– ނަމަވެސް މި ފިޔަވަޅުތަކުން އެކަން ހާސިލުކުރެވޭނެ
މިއީ މެޓާ ކުންފުނީގެ ކުރީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަދި އެ ކުންފުނީގެ ނުރަނގަޅު ކަންކަން ފަޅާއަރުވައިލި (ވިސްލްބްލޯވަރ) ކެލީ ސްޓޯންލޭކް އަކީ، ކުޑަކުދިން އިންޓަނެޓުގައި ރައްކާތެރިކުރުމަށް ބާރުއަޅައި ވަކާލާތުކުރައްވާ ބޭފުޅެކެވެ. މި ލިޔުން ލިޔެފައި މިވަނީ އޭނާގެ ނަޒަރުންނެވެ.
ސޯޝަލް މީޑިއާ ކުންފުނިތަކުން ހިންގާ ޕްލެޓްފޯމްތަކަކީ ކުޑަކުދިންނަށް ރައްކާތެރި ތަންތަންކަން ސާބިތުކޮށްދިނުމަށް ސަރުކާރުތަކުން އެ ކުންފުނިތަކަށް މަޖުބޫރުކުރަންޖެހޭ ކަމަށް މެޓާގެ ކުރީގެ ވިސުލްބްލޯވަރ (އެތެރޭގެ ސިއްރުތައް ހާމަކުރި މުވައްޒަފު) ކެލީ ސްޓޯންލޭކް ވަކާލާތު ކުރައްވައެވެ. އޭނާ ވިދާޅުވާ ގޮތުގައި، ވަކި އުމުރަކުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަކީ، ކުދިން އެއަށް ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ ފީޗާތަކުން ކުރިމަތިވާ ނުރައްކާތަކަށް އޮތް ހައްލެއް ނޫނެވެ.
އަޅުގަނޑު 2009 ވަނަ އަހަރު ފޭސްބުކާ ގުޅުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން ގުޅުވައިދީ، އެމީހުން ބާރުވެރިކުރުވުމަށް އެ ކުންފުނީގެ ބާނީ މާކް ޒަކަރބާގް ގެންގުޅުއްވި ތަސައްވުރަށް ކުރި އިތުބާރެއްގެ ބޮޑުކަމުންނެވެ. ނަމަވެސް ކަންތައް ވީގޮތް މިއަދު އެންމެންނަށްވެސް އެނގެއެވެ. ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ މައި ކުންފުނި “މެޓާ” އިން މިއަދު އެންމެ ބޮޑު އިސްކަމެއް ދެނީ ބޭނުންކުރާ މީހުން ވީހާވެސް ގިނަ ވަގުތު އެ އެޕްތަކުގައި ހޭދަކުރުވުމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މީހުން އެއަށް ދެވިހިފާ، ރުޅިވެރިކަމާއި ފިތުނަ އުފެދޭ، ދޮގު މައުލޫމާތު ފެތުރޭ އަދި މުޖުތަމައު ބައިބައިވާ ފަދަ ވަސީލަތްތަކަކަށް މި ޕްލެޓްފޯމްތައް ވަނީ ބަދަލުވެފައެވެ.
އަޅުގަނޑު ފޭސްބުކްގައި 15 އަހަރު ވަންދެން މަސައްކަތް ކުރީމެވެ. މީހުން ބޭނުންކުރާ ހިތްވާނެ ފަދަ “އިންފިނިޓް ސްކްރޯލް” (ކޮޅެއް ނެތް ގޮތަށް ތިރިއަށް ދެވޭގޮތް)، އޮޓޯޕްލޭ، އަދި އެލްގޮރިދަމްގެ އެހީގައި ފެންނަ ފީޑްތައް ފަރުމާކޮށް މާކެޓްކުރި މާހިރުންނާއެކު އަޅުގަނޑު ވަގުތު ހޭދަކުރީމެވެ. މި ހުރިހާ ކަމަކީވެސް، އެހެން ކަންކަމަށްވުރެ ބޮޑަށް ކުންފުނީގެ ފައިދާ އިތުރުކުރުމުގެ މަގުސަދުގައި ގަސްދުގައި ނިންމާފައިވާ ނިންމުންތަކެކެވެ.
