ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ހުވަފެން – ޗެޕްޓަރ 11
ފޮޓޯ/މުނިއަވަސް ގްރެފިކްސް

ވާހަކައެއްގެ ސިފައިގައި އައި މީހާ

ސާރާ މަސައްކަތް ކުރަމުންދިޔައީ ސަމާލުކަން ދެވޭތޯއެވެ. އޭނާ ވަރަށް ބޮޑަށް އެކަމަށް އެދޭމެއެވެ. ސާޖިދު ވާހަކަދައްކަމުން ދިޔައީ ނިޝާންތަކާއި، ކުރެހުންތަކާއި، ހުވަފެންތަކުގެ ފުރަގަހުގައިވާ ފުން މާނަތައް ކިޔައިދިނުމުގައެވެ. ނަމަވެސް މިއަދު ސާރާގެ އަމިއްލަ ނަފުސުގެ މައްޗަށް އޭނާގެ ބާރެއް ނެތް ކަހަލައެވެ. ސާޖިދު އޭނާއަށް ބަލާލާ ކޮންމެ ފަހަރަކު އެއީ ކިތަންމެ ކުރު ހިނދުކޮޅަކަށް ވިޔަސް އޭނާގެ ހިތުގެ އެތެރޭގައި ކޮންމެވެސް ބަދަލެއް އާދެއެވެ. އެއީ މީގެ ކުރިން އިޙުސާސް ކުރެވިފައި ނުވާ، ކޮންޓްރޯލުން ނެއްޓިފައިވާ، ނުރައްކާތެރި އިޙުސާސެކެވެ.

“މިސް ސާރާ.” އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ. “ކަމަނާގެ ސަމާލުކަން ކުޑަވަނީ.” ސާރާ ކުއްލިއަކަށް ބަލާލިއެވެ. “ނޫން، އެހެނެއް ނޫން.” ނަމަވެސް އޭނާގެ ސަމާލުކަން ހުރީ ކުޑަވެފައެވެ. ސާޖިދު ހިނދުކޮޅަކަށް އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ނުރުހުމުގެ ނަޒަރަކުން ނޫނެވެ. ނަމަވެސް ހުރިހާ ކަމެއް އެނގޭ ފަދަ ގޮތަކަށެވެ. “އަހަރެން މި ބުނަމުން ދިޔަ ފަދައިން،” އޭނާ ކުރިއަށް ގެންދިޔައެވެ. “ބައެއް ހުވަފެންތަކަކީ ހަމައެކަނި ފެންނަ ހިޔަނިތަކެއް ނޫން..” އޭނާ މޭޒާ ކައިރިއަށް ޖެހިލިއެވެ. “އެއީ ގުޅުންތަކެއް.” ސާރާގެ ނޭވާ ކުޑަކޮށް ހުއްޓުނު ކަހަލައެވެ. “މީހުންނާ އޮންނަ ގުޅުންތަކެއްތަ؟” އޭނާ އެހިއެވެ. މަޑުޖެހިލުމަކަށް ފަހު “ހަޤީޤަތްތަކާ އޮންނަ ގުޅުންތަކެއް.” އޭނާ ޖަވާބު ދިނެވެ. ދެމީހުންގެ ނަޒަރު ސީދާވިއެވެ.

