ހައިޘަމްވެސް ކާރު ދުއްވާލިއެވެ. އޭނާ ހުރީ ވަރަށް އުފާވެފައެވެ. އޭނާގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުއްޓެވެ.
“މެންދުރު ކާން ގޮސްފަ އެއްޗެއް ނުކައި އެނބުރި މިއައީ،” ބޭރަށް ބަލަހައްޓައިގެން ހުރެ އަހަރެން ބުނީމެވެ.
ހައިޘަމް ކާރުގެ ސީޓުގައި އިނދެ ހީލިއެވެ. “ކާއެއްޗެއް ނުކެވުނަސް، އަހަރެންގެ ދިރިއުޅުމުގެ ބާކީ އޮތް ބައި މި ފެނުނީ!”
އޭނާގެ އެ އުފާވެރިކަން އަހަރެންނަށްވެސް އިހުސާސް ކުރެވުނެވެ. އަދި އޭނާއަށްޓަކައި އަހަރެން ވަރަށް އުފާވިއެވެ.
އިރުކޮޅެއް ފަހުން އަހަރެމެން ގެއަށް އާދެވުނެވެ. ގޭގެ ގޯތިތެރޭގައި އަހަރެމެން ނުދަންނަ ކާރެއް އޮތެވެ.
އަހަރެމެން ކާރުން ފައިބައިގެން އެތެރެއަށް ވަނީމެވެ. ގޭގެ ބޮޑު ހޯލަށް ވަދެވުމާއެކު، އަހަރެން ހައިރާންވެ ހުއްޓުން އެރިއެވެ.
“މުޙައްމަދު! ކަލޭ މިތާ ކީއްކުރަނީ؟” އަހަރެން ހަޅޭއްލަވައިގަތީމެވެ. އޭނާގެ ފަހަތުގައި މަންމަ އިނީ ރޯށެވެ.
މުޙައްމަދު ހިނިތުންވެލަމުން، ދެއަތް އުނގުޅަމުން އަހަރެންނާ ދިމާއަށް އައެވެ. “ތިއީ ބައްޕައަށް މުޚާޠަބު ކުރަންވީ ގޮތެއް ނޫން،” އޭނާ މަލާމާތުގެ ރާގަކަށް ބުންޏެވެ.
އަހަރެން މަލާމާތް ކުރީމެވެ. “ކަލޭ އަހަރެންގެ މަންމައަށް ބޭވަފާތެރިވި ދުވަހު، ބައްޕަ ކިޔުމުގެ ހައްގު ކަލޭގެ ކިބައިން ގެއްލިއްޖެ!”
*****
ތަސްނީމްގެ ނަޒަރުން:
އަހަރެންނަކީ މިހާރު ‘ލާލާލޭންޑް މެނޭޖްމަންޓް’ގެ ފުރިހަމަ މުވައްޒަފެކެވެ. އެތަނުގެ އެހެން މުވައްޒަފުންނާ އަހަރެން މިހާރު ވަނީ ވަރަށް ބޮޑަށް ހޭނިފައެވެ. އަދި އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ އަހަރެންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރެވޭތޯއެވެ.
ކުޑަކުދިން ހީލާ މަޖާކޮށް، އެއްތަނުން އަނެއްތަނަށް ފުންމާ އަޑު އަހަން އަހަރެން ވަރަށް ލޯބިކުރަމެވެ. އަދި ދަރިން އުފަލުގައި އުޅޭތަން ފެނުމުން މައިންބަފައިންގެ މޫނުމަތިން ފެންނަ އުފާވެރިކަމަކީވެސް އަހަރެން ވަރަށް ގަޔާވާ މަންޒަރެކެވެ.
ލާލާލޭންޑަކީ އަބަދުވެސް ކުޑަކުދިންގެ ކުޅިވަރުތަކުން ފުރިފައިވާ ތަނެކެވެ. އަދި ބޮޑެތި މީހުންނަށް ފިލްމު ބަލާލައި، ކައިބޮއި ހަދާލައިގެން އަރާމުކޮށްލެވޭނެ ހާއްސަ ސަރަހައްދެއްވެސް އެތަނުގައި އޮވެއެވެ.
