އަޅުން ކުރާނީ މަސައްކަތެވެ. ކާމިޔާބު ދެއްވާނީ އެހެން ފަރާތަކުންނެވެ. ބޭނުންވި ވަގުތުގައި މަސައްކަތް ފެށުނެވެ. މާބޮޑު އުންމީދެއް ނެތަސް ރިހްލާއަށްޓަކައި ވެސް އެކަން ކުރަން އަސީލް ހުރީ ތައްޔާރަށެވެ.
ފަރުވާގެ ކަންކަން ކުރިޔަށް ދިޔައީ ކަނޑައެޅުނު ވަކި ތަރުތީބަކުންނެވެ. ލަސްލަހުން ފަރުވާތެރިކަމާއިއެކު ވެސް މެއެވެ. ކަންކަން އެންމެ ގާތުން ރިހްލާ ބަލަމުން ދިޔައެވެ. ދޭތެރެއަކުން އައިސް ވާނުވާ ބަލައި އަސީލްއާ ވާހަކަ ދައްކަން މަޑު ވެސް ކޮށްލައެވެ.
އަސީލަށް ފަރުވާ ކުރަމުން ދިޔައީ ރިހްލާގެ ވަރަށް ގާތް ރަހުމަތްތެރިއަކު އޭނާގެ ގޭގައެވެ. އޭނާއާމެދު ރިހްލާއަށް ސަތޭކަ އިންސައްތަ ޔަޤީންކަން އޮތެވެ. އޭނާ ވަނީ އެކަން ސާބިތު ކޮށްދީފައެވެ. ސުވާލު އުފައްދާނެ ޖާގައެއް ނެތްވަރަށް ރިހްލާއަށް އެ ޔަޤީންކަން އޮތެވެ.
ފަރުވާގެ ކަންކަމަށް ފަސޭހައަކަށް އަސީލްމެން އެގެ ކައިރިއަށް ބަދަލުވިއެވެ. އެއީ އެއްވެސް ވަރަކަށް ދިވެހިން އައިސް އުޅޭ ސަރަހައްދެއް ނޫނެވެ.
ފަރުވާގެ ކަންކަމަށް ޚާއްސަކޮށްފައިވާ ތަނަކީ ވަރަށް ރީތިކޮށް ފަރުމާކޮށްފައިވާ އަދި ވަރަށް ސާފުތާހިރުކޮށް ބަލަހައްޓާ ކޮޓަރިއެއް ކަހަލަ ތަނެކެވެ. އެތަން ހުންނަނީ ސައުންޑްޕްރޫފް ކޮށްފައެވެ. އެތަނުގެ ދޮރު ލެއްޕުމަށްފަހު، އެތަނުގައި ހިނގާކަމެއްގެ އަޑު ފިޔަވާ އެއްވެސް އަޑެއް ނީވެއެވެ. އަދި އެތަނުގައި ހިނގާ ކަމެއްގެ އަޑު ބޭރަކަށް ވެސް ނީވެއެވެ. ފަރުވާ ހޯދަން އަންނަ މީހާ އާއި ފަރުވާކުރާ މީހާ ނަސީހް ފިޔަވައި އެހެން މީހަކު އެތަނަކަށް އޭނާ ނުވައްދައެވެ.
އަސީލްގެ އިތުރުން ދެމީހަކު ފަރުވާ ހޯދަމުން ދިޔައެވެ. އެއީ މެލޭޝިޔާ ދެމީހުންނެވެ. އެމީހުނާއިމެދު ވެސް ނަސީހް ކަންކުރަމުން ދިޔައީ އެހެނެވެ.
ފަރުވާގެ ކަންކަން ކުރިޔަށްދަނީ ފަތިސް ގަޑީގައާއި އިރުއޮއްސޭ ގަޑީގައެވެ. ފަރުވާއަށް އަންނަން ޖެހެނީ ވަގުތަށް ނަމާދުކޮށްގެން އަންނަ ގޮތަށެވެ. އެގެއާއި ކައިރީ މިސްކިތެއް ހުރުމަކީ ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ. ނަމާދު ވަގުތު ޖެހުމުގެ ކުރިން އަސީލްމެން އެތަނަށް ދެއެވެ.