“މިސް ސާރާއަށް އިވިފައިވޭތޯ..” ސާޖިދު ފެށިއެވެ. “ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކަ؟” ސާރާ ކުޑަކޮށް ހައިރާންވިއެވެ. “އާނ،” އޭނާ މަޑުމަޑުން ބުންޏެވެ. “އެއީ ލޯބީގެ ވާހަކައެއް.” ސާޖިދު ބޯޖަހާލިއެވެ. “ނަމަވެސް އެއީ ހަމައެކަނި ލޯތްބެއް ނޫން.” “އެއީ ދަތުރެއް.” “ސަލާމަތްކުރުމެއް.” “ދުނިޔެ އޭނާއާ ދުރުކުރަން އުޅުނު މީހަކަށްޓަކައި، ހުރިހާ ކަމެއް ޤުރުބާން ކުރި މީހެއްގެ ވާހަކަ..” އޭނާގެ އަޑު މަޑުވެގެން ދިޔައެވެ “އެމީހަކަށްޓަކައި ހުރިހާ ނުރައްކަލަކަށް ކުރިމަތިލީ މީހެއްގެ ވާހަކަ.” ސާރާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. “އަދި ދޮންހިޔަލަ؟” އޭނާ މަޑުމަޑުން އެހިއެވެ. ސާޖިދުގެ ނަޒަރު މަޑުމޮޅިވިއެވެ. “އޭނާ އިންތިޒާރު ކުރި.” މަޑުޖެހިލުމަކަށް ފަހު “ނަމަވެސް އޭނާ ކެތްތެރިކަމާއެކު ހިތްވަރުވެސް ކުރި.” އެ ބަހުގެ އަސަރު ސާރާގެ ހިތުގައި ބީހިލިއެވެ. ހިތްވަރު. މިއީ ހަމައެކަނި ވާހަކައަކަށް ނުވީތީއެވެ. ސާރާގެ އަމިއްލަ ހާލަތު ކަމަށް އޭނާއަށް އިޙުސާސް ކުރެވުނެވެ.

އެރޭ ސާރާ އެކަމަކަށް ހުރަހެއް ނޭޅިއެވެ. ސުވާލެއްވެސް ނުކުރެއެވެ. އޭނާ އެ ހުވަފެން ދެކެން ބޭނުންވިއެވެ.
ހުވަފެން ދުނިޔެ އަލިކަމުގެ ތެރެއަށް ހުޅުވިގެން ދިޔައެވެ. މަޑު، ރަންކުލައިގެ އަލިކަމެކެވެ. ކަނޑުގެ އައްސޭރި އޭނާގެ ވަށައިގެން ނިމުމެއް ނެތް ފަދައިން ފެތުރިފައި އޮތެވެ. މަޑުމައިތިރި، ރީތި މާހައުލެކެވެ. ސާރާ އަތިރިމަތީގައި ހުއްޓި ހުއްޓެވެ. ހުދުކުލައިގެ ފޭރާމެއްގައެވެ. ވައިރޯޅިތަކާއެކު އޭނާގެ އިސްތަށިގަނޑު ހޫރެމުން ދިޔައެވެ. “ސާރާ..” އޭނާ އެނބުރި ބަލާލިއެވެ. އަދި ހިނދުކޮޅަކަށް އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ. އެއީ އޭނާއެވެ. ސާޖިދެވެ. ނަމަވެސް އޭނާ ދަންނަ ސާޖިދެއް ނޫނެވެ. މާ ވަރުގަދަ، މާ ހިތްވަރުގަދަ މީހެއްގެ ސިފައިގައެވެ. ކުރީގެ ވާހަކައަކުން ނިކުމެގެން އައި ފަދަ ސިފައެއްގައެވެ. “އަލިފުޅު..” އޭނާއަށް އަމިއްލަ އިހުތިޔާރުން ބޭރުގައި މަޑުމަޑުން ބުނެވުނެވެ. އަލިފުޅު ކުޑަކޮށް ހިނިތުންވެލިއެވެ. “އަހަރެން ކަމަނާ ހޯދާތާ ކިތަންމެ ދުވަހެއް.” ސާރާގެ ނޭވާ އަވަސްވާން ފެށިއެވެ. “ކީއްވެ؟” އޭނާ ކައިރިއަށް ޖެހިލިއެވެ. “ސަބަބަކީ އެމީހުން ކަމަނާ ދިޔަ ނުދޭނެތީ.” އެ ބަސްތައް ސާރާގެ ހިތުގެ ފުނަށް އަސަރުކުރިއެވެ. “ކޮން ބައެއް؟” އޭނާ އެހިއެވެ. ނަމަވެސް ހިތުގެ އަޑިން އޭނާއަށް އެއީ ކޮންބައެއްކަން އެނގެއެވެ. “ކަމަނާ ހިފަހައްޓައިގެން ތިބޭ މީހުން.” އޭނާ ބުންޏެވެ. މަޑުޖެހިލުމަކަށް ފަހު..

