ތައްޔަ އަބޫ (ބޮޑުބޭބެ) ނިޔާވެއްޖެކަމާ މެދު އިންކާރު ކުރެވޭކަށް ނެތެވެ. މާމަ ކިތަންމެ ވަރަކަށް އޭނާގެ އަތުގައި ހިފާ، އެ ރޫޖެހިފައިވާ އިނގިލިތަކުން އޭނާގެ އަތްތިލައަށް ފިތާލައި، އޭނާ އަނބުރާ ދެއްވުމަށް އެދި ﷲ އަށް ދަންނަވަމުން ދިޔަ ނަމަވެސް، އެންމެ ދޮށީ ދަރިފުޅު ވަކިވެގެން ގޮސްފިކަން ގަބޫލުކުރާކަށް މާމައަކަށް ފަސޭހައެއް ނުވިއެވެ. ފެންނަ ފެނުމަށް ބަލާއިރު، އޭނާ ވަނީ އަމިއްލައަށް ދަންޖެހިފައެވެ.
އަހަރެންގެ ހިތުގައި އޭނާއަށްޓަކައި މާ ބޮޑު ކުލުުނެއް ނެތް ނަމަވެސް، އޭނާގެ ދަރިފުޅު ރޮއެ އާދޭސްކުރާ މަންޒަރާއި، ތައްޔީ ޖާން (ބޮޑުބޭބެގެ އަންހެނުން) ހޭނެތިފައި އޮތްތަން ފެނުމުން އަހަރެންގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. ގޭތެރެއަށް ވަނީ ހިތާމަވެރިކަން ވެރިވެފައެވެ. ގޭގެ ފާރުތަކުގައި ދާދި ފަހުން ކުލަލާފައި ވީނަމަވެސް، ވާރޭފެނުގެ ތެތްކަމުގެ ސަބަބުން ޖަހާފައިވާ ފޫ ވަނީ ފާރުތަކުގެ އެތެރެއަށް ފެތުރިފައެވެ. ނިޔާވި ފަރާތަށް ހެޔޮ ދުއާ ކުރުމަށް ތަސްބީހަ ކިޔަވަން އިންއިރު، އަހަރެމެންގެ ބޯމަތިން ފާރުގައި ފެންނަން ހުރި މުށި އަދި ފެހި ކުލައިގެ ރޮނގުތަކަށް އަހަރެންގެ ސަމާލުކަން ހުއްޓުނެވެ.
ތައްޔަގެ ނަމަކީ ނޯރައިޒް އެވެ. ދުނިޔޭގައި ހުރިއިރު އޭނާއަކީ ގުލްބާގްގައި ހުރި އޭނާގެ ގަހަނާ ފިހާރައިގައި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް މާ ބޮޑު ވަގުތެއް ހޭދަކުރި މީހެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ގިނަ ވަގުތު ހޭދަކުރަނީ އޭނާގެ މިލްކިއްޔާތުގައި އޮންނަ ބޮޑު ކޮންޓްރޯލް ޝެޑެއްގައެވެ. އޭނާއާ ބެހޭގޮތުން އަހަރެންގެ ހަނދާނުގައި ހުރީ ވަރަށް މަދު ކަންތައްތަކެކެވެ. އެއީ ކުޑައިރު އަހަރެން މައްޗަށް އެއްލާ ހިފާ ކުޅުނު ހަނދާނަކާއި، ތިންވަނަ ގްރޭޑްގައި އުޅުނުއިރު އޭނާގެ ދަރިފުޅު އަހަރެން ކޮއްޕާލުމުން އަހަރެންގެ ކޮޅަށް އޭނާ ހުރި ހަނދާނެކެވެ. މީގެ އިތުރުން، އަހަރެން ‘ކޮންވެންޓް’ ސްކޫލުގައި ކިޔެވީ ވެސް އޭނާގެ ސަބަބުންނެވެ. އަހަރެން އިމްތިހާނުން ފާސްނުވި ނަމަވެސް، އޭނާގެ ނުފޫޒުން އަހަންނަށް އެތަނުން ޖާގަ ލިބުނެވެ. އެކަމަށްޓަކައި އަހަރެން އަބަދުވެސް އޭނާދެކެ ފޫހިވެއެވެ. އެއީ ނުފޫޒު ބޭނުންކުރީތީއެއް ނޫނެވެ، ނަމަވެސް އެއްވެސް ފައިދާއެއް ނެތް އެ ސްކޫލުގައި ކިޔަވަން ޖެހުނީތީއެވެ. ފަހުން އޭނާގެ އަމިއްލަ ދަރިފުޅު ވެސް އެ ސްކޫލް ދޫކޮށްލިއެވެ.