އެތަނުގެ އެއް ވެރިޔާ ކަމަށްވާ އައިމަނަކީ ވަރަށް އެކުވެރި މިޒާޖެއްގެ މީހެކެވެ. އެތަނުގެ ބައެއް މެޝިންތައް ކޮންޓްރޯލް ކުރާނެ ގޮތް ދަސްކޮށްދިނުމުގައި އޭނާ އަހަރެންނަށް ވަރަށް ބޮޑަށް އެހީތެރިވިއެވެ.
އަހަރެންނަށް އެނގުނު ގޮތުގައި އެތަނަކީ އައިމަނާއި، ފާރޫގާއި އަދި ޔަސްމީންގެ ހިއްސާ އޮންނަ ތަނެކެވެ. ފާރޫގާ އަދި ބައްދަލުނުވި ނަމަވެސް، ޔަސްމީނާ އަހަރެން ބައެއް ފަހަރު ބައްދަލުވެއެވެ. އޭނާއަކީ ނުހަނު ރީތި، ހިތްގައިމު ސިފައެއްގެ މީހެކެވެ.
އެންމެ ފަހުން ޔަސްމީން އެތަން ބަލާލަން އައި ދުވަހު ފާރޫގުގެ ނަން ކިޔުމުން، މީގެ ހަފުތާތަކެއް ކުރިން އަހަރެމެން ދިޔަ ޕާޓީން ބައްދަލުވި ބީރައްޓެހި މީހާގެ ހަނދާން އާވިއެވެ.
އެރޭ އެމީހާޔާއެކު ނަށަން އަހަރެންނަށް ކެރުނު ގޮތަކާ މެދު އަހަރެން އަމިއްލައަށްވެސް ހައިރާންވެއެވެ. އަހަރެންގެ ލަދުވެތިކަން އެއްފަރާތްކޮށް އެފަދަ ކަމެއް ކުރެވިދާނެ ކަމަކަށް ދުވަހަކުވެސް ހިޔެއް ނުކުރަމެވެ. އެރޭ އަހަރެންނާއެކު ނެށި މީހާއަކީ އަހަރެންގެ ކިބައިގައިވާ އިތުބާރު ބޭރަށް ނެރެދިން މީހެއް ކަހަލައެވެ.
އެ ދުވަސް ނިމޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. ނަމަވެސް ސަބީނާ އައިސް އަހަރެން އެތަނުން ދަމާފައި ގެންދިޔައީއެވެ. އެރޭ މާމަ ހަލީމާގެ އަހަރެމެންނަށް ވަރަށް ބޮޑަށް އެއްޗެހި ކިޔައި، އަލުން ގެއިން ބޭރަށް ނުފޮނުވާނެ ކަމުގެ އިންޒާރުވެސް ދިނެވެ.
ދެ ހަފުތާއެއްހާ ދުވަހު ގޭގައި ބަންދުވެފައި ތިބުމަށްފަހު، އަހަރެންގެ ވަޒީފާއަށް ދާން ޖެހުމުން މާމަ އަހަރެން ފޮނުވިއެވެ.
އައިމަންގެ އަނބިމީހާ ހަނީނާ ބައެއް ފަހަރު އެމީހުންގެ ކުދިން ގޮވައިގެން އާދެއެވެ. އާރްޔަންއާ ބައްދަލުވުމަކީ އަހަރެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އޭނާއަކީ ވަރަށް ހަލުވި، ހިތްހެޔޮ ކުއްޖެކެވެ. މިދިޔަ ދުވަހަކު އޭނާ އައިސް އުޅުނުއިރު އަހަރެންގެ ނަން ‘ތަސްނީމް’ ކިޔަން އޭނާއަށް ދަސްކޮށްދިން ނަމަވެސް، އޭނާއަށް އަބަދުވެސް ކިޔެނީ ‘ތަނީމް’ އެވެ.