“ހުރިހާ ކަމެއް ބަދަލުކުރަމުންދާ މީހުން.” ސާރާގެ މޭ އަނެއްކާވެސް ފިތޭ ގޮތްވިއެވެ. “ސޯފީ..” އޭނާ މަޑުމަޑުން ބުންޏެވެ. އޭނާ ބޯޖަހާލިއެވެ. “އަހަރެން ދަންނަން.” އަދި އެކަމުން ސާރާގެ މުޅި ނަފުސު ސިއްސުވާލިއެވެ. ސަބަބަކީ ސޯފީއަކީ އޭނާގެ އަމިއްލަ މީހެކެވެ. އޭނާގެ ސިއްރެވެ. އޭނާގެ ހަޤީޤަތެވެ. “ތިބާއަށް އެނގުނީ ކިހިނެއް؟” އޭނާ އެހިއެވެ. އޭނާ ވަގުތުން ޖަވާބެއް ނުދެއެވެ. އޭގެ ބަދަލުގައި އޭނާ ސާރާގެ އަތުގައި ހިފާލިއެވެ. އެއީ ހޫނު، ހަޤީޤީ އިޙުސާސެކެވެ. އެއީ ހުވަފެނަކާ ބަލާފައި މާ ބޮޑަށްވެސް ހަޤީޤީ އިޙުސާސެކެވެ. “އަހަންނަށް އިތުބާރު ކުރޭ.” އޭނާ މަޑުމަޑުން ބުންޏެވެ. އަދި އެވަގުތު އެކަން ހިނގިއެވެ. ބިންދައިގެން ދިޔަ އަޑުފަދަ އިޙުސާސެއްވިއެވެ. ސާރާގެ ސިކުނޑީގެ ތެރެއިން ކޮންމެވެސް އެއްޗެއް ފަހަތަށް ޖެހިލިއެވެ. ސަމާލުވިއެވެ. ސަބަބަކީ ފުރަތަމަ ފަހަރަށް އޭނާ އެ ހުވަފެނާމެދު ސުވާލު އުފެއްދުމެވެ.

ސާރާ ފަހަތަށް ޖެހިލިއެވެ. އޭނާގެ ނޭވާލުން މިހާރު ހަމައެއް ނޫނެވެ. “ނޫން..” އޭނާގެ އަޑު ތުރުތުރުލައެވެ. “ތިބާއަށް އެކަން އެނގިގެން ނުވާނެ.” ސާޖިދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ވަރަށް ކުޑަކޮށްނެވެ. އެއީ އޯގާތެރިކަމެއް ނޫނެވެ. އެއީ ހިސާބު ބަލާލުމެއް ފަދަ ކުލަވަރެކެވެ. “ހުވަފެންތަކުން އަހަރެމެން ގަސްދުކުރާ ވަރަށްވުރެ ގިނަ ކަންކަން ހާމަކޮށްދޭ.” އޭނާ ހަމަޖެހިލައިގެން އިނދެ ބުންޏެވެ. ނަމަވެސް ސާރާ ބޯހޫރުވާލިއެވެ. “ނޫން.” އޭނާގެ އަޑު މިހާރު ކުރިއަށްވުރެ ސާބިތެވެ. “ހުވަފެންތަކަކުން ބޭރު މީހުންނަކަށް މިފަދަ ފުރުސަތެއް ނުދޭނެ.” ދެމީހުންގެ މެދުގައި ހިމޭންކަން ފެތުރުނެވެ. އެއީ ބަރު، އުނދަގޫ ހިމޭންކަމެކެވެ. “ތީ ކާކު؟” އޭނާ އެހިއެވެ. އޭނާގެ ފަހަތުގައިވާ ކަނޑު އަނދިރިވިއެވެ. އުޑުމަތީގެ ކުލަވަރު ބަދަލުވާން ފެށިއެވެ. އަދި ކުރު ހިނދުކޮޅަކަށް އޭނާ އަލިފުޅުގެ ސިފައަކުން ނުފެނުނެވެ.

