ޕާކިސްތާނުގެ މަޝްހޫރު ޓީވީ ޗެނަލް، ޖިއޯ އެންޓަޓެއިންމަންޓުން އާ އާއިލީ އަސަރުގަދަ ޑްރާމާ ސިލްސިލާއެއް ކަމަށްވާ “ބޭޓީ ކާ ގަރް ކޯންސާ” ދައްކަން ތައްޔާރުވެއްޖެއެވެ. މި ސިލްސިލާ ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ 14 ޖުލައި 2026 ގައެވެ.
މި ޑްރާމާގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ މޯމަލް ޝެއިޚް، ހުމާޔޫން އަޝްރަފް، އަލީ އައްބާސް، ނަމްރާ ޝާހިދު އަދި ސަބާ ފައިސަލްއެވެ. މީގެ އިތުރުން ބެހްރޯޒް ސަބްޒްވާރީ، ޚާލިދު އަނާމް، މަޖީދާ ހާމިދު، ނިދާ މުމްތާޒް އަދި މަހާ ހަސަން ފަދަ ތަޖުރިބާކާރު ފަންނާނުން މި ސިލްސިލާގެ ސަޕޯޓިންގ ކާސްޓުންގެ ގޮތުގައި ފެނިގެންދާނެއެވެ.
މި ޑްރާމާއަކީ އޭޝިއާގެ ޤައުމުތަކުގެ މުޖުތަމައުތަކުގައި އަންހެން ދަރިންނާމެދު ގެންގުޅޭ ބައެއް ނުބައި ވިސްނުންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސިލްސިލާއެކެވެ. ޚާއްސަކޮށް، އަންހެން ދަރިން އުފަންވާ ގެޔަކީ އެކުދިންގެ “އަސްލު” ގެއެއް ނޫންކަމަށް ބުނެ ކުރާ މަލާމާތާއި، އަންހެން ދަރިންނަކީ ބުރައެއް ނުވަތަ ހުތުރެއްގެ ގޮތުގައި ދެކޭ މަންމައެއްގެ ވާހަކަ މި ސިލްސިލާގައި ފެނިގެންދާނެއެވެ. މި ޑްރާމާގެ މައިގަނޑު މަޤުސަދަކީ އަންހެނެއްގެ އަގު ވަޒަންކުރަން ޖެހޭނީ އެމީހެއްގެ ޖިންސަށް ބަލައިގެން ނޫންކަން ހާމަކޮށްދިނުމެވެ.
ސެވަންތު ސްކައި އެންޓަޓެއިންމަންޓުން އުފައްދާ މި ސިލްސިލާގެ ޕްރޮޑިއުސަރުންނަކީ އަބްދުﷲ ކަދްވާނީ އާއި އަސަދު ޤުރޭޝީއެވެ. ސީމާ ގަޒަލްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި ޑްރާމާގެ ޑައިރެކްޓަރަކީ ޒާހިދު މަހްމޫދެވެ.
“ބޭޓީ ކާ ގަރް ކޯންސާ” ކޮންމެ ދުވަހަކު ރާއްޖެ ގަޑިން އިރުއޮއްސި 7:00 ގައި ޖިއޯ އެންޓަޓެއިންމަންޓުން ދެއްކުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ސިލްސިލާއަކީ މުޖުތަމައުގައި ހުރި ނުރަނގަޅު އާދަކާދަތަކަށް ގޮންޖަހާލާނެ ވަރުގަދަ މެސެޖުތަކެއް އެކުލެވޭ ޑްރާމާ ސިލްސިލާއެއް ކަމަށް ބެލެވެއެވެ.
