ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އިވްރިޝާ – އެޕިސޯޑް 07

“އަހަރެން އެބަދަން ރައްޓެހިންނާ ބައްދަލުކޮށްލަން. މި އަންނަނީ އިރުކޮޅަކުން،” ޚަލީލް އަހަރެންގެ ކަންފަތް ކައިރީގައި ބުންޏެވެ. އަހަރެން ބޯޖަހާލުމުން އޭނާ ދިޔައެވެ.

“ހިނގާ އަހަރެންގެ ރައްޓެހިން ތިބި ތަނަށް ދާން،” ކައި ނިންމި ނިމްލާއާއި ތޫފާ ގާތު އަހަރެން އެދުނީމެވެ. އެމީހުން އެއްބަސްވުމުން އަހަރެމެން އަޚީރާގެ މޭޒާ ދިމާއަށް ހިނގައިގަތީމެވެ.

*******

🎶 މޫނޭ ތިއީ ހިތް އެދޭ / ކިޔައިދޭނީ ދެން ކީކޭ ބާ؟

މީހުން ނުވާ ތާކަށް ހިނގާ / ބޭޒާރުވުން ގާތޭ މިތާ 🎶

މިއުޒިކުގެ ރިދަމަށް އަހަރެމެން ނަށަމުން ދިޔައީމެވެ؛ ޚަލީލް އާއި އަހަރެންނެވެ. ހޯލުގެ ބޮޑެތި ލައިޓްތައް ނިވާލާފައިވާއިރު، ސީލިންގްގައި އެލުވާފައިވާ ޑިސްކޯ ލައިޓްގެ ކުލަކުލައިގެ އަލިތައް މުޅި ތަނަށް ފެތުރިފައިވެއެވެ.

ބޮޑެތި މީހުންނާއި ތިމާގެ މީހުން މިހާރު ގޮސްފިއެވެ. މިހާރު މިތަނުގައި ތިބީ ހަމައެކަނި ޒުވާނުންނެވެ.

ނަށާ ތަން އޮތީ މީހުންނާއިގެން ފުރިފައެވެ. އެންމެންވެސް މަޖަލުގައި ހީނ ސަމާސާކުރަމުން ދިޔައެވެ. އަހަރެން ނަށަމުން ދިޔައީ އަހަރެންގެ ހިތުގެ ވެރިޔާގެ އަތުގެ ތެރޭގައެވެ. އޭނާ ހުރީ އަހަރެންގެ ފަހަތުގައެވެ. އޭނާގެ އެއް އަތް އޮތީ އަހަރެންގެ އުނަގަނޑުގައި ވަށާލެވިފައެވެ.

🎶 ބަލާލާށެ ބުނެ އަތްލެވޭތީ / ލަދުން ހުންނަހެން ހީވަނީއޭ

ސިއްރެއް ބުނަންހޭ މަށަށް ހާދަ ރީއްޗޭ / ރަކިވީ ހެއްޔޭ ލޯތިޔަ މަރާލީ 

ނިދީގާވެސް ނުދެކެން ތިވަރު / ކިޔައިދޭނީ ދެން ކީކޭ ބާ؟ 🎶 ޚަލީލް މަޑުމަޑުން އަހަރެންގެ ކަންފަތުގައި ދަތްއަޅާލަމުން ލަވައިގެ ރާގަށް ބުންޏެވެ.

އަހަރެންގެ ހިތް އޭނާގެ ލޯބީގައި ފިދާވިއެވެ. އަދި އޭނާއާ ދިމާއަށް އެނބުރިލާފައި އޭނާގެ ގައިގައި ބައްދާލަމުން ބުނީމެވެ، “ނޫން… އަހަރެން ރައްކެތް ނުވޭ.”

“ނޫން، ތި ހުރީ ރަކިވެފަ.. އެހެންވެއްޖެއްޔާ ހިނގާ މިތާ ނުތިބެ އަވަހަށް އަހަރެންގެ ގެއަށް ދަމާ.”