ސާރާއަށް ހޭލެވުނީ ބާރަށް ނޭވާއެއް ލަމުންނެވެ. އޭނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. އަތްތިލަ ވަނީ ފިނިވެފައެވެ. އޭނާ ވަގުތުން ތެދުވެ އިށީނެވެ. ސޯފީއާ ދިމާއަށް ބަލާލިއެވެ. ސޯފީ އިނީ ހަރަކާތެއް ނެތިއެވެ. ނަމަވެސް އޭނާގެ އިނގިލިތަކަށް ކުޑަ ހަރަކާތެއް އައެވެ. އެއީ އިޝާރާތެކެވެ. ސާރާ އަވަހަށް އޭނާގެ ގާތަށް ދިޔައެވެ. “ސޯފީ..” އޭނާ މަޑުމަޑުން ބުންޏެވެ. “އޭނާ ހުވަފެންތަކުގެ ތެރެއަށް ވަދެއްޖެ.” މަޑުޖެހިލުމަކަށް ފަހު “އަދި އަހަރެން ޤަބޫލެއް ނުކުރަން އޭނާ އެތަނުގައި ހުންނަން ޖެހޭނެ ކަމަކަށް.” ސޯފީގެ ތުންފަތަށް ކުޑަ ހަރަކާތެއް އައެވެ. “ސަމާލުވޭ..” ސާރާގެ މޭ ފިތުނެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު ސާރާ އަނެއްކާވެސް ސާޖިދުގެ ކުރިމަތީގައި އިށީނދެ އިނދެ އޭނާ ސާޖިދަށް ބަލަނީ ކުރިން ބެލި ގޮތަކަށް ނޫނެވެ. ޝައުޤުވެރިކަމަކާއެކު ނޫނެވެ. އޯގާތެރިކަމަކާއެކުވެސް ނޫނެވެ. ނަމަވެސް ތޫނު ނަޒަރަކުންނެވެ. ހޭލައި ހުރެ، ބަލަމުންނެވެ. ސަބަބަކީ މިހާރު އޭނާއަކީ އޭނާގެ އަލިފުޅުތޯ ހަމައެކަނި ސުވާލު އުފައްދަނީއެއް ނޫނެވެ. އޭނާ ސުވާލު އުފައްދަނީ އޭނާ ފޮނުވީ އޭނާގެ ދައްތަ އެހެން ސިފައަކަށް ބަދަލުކޮށްލި މީހުންތޯއެވެ. އަދި އޭނާގެ ލޯބީގައި ޖެހުމަކީ އޭނާއަށް ކުރެވޭނެ އެންމެ ބޮޑު ކުށް ކަމުގައި ވެދާނެތީއެވެ.

ސާރާ މިހާރު ހުވަފެނީ އާލަމަށް ވަންނަނީ އިއްތިފާޤަކުންނެއް ނޫނެވެ. ކުޅަދާނަކަމާއި އަމިއްލަ އިޚްތިޔާރުންނެވެ. އަމިއްލަ ނަފުސުގެ ތެރޭގައި ތަޅުދަނޑިއެއް އަނބުރާލި ފަދައިންނެވެ.

