އިލްޔާސް ވަހީދު އުފައްދަން މަސައްކަތް ފަށާފައިވާ ފިލްމު “ޕާޓީ” އަށް ރާއްޖޭގެ މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދު ސޮއިކޮށްފި އެވެ. ނިޢުމާގެ ފޭސްބްކްގައި މިއަދު އާއްމުކުރި ސްޓޭޓަސްއެއްގައި ބުނެފައިވަނީ “ޕާޓީއަށް ސޮއި ކޮށްފިން …..#ނުދައްކާވާހަކަ” މިހެންނެވެ. #ނުދައްކާވާހަކަ މިއީ އިއްލެގެ ފިލްމު “ޕާޓީ” އަށް ދީފައިވާ ހޭޝްޓެކް ލައިންއެކެވެ.

މިހާ ހިސާބުން އުފެދޭ ބޮޑު ސުވާލަކީ ނިޢުމާ މުޙައްމަދު “ޕާޓީ” އަށް ސޮއިކުރީ ކީއްކުރަންބާވައެވެ؟ ފިލްމު ޑައިރެކްޓްކުރަން ހެއްޔެވެ؟ ނުވަތަ ފިލްމުގެ ރޯލެއް ކުޅެން ހެއްޔެވެ؟ ނިޢުމާ އަލުން އަނބުރާ ފިލްމުކުޅެން ފަށަނީ ހެއްޔެވެ؟ ނުވަތަ މި ފިލްމުގެ ޕްރޮޑަކްޝަންގައި މަސައްކަތްކުރަން ނިޢުމާ ނިންމީ ހެއްޔެވެ؟
އައިފިލްމްސްގެ “ޕާޓީ” އަށް ސޮއިކޮށްފީމޭ ބުނުމުން އެންމެ ބޮޑަށް ބެލެވެނީ މި ފިލްމުން ނިޢުމާ އަލުން އެކްޓިންއަށް ނުކުންނަން ނިންމި ކަމަށެވެ. މީގެ ސަބަބެއްވެސް އެބަ އޮތެވެ. އިއްލެގެ “ޕާޓީ” ޑައިރެކްޓްކުރަނީ އިއްލެ ކަމަށް މާކުރިންވެސް ވަނީ ބުނެފައެވެ. އެހެންކަމުން ކުއްލިއަކަށް މިފަދެ ޕޯސްޓެއް ނިޢުމާ އާއްމުކުރާނީ ހަމަ ގައިމުވެސް އޭގެ ފަހަތުގައި ކޮންމެވެސް ވަރުގަދަ ކަމެއް އޮވެގެންނެވެ. މީގެ އިތުރުން ދިވެހި ސިނަމާގެ ނަމުގައި ހިންގަމުން އަންނަ އިންސްޓަގްރާމު އެކައުންޓުން އާއްމުކުރި ޕޯސްޓެއްގައިގައި ބުނެފައިވަނީ ނިޢުމާގެ ރިޓަޔާމަންޓް އުވާލައިފި ކަމަށެވެ.
ވަރަށް މުޢުތަބަރު މަސްދަރަކުން މުނިއަވަސް އަށް މަޢުލޫމާތުދެމުން ބުނީ ފިލްމު “ޕާޓީ” އިން ނިޢުމާ އަލުން ފިލްމު ކުޅުމަށް ނުކުންނަން ނިންމާފައިވާ ކަމަށެވެ. އެހެންކަމަށް ވާނަމަ، ހަމަ ގައިމުވެސް މިއީ ނިޢުމާގެ ފޭނުންނަށް ލިބިގެންދާނެ ވަރަށް ހައިރާންކުރުވަނިވި އަދި ހަމަ އެހާމެ އުފާވާނެ ނިންމުމެކެވެ.
