބުތައް ނަގައި، އޭގެ މަތިން ދަތުރުފަތުރު ކުރަން ފެށުމުން ބްރިޖް ކުޑަކޮށް ތިރިވާނެއެވެ.
* ހައްލު: އެހެންކަމުން، ބްރިޖް ބިނާކުރާއިރު ކުޑަކޮށް މައްޗަށް އަރާފައި ހުންނަ ގޮތަށް (ކެމްބަރ) ފަރުމާކުރެއެވެ.
* ނަތީޖާ: މަސައްކަތް ހިނގަމުންދާއިރު ބައެއް ދިމާދިމާލުން ބްރިޖް “ގުދުވެފައި” ހުރިހެން ހީވި ނަމަވެސް، ބްރިޖްގެ މުޅި ބަރުދަނާއި އުޅަނދުތަކުގެ ބަރުދަން އައުމުން، ބްރިޖް ސީދާވެ، އޭގެ އަސްލު ފެންވަރަށް ތިރިވާނެއެވެ.
2. ބައިބަޔަށް ގުޅުވައިގެން ބިނާކުރުން
ތިލަމާލެ ބްރިޖް ބިނާކުރަނީ ކުރިން ތައްޔާރުކޮށްފައިވާ 1,200 އަށްވުރެ ގިނަ ކޮންކްރީޓް ބައިތައް (ސެގްމެންޓްސް) އެކަތި އަނެކައްޗާ ގުޅުވައިގެންނެވެ.
* ފޮޓޯތަކުން ފެންނަ ގޮތުގައި ބްރިޖްގެ ބައިތައް ތަނބުތަކުން ފެށިގެން ދެފަރާތަށް އިތުރުވަމުންދެއެވެ. މި ބައިތައް ހިފަހައްޓާފައި ހުންނަނީ ކޮންކްރީޓްގެ އެތެރެއިން ދަމާފައިވާ ވަރުގަދަ ދަގަނޑު ކޭބަލްތަކަކުންނެވެ.
* މި ބައިތައް އެއްކޮށް ގުޅުވައި، ކޭބަލްތަކަށް ދޭންޖެހޭ ބާރު (ޓެންޝަން) ފުރިހަމައަށް އެޖަސްޓް ކުރެވެންދެން، ބައެއް ދިމާދިމާލުން ބްރިޖް ކުޑަކޮށް އަރިވެފައި ހުރިހެން ހީވެދާނެއެވެ. ނަމަވެސް ހުރިހާ ބައިތަކެއް ގުޅި ނިމުމުން ބްރިޖް އެއްވަރުވާނެއެވެ.
3. ބްރިޖްގައި ހިމެނޭ “ކާވް” ނުވަތަ ލެބުންތައް
ސިނަމާލެ ބްރިޖާ (ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް) ޚިލާފަށް، ތިލަމާލެ ބްރިޖަކީ ސީދާ އެއް މިސްރާބަކަށްދާ ބްރިޖެއް ނޫނެވެ. މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލަން ޖެހޭތީ، ބްރިޖްގެ މަގު އެކި ދިމާދިމާލަށް އަނބުރާލަން ޖެހެއެވެ. މިގޮތަށް ހުންނަ އަނބުރާލުންތަކުގެ (ހޮރިޒޯންޓަލް ކާރވްސްގެ) ސަބަބުން، ވަކި ދުރުމިނަކުން ނުވަތަ ވަކި އޭންގަލަކުން ބަލާއިރު ބްރިޖް ގުދުވެފައި ހުރިހެން ހީވާ ހީވުމަކީ “އޮޕްޓިކަލް އިލިއުޝަން” އެކެވެ.
ޚުލާސާ: 2026 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ބަލާއިރު މި މަޝްރޫޢުގެ 70 އިންސައްތައަށްވުރެ ބޮޑު ބައެއް ވަނީ ނިމިފައެވެ. ފޮޓޯތަކުން ފެންނަ މިފަދަ ކަންކަމަކީ އިންޖިނިއަރިންގްގެ ގޮތުން ބަލާއިރު ބްރިޖްގެ މަސައްކަތް ހިނގަމުންދާގޮތް ދައްކުވައިދޭ ކަންކަމެވެ. މިއީ ރާއްޖޭގެ ފުން ކަނޑުގެ ސަރަހައްދުތަކުގައި ކުރިއަށްގެންދާ ވަރަށް ފަންނީ އަދި އާދަޔާޚިލާފު ބޮޑު މަސައްކަތެކެވެ.”

ތިލަމާލޭ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ / ޝާހިލް
އެހެން މީހަކުވެސް މިކަމަށް ތަންކޮޅެއް ލޮޖިކަލް ޖަވާބެއް ޚުލާސާކޮށް ދީފައިވެއެވެ. ޔާސިރު އިބްރާހީމްގެ ކޮމެންޓްގައި ވެއެވެ:-
“…………. އެއީ ބިމާއި ހަމައިން އަރާ ކަނޑުގެ ލޮނުގަނޑަށްވުރެ އެތައް ގުނައެއް މަތިން އަޅާފައި އޮންނަ އެއްޗެއް އަނެއްކާ ބިމާ ހަމައަށް ތިރިކުރަން ކޮންމެހެން ކުރަންޖެހޭ ކަމެއް. މިހެން ތިރިކުރާއިރު ޓެންސަން ލޯޑު ކުޑަކުރުމަށާއި، އެކްސްޕެންޑެޑް ލޯޑް ސްޕްރެޑްއަށް އެކި ދިމަދިމާލުން އެކި މިނަށް ތިރިކޮށް އެކަންކުުރުން އެއީ އަސްލު އެކަން ކުރަންޖެހޭ ގޮތް. މިވަރުން އެނގޭނެ ކަމަށް އުއްމީދުކުރަން. ވަރަށް ސަލާމް.”
