72 ވަނަ ނޭޝަނަލް ފިލްމް އެވޯޑްސްގައި، ހިންދީ ބަހުން އުފައްދާފައިވާ ބަޔޯގްރަފިކަލް ޑްރާމާ “ސްރީކާންތު” އަށް އެންމެ މޮޅު ހިންދީ ފީޗަރ ފިލްމުގެ އެވޯޑް ލިބިއްޖެއެވެ. މި ކާމިޔާބީއާ ގުޅިގެން ފިލްމުގެ ބަތަލާ ޖޯތިކާ ބުނެފައިވަނީ، މިއީ މުޅި ޓީމަށް ލިބުނު ވަރަށް “ޖަޒުބާތީ ކާމިޔާބީއެއް” ކަމަށެވެ.
ތުޝާރު ހިރަނަންދާނީ ޑައިރެކްޓްކޮށް، ރާޖްކުމާރު ރާއޯ މައިގަނޑު ރޯލުން ފެނިގެންދާ މި ފިލްމަކީ، ލޯފަންވީ ނަމަވެސް ހިތްވަރުގަދަ މަސައްކަތްތަކެއް ކުރި ވިޔަފާވެރިޔާ ސްރީކާންތު ބޮއްލާގެ ހަޤީޤީ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ، އިބްރަތްތެރި އަދި އުންމީދީ ވާހަކައެކެވެ.
މި އެވޯޑާ ގުޅިގެން ޖޯތިކާ އިތުރަށް ބުނީ، މި ފިލްމަކީ ބަޖެޓުގެ ދަތިކަމާއި ފިލްމު ރިލީޒްކުރުމުގައި ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، އިޚްލާސްތެރިކަމާއެކު ގެނެސްދިން ވާހަކައެއް ކަމަށެވެ. އެހެންކަމުން، މިފަދަ ބޮޑު ޤައުމީ ދަރަޖައިގެ އަގުވަޒަންކުރުމެއް ލިބުމުން މި ކާމިޔާބީގެ މާނަ އިތުރަށް ފުންވެގެންދާ ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، މިއީ ގާތްގަނޑަކަށް 25 އަހަރުގެ މެދުކެނޑުމަކަށްފަހު އޭނާ ބޮލީވުޑަށް އެނބުރި އައި ފިލްމު ކަމަށްވުމުން، މި އެވޯޑަކީ އޭނާގެ އަމިއްލަ ދިރިއުޅުމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ޚާއްސަ އެވޯޑެކެވެ.
ނިއުދިއްލީގައި އިއުލާންކުރި 72 ވަނަ ނޭޝަނަލް ފިލްމް އެވޯޑްސްއަކީ 2024 ވަނަ އަހަރު ރިލީޒްކުރި އިންޑިއާގެ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އުފެއްދުންތަކަށް ދެވުނު ޝަރަފެކެވެ. މިއީ މާނަހުރި އަދި އުންމީދީ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުތަކަށް އޮތް ތަރުހީބު ބޮޑުވަމުންދާކަން ހާމަކޮށްދިން ކަމެކެވެ.