އަހަރެން ބޯހޫލާލީމެވެ. “ޚަލީލް ލޯބީ.. އަހަރެމެން އެކުގައި ނިދަންވާނީ ކައިވެންޏަށްފަހުގައޭ. ކުރިއަކުން ނޫނޭ.”

އޭނާ މޫނު ކުނިކޮށްލިއެވެ. “އާނ، އާނ.. އެކަމަކު އަހަރެން ބޭނުންވަނީ މިހާރު. އަހަރެން އަބަދުވެސް ހުންނަނީ ކެތްމަދުވެފަ. އަދި އަހަރެންގެ ކައިވެނި ކުރެވޭ އަންހެންކުއްޖާގެ ހައިސިއްޔަތުން އަހަރެންގެ ކަންކަން ބަލަހައްޓަންޖެހޭނީ އިވްރީއެއް ނޫންތަ؟”

އަހަރެން ފައިގެ އިނގިލިތަކުގެ ކުރިއަށް ތެދުވެލާފައި، އޭނާގެ ނޭފަތުގެ ކުރީގައި ބޮސްދިނީމެވެ. “ކުޑަކޮށް ކެތްކޮށްލާ. ކައިވެނި ކުރެވުމުން އަހަރެން ދުވަހަކުވެސް ތިޔަކަމަށް ހުރަހެއް ނާޅާނަން،” އަހަރެން މަޑުމަޑުން އޭނާގެ ކަންފަތްދޮށުގައި ބުނީމެވެ.

އޭނާ ހިނިތުންވެލަމުން އަހަރެންގެ އުނަގަނޑަށް ބާރުކޮށްލިއެވެ. “އެންމެ ރަނގަޅު.”

މިއުޒިކް ބަދަލުވެގެން ދިޔައީ ރާއްޖޭގެ މަޝްހޫރު ރެޕް ލަވަޔަކަށެވެ. އަހަރެން ނަށަމުން ދިޔައިރު ޚަލީލް އަހަރެން އަނބުރާލިއެވެ.

ނާރާ، ތޫފާ އަދި އަޚީރާއާއެކު އުފަލުން ފުންމަމުން ދަނިކޮށް އަހަރެން ދުށީމެވެ. އެމީހުން ވަރަށް މަޖާކުރަމުންދާ ކަމަށް ފެނެއެވެ.

“އިވްރިޝާ!” ތޫފާ ދުވެފައި އަހަރެމެންގެ ގާތަށް އައެވެ. އޭނާގެ ފަހަތުން ނާރާވެސް އައެވެ.

އަހަރެން ހިނިތުންވެލާފައި އޭނާގެ ގައިގައި ބައްދާލީމެވެ. އޭނާގެ އެ ހަލުވިކަމާއި ފޯރި އަހަންނަށް ވަރަށް ކަމުދެއެވެ.

“ނާރާ މަގޭ ދޫނިކޮޅު، މަޖާވެފަތަ ތިހުރީ؟” އަހަރެން ގުދުވެލާފައި އޭނާ އަތްމައްޗަށް އުފުލާލަމުން އެހީމެވެ.

އޭނާ އަހަރެންގެ ކަރުގައި އަތް ވަށާލަމުން ބުންޏެވެ، “އާނ މަންމީ! އަހަރެން ދާކަށް ބޭނުމެއް ނޫން!”

އެގޮތުގައި އަހަރެމެންގެ އުފާވެރި ވަގުތުތައް ކުރިއަށް ދިޔައެވެ. މޭނާ ހައްސާނުގެ “ކެޔޮޅު ކިތަންމެ މޮޅަސް” ލަވަ ޖެހުމުން އެންމެންގެ ފޯރި އިތުރަށް ގަދަވިއެވެ.

އަހަރެންގެ ހެދުމުގެ ފަހަތުން ހަރުކޮށްފައިވާ ބައި އޮޅާލާފައި، އިސްތަށިގަނޑު ދޫކޮށްލީމެވެ. އަހަރެންނަށް ޔަގީނެވެ، މާދަމާ ހޭލާއިރު ގައިގައި ރިއްސާނެތީ ތަދުކަނޑުވާ ބޭހެއް ބޭނުންވާނެއެވެ.