ކާފަ އިނީ ވަރަށް ހިމޭނުންނެވެ. ތައްޔަ ނޯރައިޒް އެފަދަ ކަމެއް ކުރަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމަކަށް ކާފަ މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ނަމަވެސް އޭނާގެ ދަރިފުޅު މަރުވާން އިޚްތިޔާރު ކުރި ސަބަބެއް ކާފައަކަށް ބުއްދިއަށް ގަބޫލެއް ނުކުރެވުނެވެ. ކާފަ އޭނާގެ ކޮޓަރީގައި މޫނު ފޮރުވައިގެން އިނީ، ދަރިފުޅުގެ މޫނު އެންމެ ފަހު ފަހަރަށް ދެކެން ވެސް އިންކާރު ކުރަމުންނެވެ. ބޭރުފުށުން އެއީ ބޮޑު ހިތާމައެއްގައި ހުރެގެން ކުރާ ކަމެއް ކަމަށް ދެއްކި ނަމަވެސް، އަހަރެމެން އެންމެންނަށް ވެސް އެނގެނީ ކާފަ އެގޮތަށް އުޅެނީ އޭނާގެ ދަރިފުޅު އަމިއްލައަށް މަރުވި ވާހަކަ މީހުން ދައްކާ އަޑު އަހަން ބޭނުންނުވާތީ ކަމެވެ.
އަހަރެން ކާފަ ކޫށްވެރިއެއް ނުކުރަމެވެ. ސަބަބަކީ އަހަރެންގެ “ކުށްވެރި ކަންފަތުން” ވެސް އެފަދަ ވާހަކަތައް އިވުނެވެ. ބައެއް މީހުން ބުނަމުން ދިޔައީ ތައްޔަ ވަނީ ދިރިހުރުމާއި މަރުވުމާ ދެމެދު ތާށިވެފައި ކަމަށާއި، އަމިއްލައަށް މަރުވުމުން ﷲ އެފަދަ މީހުންނަށް ފާފަ ނުފުއްސަވާނެތީ އޭނާ ތަކުރާރުކޮށް މަރުވަމުންދާ ކަމަށެވެ. ކައިވެނިތަކާއި މަރުގެ ޖަނާޒާތަކުން އެކަނި ފެންނަ އަހަރެންގެ ދެބެންގެ ދެދަރި މަލީހާ ބުނި ގޮތުގައި، އަމިއްލައަށް މަރުވާ މީހުން އެ މަރުވި ތަނަކުން ދުވަހަކުވެސް ވަކިވެގެން ނުދާނެތީ، ތައްޔަ އަދިވެސް އަހަރެމެންގެ ތެރޭގައި އެބައުޅެއެވެ. އަހަރެން ދުވެފައި ގޮސް ހިރަފުސް ބޯވެފައިވާ ސިޑިމަތި ބަލާލީމެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
“އޯހޯ ފަރުވާ،” މަލީހާ މޫނު ހަދާލަމުން ބުންޏެވެ. “ތައްޔަ ހުންނާނީ ފެންނަ ފެނުމަށް ނުފެންނަ ގޮތަށް (ޓްރާންސްޕޭރެންޓްކޮށް). އެއީ ރޫހެއް ނުވަތަ ފުރޭތައެއް ފަދައިން. އޭނާ އަދިވެސް އެހުރީ އެތާ ދަންޖެހިފަ.”
އިރުއޮއްސެންދެން ކާފަ އިނީ ކޮޓަރީގައި ތަޅުލައިގެންނެވެ. ކޮންމެ ފަހަރަކު މީހަކު ކާފަގެ ހާލު ބަލަން ދޮރު ހުޅުވާލާއިރު ނުވަތަ މާމަ ކޮންމެ މިނެޓަކުން ކަހަލަ ގޮތަކަށް ފާޚާނާއަށް ދާން ދޮރު ހުޅުވާލާއިރު ކާފަގެ ސޫރަ ކޮންމެވެސް ވަރަކަށް ފެނެއެވެ. ކާފަ އިނީ އަރިވެފައި ހުރި ގޮނޑިއެއްގައި، ނިއްވާލާފައިވާ ޓީވީ ސްކްރީނަށް ބަލާށެވެ. އެ ސްކްރީނުން ފެންނަ އޭނާގެ އަމިއްލަ ސޫރައަށް ނުވަތަ އޭނާގެ ފަހަތުން ހިނގާފައިދާ މީހުންގެ ސޫރައަށް އޭނާ ބަލަން އިނެވެ.