ފޮތެއްގެ ގަނޑު އުކާލެވޭ ފަދަ މަޑުމައިތިރިކަމާއެކު ކަނޑުގެ ރާޅުތައް ދެފަރާތަށް ކަހާލިއެވެ. ނަމަވެސް އެތަނުގައި އޮތީ ހަމަހިމޭންކަމެއް ނޫނެވެ.. އެތަނުން އަޑުތަކެއް އިވެމުންދިޔައެވެ. ފޯނެއް ރިންގުވާ އަޑެވެ. ނޮޓިފިކޭޝަން އަންނަ އަޑެވެ. ލަކުޑިގަނޑެއްގެ މަތީގައި ފޯނެއް ވައިބްރޭޓްވާ ކަހަލަ ފަނޑު އަޑެކެވެ. ސާރާ ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ. އޭނާއަށް އޮޅުންބޮޅުންވިއެވެ. އޭގެ ފަހުން އޭނާއަށް ފެނުނު މަންޒަރަކީ ހުވަފެނަށް ބަދަލުތަކެއް އައިސްފައިވާ ތަނެވެ. އަތިރިމަތި ފެންނަނީ މާލެ ސިޓީ މޫދުގެ ތެރެއަށް އޮޅާލާފައިވާ ފަދަ ގޮތަކަށެވެ. ކުނބުރު ގަސްތަކާ ޖެހިގެން އުސް އިމާރާތްތައް ހުއްޓެވެ. ފެނުގެ ތެރެއިން ނިއޯން ބައްތިތަކުގެ އަލި ފެންނަން ހުއްޓެވެ. ފްލޯޓިންގ ކެފޭތަކުގެ ކައިރިން ދޯނިފަހަރު ދަތުރުކުރަމުން ދިޔައެވެ. އުޑުމަތިން ފެންނަނީ ހަނދުވަރުގެ އަލިކަމާއި އެލް.އީ.ޑީ ބައްތިތަކުގެ ވިދުމެވެ.

އެއީ އެއްފަހަރާ ޒަމާނީ އަދި މާޒީގެ ސިފަތައް އެކުލެވިގެންވާ މަންޒަރެކެވެ.

“ސާރާ!”

ސޯފީގެ އަޑު އިވުމާއެކު ހުރިހާ ކަމެއް މެދުކެނޑުނެވެ. ސާރާ އެނބުރި ބަލާލިއެވެ. އޭނާ ހުރި ފިޔަވަޅުމަތީގައި ގަނޑުވިއެވެ.
ސޯފީ އެތަނުގައި ހުއްޓެވެ. ނަމަވެސް ހޮސްޕިޓަލު ހެދުމެއްގައެއް ނޫނެވެ. އެއްވެސް ހަރަކާތެއް ނެތް ގޮތަކަށް ނޫނެވެ. އޭނާ ހުރީ އާދައިގެ ހެދުމެއްގައެވެ. ހަށިގަނޑަށްވުރެ ބޮޑު ހޫޑީއަކާއި، ހޭވިފައިވާ އިސްތަށިގަނޑަކާ އެކުގައެވެ. ފައިވާނަކާ ނުލައި ދޮންވެލިގަނޑު މަތީގައި ހުރިއިރު، އޭނާގެ އަތުގައި ސްމާޓްފޯނެއް އޮތެވެ.

“ތިޔައީ ވަރަށް ލަަސް މީހެއް.” ސޯފީ ހިނިތުންވުމަކާއެކު ބުންޏެވެ.

ސާރާ ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު އޭނާއަށް ބާރަށް ހީނގަނެވުނެވެ.

“މިއީ ހުވަފެނެއް. އެކަމަކު އަދިވެސް ހަޤީޤީ ދިރިއުޅުމުގައި އުޅޭހެން ޝަކުވާ ކުރަނީތަ؟”

ސޯފީ ކޮނޑު އަރުވާލިއެވެ. “މިއީ އަހަރެންގެ އުސޫލު.”

ސާރާ ހެމުންހެމުން އޭނާއާ ދިމާއަށް ހިނގައިގަތެވެ. “މިއީ ހަމަ ހަޤީޤަތުގައިވެސް ހުވަފެނެއް.”

ސޯފީ އޭނާއާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. “އެކަމަކުވެސް ތީ ގަޑިއަށް ފަރުވާތެރިވާ މީހެއް ނޫން.”