“ތަސްނީމް، އަވަހަށް ތަން ތަރުތީބުކޮށް ނިންމާލާ! މިއީ ބަންދުކުރާ ގަޑި. އަދި ބައްދަލުވުމެއްވެސް އޮންނާނެ. ‘ޓްރިޕަލް އޭ’ މިއަދު އަންނާނެ،” އަހަރެންގެ އެކުވެރި މުވައްޒަފު ރޫތު ބުންޏެވެ.
ރޫތަކީ ވަރަށް ހިތްހެޔޮ އަދި އޯގާތެރި ކުއްޖެކެވެ. އޭނާއަކީ ކުޑަކޮށް ފަލަ ނަމަވެސް ވަރަށް ރީތި ހިނިތުންވުމެއް ލިބިފައިވާ ކުއްޖެކެވެ.
“އެމީހުން އަންނަނީ ކީއްކުރަން؟” ޕާކާ ދިމާލަށް ހިނގަމުން އަހަރެން އެހީމެވެ.
އޭނާ ކޮނޑު އަރުވާލަމުން ބުންޏެވެ، “މަށަށް ހީވަނީ ކޮންމެވެސް ކަމެއް އަންގަން ނުވަތަ މީހަކު ވަޒީފާއިން ވަކިކުރަން ކަމަށް.”
އަހަރެން ބޯޖަހާލަމުން ކުރިއަށް ހިނގައިގަތީމެވެ. އެތަނުގެ ތިން ވެރިންނަށް ‘ޓްރިޕަލް އޭ’ ކިޔަނީ އެ އެންމެންގެވެސް ނަމުގެ ކުރިއަށް ‘އޭ’ އަންނާތީއެވެ.
އަހަރެމެން ޕާކަށް ދިޔުމަށްފަހު، އެއީ ބަންދުކުރާ ގަޑިކަން މީހުންނަށް އަންގަން ފެށީމެވެ.
އެތަނުގައި ޕްލާސްޓިކް ސްލައިޑްތަކާ ސީސޯ ފަދަ ތަކެއްޗާ، ފެހިކަން ގަދަ ވިނަގަނޑުތައް އޮވެއެވެ. ވަށައިގެންވާ ފެންސުތައް ވަނީ މާތަކުން ޒީނަތްތެރިކޮށްފައެވެ. ކުޑަކުދިންގެ ހަޅޭކުގެ އަޑަށް އަހަރެން އިސްއުފުލާ ބަލާލީމެވެ.
އެކުދިން ތިބީ އެކި ކުޅިވަރު މެޝިންތަކުގައެވެ.
އަހަރެން އެންމެ ގަޔާވަނީ ސީސޯ އާއެވެ.
އެންމެން ޕާކުން ނުކުމެ ނިމުމުން، އަހަރެން ހުރިހާ މެޝިންތަކެއް ނިއްވާލައި، ސާފުކުރާ މީހުންނަށް ގޮވީމެވެ.
އަހަރެން އަލުން އެތެރެއަށް ގޮސް އަހަރެންގެ ސާމާނުތައް ބަލާ ދިޔައީމެވެ. އަހަރެންގެ ލޮކަރުގައި އޮތީ ހަމައެކަނި އަހަރެންގެ ދަބަހާއި ލާލާލޭންޑްގެ އިތުރު ރަތް ކުލައިގެ ގަމީހެކެވެ.
އަހަރެން ގަމީހާ ދަބަސް ނަގައި، ލޮކަރު ބަންދުކޮށްފައި ލޯގަނޑުން އަހަރެންގެ އަމިއްލަ ސޫރައަށް ބަލާލީމެވެ.