އިރުގެ ދައުރުވުން އޮއްސުމާއި ދިމާއަށް ދަތުރުކުރަމުން ދިޔަ ވަގުތެވެ. ވެރިވަމުންދިޔަ އަނދިރިކަމާއިއެކު ކޮންމެވެސް ވަރެއްގެ ހަމަހިމޭންކަމެއް ވެސް ވެރިވަމުން ދިޔައެވެ.
މިސްކިތާއި ދިމާއަށް ހިނގަމުންދިޔަ އަސީލްގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ކުއްލިއަކަށެވެ. ކުރިން ސަމާލުކަމަށް ނައި މުސްކުޅި އަންހެނަކު ކުއްލިއަކަށް ކުރިމައްޗަށް އެރީ އައި ގޮތެއް ވެސް ނޭންގިއެވެ. ސިއްސައިގެން ދިއުމާއިއެކު މަޑުމަޑުން ހަޅޭއްލަވައި ވެސް ގަނެވުނެވެ.
“ކޮއްކޯ. ތީ ދިވެހިރާއްޖޭ ކުއްޖެއް ދޯ؟ ދައްތަ ވެސް މީ ދިވެއްސެއް. ދައްތައަށް ނިކަން ކަމެއް ކޮށްލަދީބަލަ.” އެ އަންހެންމީހާ ބަލަހައްޓައިގެން ހުރީ އަސީލްގެ މޫނަށެވެ.
“ކީއް ކޮށްދޭންވީ؟ އަވަހަށް ބުނޭ.” އެ އުމުރުގެ މީހަކު އެހީއަށް އެދުނީމާ އޭނާއަށް އެހީތެރިނުވެ ދާކަށް އަސީލްގެ ހިތެއް ނޭދުނެވެ. އަދި އެ ދައްތަ އަކީ ދިވެއްސަކަށް ވީތީ އޭނާ ޚާއްސަ ވިއެވެ.
މިހިރި ފެންނަ ގޯޅިން ދާއިރު ދައްތަމެން ތިބޭ ގެ ހުންނާނެ ތަންކޮޅެއް އެކޮޅުގައި.. އެ ތަނާއި ޖެހިގެން އޮތް ގޯޅީގައި. ދައްތައާއެކު ހިނގާބަލަ އެ ގެއާ ހަމައަށް. ދައްތަ މިއުޅެނީ ކުޑަކޮށް ފައިގާ ރިއްސާތީ.” ދައްތަގެ ކިބައިން ފެނުނީ ބަލިކަށިކަމެވެ. އެހީތެރިއަކަށް އޭނާ ބޭނުން ވެފައިވާވަރެވެ.
“ދައްތަ މަޑުކޮށްލަންވީނު މިތާ ޕާކުތެރޭ. އަހަރެމެން ނަމާދުކޮށްލައިގެން ފައިބާ ދައްތަ ގެއަށް ލައިދޭނަން.” ގަޑިއަށް ބަލައިލަމުން މަހުދީ ވާހަކަ ދެއްކިއެވެ. ވަގުތުގެ މުހިންމުކަން އޭނާއަށް އެތައް ފަހަރަކު ރިހްލާ ވަނީ ހަނދާންކޮށްދީފައެވެ.
“ދައްތައަކަށް ނެތް މަޑުކުރެވޭކަށް.. ދައްތަ ގެއަށް ލާފައި އައިސް ވެސް ތިޔަ ކުދިންނަށް ނަމާދު ކުރެވޭނެއެއްނު. އެއީ މާ ދުރެއް ވެސް ނޫނޭ.” މަހުދީގެ ހުށަހެޅުން އެ ދައްތައަކަށް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވަނީ މިހާރުން މިހާރަށް އެކަން ކުރާށެވެ.