ދެބެއިން އެކުގައި ހީނގަތެވެ. އެ ވަގުތުކޮޅު އެއްވެސް ކަމެއް ގޯހެއް ނޫނެވެ. އެއްވެސް އެއްޗެއް ހަލާކެއް ނުވެއެވެ. އެއްވެސް އުނިކަމެއް ނެތެވެ. ހަމައެކަނި ދެބެއިންނެވެ.

ކުއްލިއަކަށް އަތިރިމަތިން ފިނި ރޯޅިއެއް ބާރުވެލިއެވެ. ބައްތިތައް ބޮކިޖަހަން ފެށިއެވެ. އަދި ކަނޑުގެ ތެރެއިން އެއްޗެއް މައްޗަށް އެރިއެވެ. އެއީ ބިރުވެރި އެއްޗެއް ނޫނެވެ. އަނިޔާވެރި ސިފައެއްވެސް ނެތެވެ. ހަމައެކަނި.. އޮޅުންބޮޅުންވެފައިވާ ސިފައެކެވެ.

އެ މީހަކު އަތިރިމައްޗަށް އެރީ، ނުބައި ޒަމާނަކަށް ދެވުނު މީހަކު ފަދައިން ވަށައިގެން ހުރި ތަންތަނަށް ބަލަމުންނެވެ. އޭނާ ހުރީ ގަދީމީ ހެދުމެއްގައެވެ. އޭނާގެ ސިފައިން ދުވަސްވީ ކަމާއި މާޒީގެ ވަސް ދުވައެވެ. ނަމަވެސް އޭނާ އުސް އިމާރާތްތަކަށް ބަލަހައްޓައިގެން ހުރީ، އެއީ އޭނާއަށް ކުރެވުނު މަލާމާތެއް ކަމަށް ދެކޭ ފަދަ ގޮތަކަށެވެ.

ސާރާ ލޯ ހަނިކޮށްލާފައި ބަލާލިއެވެ. “އެއީ..”

ސޯފީގެ އަނގަ ހުޅުވުނެވެ. “ނުވާނެ!”

އެ ފަރާތުން ފެންނަ މީހާ ނުރުހުންވެފައި ހުރެ ސުވާލުކުރިއެވެ. “މިތަނުގެ ޖަންގަލި ކޮބާ؟”

ސާރާ އެކަކު އަނެކަކަށް ބަލާލިއެވެ. ދެން ދެބެއިން އެއްފަހަރާ ބުންޏެވެ: “ތިޔައީ ނުބައި ޒަމާނެއް.”

އެ މީހާ ބާރަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. މިއީ މިހާރު ހަމައެކަނި ކަލާފާނު ވާހަކައެއް ނޫނެވެ. މިއީ މިހާރު “ކުއްޅަވައްފަލު ރަނިން” އެވެ.
ނަމަވެސް މި ހުވަފެނުގައި އޭނާ ފެންނަނީ ޖަންގައްޔަކަށް ވަނުމުގެ ބަދަލުގައި އޮޅިގެން އިންސްޓަގްރާމް ހުޅުވުނު މީހަކު ފަދައިންނެވެ.
ސޯފީ ސިއްރުސިއްރުން ބުންޏެވެ. “އޭނާ ހީވަނީ ވަގުތުގެ ތެރޭގައި މަގުއޮޅުނީހެން.”

ސާރާ ހިނިގަނޑު މަތަކުރުމަށް އަނގަމަތީގައި އަތްއެޅިއެވެ.

އެ ރާނީ ނިއޯން ބޯޑަކަށް އިނގިލި ދިއްކޮށްލިއެވެ. “މި ދިލަޖަހާ ދާއިރާ ބޮޑު، އިޙުތިރާމެއް ނެތް އެއްޗަކީ ކޮބާ؟”

ސޯފީ ވަގުތުން ބުންޏެވެ. “އެއީ އިސްތިހާރު.”

ރާނީ އޭނާގެ ލޯ ހަނިކޮށްލިއެވެ. “އެއީ ލަޢުނަތެއްތަ؟”

ސާރާއަށް އަނެއްކާވެސް ބާރަށް ހީނގަނެވުނެވެ. “އެ ބިނާވަނީ ކަލޭ ކިހާވަރަކަށް ފޯނު ސްކްރޯލް ކަމެއްގެ މައްޗަށް.”

