ހަށިގަނޑުގެ ބަރުދަނަށް ވުރެ ބޮޑަށް، ސަރުބީ ޖަހާފައި ހުންނަ ތަނަކީ ސިއްޙަތަށް މާ ބޮޑަށް އަސަރުކުރާ ކަމެއްކަން އާ ދިރާސާތަކުން ދަނީ ހާމަވަމުންނެވެ. ސައިންސްވެރިންގެ މި ހޯދުންތަކުގެ ސަބަބުން ހަށިގަނޑުގެ ސަރުބީއާ މެދު ކުރިން ދެކެމުން އައި ގޮތްތައް ވަނީ ބަދަލުވާން ފަށާފައެވެ.
ހާވާޑް ޓީ.އެޗް. ޗޭން ސްކޫލް އޮފް ޕަބްލިކް ހެލްތުން ހަވާލާދޭ ދިރާސާތަކުން ދައްކާގޮތުގައި، ހަށިގަނޑުގެ އެތެރެހަށީގެ ގުނަވަންތަކުގެ ވަށައިގެން ހުންނަ ސަރުބީ އާއި، ފައިގެ ފަލަމަސްގަނޑާއި އުނަގަނޑުގައި ހުންނަ ސަރުބީއާ ދެމެދު ވަރަށް ބޮޑު ތަފާތެއް ހުރެއެވެ. އެތެރެހަށީގެ ގުނަވަންތަކުގައި ޖަހާ ސަރުބީގެ ސަބަބުން ހަށިގަނޑު ދުޅަވުމާއި، އިންސިއުލިންއަށް ހަށިގަނޑު ނުކިޔަމަންތެރިވުމާއި، ހަކުރު ބަލީގެ ދެވަނަ ބާވަތާއި ހިތުގެ ބަލިތަކަށް ވަރަށް ބޮޑަށް މަގުފަހިވެއެވެ.
ހަށިގަނޑުގެ ތިރީބައިގައި ޖަހާ ސަރުބީގެ އަމަލުތައް މިއާ މުޅިން ތަފާތެވެ. ފަލަމަސްގަނޑުގައި ހުންނަ ބޮޑެތި މަސްތަކަކީ ލޭގައި ހުންނަ ގްލޫކޯޒް ދަމައިގަނެ، ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މަސްތަކެކެވެ. މީގެ އިތުރުން، މި ސަރަހައްދުގެ ހަމުގެ ދަށުގައި ހުންނަ ސަރުބީން ހަށިގަނޑަށް ގެއްލުންދޭ މާއްދާތައް ބޭރުކުރާ މިންވަރު މަދުވުމުގެ އިތުރުން، އިތުރުވާ ފެޓީ އެސިޑްތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ.
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ފަލަމަސްގަނޑު ބޮޑުވުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުވެ، ދާއިމީ ބަލިތަކުން ސަލާމަތްވުމަށް ލިބޭ ބާރެކެވެ.
ނަމަވެސް، ކަމާބެހޭ މާހިރުން ފާހަގަކުރައްވާ ގޮތުގައި ހަމައެކަނި ހަށިގަނޑުގެ ބައްޓަމަކުން ސިއްޙީ ނަތީޖާއެއް ކަނޑައެއް ނޭޅޭނެއެވެ. ކާބޯތަކެތީގެ އާދަކާދަތަކާއި، ކަސްރަތާއި، ނިދުމާއި، ހަށިގަނޑަށް ބޭނުންވާ އަރާމު ދިނުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މުހިންމު ކަންކަމެވެ.
ސައިންސްވެރިން ބުނަނީ، ހަށިގަނޑުގެ ސަރުބީއަކީ ހަމައެކަނި ބާކީވާ މާއްދާތައް ރައްކާކުރާ ތަނެއް ނޫން ކަމަށާއި، އެއީ ހަށިގަނޑުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުހިންމު ޓިޝޫއެއް ކަމަށެވެ. އަދި އޭގެ އަމަލުތައް ބިނާވެފައިވަނީ އެ ސަރުބީއެއް ހަށިގަނޑުގެ ކޮން ސަރަހައްދެއްގައި ހުރި ތަނެއްގެ މައްޗަށެވެ.
