މި މަހުގެ ކުރީކޮޅު ރާއްޖޭގެ ކަނޑުގެ އަޑީގެ ހޮހަޅައަކަށް ފީނަން ދިޔަ އިޓަލީގެ ފަސް ފީނުންތެރިންނަށް ކުރިމަތިވި ހިތާމަވެރި ހާދިސާގައި، އެ އެންމެން ވަނީ މަރުވެފައެވެ. ތަޖުރިބާކާރު މި ފީނުންތެރިންނަށް މި ހާދިސާ ކުރިމަތިވީ، ހޮހަޅައިގެ ތެރޭގައި މަގު އޮޅި، ނުކުމެވޭނެ މަގެއް ނެތް ހިސާބަކަށް ދެވުމުގެ ސަބަބުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށްގެންދިޔަ ހޯދުމުގެ އޮޕަރޭޝަނަކަށްފަހު، އެ މީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ ކަނޑުގެ އަޑީގައިވާ ހޮހަޅަ ސިސްޓަމެއްގެ ތެރެއިންނެވެ. މި މަސައްކަތުގައި ބައިވެރިވި ރެސްކިއު ޓީމުތަކުން ބުނާ ގޮތުގައި، އެ މީހުން ތިިބީ އެއްވެސް ގޮތަކުން ނުކުމެވޭނެ މަގެއް ނެތް “ޑެޑް-އެންޑް” ހިސާބެއްގައި ތާށިވެފައެވެ.
ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި، މި ފީނުންތެރިންނަށް ހޮހަޅައިގެ ތެރޭގައި މަގު އޮޅި، ބިރުގަނެ ހާސްވުމުގެ ސަބަބުން އަތުގައި ހުރި އޮކްސިޖަން ވަނީ ހުސްވެފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ މޮނިކާ މޮންޓެފަލްކޯން (52އ)، އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލް (20އ)، މުރިއަލް އޮޑެނީނޯ (31އ)، ފެޑެރިކޯ ގުއަލްޓިއޭރީ (31އ) އަދި ޑައިވިންގ އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) އެވެ. މި މީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ ވ. އަތޮޅުގެ ކަނޑުގެ އަޑީގައި، ގާތްގަނޑަކަށް 50 މީޓަރު އަޑީގައިވާ ހޮހަޅައެއްގެ ތިންވަނަ ބައިގެ ތެރެއިންނެވެ. ޑައިވިންގ އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާއެއް ކަމަށްވާ ‘ޑޭން ޔޫރަޕް’ އިން ބުނާ ގޮތުގައި، މި ގްރޫޕަށް އޮޅިގެން ވަދެވުނީ ނުކުމެވޭނެ މަގެއް ނެތް ހިސާބަކަށެވެ.
ހޮހަޅައިގެ އޮނިގަނޑު ހުރި ގޮތް
ތަޙުޤީޤު ކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، މި ހޮހަޅަ އެކުލެވިގެންވަނީ ހަނި ކޮރިޑޯތަކަކުން ގުޅިފައިވާ ތިން ބަޔަކަށެވެ. ފުރަތަމަ ދެ ބައި ގުޅުވައިދޭ މަގު އޮންނަނީ ގާތްގަނޑަކަށް 30 މީޓަރު ދިގުކޮށެވެ. ނަމަވެސް، ހޮހަޅައިގެ މާ ފުނަށް ދިއުމުން، ދޮންވެލީގެ ސަބަބުން އަލި ފަނޑުވެ، އެނބުރި އަންނަން އޮންނަ މަގު ފެނުމަށް ދަތިވެއެވެ. މި ގްރޫޕް ތާށިވީ ތިންވަނައަށް އޮތް، ނުކުމެވޭނެ މަގެއް ނެތް ހިސާބުގައެވެ.
ހަތަރު މީހެއްގެ ހަށިގަނޑު ފެނިފައިވަނީ އެ ހިސާބުގެ ދޮރުމަތިންނެވެ. ނަމަވެސް އިންސްޓްރަކްޓަރު ބެނެޑެޓީގެ ހަށިގަނޑު ފެނުނީ އެހެން މީހުންނާ ތަންކޮޅެއް ދުރުން، އަނބުރާ ދާން އޮންނަ މަގާ ކައިރިންނެވެ. މީގެއިން ދޭހަވަނީ އޭނާ އެހެން މީހުން ސަލާމަތްކޮށްދޭން މަސައްކަތް ކުރި ކަމެވެ.
