އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ މިއުޒިކް ބޭނުންކޮށްގެން މިނިވަން ދުވަހުގެ ކުޅިވަރުތައް ހުށައަޅާފައިވާތީ އެކަމާ ރާއްޖޭގެ މަޝްހޫރު މިއުޒީޝަން ޝަހީދު ލިގެސީ ފާޑުކިޔައިފިއެވެ.
ޖުލައި 26ވަނަ ދުވަހުގެ ރޭ އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އާއްމުކޮށްފައިވާ އެކްސް ޕޯސްޓެއްގައި ބުނީ ސޫނޯ އޭއައި އިން މިއުޒިކް ހަދާފަ 26 ޖުލައި ކުޅިވަރުގަ ޔޫސް ކުރާތީ ވަރަށް ހިތާމަކުރާކަމަށެވެ.
“ސޫނޯ އޭއައި އިން މިއުޒިކް ހަދާފަ 26 ޖުލައި ކުޅިވަރުގަ ޔޫސް ކުރާތީ ވަރަށް ހިތާމަ” ޝަހީދު ލިގެސީ
މި ޕޯސްޓާ ގުޅިގެން މުނިއަވަސް އިން ޝަހީދަށް ގުޅާލުމުން ބުނީ ކޮންމެވެސް އޭއައި އެޕްލިކޭޝަނެއް ނުވަތަ ސޫނޯ ބޭނުންކޮށްގެން ހަދާފައިވާ މިއުޒިކް ބައެއް އައިޓަމްތަކުން އިވިގެންދިޔަ ކަމަށެވެ.
“ނިމެން ކައިރިވެފަ ހުއްޓާ ގެނެސްދިން އައިޓަމްގަވެސް އެއީ އޭއައި އިން އުފައްދާފަވާ މިއުޒިކް.” ޝަހީދު ލިގެސީ މުނިއަވަސް އިން ގުޅާލުމުން ބުނެފައިވެއެވެ.
ޝަހީދު ލިގެސީ އަކީ ރާއްޖޭގެ މިއުޒީޝަނުންގެ ތެރެއިން ތަޖުރިބާކާރު، މަޝްހޫރު މިއުޒީޝަނެކެވެ. އެހެންކަމުން މިއުޒިކެއް އަޑު އަހާފައި އެއީ އިންސާނުން މަސައްކަތްކޮށްގެން އުފައްދާފައިވާ މިއުޒިކެއްތޯ ނުވަތަ އޭއައި އިން އުފައްދާފައިވާ މިއުޒިކެއްތޯ ބުނަން އެފަދަ ތަޖުރިބާކާރުންނަށް އެނގޭނެއެވެ.
Suno AI in music hadhaafa 26th July kulhi varuga use kuraathee varah hithaama
— Shahyd Legacy (@ShahydLegacy) July 26, 2026
ތަފާތަކީ ކޮބާ؟
އޭއައި އިން އުފައްދާފައިވާ މިއުޒިކާއި އިންސާނުން އުފައްދާފައިވާ މިއުޒިކުގައި ހުންނަ ތަފާތަކީ ކޮބައިތޯ ބެލުމަށް ކަމާ ގުޅުން ހުރި ފަރާތްތަކުން ބޮޑެތި ދިރާސާތައް ކޮށްފައިވެއެވެ. އެގޮތުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ.
“2024 ވަނަ އަހަރު “ޕްލޮސް ވަން” މަޖައްލާގައި ޝާއިޢުކުރި ދިރާސާއެއްގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ މިއުޒިކާއި އިންސާނުން އަމިއްލައަށް އުފައްދާފައިވާ މިއުޒިކަށް މީހުންގެ އިޙްސާސްތައް ބަދަލުވާގޮތް ވަނީ އަޅާކިޔާފައެވެ. މި ދިރާސާގައި ބައިވެރިވި 88 މީހުންގެ ހިތުގެ ތެޅުމާއި، ހަމުގެ އިޙްސާސްތަކާއި، އަދި އެމީހުންނަށް ކުރެވުނު އަސަރުތައް ވަނީ ވަރަށް ގާތުން ބަލައި ދިރާސާކޮށްފައެވެ.
މި ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި، މި ދެ ބާވަތުގެ މިއުޒިކުން ވެސް އިންސާނުންގެ އިޙްސާސްތަކަށް އަސަރުކުރުވި ނަމަވެސް، އިންސާނުން އަމިއްލައަށް އުފައްދާފައިވާ މިއުޒިކުން އިޙްސާސްތައް ބަޔާންކޮށްދިނުމާއި، އޭގެ ސައްހަކަމާއި، އަދި ހަނދާނުގައި ހަރުލާ މިންވަރު މާ ބޮޑަށް ވެސް އިތުރެވެ. ދިރާސާގެ ގިނަ ބައިވެރިން ފާހަގަކުރި ގޮތުގައި، އޭއައި އިން އުފައްދާފައިވާ މިއުޒިކަކީ ފަންނީ ގޮތުން ފުރިހަމަ އެއްޗަކަށް ވީނަމަވެސް، އޭގައި އެއްވެސް ދިރުމެއް ނުވަތަ އަސަރެއް އެކުލެވިގެން ނުވެއެވެ.”
26 ޖުލައި 2026 – މިނިވަން ދުވަހުގެ ކުޅިވަރުން ފާހަގަވީ ކޮންކަމެއް؟
އަހަންނަކީ މިއުޒިކްގެ މީހެއް ނޫން ނަމަވެސް، މިއަހަރުގެ މިނިވަން ދުވަހު ގެނެސްދިން އައިޓަމްތަކުގެ ތެރެއިން ބައެއް އައިޓަމްތަކުގައި އިވިގެން ދިޔަ ލަވަތަކުން ‘އެއްވެސް ދިރުމެއް ނުވަތަ އަސަރެއް އެކުލެވިގެން ނުވާކަން‘ ފާހަގަކުރެވުނެވެ. މިކަން ބައެއް މީހުންވަނީ ފާހަގަވެސް ކޮށްފައެވެ.
ކަންބޮޑުވާން ޖެހޭ ކަމެއްތަ؟
އާނއެކެވެ. ފާހަގަކުރީ ދިވެހީންގެ ފަޚުރުވެރި މިނިވަން ދުވަހެވެ. މިފަދަ ދުވަހެއްގައި އިވެން ޖެހޭނީ ފަންނުވެރި ދިވެހީންގެ އުފެއްދުންތެރި މިއުޒިކްގެ އަޑެވެ. ޤައުމިއްޔަތު ދިރުވައި އާލާކުރާ ވާހަކަ ދެކެވޭއިރު، މިއީވެސް ދިވެހީންގެ ޤައުމިއްޔަތާ ގުޅިފައިވާ ކަމެއް ކަމަށް ގިނަ ދިވެހީންގެ ސިކުނޑިއަށް ޤަބޫލުކުރެވޭނެއެވެ.
