ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރަބާސް ކުޅޭ އާ ފިލްމު “ފައުޖީ” ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފިއެވެ. “ސީތާ ރާމަމް” ފަދަ ކާމިޔާބު ފިލްމުތައް އުފެއްދި ހަނޫ ރާގަވަޕޫޑީ ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ 3 ޑިސެމްބަރު 2026 ގައެވެ.
މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ސޯޝަލް މީޑިއާގައި މި ޚަބަރު ހިއްސާކުރަމުން ބުނެފައިވަނީ، ނޭނގޭ ބާބު ނިމި، ބޮޑު ހަނގުރާމައެއް ފެށިފައިވާ ކަމަށެވެ. ފިލްމުގެ އާ ޕޯސްޓަރުން ފެންނަނީ ހަނގުރާމައިގެ މައިދާނެއްގައި ލެއިން ތަތްތެޅިފައިވާ ހާލެއްގައި ޕްރަބާސް އިންނަ މަންޒަރެވެ. މި ފިލްމުގައި ޕްރަބާސް ފެނިގެންދާނީ އިނގިރޭސިވިލާތުގެ އިސްތިއުމާރުގެ ދަށުގައި އިންޑިއާ އޮތް ދުވަސްވަރުގެ ސިފައިންގެ މީހެއްގެ ރޯލުންނެވެ.
“ފައުޖީ” ގައި ޕްރަބާސްއާއެކު ބަތަލާގެ ރޯލުން ފެންނާނީ އިންޓަނެޓް ސެންސޭޝަން އިމާންވީއެވެ. މީގެ އިތުރުން ބޮލީވުޑްގެ ތަޖުރިބާކާރު ތަރިން ކަމަށްވާ މިތުން ޗަކްރަބަޓީ، އަނޫޕަމް ކޭރު އަދި ޖަޔާ ޕްރަދާ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
ޕްރަބާސް އެންމެ ފަހުން ފެނިގެންގޮސްފައިވަނީ “ދަ ރާޖާ ސާބް” އިންނެވެ. މާރުތީ ޑައިރެކްޓްކުރި މި ހޮރޯ-ކޮމެޑީ ފިލްމަށް ބެލުންތެރިންގެ ފަރާތުން އެކި ކަހަލަ ޚިޔާލުތައް ލިބިފައިވާއިރު، މިހާރު މި ފިލްމު ޖިއޯ ހޮޓްސްޓާ މެދުވެރިކޮށް ބަލާލެވޭނެއެވެ.
ޕްރަބާސްގެ ކުރިއަށް ހުރި މަޝްރޫއުތަކަށް ބަލާއިރު، ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ “ސްޕިރިޓް” ގައި އޭނާ ފެންނާނީ ފުލުހެއްގެ ރޯލުންނެވެ. 5 މާރިޗު 2027 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ތުރިޕްތީ ދިމްރީ އަދި ވިވެކް އޮބެރޯއީ ވެސް ބައިވެރިވެއެވެ. މީގެ އިތުރުން، ބޮޑު ތަރުހީބެއް ލިބުނު “ކަލްކީ 2898 އޭޑީ” ގެ ދެވަނަ ބައިގެ މަސައްކަތް ވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ނާގް އަޝްވިން ވަނީ ހާމަކޮށްފައެވެ.