“މަރުވާ މީހުން ލޯގަނޑުތަކުން ފެންނާނެ. އެހެންވެ ބައެއް ސަގާފަތްތަކުގައި ސަމުސާ ވެސް ފޮރުވާފައި ބަހައްޓަނީ،” މަލީހާ ބުންޏެވެ. “ކާފަ އެއިނީ ތައްޔަ ކޮންމެވެސް ވާހަކައެއް ބުނަންދެން މަޑުކޮށްގެން.”
އަހަރެމެން މަލީހާގެ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދީ، މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ބެހޭގޮތުން ވާހަކަ ދެއްކީމެވެ. މަލީހާއަކީ އަބަދުވެސް ތަންތަނުން ވާހަކަ ހަދައިގެން ދައްކާ މީހެއްކަން އަހަރެމެން އެންމެންނަށް އެނގެއެވެ.
ކާމްރާން ބާއީ ބުނި ގޮތުގައި ތައްޔަ އުޅުނީ ވަރިވާން ތައްޔާރުވެގެންނެވެ. ލައިބާ ބުނީ އެއީ ފައިސާގެ މައްސަލައެއް ކަމަށެވެ. ނަމަވެސް ތައްޔަ ނޯރައިޒް މޮޔަވާން ދިމާވި އަސްލު ސަބަބަކާ މެދު އަހަރެމެންނަށް އެއްބަސްވެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން، ކާފަ ކުއްލިއަކަށް ކޮޓަރިން ނުކުމެގެން ބޭރަށް ދުއްވައިގަތެވެ. ކާފަގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމެވެ.
އާއިލާގެ އެންމެންނާއި ބައެއް މެހެމާނުން ވެސް ކާފަގެ ފަހަތުން ބޭރަށް ނުކުތެވެ. “ކާފައަށް ޓީވީ ސްކްރީނުން ތައްޔަ ފެނުނީ ކަންނޭނގެ،” މަލީހާ އަނެއްކާވެސް ބުންޏެވެ. “އަހަރެން ބުނީމެއްނު، އޭނާއަށް އޭނާގެ މަރުވެފައިވާ ދަރިފުޅު ފެނިއްޖެޔޭ.”
ނަމަވެސް ކާފައަށް ކުޑަދޮރުން ފެނުނީ ފުލުހުންނެވެ. ކާފަ އެންމެ ބޭނުންނުވި ކަމަކީ ފުލުހުން ގެއަށް އައިސްގެން މީހުންގެ ތެރޭގައި ވާހަކަދެކެވޭ ގޮތް ވުމެވެ.
ފުލުހުން ގެއަށް ވެއްދީ މާސީ (ގޭގައި މަސައްކަތްކުރާ އަންހެން މީހާ) އެވެ. އޭނާ ހުރީ އަތުކުރި އޮޅާލައިގެން، ވަރަށް ތައްޔާރުވެގެން ހުރި ކަހަލަ ގޮތަކަށެވެ. ފުލުހުންގެ އިސް މީހާ އޭނާއަށް އިޝާރާތް ކުރުމަށްފަހު މަރުވެފައިވާ ހަށިގަނޑަށް ބަލާލިއެވެ.
“އަހަރެމެން މަޑުކޮށްގެން މިތިބީ ޕޯސްޓްމޯޓަމް ރިޕޯޓްތަކަށް،” އޭނާ ބުންޏެވެ. “މިގޮތަށް ކުއްލިއަކަށް ވަދެވުނީތީ މާފަށް އެދެން، އެކަމަކު ރިޕޯޓްތަކުން ދައްކާ ގޮތުގައި މިއީ އަމިއްލައަށް މަރުވުމެއް ނޫން، މިއީ މަރާލުމެއް (މާޑަރއެއް).”