އުފަލަކީ، ސޯޝަލް މީޑިއާގެ ސަބަބުން، ހާއްސަކޮށް ޒުވާނުންނަށް ކުރާ ނޭދެވޭ އަސަރުތަކާމެދު ދުނިޔެ ހޭލުންތެރިވަމުން ދިއުމެވެ. ޔޫރަޕްގެ އިއްތިހާދުން ކުޑަކުދިން އޮންލައިންކޮށް ރައްކާތެރިކުރުމާ ބެހޭގޮތުން އެކުލަވައިލި މިނިވަން ޕެނަލްގެ ރިޕޯޓު ޖުލައި މަހުގެ ކުރީކޮޅު ވަނީ ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ފޮން ޑަރ ލޭޔަންއަށް ހުށަހަޅާފައެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުން ވަކި އުމުރަކުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ރާވަމުން ދިޔަ ނަމަވެސް، މި ރިޕޯޓުގައި ބާރުއަޅަނީ ނޭދެވޭ އަސަރުކުރުވާ ފީޗާތައް ސީދާ މަނާކުރުމަށެވެ. މިއީ ސައިންސްވެރިންނާއި އާންމުންގެ ތާއީދުވެސް އޮތް ގޮތެކެވެ. ސަރުކާރުތަކުން ހަގީގަތުގައިވެސް ކުދިން ރައްކާތެރިކުރަން ބޭނުންނަމަ، ކާބޯތަކެތި އުފައްދާ ކުންފުނިތަކާއި ކާރު އުފައްދާ ކުންފުނިތަކެކޭ އެއްފަދައިން، ސޯޝަލް މީޑިއާ ކުންފުނިތަކުންވެސް އެމީހުންގެ އުފެއްދުންތަކަކީ ރައްކާތެރި އެއްޗެއްކަން ސާބިތުކޮށްދިނުމުން ނޫނީ ޒުވާނުންގެ މާކެޓަށް ވަނުމުގެ ފުރުސަތު ދީގެން ނުވާނެއެވެ.
އުމުރުން ބަލައި މަނާކުރުމުގެ ސިޔާސަތަކީ، ދެވިހިފާ ފަދަ ސޯޝަލް މީޑިއާތަކަކީ ބަދަލުނުކުރެވޭނެ އެއްޗެއް ކަމަށް ގަބޫލުކުރުމެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. މިއީ އެތައް އަހަރެއްގެ ކުންފުނިތަކުގެ ނުފޫޒާއި ސަރުކާރުތަކުން މިކަންކަން ގަވާއިދުން ކޮންޓްރޯލް ކުރަން ފަސްޖެހުމުގެ ނަތީޖާއެވެ. އަދި މިގޮތަށް މަނާކުރުމަކީ ކާމިޔާބު ކަމެއް ނޫންކަންވެސް ވަނީ އެނގިފައެވެ. އޮސްޓްރޭލިއާއަކީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ ގައުމެވެ. ނަމަވެސް މާރިޗު މަހުގެ ރިޕޯޓުން ދެއްކި ގޮތުގައި، މިކަން ތަންފީޒުކުރުމުގައި ބޮޑެތި ހުރަސްތަކެއް ހުރި އިރު، ސައިބަރ ބުލީންގް (އޮންލައިންކޮށް ފުރައްސާރަކުރުން) ފަދަ ކަންކަން މަދުވެފައެއް ނުވެއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، އޮސްޓްރޭލިއާއިން މިހާރު ވަނީ ކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުވާ ފީޗާތަކަށް އަމާޒުކޮށް ފިޔަވަޅު އަޅަން ފަށާފައެވެ. ކެނެޑާ، ސްޕެއިން، ބްރެޒިލް އަދި ޖަރުމަނުވިލާތުންވެސް މިހާރު ދަނީ މި ޕްލެޓްފޯމްތަކަކީ ރައްކާތެރި ގޮތަކަށް ފަރުމާކޮށްފައިވާ ތަންތަންކަން ކަށަވަރުކުރުމުގެ ޒިންމާ ޓެކް ކުންފުނިތަކުން އުފުލަންޖެހޭނެ ކަމަށް ގަބޫލުކުރަމުންނެވެ.
ސަރުކާރުތަކުން އިސްކަންދޭންވީ ކުދިންނަށް ގެއްލުންދޭ ފީޗާތައް މަނާކުރުމަށާއި، މިނިވަން ފަރާތްތަކުން ޔަގީންކުރާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ޓެކް ކުންފުނިތައް ފެއްތުމަށެވެ. 170 އަށްވުރެ ގިނަ ޖަމިއްޔާތަކުން ވަނީ “ފަރުމާކުރުމުގައި ރައްކާތެރިކަން އިސްކުރުމަށް” ގޮވާލާ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. ޔޫރަޕްގެ ފަސް ގައުމެއްގައި ނެގުނު ހިޔާލު ހޯދުމުގެ ވޯޓަކުން ދެއްކި ގޮތުގައި، ބޮޑެތި މީހުންގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި މީހުން ބޭނުންވަނީ މިފަދަ ގޮތަކަށް އަމަލުކުރުމަށެވެ.