އަހަރެން ހުރީ މަސައްކަތު ގަމީހާއި، ގަދަ ނޫކުލައިގެ ޖީންސެއްގައެވެ. އަދި ކަޅު ކުލައިގެ ބޫޓަކަށް އަރައިގެންނެވެ. އަހަރެންގެ އިސްތަށިގަނޑު އޮތީ މައްޗަށް އައްސައި، ކަޅު ކުލައިގެ ބޮލީގައި އަޅާ ފޮތިގަނޑަކުން ނިވާކޮށްފައެވެ.
އިމާރާތުގެ ތެރޭގައި ބާރު ރަނގަބީލެއްގެ އަޑު އިވުނެވެ. އެއީ ގެއަށް ދާންވީ ވަގުތު ޖެހުނުކަމުގެ ނިޝާނެކެވެ. އަހަރެން ކޮޓަރިން ނުކުމެ، ކުރިމަތީގައި ހުރި ބައްދަލުވުން ބާއްވާ މާލަމަށް ވަނީމެވެ. އަހަރެންނަކީ އެތަނަށް ވަން އެންމެ ފަހު މުވައްޒަފެވެ. އެތަނުގައި ތިބި މުވައްޒަފުންގެ އަދަދު ގުނާލަންވެސް ނޭނގޭހާ ގިނައެވެ. އަހަރެން ގޮސް ކުރީ ބަރީގައި ރޫތުގެ ކައިރީގައި ހުރި ހުސް ގޮނޑިއެއްގައި އިށީނީމެވެ.
އޭނާ ހިނިތުންވެލުމުން އަހަރެން ޝުކުރު އަދާކުރީމެވެ. އޭނާ އެ ގޮނޑި ބެހެއްޓީ އަހަރެންނަށްޓަކައި ކަން ޔަގީނެވެ.
އެތަނުގައި ‘މާސްޓާ އޭ’ ގެ ނަމުން މަޝްހޫރުވެފައިވާ އައިމަން ހުރީ ސްޓޭޖް މަތީގައެވެ. އޭނާގެ ކަނާތްފަރާތުގައި ޔަސްމީން ހުރިއިރު، ވާތްފަރާތުގައި ހުރީ ފާރޫގެވެ. ފާރޫގު ހުރީ އިސްޖަހާލައިގެން ފޯނަށް ބަލާށެވެ.
އަހަރެންނަށް ނޭނގުނު ކަމުގައި ވިޔަސް، އޭނާގެ މޫނު ބަލާލަން އަހަރެން ހުރީ ކެތްމަދުވެފައެވެ. ޕާޓީން ފެނުނު ފާރޫގުގެ މޫނު ސާފުކޮށް ނުފެނުނީ އެތަނުގެ އަލި ފަނޑުކަމުންނެވެ. އަހަރެންގެ ބޮސްގެ އިސްތަށިގަނޑު ކަޅުވެފައި، ދަތްދޮޅި ވަރަށް ތޫނެވެ.
އޭނާގެ މުޅި މޫނު ނުފެނުނު ކަމުގައި ވިޔަސް، އަހަރެންނަށް އެވަރު ފާހަގަކުރެވުނެވެ.
“ހަލޯ އެންމެން. އުންމީދު ކުރަނީ އެންމެންވެސް ރަނގަޅު ކަމަށް؟” އައިމަންގެ ބާރު އަޑު މުޅި މާލަމުގައި ގުގުމާލިއެވެ.
އަހަރެން އޭނާގެ މޫނަށް ބަލާލަން ނުކެރިގެން ދުރަށް ބަލާލީމެވެ. އޭނާ ހުރީ ޖީންސާއި ޓީޝާޓެއްގައެވެ.
ޔަސްމީން ހުރީ ކަޅު ކުލައިގެ އަބާޔާއެއްގައެވެ. އޭނާ ބޮލުގައި އޮތީ ފިޔާތޮށި ކުލައިގެ ޝޯލްއެކެވެ. އޭނާގެ މޭކަޕް ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. ހީވަނީ ހަމަ ވިކްޓޯރިއާ ސީކްރެޓް މޮޑެލެއް ހެންނެވެ.
