ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެފްއެފްއެފްއޭ 14 އަހަރުން ދަށު ޓީމު ޗެމްޕިއަންކަން ހޯދައިފި

އއ. ތޮއްޑޫ ރިދަން އެކަޑަމީން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި 14 އަހަރުން ދަށު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްއެފްއެފްއޭ އެކަޑަމީގެ 14 އަހަރުން ދަށު ޓީމު ހޯދައިފިއެވެ.

މިމަހުގެ 18 އިން މިއަދުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން ހަ ޓީމާއި އަވަށްޓެރި ސްރީލަންކާގެ ޓީމެއް ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި ރާއްޖޭން ބައިވެރިވެފައިވަނީ ރަސްދޫ އެކަޑަމީ، ސަޑޭ އެކަޑަމީ، ޔުނައިޓެޑް ވިކްޓަރީ، އެފްއެފްއެފްއޭ، އެޕެކްސް އަދި ރިދަން އެކަޑަމީ އެވެ. ރާއްޖޭން ބޭރުން ބައިވެރިވެފައިވަނީ ސްރީލަންކާގެ ޖެޓްލައިނާރސް އެވެ.

މި މުބާރާތް ރާވާލާފައި ވަނީ މުބާރާތުގައި ބައިވެރިވެފައިވާ ހަތް ޓީމު ދެ ގުރޫޕަކަށް ބަހާލައި ކޮންމެ ގުރޫޕެއްގެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ޓީމު ޕްލޭއޮފްއަށް ދާގޮތަށެވެ. އަދި ޕްލޭއޮފް ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ދާ ގޮތަށެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރަސްދޫ އެކަޑަމީ އާއި ރިދަން އެކަޑަމީ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް 2-3 އިން ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ރިދަން އެކަޑަމީ އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެފްއެފްއެފްއޭ އާއި ސަޑޭ އެކަޑަމީ އެވެ. މި މެޗު ފަސޭހަކަމާއިއެކު 7-1 އިން ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ހޯދީ އެފްއެފްއެފްއޭ އެވެ.

މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އައި އެފްއެފްއެފްއޭގެ ފަރާތުން ފައިނަލް މެޗުގައި ވެސް ފެނުނީ ތަފާތު މޮޅު ކުޅުމެކެވެ. މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅުނު އެފްއެފްއެފްއޭ އިން ރިދަން އެކަޑަމީގެ ގޯލު ހުޅުވާލީ ފަސްވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު އިޔާސް އިލްޔާސް އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ރިދަން އެކަޑަމީން މަސައްކަތް ކުރަމުން ދަނިކޮށް އެފްއެފްއެފްއޭއަށް ލީޑު ފުޅާކޮށްދިނީ މުޙައްމަދު އިޔާސް އެވެ. މުޙައްމަދު އިޔާސްގެ މި ލަނޑަށް މާ ގިނައިރެއް ނުވެ އަޙްމަދު އިޔާސް އިލްޔާސް އޭނާގެ ދެވަނަ ލަނޑު ޖެހިއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެފްއެފްއެފްއޭގެ ހަތަރުވަނަ ލަނޑު ޔޫސުފް މައީޝް މުޙައްމަދު ރަޝީދު ޖެހިއެވެ.

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނީ އެފްއެފްއެފްއޭ އެކަޑަމީ އެވެ. ފުރަތަމަ ހާފުގައި ބައިކޮޅަށް ހަތަރު ލަނޑު ވަދެފައި ވާތީ ދެވަނަ ހާފުގައި ރިދަން އެކަޑަމީން ކުޅުނީ ޑިފެންސަށް ވަރަށް ބޮޑަށް އިސްކަން ދީގެންނެވެ. ޑިފެންސް ކުރުމުގައި ރިދަން އެކަޑަމީން ބޮޑު ކާމިޔާބެއް ހޯދި މި ހާފުގައި އެފްއެފްއެފްއޭއަށް ޖެހުނީ އެންމެ ލަނޑެކެވެ. އެފްއެފްއެފްއޭގެ ފަސްވަނަ ލަނޑު ޖަހައިދިނީ އިސްމާއިލް ނައުފް ހާމިދު އެވެ.

5-0 އިން މޮޅުވެ އެފްއެފްއެފްއޭ ޗެމްޕިއަންކަން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމުގެ އަޙްމަދު އިޔާސް އިލްޔާސް އެވެ.

މި މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަކީ އެފްއެފްއެފްއޭގެ އަޙްމަދު އިޔާސް އިލްޔާސް، އެފްއެފްއެފްއޭގެ ޔޫސުފް މައީޝް މުޙައްމަދު ރަޝީދު، އެފްއެފްއެފްއޭގެ އިސްމާއިލް ނައުފް ހާމިދު، އެފްއެފްއެފްއޭގެ މުޙައްމަދު އިޔާސް، އެފްއެފްއެފްއޭގެ މުޙައްމަދު މުނީރު އަޙްމަދު، އެފްއެފްއެފްއޭގެ މުޙައްމަދު އަލްތާފް އާތިފް، ރިދަން އެކަޑަމީގެ އިބްރާހިމް މިންހަލް މުސްތަފާ، ރިދަން އެކަޑަމީގެ މުޙައްމަދު އީޒާން، ރަސްދޫ އެކަޑަމީގެ ޒެކް ޒެވިއެލް އަޙްމަދު، ރަސްދޫ އެކަޑަމީގެ ޒާހިލް ހަސަން ޒާހިރު އަދި ސަޑޭ އެކަޑަމީގެ މުޙައްމަދު ޒައިން އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އެފްއެފްއެފްއޭގެ އަޙްމަދު އިޔާސް އިލްޔާސް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްއެފްއެފްއޭގެ އަޙްމަދު އިޔާސް އިލްޔާސް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އެފްއެފްއެފްއޭގެ ކޯޗް އަޙްމަދު ޝަރީފް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top