އަސީލް ބޭނުންވީ އެ ދައްތަ ގޮވައިގެން ދާށެވެ. އޭނާ ލާފައި އައިސް ނަމާދު ކުރާށެވެ. އެވަރުން ވެސް އޭނާ ބޭނުންވާ ވަގުތު ލިބޭނެއެވެ. އެގޮތް ކަމުނުދިޔައީ މަހުދީއަށެވެ. ވަގުތާއި ހާލަތާމެދު އަސީލަށް ވުރެ ބޮޑަށް ވިސްނެނީ މަހުދީއަށެވެ. ތަކުރާރުކޮށް އެ ދެމީހުން ކައިރީ ރިހްލާ ދެއްކި ވާހަކަތައް ހަނދާން ހުރީ ވެސް އޭނާއެވެ.
މައިކް ޓެސްޓް ކޮށްލުމާއިއެކު އަސީލްގެ އަތު ހިފައިގެން ބާރުބާރަށް މަހުދީ ހިނގައިގަތެވެ. އިތުރު އެންމެ ފުރުސަތެއް ވެސް އަސީލަށް ނުދިނެވެ. މިސްކިތަށް ވަންނަމުން އެ ދައްތައާ ދިމާއަށް މަހުދީ ބަލައިލި ނަމަވެސް އެހެން މީހަކަށް އެކަމެއް ފާހަގައެއް ނުވިއެވެ.
އަސީލްމެން މިސްކިތަށް ވަނުމުން، ހިތްހަމަނުޖެހުމާއިއެކު އެމީހުނަށް ބަލައިލަމުން އޭނާ ހިނގައިގަތެވެ. އޭނާގެ ކިބައިން ކުރިން ފެނުނު ބަލިކަށިކަމުގެ އެއްވެސް އަލާމާތެއް މިހާރު އޭނާގެ ކިބައަކުން ނުފެނެއެވެ.
ވެދިޔަ ކަންތައް މަހުދީގެ ހަނދާނަށް އައީ މިސްކިތުން ފޭބި ފަހުންނެވެ. ވަށައިގެން ހޯދާލިއިރު އެއްވެސް ހިސާބަކުން އެ ދައްތަ ފެންނާކަށް ނެތެވެ.
މަހުދީ އާއި ރިހްލާ ދިމާވީ، ފަރުވާއަށް އަސީލް ވެއްދި ފަހުންނެވެ. ރިހްލާ ފެނުމާއިއެކު މަހުދީ އެވާހަކަ ދެއްކިއެވެ.
އަނެއްކާ ވެސް ރިހްލާ ހަނދާންކޮށްދިނީ ކުރިން އޭނާ ދެއްކި ވާހަކަތަކެވެ. އެކަހަލަ ކިތަންމެ މީހަކާއި ދިމާވާނެއެވެ. ހީނުކުރާ ކަހަލަ މީހުނާއި ވެސް ދިމާވާނެއެވެ. އެދޭނީ އެކި ކަންކަމުއެވެ. ކުދިކުދި ކަންތަކާއި ފަސޭހައިން ވާނެ ކަންތަކު އެދޭނެއެވެ. އެއީ މާބޮޑު ކަމެއް ކަމަށް ހީނުވާ ކަހަލަ ކަންކަމު ވެސް އެދޭނެއެވެ.
ބޭނުމަކީ އެންމެ ބޭނުމެކެވެ. އެއީ ފަރުވާއަށް ހުރަސް އެޅުމެވެ. އެކަން ކާމިޔާބުވިޔަ ނުދިނުމެވެ.
ގިނަ ދުވަސްތަކެއް ވާންދެން މެލޭޝިޔާގައި އަސީލް މަޑުކުރަން ޖެހޭތީ، މަހެއްހާ ދުވަސްފަހުން ފަރުހީން އާއި ވާޝިޔާ މެލޭޝިޔާއަށް އައެވެ. މަހުދީ ރާއްޖެ ދިޔައެވެ.