“ކޮންމެވެސް ކުށެއް އެބައުޅޭ،” މާމަ ތުރުތުރުލާ އަޑުން ބުންޏެވެ. “މަ-…. މަރާލުމެއް؟”
“ބޭކާރު ވާހަކަ!” ކާފަ މެދުކަނޑާލިއެވެ. “ރިޕޯޓްތަކަކަށް ދޮގެއް ނުހެދޭނެ. އަހަރެންގެ ދަރިފުޅު އަމިއްލައަށް އެފަދަ ކަމެއް ނުކުރާނެކަން އަހަންނަށް އެނގޭ. އަހަރެމެން ރާޖްޕޫތުންނަކީ ހިންޏެއްވެސް މަރާ ބަޔެއް ނޫން، އެހެންވީމާ އަމިއްލަ ނަފްސު މަރާލާނީ ކިހިނެއް؟” ކާފަގެ އެ ކުޑަކުޑަ ހަށިގަނޑުން ނުކުތް އަޑު އޭނާގެ ފެންވަރަށްވުރެ މާ ބާރެވެ. އެހެން ބުނިއިރު ކާފަގެ ފައި ތުރުތުރުލަމުން ދިޔައެވެ.
“ދޭ، އަވަހަށް ބުނޭ އަހަރެމެންގެ ދަރިފުޅު މަރާލީ ކާކުކަން. އަހަރެން އަމިއްލަ އަތުން އޭނާ މަރާލާނަން!”
“ކަލޭގެ ދަރިފުޅު..،” ފުލުސް މީހާ ޖަވާބުދިނެވެ.
“އާނ، އާނ! ބުނޭ މަގޭ ދަރިފުޅު މަރާލީ ކާކުކަން!” މެހެމާނުން ނުގޮސް ތިބީތީ ކާފަ އުފާވެފައި ހުރިކަން އަހަރެމެންނަށް އިހުސާސް ކުރެވުނެވެ. އެވަގުތު ކާފައަށް އެންމެ މުހިންމުވީ އޭނާގެ އަބުރެވެ. ނޯރައިޒް ތައްޔަ މަރާލީކަން އެނގުމުން، އޭނާ އަމިއްލައަށް މަރުވި ކަމަށް ބުނެ ދެކެވޭ ވާހަކަތަކުން ސަލާމަތްވެވޭނެތީއެވެ.
“އަހަރެން ބުނެފިން،” ފުލުސް މީހާ މެދުކަނޑާލިއެވެ. “ކަލޭގެ ދަރިފުޅު.”
“ކީކޭ؟”
“ކަލޭގެ ދަރިފުޅު މަރާލީ ކަލޭގެ އަނެއް ދަރިފުޅު،” އޭނާ ބުންޏެވެ. “އެކަން ގަބޫލުކުރެވޭ ވަރަށް އަހަރެމެންގެ އަތުގައި ހެކި އެބަހުރި.”
“އަ-އަހަރެމެންނަކަށް ނޭނގުނު،” ކާފަގެ އަޑު އާދައިގެ ވަރަކަށް މަޑުވިއެވެ.
ފުލުހުން ކުރިއަށް ޖެހިލިއެވެ. ކާފައާ ވާހަކަދައްކަން ހުރި އިސް އޮފިސަރު ފުން ނޭވާއެއްލިއެވެ.
“މިހިރަ މާސީ އިއްޔެ އަހަރެމެންގެ ގާތަށް އައިސް ބުނީ، ނޯރައިޒްގެ ކޮއްކޮ ޝުޢައިބު އޭނާ މަރާލާނެ ކަމަށް ބުނި އަޑު އިވުނު ކަމަށް،” އޭނާ ބުންޏެވެ. “އެންމެ ފުރަތަމަ އަހަރެމެން އެކަން ގަބޫލެއް ނުކުރަން. އެކަމަކު ރިޕޯޓްތަކުން ފެންނަން އޮތީ އެހެން ގޮތަކަށް. ކަލޭމެންގެ އާއިލާއަކީ އަބުރުވެރި އާއިލާއެއްކަން އެނގޭތީ، އަހަރެމެން ކަލޭމެން ސްޓޭޝަނަށް ގެންދިޔައީސް، އެކަމަކު މިހާރު މުޖުތަމައުގައި ހިނގަމުންދާ މަރުގެ ހާދިސާތަކުގެ ސަބަބުން، މިތަނަށް އައިސް ސުވާލުކޮށް ތަހުގީގު ކުރުން ނޫން ގޮތެއް ނެތީ.”
ފުލުހުން ބުނި ވާހަކަ އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ކާފަ އަނބުރައިގަނެގެން ވެއްޓެން އުޅުމުން އާއިލާގެ ބައެއް މީހުން އޭނާ ހިފަހައްޓައި މާބްލް ތަޅުންގަނޑުމަތީގައި ބޭންދިއެވެ.
