ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާރުއާރުސީ އާއި އެމްޓީސީސީ ސެމީފައިނަލަށް ދަތުރުކޮށްފި!

މިހާރު ކުރިޔަށްދާ ކުލަބް މޯލްޑިވްސްކަޕް 2026 ފުޓްސަލް މުބާރާތުގެ ސެމީފައިނަލަށް މޯލްޑިވްސް ޓުރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއި ރޯޑު ރެކްރިއޭޝަން ކުލަބް (އާރުއާރުސީ) ދަތުރުކޮށްފިއެވެ. މިމުބާރާތުގެ ކުއާޓާރ ފައިނަލް ފަހު ދެ މެޗް ރޭ ވަނީ ކުޅެފައެވެ. މި

ދެ މެޗަށް ބަލާލާއިރު:

ކުއާޓާރ ފައިނަލް ތިންވަނަ މެޗް:
ކުއާޓާރ ފައިނަލް ތިންވަނަ މެޗްގައި ބައްދަލުކުރީ ގުރޫޕް ބީގެ ދެވަނަ ހޯދި އެމްއޭސީއެލް އާއި ގުރޫޕް ސީގެ އެއްވަނަ ހޯދި އެމްޓީސީސީ އެވެ. ފަސޭހަކަމާއިއެކު ތަފާތުބޮޑު ނަތީޖާއަކުން އެމްޓީސީސީ ކާމިޔާބުކުރި މިމެޗްގެ ހަވަނަ މިނިޓްގައި އެޓީމުން ލީޑު ނެގިއިރު، އެ ލަނޑެއް މިނިޓެއް ނުވަނީސް އެލީޑު ފުޅާކުރިއެވެ. މޮޅުކުޅުމެއް އެމްޓީސީސީގެ ފަރާތުން ފެނުނު މިމެޗްގައި އެމްއޭސީއެލް އިން ލަނޑެއް ޖެހުމުގެ ކުރިން އެމްޓީސީސީން ހަ ލަނޑު ޖެހިއެވެ. މިމެޗްގެ ފުރަތަމަ ހާފު ނިމުނީ 7-2 އިންނެވެ. ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ އެމްޓީސީސީ އެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނިޓް ވެސް އެމްޓީސީސީން ވަނީ ލަނޑެއް ޖަހާފައެވެ. 11-3 އިން އެމްޓީސީސީ މޮޅުވެ ސެމީފައިނަލްގެ ތިންވަނަ ޖާގަ ހޯދި މިމެޗްގައި އެޓީމަށް ލަނޑުތައް ޖަހައިދިނީ، މުޙައްމަދު އިސާމް 4 ލަނޑު، އަލީ މާއިސް 3 ލަނޑު، އިސްމާއިލް ވަޖީހް 3 ލަނޑު، އަލީ ސިޔާހް 1 ލަނޑުއެވެ. އެމްއޭސީއެލްގެ މުހައްމަދު ޖިނާހް އާއި އިބްރާހިމް އިމްރާހް ދެ ކުޅުންތެރިން ދެލަނޑު ޖަހައިދިންއިރު، އަނެއް ލަނޑަކީ އެމްޓީސީސީ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޓީސީސީގެ މުހައްމަދު އިސާމް އެވެ.

ކުއާޓާރ ފައިނަލް ހަތަރުވަނަ މެޗް:
ކުއާޓާރ ފައިނަލްގެ ހަތަރުވަނަ މެޗްގައި ބައްދަލުކުރީ ގުރޫޕް ޑީގެ އެއްވަނަ ހޯދި އާރުއާރުސީ އާއި ގުރޫޕް އޭގެ ދެވަނަ ހޯދި ސްޓެލްކޯ ރެކްރިއޭޝަން ކުލަބް އެވެ. މުބާރާތުގައި ދެޓީމުން ދައްކާފައިވާ ކުޅުމަށް ބަލާއިރު، ފޯރިގަދަ މެޗަކަށް ވާނެކަމަށް ބެލެވުނު މިމެޗްގައި ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގެ ބޭނުން އެންމެ ފުރަތަމަ ކުރީ ސްޓެލްކޯއިން ނެވެ. މުޙައްމަދު ސިރުހާންގެ ލަނޑުން ސްޓެލްކޯ ނެގި ލީޑު ހިފެހެއްޓުނީ މިނިޓެއް ހާއިރު އެވެ. ހަސަން ގައްސާނުގެ ލަނޑުން އާރުއާރުސީން ނަތީޖާ ހަމަހަމަކުރި އެވެ. ފަހަތުން އަރައި އިސްމާއިލް މުނީޒް ޖަހައިދިން ލަނޑުން އާރުއާރުސީ ލީޑުނެގިއެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފުގެ ކުރީކޮޅު އިބްރާހިމް ރިމާހް ޖަހައިދިން ލަނޑުން ސްޓެލްކޯއިން އެއްވަރު ކުރިއެވެ. އާރުއާރުސީއަށް ލިބުނު ޕެނަލްޓީ ގޯލްގެތެރެއަށް ފޮނުވާލައި ސަނާން ރަޝާދު ނަގައިން ދިން ލީޑު މިނިޓެއްހާއިރު ތެރޭ ހައިސަމް ހަސަން ސްޓެލްކޯއަށް ޖަހައިދިން ލަނޑުން ނިމުން ގެނައެވެ. އިސްމާއިލް މުނީޒްގެ ދެވަނަ ލަނޑުން އާރުއާރުސީ ނެގި ލީޑު އަފްލާޒް ފުޅާކޮށް ދިނެވެ. އިސްމާއިލް މުނީޒްގެ ހެޓްރިކުން އާރުއާރުސީ ހަ ލަނޑު ހަމަކުރި ފަހުން މުޙައްމަދު ސިރުހާން ޖަހައިދިން ދެވަނަ ލަނޑާއިއެކު ސްޓެލްކޯއިން ހަތަރު ލަނޑު ހަމަކުރިއެވެ. އާރުއާރުސީގެ ހަތްވަނަ ލަނޑު، މެޗްގެ ފަހުކޮޅު ޖަހައިދިނީ މޮހްސެން މޮންޓަޒެމީ އެވެ. ސެމީފައިނަލްގެ ހަތަރުވަނަ ޖާގަ އެންމެފަހުގެ ޗެންޕިއަން އާރުއާރުސީ ހޯދި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުއާރުސީގެ އިސްމާއިލް މުނީޒް އެވެ.

މިމުބާރާތުގެ ސެމީފައިނަލް ދެމެޗް އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުގެރޭ އެވެ. ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ އެޗްޑީސީ އާއި އާރުއާރުސީ އެވެ. ސެމީފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ އެސްޓީއޯ އާއި އެމްޓީސީސީ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top