ތިބާގެ ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލެއް ގެނައުމަށް މިހާރު ތިވަނީ ނިންމާފައެވެ. ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ގަވާއިދުން ކަސްރަތު ކުރަން ބޭނުންވާއިރު، އެންމެ މުހިންމު ސުވާލަކީ ކާންވީ ކޮން އެއްޗެއް ހެއްޔެވެ؟ ތިރީގައި މިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިގެންނަ ބަދަލުގައި އެހީތެރިވެދޭނެ ބައެއް ކާނާގެ ތަރުތީބުތަކެވެ.
މި ކާނާގެ ތަރުތީބުތަކަކީ ކަސްރަތު ކުރުމުގެ ގާބިލުކަން އިތުރުކޮށްދީ، ސިއްހަތު ރަނގަޅު ކުރުމަށް މަގުފަހިކޮށްދޭނެ ބާވަތްތަކެވެ. މީގައި މުޅި ދުވަހަށް ބޭނުންވާ ޕްރޮޓީންގެ އިތުރުން، ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ކާބޯހައިޑްރޭޓްސް، ފެޓްސް އަދި ހަކުރު އެކުލެވިގެންވެއެވެ. މީގެ އިތުރުން، ކަސްރަތުގެ ކުރިންނާއި ފަހުން ބޭނުންކުރެވިދާނެ ބައެއް ލުއިކާނާގެ ޚިޔާލުތައްވެސް ހިމަނާފައިވާނެއެވެ.
ކާންވީ އެއްޗެއްގެ އިތުރުން، ކާ ވަގުތަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކަސްރަތުގެ ނަތީޖާ އެންމެ ފުރިހަމައަށް ހޯދުމަށްޓަކައި ކެއުމަށް އެންމެ ރަނގަޅު ވަގުތުތަކާ ބެހޭ މަޢުލޫމާތު އަޅުގަނޑުމެންގެ ލިޔުންތަކުން ލިބޭނެއެވެ. އަދި ތިބާއަކީ މަސްމަހާމެހި ނުކާ މީހެއް ނަމަ، އެފަދަ ފަރާތްތަކަށް ޚާއްޞަ އިރުޝާދުތައްވެސް އަޅުގަނޑުމެން ފޯރުކޮށްދެމެވެ.
ކަސްރަތު ކުރުމަށް އެހީތެރިވެދޭ ކާނާގެ ތަރުތީބު
ހެނދުނުގެ ނާސްތާ
ދުވަހުގެ ފުރަތަމަ ކެއުމަކީ އެންމެ މުހިންމު ކެއުމެވެ. ތިރީގައިވާ ތިން ގޮތުން ކުރެ ކޮންމެވެސް އެއް ގޮތެއް އިޚްތިޔާރު ކުރައްވާށެވެ. ޕާން ފޮތީގައި ބަޓަރު ނުއުނގުޅުމަށާއި، ކިރު ބޭނުންކުރާއިރު ‘ސެމީ-ސްކިމްޑް’ (ފެޓް މަދު) ކިރު ބޭނުންކުރުމަށް ސަމާލުކަން ދޭށެވެ.
1- ކިރާއި އޯޓްސް
2- ހޯލްގްރެއިން ޕާނުގެ ދެ ފޮތި
3- ހޯލްގްރެއިން ޕާނާއެކު ދެ ބިސް
ކަސްރަތުގެ ކުރިން ކާލާނެ ލުއިކާނާ
ގަވާއިދުން ކަސްރަތު ކުރާނަމަ، ދޭތެރެއަކުން ލުއި އެއްޗެއް ކާލުމަކީ ގޯސް ކަމެއް ނޫނެވެ. ނަމަވެސް މުހިންމީ ކާ އެއްޗެކެވެ. ދުވަހުގެ ތެރޭގައި ގިނައިން ކާނަމަ، ކެއުންތަކުގެ މިންވަރު މަދުކުރަންވާނެއެވެ. ކަސްރަތު ފެށުމުގެ ކުރިން ތިރީގައިވާ ބާވަތްތަކުން އެކައްޗެއް އިޚްތިޔާރު ކުރާށެވެ.