“މަގޭ ޝުޢައިބު އެފަދަ ކަމެއް ނުކުރާނެ..” ކާފަގެ އަޑު މަޑުވަމުން ދިޔައެވެ.
“އަދިވެސް އެބުނަނީ،” އެހެން މީހުން ޖަވާބުދިނެވެ. “މިއީ އޮޅުމެއް. މިކަން އަމިއްލައަށް ސާފުވާނެ. އާދޭސްކޮށްފައި ބުނަން، ހަމަޖެހޭ. އަހަރެމެން މިކަން ބަލާނަން.” ނަމަވެސް ކާފަ ތަނަކަށް ގުޑާލާކަށް ބޭނުމެއް ނުވިއެވެ. ފުލުހުންނާއި ކާފަ ވެސް އެދުނީ އަބޫ (ބައްޕަ) އައުމަށެވެ. ފުލުހުން ބޭނުންވީ ސުވާލު ކުރާށެވެ. ކާފަ ބޭނުންވީ ވަކީލުންނާއި އެހެން އިސް މީހުން އަންނަންދެން ބައްޕަ މަޑުން ހުރުމަށް ބުނާށެވެ.
އެވަގުތާ ހަމައަށް އަހަރެން ހުރީ ހަމައެކަނި މި ހިނގާ ކަންތައްތައް ބަލާށެވެ. އަހަރެންގެ އަނގައިގައި އަދިވެސް ހުރީ ކަށުނަމާދަށްފަހު ކެއި ކާނާގެ ރަހައެވެ. ނަމަވެސް ފުލުހުން އެ އައީ ބައްޕަ ބަލާކަން އެނގުމުން އަހަރެން ސިހުނެވެ. އެމީހުން އެ ތުހުމަތު ކުރަނީ އޭނާގެ ބޭބެދެކެ އެންމެ ލޯބިވި މީހާއަށެވެ.
އެކަމަކު އަހަރެންގެ ހިތުގެ އަޑިން ގަބޫލުކުރެވެނީ ބައްޕައަކީ މިފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމަށެވެ. ބައްޕަ ފުލުހުންގެ ވާހަކަ އަޑުއަހައި، މަޑުމައިތިރިކަމާއެކު ހުންނާނެއެވެ. ބޭބެ ވަކިވެދިޔުމުން ކުޑަކޮށް ރޮއެލާނެއެވެ. އެވަރުން އެކަން ނިމޭނެއެވެ. އަދި އެ ނުބައި މާސީ، އޭނާގެ މަންމަ އަހަރެމެންނަށް އެތައް އަހަރަކު ޚިދުމަތް ކުރި ނަމަވެސް، އޭނާ ލަދުގަންނުވާލާފައި ގެއިން ބޭރުކޮށްލާނެއެވެ. އަހަރެން ހިތާހިތުން މާސީއަށް ބަދުދުޢާ ކުރަމުން ދަނިކޮށް ބައްޕަ އަތުވެއްޖެއެވެ.
ބައްޕަ ފެންނަނީ ރަނގަޅަށް ނިދާލާފައި ހުރިހެންނެވެ. އިއްޔެއަށްވުރެ ބައްޕަ މިއަދު މާ ހަމަޖެހޭހެން ހީވެއެވެ.
“ޝުޢައިބު،” ކާފަ ބުންޏެވެ. “ރޯދަވީއްލާ ގަޑީގައި ނޯރައިޒްގެ ހަށިގަނޑު ފެނުނު ގޮތް ފުލުހުންނަށް ކިޔައިދީ.”
ބައްޕަ ފުރަތަމަ ބަލާލީ ކާފައަށެވެ. އެއަށްފަހު ފުލުހުންނަށް ބަލާލިއެވެ.
“ބިރުނުގަނޭ،” ކާފަ ބުންޏެވެ. “ވަހީދު އަންކަލް އެބަ އާދޭ. ހިތާމަވެރި މި ދަނޑިވަޅުގައި މިފަދަ އުނދަގޫތަކެއް ކުރިމަތިކުރުވީތީ ފުލުހުން މާފަށް އެދޭނެ.”