ފާރޫގުވެސް ހުރީ ޖީންސެއްގައެވެ. ނަމަވެސް އެއީ ކުލަ ފަނޑު ޖީންސެކެވެ. އޭނާ ލައިގެން ހުރީ ރަތް ކުލައިގެ ގަމީހެކެވެ.
“އަހަރެމެން އެންމެންވެސް ރަނގަޅު، ޝުކުރިއްޔާ!” އެންމެން އެކުގައި ޖަވާބު ދިނެވެ.
“ވަރަށް ރަނގަޅު. އަހަރެން ތިޔަ ކުދިންގެ ވަގުތު ބޭކާރު ކުރާކަށް ނެތިން، ސީދާ މައުޟޫއަށް ދާނަން،” އައިމަން ސްޓޭޖުން ފޭބުމާއެކު ޔަސްމީން ކުރިއަށް ޖެހިލިއެވެ.
“މި ތަނަކީ ވަރަށް ކާމިޔާބު ތަނަކަށްވެ، އަހަރެމެންނަށް ބޮޑު ފައިދާއެއް ލިބެމުންދާތީ އަހަރެމެން މިތިބީ ވަރަށް އުފަލުން. އެކަމާ ގުޅިގެން…” އޭނާ ހިނިތުންވަމުން ޕޯޑިއަމްގައި އަތުން ޖަހާލިއެވެ. “ފާރޫގު ތިޔަ ކުދިންނަށް އެ ޚަބަރު ދޭނެ.”
އަހަރެންގެ އުނގުމަތީގައި އޮތް ދަބަސް ކަހާލައިގެން ބިމަށް ވެއްޓުނެވެ. އަހަރެން ގުދުވެ އެ ނަގައި، އޭގެ ތެރެއިން ބޭރުވި ފޯނާއި، ޗާޖަރާއި އަދި މެޓާތައް އަލުން ދަބަހަށް އެޅީމެވެ.
“ޔަޒް އެ ބުނި ފަދައިން، އަހަރެމެންނަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން، ތިޔަ ހުރިހާ މުވައްޒަފުންގެ މުސާރަ %20 އިތުރުކުރަން އަހަރެމެން ނިންމައިފިން.”
އަހަރެން ވަގުތުން އިސްއުފުލާ ބަލާލީމެވެ. އެއީ އެ އުފާވެރި ޚަބަރުގެ ސަބަބަކުން ނޫނެވެ؛ އެއީ އެ އިވުނު އަޑަކީ އަހަރެންނަށް ވަރަށް ފަރިތަ އަޑަކަށް ވީތީއެވެ. މުޅި މާލަން އަތްތިލަބަޑީގެ އަޑާއި އުފާވެރިކަމުގެ އަޑުން ގުގުމާލިއެވެ.
އަހަރެންގެ ނަޒަރު ސީދާ ފާރޫގުގެ ލޮލާ ބައްދަލުވިއެވެ. އެ ވަގުތު އެތަނުގައި ތިބި އެހެން މީހުންނާއި އިވޭ އަޑުތައް އަހަރެންގެ ހަނދާނުން ފިލައިދިޔަ ކަހަލައެވެ. އަހަރެންގެ މުޅި ސަމާލުކަން ހުރީ ހަމައެކަނި އޭނާއަށެވެ.
“ތިއީ!” އޭނާ މަޑުމަޑުން ބުނެލިއެވެ. އޭނާގެ ތުންފަތްމައްޗަށް ވެރިވީ ހިތްގައިމު ހިނިތުންވުމެކެވެ.
“ތިޔަ ކުދިންނަށް މިހާރު ދެވިދާނެ. ތަސްނީމް، މަޑުކޮށްލާތި!” ފާރޫގު އަމުރުކުރިއެވެ. ހުރިހާ މުވައްޒަފުން ނުކުމެގެން ދިޔައިރު، ބައެއް މީހުން ސިއްރުން ވާހަކަދައްކަމުން ދިޔައެވެ. އަދި ބައެއް މީހުން އަހަރެންނާ ދިމާލަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.