ހާސްވުމާއި އޮކްސިޖަން ހުސްވުން
މާހިރުން ފާހަގަކުރާ ގޮތުގައި، މި މީހުން ބޭނުންކޮށްފައިވަނީ އާދައިގެ 12 ލީޓަރުގެ ސިލިންޑަރެވެ. މިއީ 30 މީޓަރަށްވުރެ ފުން ހިސާބުތަކަށް ފީނުމަށް އެކަށީގެންވާ ސިލިންޑަރެއް ނޫނެވެ. 50 މީޓަރު އަޑީގައި އޮކްސިޖަން ހުސްވާލެއް ވަރަށް އަވަހެވެ. މަގު އޮޅުނުކަން އެނގުމުން ކުރިމަތިވި ބިރުވެރިކަމާއި ހާސްކަމުގެ ސަބަބުން، ނޭވާލާ މިންވަރު އަވަސްވެ، އޮކްސިޖަން މާ އަވަހަށް ހުސްވީ ކަމަށް ބެލެވެއެވެ.
މި ފަސް މީހުންނަކީވެސް ތަޖުރިބާކާރު ފީނުންތެރިން ކަމަށްވީ ނަމަވެސް، މިފަދަ ނުރައްކާތެރި ހޮހަޅައަކަށް ބޭނުންވާ ޚާއްޞަ ސާމާނު ނުވަތަ އެހީތެރިވާނެ އިތުރު ވަސީލަތްތަކެއް ނެތި މި ހަރަކާތް ކުރިއަށް ގެންދިޔަ ސަބަބު ތަޙުޤީޤު ކުރާ ފަރާތްތަކުން ދަނީ ބަލަމުންނެވެ. އަދި އެ މީހުންގެ އަތުން ފެނުނު ‘ގޯޕްރޯ’ ކެމެރާތަކުގެ ފުޓޭޖްތައް ބޭނުންކޮށްގެން، އެންމެ ފަހު ވަގުތު ހިނގާދިޔަ ކަންތައްތައް ދެނެގަތުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިނގި އިތުރު ހިތާމައެއް

މި ހާދިސާ އިތުރަށް ހިތާމަވެރިވެގެން ދިޔައީ، ހަށިގަނޑުތައް ނެގުމުގެ މަސައްކަތުގައި ބައިވެރިވި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ޑައިވަރު، ސާޖަންޓް މޭޖަރ މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެންނެވެ. އޭނާ ނިޔާވީ ފުން ސަރަޙައްދަކުން މައްޗަށް އެރި ވަގުތު ދިމާވި ‘ޑިކޮމްޕްރެޝަން ސިކްނެސް’ (ޑީ.ސީ.އެސް) ނުވަތަ ‘ބެންޑްސް’ ޖެހިގެންނެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ހޮހަޅައިގެ ފުންމިނާއި، ހަނިކަމުގެ ސަބަބުން މި އޮޕަރޭޝަނަކީ އިންތިހާއަށް ނުރައްކާތެރި މަސައްކަތެކެވެ.
މަރުވި މީހުންގެ ތެރޭގައި ޖެނޯއާ ޔުނިވާސިޓީގެ އިކޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮންޓެފަލްކޯން ހިމެނުނު ނަމަވެސް، މި ޑައިވިންގ އަކީ އެއްވެސް ރަސްމީ އިލްމީ ދިރާސާއެއްގެ ބައެއް ނޫން ކަމަށާއި، މިއީ އަމިއްލަ ދަތުރެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާއާ ގުޅިގެން، މި ދަތުރުގައި ބޭނުންކުރި ސަފާރީގެ ލައިސަންސް ދިވެހި ސަރުކާރުން މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.
މާހިރުން ބުނާ ގޮތުގައި ‘ކޭވް ޑައިވިންގ’ ނުވަތަ ހޮހަޅައަށް ފީނުމަކީ ޑައިވިންގްގެ އެންމެ ނުރައްކާތެރި އެއް ބާވަތެވެ. ސަބަބަކީ ކުއްލި ނުރައްކަލެއް ދިމާވާ ހިނދު، ސީދާ މައްޗަށް އަރައި ސަލާމަތްވާނެ މަގެއް ނެތުމެވެ. އަދި ހޮހަޅައިގެ ތެރޭގައި ދުރުފެންނަ ނިސްބަތް ދަށްވެ، ކިލަނބުގެ ސަބަބުން ނުކުންނަން އޮންނަ މަގު ފެނުމަށް ވަރަށް ބޮޑަށް ހުރަސްއެޅެއެވެ.