 

ރޭގަނޑު 11 ޖެހިއިރު ޕާޓީ ނިންމާލަން ނިންމީމެވެ. ޑީޖޭ ދިޔުމާއެކު ހޯލުގެ ބޮޑެތި ލައިޓްތައް ދިއްލާލެވުނެވެ.

“ކޮން އިރަކުން އަހަރެމެންގެ ގެއަށް އަހަރެންގެ ގާތަށް އަންނާނީ؟” ތޫފާ އޭނާގެ ބުއިމުން އެތިފޮދެއް ބޮމުން އެހިއެވެ.

އަހަރެން ހިނިތުންވެލީމެވެ. “ތިޔަކަން ކުރެވޭނީ ޔޫގެ ބޭބެ އަހަރެން ގެންދިޔުމުން.”

ޚަލީލް އާއި އަހަރެންގެ އަތް އޮތީ މަހާލެވިފައެވެ. އޭނާ މަޑުމަޑުން އަހަރެންގެ އިނގިލީގައިވާ އޭނާ ދިން އަނގޮޓީގައި ބޮސްދެމުން ދިޔައެވެ.

“ދެން ކޮން އިރަކުންތަ އޭނާ ގެންނަނީ؟” ނިމްލާ ވަރަށް ޝައުގުވެރިކަމާއެކު އެހިއެވެ.

ޚަލީލް އެމީހުންނަށް ބަލާލުމަށްފަހު ބޯޖަހާލިއެވެ. އެމީހުން ޝަކުވާކުރަން ފެށުމުން އަހަރެން ގާތަށް ހިނިއައެވެ. އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ.

އަޚީރާ އާއި ހަމްޒާ ތިބީ ދުރުގައި ހުރި މޭޒެއްގެ ދޮށުގައެވެ. އަހަރެންގެ ބޭބެ ދައްކަމުންދިޔަ ވާހަކައަކުން އަޚީރާ އިނީ ވަރަށް ހިނި އައިސްފައެވެ.

މާލިކް، ސަބީނާ، ސަދީގް އަދި ތަސްނީމް ތިބީ އަހަރެމެންގެ ކައިރީގައި ހުރި މޭޒެއްގެ ދޮށުގައި ކޮންމެވެސް ކަމަކާ ބަހުސްކުރާށެވެ.

ޚަލީލްގެ އަންހެން ކޮއްކޮ އަމްރާ، ނާރާ ގޮވައިގެން ދޮރަކުން ނުކުތެވެ.

ނާރާ އަދިވެސް މިތަނުގައި ހުރިނަމަ، އަދުނާންވެސް ކޮންމެވެސް ތަނެއްގައި ހުންނާނެއެވެ. ނޫނީ އޭނާ ދިޔައީބާއެވެ؟

“ހޭއި ނާރާ!” މާލިކް ގޮނޑިން ތެދުވެ، ނާރާ އަތްމައްޗަށް އުފުލާލަމުން ބުންޏެވެ.

“އަހަރެން ބާލާ!” އޭނާ މާލިކްގެ އަތްދަށުން ސަލާމަތްވާން ތަޅުވައިގަތެވެ.

މާލިކް އޭނާ ބިންމަތީގައި ބެހެއްޓުމަށްފަހު، ފޭކްކޮށް ރޮއިގަނެފައި ބުންޏެވެ، “ނާރާ، މިހާރު އަހަރެން ދެކެ ލޯތްބެއް ނުވޭތަ؟”

“އާނ،” އޭނާ ހީނގަތެވެ.

“އެކަމަކު އަހަރެން ނާރާ ދެކެ ލޯބިވޭ.”

އަހަރެން ހީނގަތުމަށްފަހު މާލިކްގެ ކޮނޑުގައި ޖަހާލީމެވެ. “ހުއްޓާލަބަލަ! އޭނާއަށް އަދި އެންމެ ހަތަރު އަހަރު!”

“އެއީ ކޮން މައްސަލައެއް؟” އޭނާގެ އައިނު މަތިން އަހަރެންނަށް ބަލާލަމުން ބުންޏެވެ.