މި މައްސަލަ މިހާރު ވަނީ ކޯޓުތަކާ ހަމައަށްވެސް ގޮސްފައެވެ. ފެބްރުއަރީ މަހު ޔޫރަޕިއަން ކޮމިޝަނުން ޓިކްޓޮކަށް އިންޒާރުދިނީ، ދެވިހިފާ ގޮތަށް ހުރި ފަރުމާތައް ބަދަލުނުކޮށްފިނަމަ ބޮޑު ޖޫރިމަނާއަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ހަތަރު ސްޓޭޓަކުން ވަނީ ކުދިން ދެވިހިފާ ގޮތަށް ފޭސްބުކް އަދި އިންސްޓަގްރާމް ފަރުމާކޮށްފައިވާތީ މެޓާ އަތުން 1.4 ޓްރިލިއަން ޑޮލަރުގެ ބަދަލު ހޯދަން ދައުވާކޮށްފައެވެ.
އަދި “އިންޓަރއޮޕަރެބިލިޓީ” (އެއް ޕްލެޓްފޯމުން އަނެއް ޕްލެޓްފޯމަށް މައުލޫމާތު ބަދަލުކުރެވުން) އަކީވެސް މުހިންމު އިސްލާހެކެވެ. މީގެ ސަބަބުން ބޭނުންކުރާ މީހުންނަށް، އެމީހުންގެ ނެޓްވޯކް ގެއްލުމެއް ނެތި ރައްކާތެރި އެހެން ޕްލެޓްފޯމަކަށް ބަދަލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެންމެ ފަހު ނަތީޖާއަކީ، ހަރުދަނާ ގޮތެއްގައި މި ގަވާއިދުތައް ތަންފީޒުކުރުމެވެ. ދުނިޔޭގެ އެންމެ ބޮޑު ފައިދާލިބޭ ކުންފުނިތަކުން ކުދިކުދި ޖޫރިމަނާތަކަކީ ވިޔަފާރީގެ ހަރަދެއްގެ ގޮތުގައި ބަލައިފާނެއެވެ. އެހެންކަމުން، އަޅާ ފިޔަވަޅުތަކަކީ އެއަށްވުރެ ވަރުގަދަ ފިޔަވަޅުތަކަކަށް ވާންޖެހެއެވެ.
ޔޫރަޕަކީ އަބަދުވެސް ދުނިޔޭގެ ފެންވަރުގައި ގަވާއިދުތައް ހެދުމުގައި އިސްކޮށް އުޅޭ ބައެކެވެ. އެހެންކަމުން، ކުޑަކުދިންގެ އޮންލައިން ރައްކާތެރިކަމަށްޓަކައި މުޅި ދުނިޔެއަށް ނަމޫނާ ދެއްކުމުގެ ފުރުސަތު މިހާރު އެބައޮތެވެ. ފަރުމާކުރުމުގައި ރައްކާތެރިކަން އިސްކުރުމަކީ ހަމައެކަނި އޮތް ހައްލު ކަމަށް ބަލައި، އެކަން ގާނޫނަކަށް ބަދަލުކުރަން ޖެހެއެވެ. މީގެ މާނައަކީ މިއަހަރު ފަހުކޮޅު ފާސްކުރާނެ ކަމަށް ބެލެވޭ “ޑިޖިޓަލް ފެއަރނަސް އެކްޓް” ގައި މި އުސޫލުތައް ފުޅާދާއިރާއެއްގައި ހިމެނުމެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން “އިންފިނިޓް ސްކްރޯލް” އާއި، މީހުން އެއަށް ދެވިހިފާ ގޮތަށް ހުންނަ ސެޓިންގްސްތަކާއި، އަދި މެދުނުކެނޑި އަންނަ ނޮޓިފިކޭޝަންތައް އުނިކޮށްފިނަމަ، އެތަނަކީ ޒުވާނުންނަށް މާ ރައްކާތެރި ތަނަކަށް ވާނެއެވެ. އޭގެ ބަދަލުގައި، ހަމައެކަނި އުމުރުން މަނާކުރުމަކީ ޕްލެޓްފޯމް އޮތްގޮތަށް ބާއްވައި، އޭގެ ގެއްލުންތައް ތަހައްމަލުކުރަންޖެހޭ ވަގުތު ކުޑަކޮށް ފަސްކޮށްލުން ފަދަ ކަމެކެވެ. ފަރުމާކުރުމުގައި ރައްކާތެރިކަން އިސްކުރުމުގެ ސިޔާސަތެއްގެ ސަބަބުން، ކުދިންނަށް ގެއްލުންދޭ އުފެއްދުންތަކަށް އޮންނަ ފުރުސަތު ހަނިވެ، ރައްކާތެރި ޕްލެޓްފޯމްތަކަށް މާކެޓުގައި ވާދަކުރުމުގެ ޖާގަ ލިބިގެންދާނެއެވެ.
ޔޫރަޕަށް އެތެރެކުރާ ގިނަ އުފެއްދުންތަކަކީ ގާނޫނީގޮތުން ރައްކާތެރި އެއްޗެހިކަމަށް ވާންޖެހެއެވެ. ސޯޝަލް މީޑިއާއަކީވެސް މީގެ އިސްތިސްނާއަކަށް ވެގެންނުވާނެއެވެ.