ސޯފީ ވެލިގަނޑު މަތީގައި އިށީނދެ، އޭނާގެ ކައިރީގައި އިންނަން ސާރާއަށް އިޝާރާތް ކުރިއެވެ. ސާރާ އޭނާގެ ކައިރީގައި އިށީނދެލިއެވެ. ލަވަ ޖަހާފައި ހުރި ބީޗް ކެފޭއެއްގެ ކައިރިން އެ ރާނީ އުނދަގޫ ގޮތަކަށް ހިނގާފައި ދިޔަ މަންޒަރު އެމީހުން ބަލަން ތިއްބެވެ. އޭނާ ދިޔައީ “ބިނާކުރުމުގެ ފަންނުގައި އެއްވެސް އަބުރެއް ނެތް” ކަމަށް ބުނެ ކުދިކިޔަމުންނެވެ.

ސޯފީ ސާރާގެ ކައިރިއަށް ޖެހިލިއެވެ. “އޭނާ ޓިކްޓޮކާ ދިމާވާނެ ނަމަ ވާނެ ގޮތް ހިތަށް އަރުވާލަބަލަ.”

ސާރާ ހީނލިއެވެ. “އޭނާ އިންސާނިއްޔަތު މަނާކުރާނެ.”

އަނެއްކާވެސް އެމީހުން ހީނގަތެވެ. އެ ވަގުތުކޮޅު އެއީ ހަމައެކަނި އެމީހުންގެ ހުވަފެނެކެވެ. އެތަނަކު ހޮސްޕިޓަލެއް ނެތެވެ. ތަހުލީލުތަކެއް ނެތެވެ. ފޮރުވިފައިވާ ކޮޓަރިތަކެއް ނެތެވެ. ބިރުވެރިކަމެއް ނެތެވެ. ހަމައެކަނި ދެބެއިންނެވެ. ހަމައެކަނި އޯގާތެރިކަމެވެ.

ނަމަވެސް ސާރާއަށް ކަމެއް ފާހަގަކުރެވުނެވެ. ހެމުން ދިޔައިރުވެސް.. ސޯފީގެ ލޮލުން ފެންނަނީ ސާފުކަމެވެ. އޭނާ މިތަނުގައި ހުރީ ހޭލައެވެ.
“ސޯފީ..” ސާރާ މަޑުމައިތިރިކަމާއެކު ގޮވާލިއެވެ.

ސޯފީ ބޯ އަރިކޮށްލިއެވެ. “ކީކޭ؟”

ސާރާ ކުޑަކޮށް ޖެހިލުންވިއެވެ. އެއަށްފަހު މަޑުމައިތިރިކަމާއެކު ހިނިތުންވެލިއެވެ. “މިތަނުގައި ހުންނައިރު.. ތަފާތު އިޙުސާސެއް ކުރެވޭތަ؟”

ސޯފީ ވަށައިގެންވާ މަންޒަރުތަކަށް ބަލާލިއެވެ. ކަނޑާއި ސިޓީ ގުޅިފައިވާ ގޮތަށެވެ. ފޯކްލޯރ ރާނީ މަގުބައްތިއަކާ ޒުވާބުކުރާ މަންޒަރަށެވެ.

“މިތަނުގައި އަހަންނަށް ގިނަ ކަންތައްތަކެއް ހަނދާންވާހެން ހީވޭ.” އޭނާ މަޑުމަޑުން ބުންޏެވެ.

ސާރާގެ ހިނިތުންވުން ކުޑަކޮށް ފަނޑުވިއެވެ. “ކޮން ކަންތައްތަކެއް؟”

ސޯފީ ވަގުތުން ޖަވާބެއް ނުދެއެވެ. ދެން އޭނާ ބުންޏެވެ “ކޮއްކޮގެ ހަނދާންތައް.”