ރިހްލާ ހުރީ އަސީލްއާ އެކުއެވެ. ހިތަށް ލިބެމުންދިޔަ ހަމަޖެހުމާއިއެކު އުންމީދުގެ ހުޅުކޮޅު ދިއްލުނެވެ. ފަރުވާއާމެދު އުންމީދު އާވިއެވެ.
ކުރަންޖެހޭ ޚަރަދު ކިތަންމެ ބޮޑު ނަމަވެސް، ލިބުނު އުންމީދުގެ ސަބަބުން ވާޝިޔާގެ ދެމަފިރިން ބޭނުންވީ އަސީލްގެ ފަރުވާގެ ކަންތައް ހަމައަކަށް އެޅެންދެން މެލޭޝިޔާގައި މަޑުކުރާށެވެ.
ރިހްލާ ފެނުމުން ވާޝިޔާ އާއި ފަރުހީނަށް ލިބުނީ ހައިރާންކަމެވެ. އެއްވައްތަރުގެ މީހުން މީގެ ކުރިން ވެސް ފެނިއްޖެއެވެ. އެކަމު ޢާއިލީގޮތުން އެއްވެސް ގުޅުމެއް ނެތް ދެމީހަކު މިހާ އެއްވައްތަރު ވެދާނެ ކަމަކަށް މީގެ ކުރިން އެމީހުން ޤަބޫލެއް ނުކުރެއެވެ.
އަސީލަށް ރިހްލާ ދޭ ސަމާލުކަމާއި އަސީލްގެ ފަރުވާގެ ކަންކަމަށް ރިހްލާ ބަހައްޓާ ފަރުވާތެރިކަން ފެނި ވާޝިޔާގެ ދެމަފިރިންގެ ހިތަށް ނުހަނުބޮޑު ހަމަޖެހުމެއް ލިބުނެވެ. އެތައް ފަހަރަކު ޝުކުރު އަދާކުރިއެވެ.
ތިން މަހެއްހާ ދުވަހުގެ ފަރުވާއިން އަސީލަށް ވާހަކަ ދެއްކޭވަރު ވިއެވެ. އެއްވެސް މައްސަލައެއް ދިމާނުވެ ކުރިއެކޭ އެއްގޮތަށް ހުރިހާ ކަމެއް ހަނދާން ވެސް ހުއްޓެވެ.
ފަރުވާގެ ކަންތައް ނިމުމާއިއެކު ވާޝިޔާގެ ދެމަފިރިން ބޭނުންވީ އަވަހަށް ރާއްޖެ ދާށެވެ. އެމީހުންގެ އެންމެ ފުރަތަމަ ވިސްނުމަކަށް ވީ ޚަރަދު ކުޑަކުރުމެވެ. އެކަމަށްޓަކައި މިހާރު ވެސް އެތައް ހާސް ރުފިޔާއެއް ޚަރަދު ވެއްޖެއެވެ. އަމިއްލަ މަސައްކަތުން ހޯދި ފައިސާގެ އިތުރުން އެތައް ބައެއްގެ އެހީވެސް ލިބުނެވެ. އެވަރުން ނުވެގެން ދަރަންޏަށް ވެސް ފައިސާ ވަނީ ހޯދާފައެވެ. ފައިސާގެ ކަންތައްތައް ހަމަޖެއްސެން އޮތީ ރާއްޖެ ގޮސް މަސައްކަތް ފެށިގެންނެވެ.
އެމީހުނާއިއެކު ރާއްޖެ ދިއުމަށް އަސީލްގެ އިތުރުން އޭނާގެ މައިންބަފައިން ވެސް ރިހްލާ ގާތު އެދުނެވެ. އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ ޚަރަދެއް އެމީހުން ކުރާނެ ކަމަށް ވެސް ބުންޏެވެ.