އަހަރެން ފޫހިވެގެން ލޯ އަޅާލީމެވެ. “އައްޑޫބަހުން ވާހަކަދައްކަބަލަ އަހަރެންނަށް އެނގޭ ގޮތަށް.”

އޭނާ ދޫނެރެލާފައި ބުންޏެވެ، “އެއީ ކަލޭގެ ނަސީބު. އަހަރެން ދެވަނަ ފަހަރަކު އެއްވެސް އެއްޗެއް ނުބުނާނަން.”

އަހަރެން އޭނާއަށް ބަލާލުމަށްފަހު ނާރާގެ ކުޑަކުޑަ އަތުގައި ހިފާލީމެވެ. އަނެއްކާވެސް އޭނާއަށްޓަކައި އަހަރެންގެ ހިތުގައި ރައްކާތެރިކަމުގެ ޝުޢޫރުތައް އުފެދުނެވެ.

“މަންމީ، ބައްޕަ ދުށިންތަ؟” އަހަރެންގެ އުނގަށް އަރަމުން އޭނާ އެހިއެވެ.

“އޭނާ އިވްރީއަށް މަންމީއޭ އެކިޔަނީ ކީއްވެ؟” ޚަލީލް މަޑުމަޑުން އަހަރެންގެ ކަންފަތްދޮށުގައި އެހިއެވެ.

އަހަރެން ކޮނޑު އަރުވާލީމެވެ. “އަހަރެން އެކަން ހުއްޓުވަން މަސައްކަތް ކުރިން، އެކަމަކު އޭނާ އަޑެއް ނޭހި.”

އަހަރެން ނާރާއާ ދިމާއަށް އެނބުރިލީމެވެ. “ނޫން ދޫނީ، އަހަރެން އޭނާއެއް ނުދެކެން.”

އޭނާ މޫނު ކުނިކޮށްލިއެވެ. “އަހަރެން ބޭނުންވަނީ އަހަރެންގެ ބައްޕަ.”

އޭނާ ރޯން އުޅޭހެން ހީވުމުން އަހަރެން ތެދުވެ އޭނާ އަހަރެންގެ އުނގަށް ލީމެވެ.

“ތަސްނީމް، އަދުނާން ދުށިންތަ؟” އަހަރެން އެހީމެވެ.

އޭނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫލާލިއެވެ.

އަހަރެންގެ ލޯ ހުއްޓުނީ ސަބީނާގެ އެއްމާބަނޑު ބޭބެ، ސަދީގަށެވެ.

“ސަދީގް، ވަރަށް ރަނގަޅު. އަހަރެންނާ ވާހަކަވެސް ދައްކާލަން ހިތަށްވެސް ނާރުވާ ތިއުޅެނީ.”

އޭނާ ހިނިތުންވެލިއެވެ. “އަހަރެން އައިއިރު ހަލޯއޭ ބުނިން، އޭގެ ފަހުން އަހަރެންގެ ލޯ ހުރީ އެހެން އަންހެން ކުދިންނަށް ހުއްޓިފަ، އެހެންވެ ޔޫގެ މަތިން ހަނދާން ނެތުނީ.”

މާލިކް ހިނިގަނޑެއް ޖަހާލާފައި ސަދީގާ ސަލާމްކޮށްލިއެވެ. “ވަރަށް ސަޅި. އިވްރިޝާ، ތިޔަ ބުނި އެއްޗަކުން ވަރަށް ތަދުވާނެކަން އެނގޭ.”

އަހަރެން ފޫހިވެގެން ލޯ އަނބުރާލުމަށްފަހު އެމީހުންނަށް މަލާމާތްކޮށްލީމެވެ. އެ ދެމީހުންނަކީ ހަމަ އަސްލުވެސް އަންހެންކުދިންގެ ހިތްތަކާ ކުޅޭ ދެމީހުންނެވެ.

“ޚަލީލް، އަހަރެންނާއެކު އޭނާގެ ބައްޕަ ހޯދަން ގޮސްދީފާނަންތަ؟” އަހަރެން ވަރަށް އޯގާތެރިކަމާއެކު އެހީމެވެ.

