“ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ” މުބާރާތުގެ ހަތްވަނަ ސީޒަންގެ ގްރޭންޑް ފިނާލޭ ރޭ ބާއްވައި، މުބާރާތުގެ އެއްވަނަ ހއ. އިހަވަންދޫއަށް ނިސްބަތްވާ މަރިޔަމް ޝަހާމާ ކާމިޔާބުކޮށްފިއެވެ.
މަރިޔަމް ޝަހާމާ މި ޝަރަފުވެރި މަގާމު ހޯދީ، އޭނާގެ ހުށަހެޅުންތެރިކަމުގެ ފުރިހަމަކަމާއި، އަމިއްލަ ނަފުސަށް އޮތް އިތުބާރާއި، އަޑުއެހުންތެރިންގެ ހިތްތައް އަތުލައިގަތުމަށް ދެއްކި މޮޅު ހުނަރުގެ ސަބަބުންނެވެ. މި މުބާރާތަކީ ރާއްޖޭގައި އުފެދެމުން އަންނަ ބްރޯޑްކާސްޓިންގ ދާއިރާގެ ހުނަރުވެރިންގެ އުފެއްދުންތެރިކަމާއި، މުއާމަލާތްކުރުމުގެ ފެންވަރު ދައްކާލުމަށް ބޭއްވޭ މުހިންމު މަންސައެކެވެ.
މި ސީޒަންގެ ނަތީޖާ އިޢުލާނުކުރިއިރު، މުބާރާތުގެ ދެވަނަ ނުވަތަ ފަސްޓް ރަނަރ-އަޕްގެ މަގާމު ހޯދާފައިވަނީ ރ. ފައިނަށް ނިސްބަތްވާ ނަފްހާ ނަސީމެވެ. އަދި ތިންވަނަ ނުވަތަ ސެކަންޑް ރަނަރ-އަޕްގެ މަގާމު ލިބުނީ ށ. މިލަންދޫ މަރިޔަމް ޘާނީއަށެވެ.
މުބާރާތުގެ ގަދަ ފަހެއްގެ ތެރެއިން ހަތަރުވަނަ މަގާމު ގއ. ވިލިނގިލީ ހައްވާ ޝީން އަޙްމަދު ހޯދިއިރު، ފަސްވަނަ މަގާމު ކާމިޔާބުކުރީ އއ. މަތިވެރީ ހުސައިން ރަޝީދެވެ.
ނަތީޖާ ފާޅުކުރުމާ އެކު، މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށާއި ފައިނަލިސްޓުންނަށް ގިނަ ބަޔަކު އަންނަނީ މަރުޙަބާ ކިޔަމުންނެވެ. މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން، ވާހަކަ ދެއްކުމާއި ހުށަހެޅުންތެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް މަގުފަހިކޮށްދިނުމުގެ މަޤުސަދުގައި ޕީއެސްއެމުން ކުރިއަށްގެންދާ މުބާރާތެކެވެ.
މުނިއަވަސްގެ ފަރާތުން މަރްޔަމް ޝަހާމާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.
