ކުލަގަދަ، ފައިޓޯނިއުޓްރިއެންޓްސް އިން މުއްސަނދިވެފައިވާ މި މޭވާތައް ކެއުމުގައި ހިމެނުމަކީ އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް އެޅޭ މީރު އަދި ފައިދާހުރި ފިޔަވަޅެކެވެ.
މުހިންމު ނުކުތާތައް:
🍇 އުރަމަތީގެ ކެންސަރު ޖެހުމަށް މެދުވެރިވާ އެއް ސަބަބަކީ ކާބޯތަކެތީގެ އާދަކާދަތަކެވެ. މީގެ ތެރެއިން ވަކި ބާވަތްތަކެއްގެ މޭވާ ކެއުމުން މި ނުރައްކާ ކުޑަކޮށްދެއެވެ.
🍇 ޕޮލީފީނޯލް ގިނަ މޭވާތައް ކަމަށްވާ އާފަލު، ބެރީގެ ބާވަތްތައް، ޗެރީ އަދި ހިއްކި މޭވާ ކެއުމުން ކެންސަރުގެ ނުރައްކާ ކުޑަކޮށްދެއެވެ.
🍇 ކެއުމުގެ އާދަކާދަ ރަނގަޅުކުރުމުގެ އިތުރުން، ބަނގުރަލާ ދުރުހެލިވުމާއި ކަސްރަތު ކުރުމަކީ އިންތިހާއަށް މުހިންމު ކަންކަމެވެ.
އުރަމަތީގެ ކެންސަރަކީ އަންހެނުންގެ މެދުގައި އެންމެ އާންމުކޮށް ފެންނަ އެއް ކެންސަރެވެ. ވަކި ޚާއްޞަ ކާނާއަކުން އެކަނި މި ބަލިން ސަލާމަތް ނުކުރެވުނު ނަމަވެސް، އަޅުގަނޑުމެން ކާބޯތަކެތީގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނަކަން ދިރާސާތަކުން ދަނީ ސާބިތުވަމުންނެވެ. ޚާއްޞަކޮށް މޭވާ ކެއުމަކީ މި ބަލިން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ.
ގިނައިން މޭވާ ކާ މީހުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު %7 ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. މޭވާގައި ހިމެނޭ ފައިބަރާއި ފައިޓޯނިއުޓްރިއެންޓްސް، ޚާއްޞަކޮށް ޕޮލީފީނޯލް ފަދަ މާއްދާތަކަކީ ކެންސަރުގެ ނުރައްކާ ކުޑަކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މާއްދާތައް ކަމަށް ކެންސަރުގެ ބަލިތަކަށް ޚާއްޞަ ޑައިޓީޝަން ނެޓަލީ ލެޑެސްމާ ވިދާޅުވެއެވެ.
1- އާފަލު
އާފަލަކީ އޭގެ ކުލަގަދަ މޭވާތަކާ އަޅާބަލާއިރު އެހާ މުހިންމު އެއްޗެއްގެ ގޮތުގައި ބައެއް ފަހަރު ނުބެލެވުނު ނަމަވެސް، މިއީ ޕޮލީފީނޯލް އެންމެ ގިނައިން އެކުލެވޭ އެއް މޭވާއެވެ. އާފަލުގައި ހިމެނޭ ކުއެސެޓިން ނަމަކަށް ކިޔާ މާއްދާއަކީ ކެންސަރު ސެލްތައް އުފެދުމާއި، ފެތުރުން ހުއްޓުވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އާފަލުގެ ފައިދާ އެންމެ ފުރިހަމައަށް ލިބިގަތުމަށްޓަކައި ތޮއްޓާއެކު ކެއުން މުހިންމެވެ. ސަބަބަކީ އާފަލުގެ ތޮށީގައި ހިމެނޭ މާއްދާތަކަކީ ކެންސަރުގެ ގަނޑުތައް އުފެދުން ލަސްކޮށްދޭ އެއްޗަކަށް ވާތީއެވެ.