ބައްޕަ ބިރުގަތްހެނެއް ހީއެއް ނުވެއެވެ. އަދި ކީއްތޯއެވެ، ބައްޕަ ހުރީ އެއްވެސް ކަމަކާ ކަންބޮޑުވާ ގޮތަކަށް ނޫނެވެ. ބައްޕަ އެއްޗެއް ބުނަން އަނގަ ހުޅުވާލި ނަމަވެސް ބަހެއް ބޭރެއް ނުވިއެވެ.
“ބުނޭ،” ކާފަ އެންގިއެވެ. “ނޯރައިޒް ދަންޖެހިފައި ހުއްޓާތަ ކަލެއަށް ފެނުނީ؟”
“ނޫ-ނޫން،” ބައްޕަ ޖަވާބުދިނެވެ. ބައްޕަގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ. “އޭނާ އަމިއްލައަކަށް ދަން ޖެހުނީއެއް ނޫން.”
“ކަލޭ ތިޔަ ދައްކަނީ ކޮން ވާހަކައެއް! ކަލޭ ތިހިރީ ހަމަހޭގައިތަ؟”
“އާނ ބައްޕާ. އަހަރެން މިހިރީ ހަމަހޭގަ. ނޯރައިޒް އަމިއްލައަކަށް ދަން ޖެހުނީއެއް ނޫން.”
ކާފަ ފުލުހުންނާ ދިމާއަށް އެނބުރުނެވެ. “މަގޭ ދަރިފުޅަށް ބޭބެ ވަކިވުމުގެ ހިތާމައިން އަދިވެސް އަސަރުކޮށްފައި އެހުރީ. އޭނާ އެބުނަނީ ތިޔަބޭފުޅުން ތިޔަ ވިދާޅުވިހެން ނޯރައިޒް މަރާލީއޭ،” ކާފަ މެދުކަނޑާލިއެވެ.
ފުލުސް މީހާ އޭނާގެ ބެލްޓް މައްޗަށް ޖައްސާލުމަށްފަހު މޫނުމަތީގައި މަލާމާތުގެ ހިނިތުންވުމެއް ވެރިކުރުވިއެވެ. “އަހަރެމެން އޭނާ ގާތު އަހާލަން ފުރުސަތު ދީ،” އޭނާ ބުންޏެވެ.
“އަހަރެން އެކަމަށް ލަފައެއް ނުދޭނަން،” ކާފަ ބުންޏެވެ. “އޭނާ ތިޔަބޭފުޅުންނަށް ޖަވާބުދާރީވާކަށް ނުޖެހޭނެ. މަގޭ ވަކީލު އައިސް އެކަންކަން ކުރާނީ.”
“ނޯރައިޒް މަރާލި ވަގުތު ކަލޭ އެތަނުގައި ހުރިންތަ؟” ފުލުސް މީހާ އެހިއެވެ. ކާފައަށް އެފަދަ ބޭއަދަބީ ގޮތަކަށް މީގެ ކުރިން އެއްވެސް މީހަކު މުޢާމަލާތެއް ނުކުރެއެވެ. އެކަމަކު ފުލުހުންގެ އިސް މީހަކު އަހަރެމެންގެ ގޭގެ ވެރިޔާގެ ބަހަށް އިޙްތިރާމް ކުރާނެ ކަމަށް އުންމީދު ކުރާނީ ކިހިނެއް ހެއްޔެވެ؟
“ޖަވާބުދޭނެ ކަމެއް ނެތް،” ކާފަ ބުންޏެވެ.
ބައްޕަ އެންމެންނަށް ބަލާލުމަށްފަހު މަރުވެފައިވާ ހަށިގަނޑަށް ބަލާލިއެވެ. “މަގޭ ބޭބެ މަރާލި ވަގުތު އަހަރެން އެތަނުގައި ހުރިން،” ބައްޕަ ބުންޏެވެ. “އަހަރެން އޭނާދެކެ ލޯބިވަން. އަހަރެން އޭނާއެއް ނުމަރަން. އަދި އޭނާއަށް އެހީތެރިވާން އެއްވެސް ކަމެއް ނުކުރެވުނީތީ އަހަރެންގެ އަމިއްލަ ނަފްސަށް ދުވަހަކުވެސް މާފެއް ނުކުރާނަން.”
“އެހެންވީމާ ކަލޭ ބުނަނީ ގާތިލު ދުށީމޭ؟”
“އާނ. އެއީ ޖިންނިއެއް،” ބައްޕަ ޖަވާބުދިނެވެ. “މަގޭ ނޯރައިޒް މަރާލީ ޖިންނިއެއް.”
— ނުނިމޭ —