🍗 ކިރުތައްޓަކާއި ދޮންކޭލެއް
🍗 ހޯލްގްރެއިން ޕާނުގައި ޕީނަޓް ބަޓަރު ޖަހައިގެން
🍗 މޭބިސްކަދުރު، ބްލޫބެރީ ނުވަތަ އާފަލު
🍗 ނަޓްސް ނުވަތަ ހިއްކި މޭވާ
ކަސްރަތަށްފަހު ކާނެ ކެއުން
ކަސްރަތަށްފަހު، ވަރުބަލިވެފައިވާ މަސްތައް އާލާކުރުމަށް ޕްރޮޓީން ބޭނުންވާނެއެވެ. ޕްރޮޓީން ޝޭކެއް ތައްޔާރުކޮށް، އޭގެ ތެރެއަށް ދޮންކެޔޮވަކެއްގެ ދެބައިކުޅަ އެއްބައި އެއްކޮށްލެވިދާނެއެވެ. އޭގެ ފަހުން ތިރީގައިވާ ކެއުންތަކުން އެކައްޗެއް އިޚްތިޔާރު ކުރާށެވެ.
🍗 ހޯލްގްރެއިން ޕާސްތާއާއެކު ކުކުޅު
🍗 ހޯލްގްރެއިން ޕާން ނުވަތަ ޕާސްތާއާއެކު ކަނޑުމަސް
🍗 ފިހުނު ކުޑަ އަލުުުުުުއްވަަކާއެކު މިރުސް، ބީންސް ނުވަތަ ކަނޑުމަސް
🍗 ހޯލްގްރެއިން ޕާނާއެކު ބިސް ނުވަތަ ބީންސް
މީގެ އިތުރުން ތިރީގައިވާ ބާވަތްތަކުގެ ތެރެއިން ބޭނުން އެއްޗެއް ހިމަނާލެވިދާނެއެވެ:
ކޯން، ތޮޅި، ބްރޮކޮލީ ނުވަތަ ކެޕްސިކަމް.
މެންދުރުގެ ނުވަތަ ރޭގަނޑުގެ މައިގަނޑު ކެއުން
ދުޅަހެޔޮ މައިގަނޑު ކެއުންތަކަކީ އުނދަގޫ ނުވަތަ މީރު ނޫން އެއްޗަކަށް ވާކަށް ނުޖެހެއެވެ. ބޭނުންވަނީ ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާތަކެއް ލިބޭނެހެން ކެއުމުގެ ބާވަތްތައް ތަފާތު ކުރުމެވެ. މައިގަނޑު ކެއުމަކަށް ތިރީގައިވާ ބާވަތްތަކުން އެކައްޗެއް އިޚްތިޔާރު ކުރައްވާށެވެ.
🍗 މަސް، ޓާކީ، ކުކުޅު، ސަރުބީ މަދު ގެރިމަސް ނުވަތަ ސްޓޭކް.
މީގެ ތެރެއިން ދެތިން ބާވަތަކާއެކު:
އަލުވި، ޓޮމާޓޯ، ބްރޮކޮލީ، ކެރެޓް، އެސްޕަރަގަސް، ތޮޅި، ބީންސް، ކޯލީފްލާވާ ނުވަތަ ކެޕްސިކަމް.
ނިދުމުގެ ކުރިން ބޯލާނެ އެއްޗެއް
ނިދުމުގެ ކުރިން އެއްޗެއް ބޯން ކޮންމެ މީހަކު ބޭނުންނުވެދާނެއެވެ. ނަމަވެސް ތިބާއީ ގިނައިން ކަސްރަތު ކުރާ މީހެއް ނަމަ، ނިދުމުގެ ކުރިން ޕްރޮޓީން ޝޭކެއް ނުވަތަ ކިރުތަށްޓެއް ބޯލުމަކީ މަސްތަކަށް އިތުރު ބާރެއް ލިބި، އަވަހަށް މަރާމާތުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