އަސީލްގެ ޢާއިލާގެ ހުށަހެޅުން ރިހްލާ ޤަބޫލެއް ނުކުރިއެވެ. އޭނާ ބުނީ އޭނާ ބޭނުންވި ކަންތައް ވެއްޖެ ކަމަށެވެ. އެއީ އަސީލަށް ޝިފާއެއް ހޯދައިދިނުމާއި އެކަމުގައި އެހީތެރިވުމެވެ. ދިރިއުޅުމުގެ ކަންތައްތައް ހުރި ގޮތުން މިވަގުތު ޤައުމުން ބޭރަށް ދެވެން ނެތް ނަމަވެސް އެފަދަ ދުވަހެއް ދައްކަވައިފިނަމަ ކޮންމެވެސް ދުވަހަކުން ދިވެހިރާއްޖެ ދާނެ ވާހަކައެވެ. އެފަދަ ދުވަހަކުން އަސީލްމެން ކައިރިއަށް ދެވޭތޯ ބަލާނެ ވާހަކަ ވެސް ބުންޏެވެ.
ރާއްޖެ އާދެވުމާއިއެކު އަސީލްމެން ރަށަށް ދިޔައެވެ.
އަސީލް ރަނގަޅުވުމުން އުފާކުރި ގިނަ ބަޔަކު އޭނާއާ ބައްދަލު ކުރިއެވެ. ހެޔޮ ނަސޭޙަތްދީ އެފަދަކަމެއް ދެން ނުކުރުމަށް ބުންޏެވެ. އެކަމުގެ ގޯސްކަމާއި ނުރައްކާތެރިކަން ވިސްނައިދިނެވެ.
ދެނެއް އެހެނެއް ނުވާނެއެވެ. އެއީ މާޒީއެވެ. މާޒީ އިޔާދަވާކަށް އަސީލް ފުރުސަތެއް ނުދޭނެއެވެ.
މަޣުރިބު ނަމާދުކޮށްގެން އަސީލް އައީ ގެއަށެވެ. އެހެން ވެސް ރޭތައް ފަދައިން ކޮންމެވެސް ވަރަކަށް ޤުރުއާން ކިޔަވައިލަން މަޑުކުރިއެވެ.
އަސީލް ބޭރަށް ނުކުތީ މަހުދީ ގުޅާފައި ބުނީމަ ކޮފީއެއް ބޯލަން ދާށެވެ. އޭރު ހަތެއް ޖަހަނީއެވެ.
އަސީލް ބޭރަށް ނުކުތްއިރު މަހުދީ ހުރީ ސައިކަލްގައި އޭނާ ބަލައި އައިހެވެ.
އަސީލްއާ ސުވައިލާ ބައްދަލުވީ ކޮފީ ބޮއިގެން ގެއަށް އައި މަގުމަތީ ފިހާރައެއް ކައިރިންނެވެ. އޭރު އޭނާ ކައިރީ ނިހާމް ވެސް ހުއްޓެވެ.
ސުވައިލާގެ ކިބައިން އަދިވެސް މަޢާފަށް އެދެން ބޭނުންވާތީ އަސީލް އެވާހަކަ ދެއްކިއެވެ. ތަކުރާރުކޮށް އެތައް ފަހަރަކު މަޢާފަށް ވެސް އެދުނެވެ.
އަސީލްގެ ވާހަކަތައް އަޑުއަހާކަށް ސުވައިލާ ބޭނުމެއް ނުވިއެވެ. އޭނާގެ ހިތުގައި އަސީލްއާމެދު އުފެދުނު ރުޅިވެރިކަން އަދިވެސް ފިލައި ނުދެއެވެ. އެދުވަހާއި މިއަދާ އެއްވެސް ތަފާތެއް ނެތެވެ.