“އާނ، އާނ… އަހަރެން ހޯދަމުން ދިޔަ މީހާ މިހާރު މި ފެނުނީ،” ފާރޫގު އަހަރެންގެ ކައިރިއަށް އައިސް ބުނެލިއެވެ.
އަހަރެން ލަދުން އިސްޖަހާލީމެވެ. “އަހަރެން މަޑުކުރަން ބުނީ ކީއްވެ؟”
“ހަމައެކަނި ވާހަކަދައްކާލަން،” އޭނާ ޖަވާބު ދިނެވެ.
“ފާރޫގު،” އައިމަން އިންޒާރުގެ ރާގަކަށް ބުންޏެވެ. “ވެރިންނާއި މުވައްޒަފުންގެ މެދުގައި އެއްވެސް ލޯބީގެ ގުޅުމެއް އޮވެގެން ނުވާނެ.” އޭނާ ސްޓޭޖުން ފައިބައިގެން އައިސް ފާރޫގުގެ ކައިރީގައި ހުއްޓުނެވެ.
“އަހަރެމެންގެ މެދުގައި އެފަދަ އެއްވެސް ގުޅުމެއް ނެތް، އަހަރެން ހުވާކޮށްފައި ބުނަން،” އަހަރެން ވަރަށް އަވަހަށް ބުނީމެވެ.
އައިމަން ހީލިއެވެ. “އަހަރެންނަށް އެނގޭ ތަސްނީމް. އެކަމަކު އަހަރެންނަށް ފާރޫގުވެސް އެނގޭ. އޭނާއާއެކު ގުޅުމެއް ބާއްވަން ބޭނުންނަމަ، ޖެހޭނީ ވަޒީފާއިން ވަކިވާން.”
ފާރޫގު ފޫހިވެފައި ބުންޏެވެ، “އޭނާ ދައްކާ ވާހަކައާ އަޅާނުލާ، އޭނާ މިހާރު މާ ސީރިއަސްވެގެން އެ އުޅެނީ.”
އަހަރެން ހާސްވެފައި ހުރެ ހީލުމަށްފަހު، އަހަރެންގެ އަތުގައި އޮތް ކެވެލިކޮޅާ ކުޅެން ފެށީމެވެ. “އަހަރެން ދިޔަސް އެންމެ ރަނގަޅުތަ؟ އަހަރެންގެ ދެބެންގެ ދެދަރި ކޮއްކޮ މަޑުކޮށްގެން ހުންނާނެ.”
އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް އެތަނުން ދާށެވެ. ވަކިން ހާއްސަކޮށް ފާރޫގާ ދުރަށް ދާށެވެ. އޭނާގެ ސިފަ އައިމަނާ ވަރަށް ވައްތަރެވެ. ދެމީހުންނަކީވެސް ނުހަނު ރީތި ދެމީހުންނެވެ. އައިމަނަކީ މާ ގިނައިން ހީލާ އުޅޭ މީހަކަށް ނުވިޔަސް، ފާރޫގަކީ އަބަދުވެސް ހިނިތުންވުމުގައި ހުންނަ މީހެކެވެ.
“އާނ، ތަސްނީމް ދިޔަސް އެންމެ ރަނގަޅު،” ފާރޫގު މަޑުމަޑުން ބުނެލިއެވެ. އޭނާ އަހަރެންނާ މާ ކައިރިއަށް ޖެހިލިއެވެ.
އަހަރެންގެ ނޭވާ ކުރުވެ، ހަރަކާތް ހުއްޓުނު ކަހަލައެވެ.
“ހަނދާންކުރާތި!، މިއީކީ އަދި ނިމުމެއް ނޫން،” އޭނާ އަހަރެންގެ ކަންފަތް ކައިރީގައި ސިއްރުން ބުނެލިއެވެ. އޭނާގެ ހޫނު ނޭވާ އަހަރެންގެ މޫނަށް އިހުސާސް ކުރެވުނެވެ.