2- ބެރީގެ ބާވަތްތައް
ބްލޫބެރީ، ސްޓްރޯބެރީ އަދި ރާސްބެރީ ފަދަ މޭވާތަކަކީ ފައިބަރާއި އެންޓިއޮކްސިޑެންޓްސް އިން މުއްސަނދިވެފައިވާ މޭވާތަކެކެވެ. މީގައި ހިމެނޭ އެންތޯސިއަނިންސް އަކީ ކެންސަރު ސެލްތައް ފެތުރުން ހުއްޓުވައިދޭ މާއްދާއެކެވެ. ތާޒާ ބެރީ ނުލިބޭ ނަމަ، ގަނޑުކުރި (ފްރޯޒަން) ބެރީ ބޭނުންކުރުމަކީ ވެސް ހަމަ އެއް ފައިދާއެއް ލިބޭނެ ކަމެކެވެ.
3- ޗެރީ
ޗެރީއަކީ އޭގެ ގަދަ ރަތް ކުލައިގެ ސަބަބުން ގިނަ އަދަދަކަށް އެންތޯސިއަނިންސް އެކުލެވޭ މޭވާއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ޗެރީ ކެއުމުން އުރަމަތީގެ ކެންސަރުގެ އެންމެ ނުރައްކާތެރި ބާވަތްތަކުގެ ގަނޑުތައް އުފެދުން ލަސްކޮށްދެއެވެ. މީގެ އިތުރުން ޗެރީގައި ވިޓަމިން ސީ، ޕޮޓޭސިއަމް އަދި ފައިބަރު ހިމެނެއެވެ.
4- ހިއްކި މޭވާ
ހިއްކި މޭބިސްކަދުރު، ކަދުރު، ތީނި އަދި ޕްރޫންސް ފަދަ ތަކެއްޗަކީ މީހުން ހީކުރާ ވަރަށް ވުރެ ފައިދާހުރި އެއްޗެހިތަކެކެވެ. މޭވާ ހިއްކުމުން އޭގައި ހުންނަ ހަކުރު ގިނަވި ނަމަވެސް، އޭގައި ހިމެނޭ ފައިބަރާއި ފައިޓޯނިއުޓްރިއެންޓްސް ވެސް އިތުރަށް މުއްސަނދިވެގެންދެއެވެ. ޚާއްޞަކޮށް ހިއްކި ތީންޏަކީ އުރަމަތީގެ ކެންސަރުގެ ނުރައްކާ ކުޑަކުރުމަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ.
ކެންސަރުގެ ނުރައްކާ ކުޑަކުރުމަށް ކުރެވިދާނެ އިތުރު ކަންތައްތައް:
މޭވާ ކެއުމުގެ އިތުރުން ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ އާދަތައް ގެންގުޅުމަކީ މުހިންމު ކަމެކެވެ:
🍒 ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން: ބަރުދަން އިތުރުވުމަކީ، ޚާއްޞަކޮށް މެނޯޕޯސްއަށް ފަހު (އިއްދައިންކެނޑުމަށްފަހު)، ކެންސަރުގެ ނުރައްކާ އިތުރުކުރާ ކަމެކެވެ.
🍒 ގަވާއިދުން ކަސްރަތު ކުރުން: ހަފުތާއަކު މަދުވެގެން 150 މިނެޓު ކަސްރަތު ކުރުމަށް އިރުޝާދު ދެވެއެވެ.
🍒 ބަނގުރަލާ ދުރުހެލިވުން: ބަނގުރަލަކީ އުރަމަތީގެ ކެންސަރާ ސީދާ ގުޅުން ހުރި އެއްޗެކެވެ.
🍒 ތަރުކާރީ ގިނައިން ކެއުން: މޭވާގެ އިތުރުން، ކެރެޓާއި ބަށި ފަދަ ތަރުކާރީތަކަކީ ވެސް ކެންސަރުން ރައްކާތެރިވުމަށް އިންތިހާއަށް މުހިންމު ތަކެއްޗެވެ.
🍒 ރަތްކޮށް ހުންނަ މަހާއި ޕްރޮސެސްކުރި މަސް މަދުކުރުން: ރަތް މަހުގެ ބަދަލުގައި ކުކުޅު، މަސް، ނުވަތަ ތޮޅީގެ ބާވަތްތައް ބޭނުންކުރުމުން ކެންސަރުގެ ނުރައްކާ %16 ކުޑަކޮށްދެއެވެ.
