މިހާރު ކުރިޔަށްދާ ކުލަބް މޯލްޑިވްސް ކުލެސިކް މުބާރާތުގެ 31 ވަނަ މެޗް ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުރިމިނަލް ކޯޓް އަދި 32 ވަނަ މެޗް ކާމިޔާބުކުރި އެމްއީޑީޓީޓީ ދެވަނަ ޓީމުގެ ގޮތުގައި ގުރޫޕް ބީ އިން ކުއާޓާރ ފައިނަލަށް ދަތުރު ކޮށްފިއެވެ. ފަހު ތަޅާލުމުގައި މި ދެ ޓީމު ހޯދި މި ކާމިޔާބީތަކަށް ބަލާލާއިރު:
މެޗް 31
އެއްތިރީސް ވަނަ މެޗްގައި ބައްދަލުކުރީ ގުރޫޕް ބީ ގެ އެއްވަނައަށް ވާދަކުރަމުންދިޔަ ކުރިމިނަލް ކޯޓާއި މުބާރާތުން ކަޓާފައިވާ އެސްއެމްއީ ޑިޖިޓަލް އެވެ. ކުޅުނު ކޮންމެ މެޗަކުން ތަފާތުބޮޑު ނަތީޖާއަކުން ބަލިވެފައިވާ އެސްއެމްއީ ޑިޖިޓަލް މި މެޗުން ވެސް ބަލިވީ ތަފާތުބޮޑު ނަތީޖާއަކުން ނެވެ.
ޑިފެންސިވް ގޭމަކަށް އިސްކަން ދީގެން ކުޅެމުންދިޔަ އެސްއެމްއީގެ ޑިޖިޓަލްގެ ޑިފެންސް ފޫއަޅުވާލުމުގައި ކުރިމިނަލް ކޯޓަށް ފުރަތަމަ ހާފުގައި މާބޮޑު ކާމިޔާބެއް ނުހޯދުނު ނަމަވެސް، ދެވަނަ ހާފުގައި އެޓީމުން ތަފާތު ދެއްކިއެވެ. ފަސޭހަކަމާއިއެކު މެޗް ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި، ކުރިމިނަލް ކޯޓް ކުއާޓާރ ފައިނަލަށް ދަތުރު ކުރި މިމެޗްގެ ފުރަތަމަ ހާފުގައި އެޓީމަށް ޖެހުނީ ދެ ލަނޑެވެ. 7-0 އިން ކުރިމިނަލް ކޯޓް މޮޅުވި މިމެޗްގައި އެޓީމަށް ލަނޑުތައް ޖަހައި ދިނީ، މުޙައްމަދު ޝަފްރާޒް 2 ލަނޑު އަދި މުސްލިމް މުޙައްމަދާއި އަލީ ނަދީމް ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ. މެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދި ޔައީސް މުސްތަފާ ވަނީ ކުރިމިނަލް ކޯޓަށް ތިން ލަނޑު ޖަހައިދީ ހެޓްރިކް ހަދާފައެވެ. މިމެޗުން ލިބުނު ތިންޕޮއިންޓާއިއެކު ކުރިމިނަލް ކޯޓަށް ގުރޫޕްގެ އެއްވަނަ ލިބުނީ 10 ޕޮއިންޓާއިއެކުއެވެ.
މެޗް 32
ބައްތިރީސް ވަނަ މެޗްގައި ބައްދަލުކުރީ ގުރޫޕް ބީ ގައި ހިމެނޭ އެމްއީޑީޓީޓީ އާއި ހެލްތު ރެކްރިއޭޝަން ކުލަބެވެ. މިމެޗަށް ނުކުތްއިރު، މެޗް ކާމިޔާބުކޮށް ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާރ ފައިނަލަށް ދިއުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތެވެ. ވާދަވެރި ފޯރިގަދަ މެޗަކަށް ވާނެ ކަމަށް ބެލެވުނު މިމެޗްގައި ހެލްތު ރެކްރިއޭޝަންއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އަދި އެވަރުގެ ހިތްވަރެއް ވެސް އެޓީމުގެ ފަރާތުން ނުފެނުނެވެ. ހެލްތު ރެކްރިއޭޝަންގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑުން އެމްއީޑީޓީޓީއަށް ލީޑު ލިބުނު ނަމަވެސް، 9 ވަނަ މިނިޓްގައި ހެލްތުގެ އާދަމް އަޒުހާން ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އިރުފާން އާދަމް ނަސީރު ވަނީ އެމްއީޑީޓީޓީއަށް ދެވަނަ ފަހަރަށް ލީޑު ނަގައި ދީފައެވެ.
ދެވަނަ ހާފުގައި ތަފާތު ދައްކައި މެޗްގެ ކޮންޓްރޯލް ހޯދި އެމްއީޑީޓީޓީން މެޗް ކާމިޔާބުކުރީ 5-1 އިންނެވެ. ފަހުހާފުގައި އެމްއީޑީޓީޓީގެ ތިން ލަނޑު ޖަހައި ދިނީ މުހައްމަދު ނަވީން އާއި އަލީ އިބްރާހީމް އަދި އަހްމަދު އާލިމް އެވެ. މިމެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އެމްއީޑީޓީޓީއަށް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. ދެވަނަ ޓީމުގެ ގޮތުގައި އެމްއީޑީޓީޓީ ކުއާޓާރ ފައިނަލަށް ދަތުރުކުރިއިރު މިގުރޫޕް އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާރ ފައިނަލަށް ދަތުރުކުރީ ކުރިމިނަލް ކޯޓް އެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އެމްއީޑީޓީޓީގެ އަލީ އިބްރާހިމް އެވެ.