އަހަރެން ވަގުތުން އެނބުރިފައި އެތަނުން ދުވެފައި ނުކުތީމެވެ. ބޭރުގައި ސަބީނާ މަޑުކޮށްލައިގެން ހުއްޓެވެ.
“މޫނުމަތި އެހާ ފަނޑުވެފައި ތިހުރީ ކީއްވެ؟” ކާރު ދުއްވާލަމުން ސަބީނާ ސުވާލުކުރިއެވެ.
ޕާޓީގެ ތެރެއިން ފާރޫގާ ބައްދަލުވި ވާހަކަ އަހަރެން އޭނާގާތު ނުބުނަމެވެ. އެ ވާހަކަ ދައްކަން އަހަރެން މާ ބޮޑަށް ލަދުގަނެއެވެ.
“ކަމެއް ނުވޭ،” އޭނާގެ ޝައްކު ފިލުވާލުމަށްޓަކައި ހިނިތުންވެލަމުން އަހަރެން ދޮގު ހެދީމެވެ.
އޭނާ ބޯޖަހާލުމަށްފަހު މަގަށް ސަމާލުކަން ދިނެވެ. އަހަރެންގެ ހިތަށް އަބަދުވެސް ސިފަވަމުން ދިޔައީ ފާރޫގުގެ ރީތި މޫނާއި، އޭނާގެ އިސްކޮޅާއި އަދި އެ ހިތްގައިމު ހިނިތުންވުމެވެ.
ޔާ ﷲ! އަހަރެންގެ ހިތަށް މިފަދަ ޚިޔާލުތައް މިއަންނަނީ ކީއްވެގެން ހެއްޔެވެ؟ އައިމަން އެވަނީ ވަރަށް ސާފުކޮށް ބުނެފައެވެ؛ އަހަރެމެންގެ މެދުގައި ގުޅުމެއް އޮތުމަކީ މަނާ ކަމެކެވެ.
އަހަރެންގެ ލޯބިވެރިއަކު ހުރިއިރުވެސް، އަހަރެން އެހެން މީހަކާ މެދު ވިސްނަނީ ކީއްވެ ހެއްޔެވެ؟
އާނއެކެވެ، ޒައިދަކީ މިހާރު އަހަރެންގެ ލޯބިވެރިޔާއެވެ. އަހަރެމެންގެ ގުޅުން ވަރަށް އަވަހަށް ކުރިއަށް ގޮސް، އޭނާ އަހަރެންގެ ކިބައިން ކައިވެންޏަށް އެދުނު ހިނދު އަހަރެން އިންކާރެއް ނުކުރަމެވެ.
އޭނާއަކީ ވަރަށް ހިތްހެޔޮ، އޯގާތެރި ފިރިހެން ކުއްޖެކެވެ. އޭނާ ފިޔަވައި އެހެން މީހަކާ މެދު ވިސްނޭތީ އަހަރެން ކުށްވެރި އިހުސާސް ކުރެވެން ޖެހޭނެއެވެ.
ފާރޫގާ ވާހަކަދެއްކުން ނުވަތަ އޭނާގެ ޚިޔާލުތައް މަދުކުރުމަށް އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީމެވެ. “މިއީ ނިމުމެއް ނޫން” ކަމަށް އޭނާ ބުނި ބުނުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟
އަހަރެމެންނަށް ގެއަށް ދެވުމުން، އެ ވާހަކަ ފަހަށް ބާއްވަން އަހަރެން ނިންމީމެވެ. ކާރުން ފައިބައިގެން ގޭގެ މައި ދޮރުން ވަންއިރު، އިވްރިޝާގެ ކުރިމަތީގައި ބައްޕަ ހުއްޓި ހުއްޓާ ފެނުނެވެ.
“ބައްޕާ!” އަހަރެން އުފަލުން ހަޅޭއްލަވައިގަތުމަށްފަހު ދުވެފައި ގޮސް ބައްޕަގެ ގައިގައި ބައްދާލީމެވެ.
— ނުނިމޭ —