ހަމަހިމޭންކަން ވެރިވިއެވެ. އެއީ އޯގާތެރި، ނަމަވެސް ބަރުދަން ހުރި ހަމަހިމޭންކަމެކެވެ.

އެއަށްފަހު ސޯފީ އޭނާގެ ގައިގައި ކުޑަކޮށް ކޮށްޓާލިއެވެ. “އެކަމަކު.. ހުވަފެނުގައި ކޮއްކޮ ވަރަށް ގުގުރި ދަމާ.”

ސާރާ ހައިރާންވިއެވެ. “އަހަރެން ނުދަމަން.”

“ދަމާ” ސޯފީ ސީރިއަސްކަމާއެކު ބުންޏެވެ. “އަދި އެ އަޑު މުޅި ދުނިޔޭގައި ގުގުމާލާ.”

ސާރާއަށް އަނެއްކާވެސް ހީނގަނެވުނެވެ. “ތިޔައީ ދޮގެއް.”

“ނޫން، ތެދެއް.”

އެ ވަގުތު ފަހަތުން ރާނީގެ އަޑު އިވުނެވެ. އޭނާ ދިޔައީ އުދުހޭ ޑްރޯންއަކާ ދިމާއަށް ހަޅޭއްލަވަމުންނެވެ. “ޖަންގަލި މާ ރައްކާތެރިވީ މިހެންވެ!”

ދެބެއިންނަށް ހިނިގަނޑު މަތައެއް ނުކުރެވުނެވެ.

އެމީހުން ހެމުން ދިޔައިރު ކޮންމެވެސް ބަދަލެއް އަންނަން ފެށިއެވެ. ސާރާއަށް އެކަން ފުރަތަމަ ފާހަގަކުރެވުނެވެ. ސޯފީގެ ލޮލުގެ ތެރެއިން ކުޑަ ވިދުމެއް ފެނުނެވެ. އެއީ ބިރުވެރިކަމެއް ނޫނެވެ. އޮޅުންބޮޅުމެއްވެސް ނޫނެވެ. އެއީ ކަމެއް ދެނެގަތުމެވެ. ހުރިހާ އެއްޗެއް ހަމަޖެހެމުންދާ ކަހަލައެވެ.

ސޯފީ ކުއްލިއަކަށް ސާރާއަށް ބަލާލިއެވެ. މިހާރު އޭނާ ހުރީ ސީރިއަސްވެފައެވެ. “ސާރާ..”

ސާރާ ސީދާވެލިއެވެ. “ކީކޭ؟”

ސޯފީ ޖެހިލުންވިއެވެ. އެއަށްފަހު މަޑުމަޑުން ބުންޏެވެ. “އަހަރެންގެ މި ސިފަ ހަނދާން ނައްތާނުލާތި.”

ސާރާގެ ހިނިތުންވުން މަޑުވިއެވެ. “ނައްތައެއް ނުލާނަން.”

ވަގުތުކޮޅަކަށްފަހު، ސޯފީ އިތުރުކޮށްލިއެވެ. “އަދި އެމީހުން މީގެ ބަދަލުގައި އެހެން އެއްޗެއް ގެނައުމަށް ފުރުސަތު ނުދޭތި.”

ކަނޑުގެ ރާޅުތައް މަޑުޖެހުނެވެ. ރާނީވެސް ކަނޑުކާޅަކާ ކުރަމުންދިޔަ ޒުވާބު މެދުކެނޑުނެވެ. ސާރާގެ ހިތަށް ތަދުވިއެވެ. ސަބަބަކީ އަނެއްކާވެސް އެ ބަސް އިވުމުންނެވެ “ބަދަލުކުރުން”

ނަމަވެސް އޭނާއަށް ޖަވާބެއް ނުދެވެނީސް ހުވަފެން ރޫޅެން ފެށިއެވެ. އަނިޔާވެރި ގޮތަކަށް ނޫނެވެ. މަޑުމަޑުންނެވެ. ފޮތެއްގެ ގަނޑު ލެއްޕޭ ފަދައިންނެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top