“ކަލޭގެ ސަބަބުން އަހަރެން އުފުލަން ޖެހުނު ވޭނާއި ކެކުޅުން.. މީހުންގެ ފަރާތުން އަހަރެންނަށް ކުރިމަތިވި ފާޑު ކިޔުންތަކާއި މަލާމަތް.. ސީދާކޮށާއި ނުސީދާކޮށް މީސްމީހުން ބުނެލި ބަސްތައް.. ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެ.. ކަލޭ މިއަދު ތިހެން ހަމަޖެހިލާފައި ހުއްޓަސް އަދި މި ނިމުނީއެއް ނޫން އިނގޭ.. ދުވަހަކު ވެސް ކަލޭގެ ހިތުން ފިލައިގެން ނުދާވަރު ކޮށްލާނަން.” ރުޅިވެރިކަމާއިއެކު އަސީލަށް ބަލައިލަމުން، ބާރު އަޑުން ސުވައިލާ ދައްކަމުންދިޔަ ވާހަކަތައް ހުއްޓުވީ ނިހާމްއެވެ.
ސުވައިލާގެ ހާލަތު ވިސްނުމާއިއެކު އޭނާ ގޮވައިގެން ނިހާމް ގެއާ ދިމާއަށް ހިނގައިގަތެވެ.
މިވަގުތަށް އެންމެ ރަނގަޅު ވާނީ އަސީލް ގޮވައިގެން އެތަނުން ދިއުން ކަމަށްވާތީ އޭނާ ގޮވައިގެން މަހުދީ ނައްޓާލިއެވެ. އަސީލް ކުރަންވީ ކަންތައް އޭނާ ކޮށްފިއެވެ. އެކަން ބަލައިގަތުމާއި ބަލައިނުގަތުން އެއީ ސުވައިލާގެ ކަމެކެވެ. އެވަރުން މަހުދީއަށް ފުދިއްޖެއެވެ.
ކަންތައް ދިމާވި ގޮތުން ކިތަންމެ ދެރަވި ނަމަވެސް، އަސީލް ކެތްތެރިވިއެވެ. ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. ގާތް ރައްޓެހިންނާއި ޢާއިލާ މީހުންގެ ފަރާތުން އޭނާއަށް ހިތްވަރާއި އެހީތެރިކަން ލިބުނެވެ.
މެންދަމުން އަލިވެ ތިނެއް ޖަހާކަން ހާއިރެވެ.
މަހުދީއަށް ހޭލެވުނީ ފޯންގެ ރިންގުގެ އަޑަށެވެ. އަވަސްއަވަހަށް ފޯނު ނަގަމުން ބަލާލިއިރު ގުޅަނީ އަސީލްއެވެ. މިފަދަ ވަގުތެއްގައި ވަރަށް މުހިންމުވެގެން ނޫނީ އަސީލް ނުގުޅާނެކަން އޭނާއަށް ޔަޤީނެވެ. ލިބުނު ހައިރާންކަމާއިއެކު ހާސްކަން މީހާ ވަށާލިއެވެ. ސުވާލުތަކުން ސިކުނޑިއަށް ބާރު ބޮޑުވިއެވެ.
އަސީލް އުޅުނީ މެއަށް ތަދެއް އަރައިގެންނެވެ. އެއާއެކު ނޭވާ ހާސްވެ ނޭވާލާން އުނދަގޫވެގެންނެވެ. އިރުއިރުކޮޅާ ބޮލަށް އަރާ ތަދާއިއެކު މީހާ އަނބުރައިގަނެގެން ވެއްޓިދާނެހެން ވެސް ހީވެއެވެ. ބައެއް ފަހަރު ވާނުވާ ނޭނގެއެވެ.
އަސީލްމެން ގެ ކައިރިއަށް މަހުދީ ދާންވާއިރަށް އެމްބިއުލާންސް ފޮނުވިއެވެ. އަސީލްގެ ބައްޕައަށް ފޯނު ކުރިއެވެ.
ވާޝިޔާއަށް ހޭލެވުނީ އަސީލްގެ ބާރު އަޑަށެވެ.
ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވި ވާޝިޔާ، އަސީލްގެ ކޮޓަރިއާ ހަމައަށް ދާން ނެގީ ދެތިން ސިކުންތެވެ. ކޮޓަރި ހުރީ ތަޅު ނުލައެވެ. ވާޝިޔާގެ ފަހަތުން ކަހަލަ ގޮތަކަށް ފަރުހީން އައިސް އެ ކޮޓަރިއަށް ވަނެވެ. އަސީލް އޮތްގޮތް ފެނުމާއިއެކު ވާޝިޔާއަށް ރޮއިގަނެވުނެވެ.