އޭނާ ތެދުވެ އަހަރެންގެ އަތުގައި ހިފާލިއެވެ. “އެންމެ ރަނގަޅު. ތޫފާ، ނިމްލާ އަދި އަމްރާ، ހިނގާ ދާން، އަހަރެމެން މިހާރު މިދަނީ.”

އެމީހުން އަހަރެމެންގެ ފަހަތުން އައެވެ. މަގުމަތީގައި އަހަރެމެން ތަފާތު ވާހަކަ ދައްކަމުން ދިޔައީމެވެ.

“ޚަލީލް އާއި އިވްރިޝާ، އަހަރެންގެ ސުވާލެއް އެބައޮތް،” ތޫފާ ސަމާސާ ރާގަކަށް ބުންޏެވެ.

އަހަރެން އެނބުރި ބަލާލާފައި ސުވާލު ކުރަން ބޯޖަހާލީމެވެ. ނާރާ އޮތީ އަހަރެންގެ ކޮނޑުގައި ބޯއަޅާލައިގެން މަޑުމަޑުން ނިދިފައެވެ.

“ހަނީމޫންގައި ތިޔަ ދެމީހުން ކުރަން ނިންމާފައިވަނީ ކޮން ކަމެއް؟”

އަހަރެން އެއްޗެއް ބުނުމުގެ ކުރިން ޚަލީލް ޖަވާބުދިނެވެ. “ތިޔަކަން އެނގޭނީ ނުވަ މަސް ފަހުން.”

އަހަރެން ލަދުން ހަޅޭލަވައިގަނެ އޭނާގެ ކޮނޑުގައި ޖަހާލީމެވެ.

“ލަދުކުޑަ މީހާ!” އަހަރެން އޭނާއަށް ލޯ އަޅާލީމެވެ. ކާރު ޕާކުކޮށްފައި އޮތް ސަރަހައްދަށް ދެވުމުން، އަދުނާންގެ ކާރު ފެނޭތޯ ބެލީމެވެ. ކުޑައިރުކޮޅަކު ހޯދުމަށްފަހު ކާރު ފެނިއްޖެއެވެ.

“ތޫފާ، ތިޔަ ކުދިން ކާރަށް ގޮސް އަހަރެން އަންނަންދެން މަޑުކޮށްލާ،” ޚަލީލް އަމުރުކުރުމަށްފަހު ތޫފާއަށް ތަޅުދަނޑި ދިނެވެ. “ކާރު ސްޓާޓްކޮށްލާ.”

އަހަރެމެން އެކަކު އަނެކަކަށް އަލްވަދާއު ކިޔައި ބައްދާލީމެވެ. އަހަރެންގެ ހުވަފެނީ ކައިވެނީގެ ކަންކަން ރާވާއިރު އެމީހުންނާ ވަރަށް ގިނައިން ބައްދަލުވާނެއެވެ.

އަސްލުވެސް އަހަރެން މިހުރީ ޑިސެމްބަރު މަހަށް ކެތްމަދުވެފައެވެ!

ކާރު ކައިރިއަށް ދެވުމުން ކާރުގެ ކުލަޖެއްސި ބިއްލޫރިގަނޑުގައި ޓަކިޖަހާލީމެވެ. އިރުކޮޅަކުން ބިއްލޫރިގަނޑު ތިރިވިއެވެ.

“ހޭއި!” އަހަރެން އަދުނާނަށް ހިނިތުންވުމަކާއެކު ބަލާލީމެވެ. އޭނާ އިނީ ވަރަށް ސީރިއަސް މޫނަކާއެކުގައެވެ.

އޭނާ މަޑުމަޑުން ބޯޖަހާލުމަށްފަހު ކާރުން ފޭބިއެވެ. ޚަލީލް ފެނުމާއެކު އޭނާގެ މޫނުމަތިން ފެނުނު ހިތާމައިގެ އަސަރުތައް ރުޅިވެރިކަމަށް ބަދަލުވިއެވެ.

“ކަލޭ!” އޭނާ ހަޅޭލަވައިގަތެވެ.

