މަސައްކަތުގެ މާހައުލުގައި ދިމާވާ ބުރަބޮޑުވުމުގެ ސަބަބުން ނުވަތަ އޮފީހުގެ ސިޔާސީ ކަންތައްތަކާ ހުރެ ފޫހިވެ، ވަޒީފާއިން ވަކިވާން ހިތަށް އަރާފާނެއެވެ. އަދި ކުރާ މަސައްކަތާ އެކަށޭނަ އުޖޫރައެއް ނުލިބޭކަމާއި، ތިމާގެ އަގު ވަޒަންނުކުރެވޭކަމުގެ އިޙުސާސް ކުރެވުމަކީ ވެސް ވަޒީފާ ދޫކޮށްލަން ބޭނުންވާ ސަބަބަކަށް ވެދާނެއެވެ. ސަބަބަކީ ކޮންމެ ކަމަކަށް ވީނަމަވެސް، އިސްތިއުފާގެ ސިޓީގައި ސޮއިކުރުމުގެ ކުރިން، މަޑުޖެހިލާ މިކަމަށް ތައްޔާރުވުން މުހިންމެވެ. ވަޒީފާއިން ވަކިވުމުގެ ނިންމުން ނިންމުމުގެ ކުރިން ތިިބާ ދެނެގަންނަންޖެހޭ މުހިންމު ފަސް ކަމެއް ތިރީގައި އެވަނީއެވެ.
1 – ވަޒީފާއާއި ދިރިއުޅުމުގެ އަސްލު މަޤުސަދު ވަކިކުރާށެވެ.
ދިިރިއުޅުމުގައި ކުރިއަށްދާނެ މަގު ދައްކައިދޭ މީހުން އަބަދުވެސް ބުނަނީ ތިމާ އެންމެ ލޯބިވާ ކަމެއް ވަޒީފާއެއްގެ ގޮތުގައި އިޚުތިޔާރު ކުރުމަށެވެ. މިއީ އަޑުއަހަން ރީތި ވާހަކައަކަށް ވިޔަސް، ހަޤީޤީ ދިރިއުޅުމުގައި މިއީ އަބަދު ކުރެވޭނެ ކަމެއް ނޫނެވެ. ގިނަ މީހުންނަށް ޤަބޫލުކުރެވެނީ ވަޒީފާއަކީ ދިރިއުޅުމުގެ ހުރިހާ އުފަލެއް ހާސިލުކޮށްދޭން ޖެހޭނެ އެއްޗެއް ކަމަށެވެ. މައްސަލަ ދިމާވާން ފަށަނީ މިހިސާބުންނެވެ. ކޮންމެ ވަޒީފާއަކީ ތިމާގެ ދިރިއުޅުމުގެ އަސްލު މަޤުސަދަށް ވާކަށް ނުޖެހެއެވެ. ކުރިއަށް ދާނެ ވަކި މަގަކަށް ނިންމެންދެން، މާލީ ފުދުންތެރިކަން ހޯދައިދޭ ވަޒީފާއެއްގައި ދެމިހުރުމަކީ މައްސަލައެއް ނޫނެވެ. އެހެންކަމުން، ހުރިހާ ހިތްހަމަޖެހުމެއް ވަޒީފާއިން ލިބޭނެކަމަށް އުންމީދުކުރުން ހުއްޓާލާށެވެ.
2 – ތިބާގެ އަގަކީ ހަމައެކަނި ވަޒީފާގެ މަގާމެއް ނޫނެވެ.
ތިބާއަކީ އަދާކުރާ ވަޒީފާގެ މަގާމަށްވުރެ މާ މަތިވެރި މީހެކެވެ. އޮފީހުގެ މޭޒުމަތީގައި ހުންނަ “ސީ.އެފް.އޯ” ނުވަތަ އެނޫންވެސް ބޮޑު މަގާމެއްގެ ނަންބޯޑަކީ ފެންނަން ރީތި އެއްޗަކަށް ވެދާނެއެވެ. ނަމަވެސް ތިބާގެ އަމިއްލަ ނަފުސުގެ އަގު އެ މަގާމަކާ ގުޅުވައިނުލާށެވެ. ތިބާއަކީ ތިބާގެ މަގާމެއް، ލިބޭ މުސާރައެއް، ނުވަތަ މަސައްކަތުގެ ފެންވަރު ބަލާ ރިޕޯޓެއް ނޫނެވެ. މަސައްކަތުގެ މާހައުލުގައި ދިމާވާ ނާކާމިޔާބީތަކަކީ ތިމާގެ އަމިއްލަ ނަފުސުގެ އަގު ދަށްވާން ޖެހޭ ސަބަބެއް ނޫނެވެ. ވަޒީފާއާއި އަމިއްލަ ނަފުސުގެ އަގު ވަކިކޮށްލުމުން، ދިރިއުޅުމުގެ އުފާވެރިކަން އިތުރުވެ، މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކާ ހުރެ މާބޮޑަށް ދެރަވުން ހުއްޓޭނެއެވެ. މަސައްކަތުގެ ފެންވަރު ބަލާ ރިޕޯޓު މިފަހަރު ދަށްވި ކަމުގައި ވިޔަސް، އެއީ ތިބާއަކީ ރަނގަޅު އިންސާނެއް، ބައިވެރިއެއް ނުވަތަ މައިންބަފައިންގެ ތެރެއިން މީހެއްކަން ބަދަލުކުރާނެ ކަމެއް ނޫނެވެ. ގާތް މީހުން އުފާކޮށްދިނުމަށް ތިބާގެ ކިބައިގައި ހުރި ޤާބިލިއްޔަތަކަށް އެކަމުގެ ސަބަބުން އެއްވެސް އުނިކަމެއް ނާންނާނެއެވެ.