ސިއްޙީ މަރުކަޒަށް ގެންގޮސް އަސީލަށް ފަރުވާ ދިނުމުގެ މަސައްކަތް ފެށިއެވެ. އަސީލްގެ ހާލަތު ވަރަށް ގޯހެވެ. އޭނާ އޮތީ ހުން އައިސް ރަތްވެފައެވެ. ދެފަހަރު ހަމަޔަށް ވާނުވާ ނޭނގެއެވެ. މީހުން ވެސް ވަކިވަނީ ބައެއް ފަހަރުއެވެ.
އަސީލްގެ ހާލަތު ކުޑަކޮށް ވެސް ރަނގަޅުވީ ފަތިސް ނަމާދަށް ގޮވި ފަހުންނެވެ.
ކަންތައްތައް ދިމާވިގޮތް ހަނދާންވުމާއިއެކު އަސީލް ބޭނުންވީ ރިހްލާއަށް ގުޅާށެވެ. ކަންތައް ދިމާވިގޮތް އޭނާއަށް ކިޔައިދޭށެވެ. މިކަމުގެ އަޑީގައި ކޮންމެވެސް ސިއްރެއް ވާނެކަން އޭނާއަށް ޔަޤީނެވެ.
ރިހްލާއަށް އަސީލް ފޯނުކުރީ ފަތިސް ނަމާދުކޮށް ނިންމާލުމަށްފަހު، ޤުރުއާން ކިޔަވަން ހޭދަކުރާ ވަގުތު ވެސް ނިންމާލުމަށް ފަހުއެވެ.
ވެގެން އުޅޭގޮތް އަސީލް ކިޔައިދިނުމާއިއެކު ރިހްލާ ފޯނު ކަނޑާލިއެވެ. ދެން ގުޅައިގެން ފޯނަށް ޖަވާބެއް ނުދިނެވެ.
ރިހްލާ ކަންތައް ކުރިގޮތުން އަސީލް ކަންބޮޑުވިއެވެ. ނުތަނަވަސްވެ ހާސް ވެސް ވިއެވެ. އެތައް ފަހަރަކު ގުޅިއެވެ. ފަހުން އޮތީ ފޯނު ނިވާލައިފައެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ރިހްލާއާ ގުޅޭތޯ އަސީލް ކުރަމުންދިޔަ މަސައްކަތަށް ކުރިއެރުމެއް ނުލިބެއެވެ. އޭނާގެ ކަންބޮޑުވުމާއި ހާސްކަން ފަހަރަކަށްވުރެ ފަހަރެއް ދިޔައީ އިތުރުވަމުންނެވެ.
ރިހްލާއާ ގުޅޭތޯ މަހުދީ ވެސް މަސައްކަތް ކުރިއެވެ. ކާމިޔާބެއް ނުލިބުނެވެ.
ރިހްލާގެ ޚަބަރެއް ވީ ތިން ދުވަސް ފަހުންނެވެ. މެންދަމުން އަލިވެ ތިނެއް ވެސް ޖެހި ފަހުން އޭނާ ކޮށްފައިވާ މެސެޖް އަސީލަށް ފެނުނީ ފަތިސް ނަމާދަށް ތެދުވި ގަޑީއެވެ. ރިހްލާއާ ގުޅޭތޯ އަސީލް މަސައްކަތްކުރިއިރު ފޯނު އޮތީ ނިވާލައިފައެވެ.
އެންމެ ދެތިން ބަސް އޮތް އެ މެސެޖްގައިވާ ގޮތަށް ބޮޑު ޚަބަރެއް މިއަދު ލިބޭނެއެވެ.