އޭނާގެ ލޯ އަހަރެންނަށާއި ޚަލީލަށް، އަދި އަހަރެންގެ ކޮނޑުގައި ނިދާފައި އޮތް ނާރާއަށް ހުއްޓުނެވެ. އޭނާ ކައިރިއަށް އައިސް އަހަރެންގެ އަތުން ނާރާ އަތުލިއެވެ.

“އަހަރެންގެ ދަރިފުޅު ދުވަހަކުވެސް ކަލޭގެ ކައިރިއަށް ގެންގޮސްގެން ނުވާނެ، އެނގިއްޖެތަ؟” އޭނާ އަހަރެންނަށް ލޯ އަޅާލިއެވެ.

އޭނާގެ އެ ފިނި އަދި ރުޅިވެރި ބެލުމުން އަހަރެން ހައިރާންވިއެވެ.

“މަޑުކޮށްބަލަ! އޭނާ ތި ކުއްޖާ ވަގަށް ނެގީކީއެއް ނޫނެއްނު!” އަހަރެން ރައްދު ދިނީމެވެ.

“އޭނާ ވަނީ މީގެ ކުރިން އަހަރެންގެ ވަރަށް ގާތް އެއްޗެއް ފޭރިގެންފަ. ދެވަނަ ފަހަރަކު އެހެންވިޔަކަ ނުދޭނަން! އަޚީރާ އަދި ޝިރާނީ ގާތު ބުނޭ އެމީހުން ގެއަށް ގެންދާނެ މީހަކު ހޯދަން!”

އެހެން ބުނުމަށްފަހު އޭނާ އެނބުރި ގޮސް ނާރާ ކާރުގައި ބޭންދިއެވެ. އަދި ބާރު ދުވެލީގައި ކާރު ދުއްވާފައި ދިޔައެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ޚަލީލް އޭނާގެ އަތުން އެއްޗެއް ފޭރިގަތީއޭ؟ އެއީ ކޮން އެއްޗެއްބާ؟

ޚަލީލް އަހަރެންގެ އުނަގަނޑުގައި އަތް ވަށާލުމުން އަހަރެން ހޭވެރިކަންވިއެވެ.

“ލޯބީ.. އެކަމާ ފިކުރު ނުކުރޭ. އަދުނާނަކީ މޮޔައެއް. އޭނާ ކުރި ކަންތަކުގެ ނަތީޖާ އޭނާއަށް އެ ފެންނަނީ.”

އަހަރެން އެނބުރިލުމާއެކު އޭނާގެ އަތް އަހަރެންގެ އުނަގަނޑުން ދޫވިއެވެ.

“ތިޔަ ދެމީހުން އެކަކު އަނެކަކު ދަންނަންތަ؟ އަދި ތިޔަ ބުނި ނަތީޖާގެ މާނައަކީ ކޮބާ؟” އަހަރެން ސުވާލުކުރީމެވެ.

ޚަލީލް ކޮނޑު އަރުވާލުމަށްފަހު އަހަރެން ގޮވައިގެން ކާރާ ދިމާއަށް ހިނގައިގަތެވެ.

“އާނ، އަހަރެން އަދުނާން ދަންނަން. ތިޔަ ކަންތަކާ ބެހޭގޮތުން އޭނާ ގާތު އަހާބަލަ. އަހަރެން އޭނާގެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން.”

އަހަރެން މަޑުމަޑުން ބޯޖަހާލުމަށްފަހު އޭނާގެ އަތުގައި ބާރަށް ހިފާލީމެވެ.

“މިއަދު އަހަރެންނަށް އުއްމައެއްދޭކަށް ފުރުސަތެއް ނުދެމެއްނު،” ޚަލީލް ހުއްޓިފައި އަހަރެންގެ ކުރިމަތީގައި މަޑުކޮށްލިއެވެ.

އަހަރެން އިނގިލިތަކާ ކުޅެމުން ތުންފަތުގައި ދަތްއަޅާލީމެވެ.