3 – އަމިއްލަ ނަފުސަށްޓަކައި ކުދިކުދި ކަންތައްތަކެއް ހޯދާށެވެ.
މަސައްކަތުގެ ފިއްތުންތަކުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ނަފުސަށް ވަގުތު ހޯދުމެވެ. ދެން ކުރާނެ ކަމެއް ނިންމެންދެން، ދުވަހުގެ ތާވަލުގެ ތެރެއިން ވަޒީފާއާ އެއްވެސް ގުޅުމެއް ނެތް ކުދިކުދި ކަންތައްތަކެއް ކަނޑައަޅާށެވެ. މިސާލަކަށް، ހެނދުނު ހިނގާލަން ދިއުން، ވަޒީފާއަށް ދާ މަގުމަތީގައި އަޑުއަހާލާނެ ވަކި މަޢުލޫމާތުތަކެއް ހޯދުން ނުވަތަ ކުރަން ބޭނުންވެފައި އޮތް އާ ކަމެއް (ހޮބީއެއް) ފެށުން ހިމެނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ދުވަހުގެ ތެރޭގައި އުފާވެރި ވަގުތުކޮޅެއް ލިބި، ވަޒީފާއިން ބޭރުން ތިމާއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދޭނެއެވެ.
4 – ވަޒީފާގައި ހުރެގެން އެހެން ފުރުސަތުތައް ހޯދާށެވެ.
ވަޒީފާއިން ވަކިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޔަޤީންވާނަމަ، އެކަން ކުރިއަށް ގެންދާށެވެ. ނަމަވެސް ވަޒީފާ ދޫކޮށްލުމުގެ ކުރިން ކުރިމަގުގައި ހުރި ފުރުސަތުތައް ދެނެގަންނަން ފަށާށެވެ. ކުރަން ބޭނުންވެފައި އޮތް އޮންލައިން ކޯހެއް ފަށާށެވެ. ޝައުޤުވެރިވާ ދާއިރާއެއްގައި މަސައްކަތްކުރާ މީހަކާ ބައްދަލުކޮށް މަޢުލޫމާތު އޮޅުންފިލުވާށެވެ. އަމިއްލަ މަސައްކަތް ނުވަތަ ފްރީލާންސް ކޮށްގެން އުޅެވިދާނެތޯ ބަލާށެވެ. ވަޒީފާގައި ހުރެގެން މިފަދަ ކަންކަން ހޯދުމަކީ މާލީ ގޮތުންނާއި ނަފުސާނީ ގޮތުން ލިބޭ ރައްކާތެރިކަމެކެވެ. މިއީ ކުރިއަށް އޮތް ތަނުގައި ކުރާނެ ކަމަކާ މެދު ވިސްނައި، ހަޤީޤީ މަޢުލޫމާތު އެއްކުރުމަށް ލިބޭ ފުރުސަތެކެވެ.
5 – ވަޒީފާއިން ބޭރުގައި ދިރިއުޅުމެއް ބިނާކުރާށެވެ.
ތިބާގެ ވަޒީފާއަށް ކިތަންމެ ލޯބިވިޔަސް ނުވަތަ ނުރުހުނަސް، މަސައްކަތުން ބޭރުގައި އަމިއްލަ ދިރިއުޅުމެއް އޮންނަންވާނެއެވެ. ރަނގަޅު ރަޙުމަތްތެރިން ހޯދާށެވެ. އުފާ ލިބޭ ފަދަ ކަންކަމަށް ވަގުތު ހުސްކުރާށެވެ. ހަށިގަނޑާއި ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކަސްރަތު ކުރާށެވެ. އުފެއްދުންތެރި ކަންކަމުގައި މަޝްޣޫލުވާށެވެ. ދިރިއުޅުމުގެ އުފަލާއި ބޭނުންތެރިކަން އެކި ދިމާދިމާއިން ލިބޭނަމަ، ވަޒީފާގައި ދިމާވާ އުނދަގޫތަކުގެ އަސަރު ދިރިއުޅުމަށް ކުރާ މިންވަރު ކުޑަވާނެއެވެ.
މި ހުރިހާ ކަމަކަށް ވިސްނުމަށްފަހު، ވަޒީފާއިން ވަކިވުމާމެދު ބުއްދިވެރި ނިންމުމެއް ނިންމިދާނެއެވެ. ހަނދާންކުރާށެވެ، ދިރިއުޅުމުގެ މިސްރާބު ބަދަލުކުރުމަކީ ތިބާއަށް އޮތް ޙައްޤެކެވެ. މިވަގުތު ވަޒީފާގައި މަޑުކުރަން ނިންމި ކަމުގައި ވިޔަސް، އެއީ އަބަދުގެ އަބަދަށް އެތަނުގައި ހުންނަން ޖެހޭނެ މާނައެއް ނޫނެވެ. ތައްޔާރުވުމަށް ވަގުތު ހޯދާށެވެ. ކުރިއަށް ދާނެ ސާފު މަގަކާއި ވަރުގަދަ ބިންގަލެއް އެޅުމަށްފަހު، ފުރިހަމަ އިތުބާރާއެކު ދެން ކުރާނެ ކަމެއް ނިންމާށެވެ.