ފަތިސް ނަމާދުކޮށްގެން އައިސް ޤުރުއާން ކިޔަވަން ގޭގައި މަޑުކޮށްލުމަށްފަހު، އަސީލް ބޭރަށް ނުކުތީ ބަޔަކު މީހުން މާ ބާރަށް ވާހަކަ ދައްކާ އަޑު މަގުމަތިން އިވިގެންނެވެ. ބާރުބާރަށް އެންމެން އެއްކޮށް ކަހަލަ ގޮތަކަށް ދައްކަމުންދިޔަ އެ ވާހަކަތަކުން ހިތްހަމަނުޖެހުމާއި ރުޅިވެރިކަން ފާޅުވަމުން ދިޔައެވެ.
ރިހްލާ ބުނި ބޮޑު ޚަބަރަކީ އެއީއެވެ. އަސީލްގެ ދުވަސް ދުއްވާލުމަށް ފަންޑިތަ ހަދަމުންދިޔަ މީހަކީ ނިހާމްއެވެ. ސުވައިލާގެ ހިތް އަތުލުމަށް ވެސް އޭނާ ވަނީ ފަންޑިތަ އާއި ސިހުރު ހާހޫރަ ހެދުންފަދަ އެތައް ކަމެއް ކޮށްފައެވެ. އަދި ދުވަހަކު ވެސް އޭނާ ދޫކޮށް ނުގޮސް ކައިރީގައި ސުވައިލާ ބެހެއްޓުމަށްޓަކައި މިހާރު ވެސް އޭނާ ދަނީ އެ މަސައްކަތްތައް ތަކުރާރު ކުރަމުންނެވެ.
ހުރިހާ ކަމެއް ފެނުނީ ސީދާ ސުވައިލާއަށެވެ. ލޮލުން ދެކި އަތުން ހިފި އެ މަންޒަރު އޭނާ ހުރީ ވީޑިއޯ ވެސް ކޮށްފައެވެ. ނިހާމް އަތުލައިގަތީ ސުވައިލާގެ ފުރިހަމަ އެހީތެރިކަމާއި އެކުއެވެ. އޭރު ވެސް އޭނާ ހުރީ އެކަން ކުރާށެވެ.
ނުރައްކަލުގެ ތެރެއަށް ރަށް ވައްޓާލި އަސްލު މީހަކީ އަސީލެއް ނޫނެވެ. ނިހާމްއެވެ. އޭނާ އެކަން ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. އޭނާއަކީ ވަޖުދީގެ އެޖެންޓެކެވެ. އެކަން ކޮށްދީގެން އޭނާ ވަނީ މީސްމީހުން އަތުން ފައިސާ ވެސް ހޯދާފައެވެ. ހުރިހާ ކަމެއް ފަޅާއަރައި ސަލާމަތް ނުވެވޭވަރު ވުމުން އޭނާ އެ ހުރިހާ ކަމަކަށް އެއްބަސްވިއެވެ.
ކޮޓަރީ މޭޒުމަތީ ފެންތައްޓަކަށް ޖަހާފައި، އަބަދު ވެސް އެ ހުންނަ ރަތް ފިނިފެންމަލުގެ އަސްލު ސުވައިލާއަށް އެނގުނީ މިހާރުއެވެ. ފެނުނު މަންޒަރާއި ކުރެވުނު ތަޖުރިބާގެ ސަބަބުން އެންމެ ހިނދުކޮޅަކު ވެސް ނިހާމްއާއެކު އުޅޭކަށް ސުވައިލާ ބޭނުމެއް ނުވިއެވެ.
އަބަދުގެ އަބަދަށް ނިހާމާއި ދުރަށް ދިޔަ ނަމަވެސް އެ ފިނިފެންމަލުގެ ހަނދާނާއި ދުރަކަށް ސުވައިލާއަކަށް ނުދެވުނެވެ. ރަތް ފިނިފެންމާދެކެ އޭނާ ބިރުގަންނަ އަސްލު ސަބަބަކީ ވެސް ހަމަ އެ ހާދިސާއެވެ.
(ނިމުނީ)