“ޚަލީލް، މިއީ ލަންކާކެއް ނޫންކަން އެނގެއެއްނު. މީހުންނަށް ފެނިއްޖެއްޔާ ވާހަކަ ދައްކާނެ. އަހަރެން އެކަހަލަ ކަމެއް ވާކަށް ބޭނުމެއް ނޫން.”

އޭނާއާ ގާތަށް އަހަރެން ދަމާލިއެވެ. އަހަރެންގެ ދެއަތް އޭނާގެ މޭމަތީގައި ބާއްވާލަމުން އޭނާއަށް ބަލާލީމެވެ.

“މީހުން ބުނާ އެއްޗަކަށް ކާކުތަ ބަލަނީ؟ އަހަރެމެން މިއުޅެނީ ކައިވެނި ކުރަން ނޫންތަ؟”

އަހަރެން ފުން ނޭވާއެއްލީމެވެ.

އަހަރެން އޭނާއާ އެހާ ގާތްވާކަށް ބޭނުމެއް ނޫނެވެ. އާނ، އަހަރެން އޭނާ ދެކެ ލޯބިވެއެވެ. އެކަމަކު އަހަރެން ބޭނުންވަނީ ކައިވެންޏާ ހަމައަށް ކެތްކުރާށެވެ. ކައިވެންޏަށްފަހު އޭނާ ބޭނުން ކޮންމެ ކަމެއް ކުރުމަށް އެއްވެސް މީހަކު ހުރަހެއް ނާޅާނެއެވެ. އެކަމަކު މިހާރު މިކުރެވޭ ކަންކަމުން އަހަރެމެންނަށް ފާފަވެސް ލިބޭނެއެވެ.

“ދެން ހިނގާ، ޝެލްވީ މޭކް އަ ގުޑްބައި ކިސް.”

އަހަރެން ފައިގެ އިނގިލިތަކުގެ ކުރިއަށް ތެދުވެލާފައި، މަޑުމަޑުން އޭނާގެ ތުންފަތުގައި ބޮސްދިނީމެވެ. އޭނާ ހިނިތުންވެލާފައި އަހަރެންނަށް ރައްދު ދިނެވެ.

އަހަރެން ދުރަށް ޖެހިލާފައި އޭނާގެ ނިތްކުރީގައި ބޮސްދިނުމަށްފަހު އުފާވެރި ރޭގަނޑަކަށް އެދިފައި އެތަނުން ދިޔައީމެވެ.

*****

އަހަރެން އަނބުރާ ހޯލަށް ދިޔައިރު، އެންމެން ތިބީ ދާން ތައްޔާރުވެގެންނެވެ.

އަހަރެމެން އެންމެން ދާން ހަމަޖެހިފައިވަނީ ހަލީމަތު ދައްތަގެ ގެއަށެވެ. އެކަމަކު އަޚީރާ އާއި ޝިރާނީ އެގެއަކަށް ނުދާނެއެވެ. ހަމްޒާ އެމީހުން ގެއަށް ލައިދޭނެއެވެ.

ޝިރާނީގެ ވާހަކަ ބުނާނަމަ، ޚަލީލްމެން އާއިލާ އައި ފަހުން އަހަރެންނަށް އޭނާއެއް ނުފެނެއެވެ. މިހާރު އޭނާ އެހުރީ މާލިކްއާ އެކު އާފަލެއް ކާށެވެ.

“އިވްރިޝާ، ކަލޭގެ ރައްޓެހިންގެ ތެރެއިން ތިޔަހާ ‘އަން-ހޮޓް’ ކޮށް ހުންނަނީ ކީއްވެ؟” މާލިކް މަލާމާތްކޮށްލިއެވެ.

“މޮޔަގަނޑު!” އަހަރެން އޭނާއަށް ލޯ އަޅާލީމެވެ. “‘އަން-ހޮޓް’ އަކީ އަސްލު ބަހެއްތަ؟”

އޭނާ އަހަރެންގެ ވާހަކައަށް އަޅާނުލާ ޝިރާނީގެ ކޮނޑުގައި ޖަހާލިއެވެ.

“ތީނަގެ ނަމަކީ ޒުވައިރާ ދޯ؟ އަހަރެން މި ބުނި އެއްޗެއް ދިމާނުވެއްޖެއްޔާ އަހަރެންނާއެކު ނިދަންޖެހޭނެ،” އޭނާ ބުންޏެވެ. ޝިރާނީ ލަދުން

މޫނު ރަތްވިއެވެ.

މިއީ ކޮންފަދަ ކަމެއް ހެއްޔެވެ؟!

“މާލިކް!!” އަހަރެން ހަޅޭލަވައިގަންނަމުން ދުވެފައި ގޮސް އޭނާގެ ބޮލުގެ ފުއްކިބައިގައި ބާރު އެތިފަހަރެއް ޖެހީމެވެ.

“ތިޔަ ގޯނާކުރަނީ އަހަރެންގެ ފްރެންޑަކަށް އިނގޭ! އަދި އޭނާގެ ނަމަކީ ޒުވައިރާ ނޫންކަންވެސް ކަލެއަށް އެނގޭނެ!” އަހަރެން ރުޅިއައިސްގެން ބުނީމެވެ.

އެތަނުގައި ތިބި އެހެން އެންމެން ތިބީ ހިނި އައިސްގެން ހަލާކުވާވަރުވެފައެވެ.

“ތިޔަ ދެމީހުން އެކުވެރިވީ އިއްޔެއަކު މިއަދަކު ނޫން، އެހެންވީމާ ހަނު ހުރޭ! ކަލޭ ތިޔަ ހަސަދަވެރިވަނީ އެއްވެސް ހޮޓް ފިރިހެނަކު ކަލެއާ ދިމާއަށް މިކަހަލަ ވާހަކައެއް ނުބުނާތީ،” އޭނާ ރައްދު ދިނެވެ.

އަހަރެން އޭނާގެ ގައިގައި ފަހު ފަހަރަށް ޖަހާލުމަށްފަހު އެންމެން ހޯލުން ނުކުތުމަށް އަމުރުކުރީމެވެ.

“ހަމްޒާ އާއި އަޚީރާ، ތިޔަ ‘ހީރާ’ ކަންތައް މިހާރު މާ ބޮޑުވެއްޖެ!” ސަބީނާ އެމީހުންނަށް މަލާމާތްކުރަމުން ހީނގަތެވެ.

“ހަނު ހުރޭ ނޫނީ ތި ދޫ ބުރިކޮށްލާނަން!” ހަމްޒާ ރައްދު ދިނުމަށްފަހު އަޚީރާއާއެކު ތެދުވިއެވެ.

އަހަރެމެން އެންމެން ބޭރަށް ނުކުމެ ކާރުތަކަށް އެރީމެވެ.

“މާލިކް، ހިނގާ އަހަރެން ދުއްވާނަން،” މާލިކް އަހަރެންގެ އަތުގައި ހިފައިގެން އޭނާގެ ކާރާ ދިމާއަށް ގެންދިޔައެވެ.

އެއީ ‘އައުޑީ’ އެއް ކަމަށް ހީވެއެވެ، އެކަމަކު އަހަރެންނަށް ޔަގީނެއް ނޫނެވެ. އަހަރެންނަކީ ކާރުތަކަށް އެހާ ޝައުގުވެރިވާ މީހެއް ނޫނެވެ.

“އަހަރެންވެސް ދާނަން،” ސަދީގް ބުންޏެވެ.

އަހަރެންނަށް ރޮވޭވަރުވިއެވެ. “އަހަރެން މި ޖެހުނީ ތިޔަ ދެ މޮޔައިންނާއެކު ސްޓަކްވާން ދޯ؟”

އަހަރެން ކާރުގެ ފަހަތު ސީޓަށް އަރައި އޮށޯވެލީމެވެ.

“ހިމޭނުން އިނދޭ!” މާލިކް ހިނިތުންވެލަމުން ބުންޏެވެ.

“ކަލެއަށް މި ދަތުރު ވަރަށް ކަމުދާނެ،” ސަދީގް އިތުރުކޮށްލިއެވެ. އެއަށްފަހު މާލިކް ކާރު ދުއްވާލިއެވެ.

******

—- ނުނިމޭ —

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top